ފިލްމެއް ބަލަމުންދާއިރު ފެންނަ ބައެއް މަންޒަރުތަކާއި ދެކެވޭ ވާހަކައިން އަސަރުކޮށްގެން ރޮވޭގޮތް ވުމަކީ ‘އެކަމުގެ ޓެގް’ އަންހެންވެރިންގެ ބޮލުގައި އަޅުވާފައި އޮންނަ ކަމެކެވެ. ނަމަވެސް ފިލްމުން ކުރާ އަސަރުން ފިރިހެނުންނަށްވެސް ރޮވެއެވެ. އަހަރެން ދެކޭގޮތުން އެއީ މައްސަލައެއްވެސް ނޫނެވެ. ފިލްމުން ފެންނަ މަންޒަރުން ހިތަށް ފުން އަސަރުކޮށް ހިތުގައިޖެހި ރޮވުމަކީ އެއީ ޠަބީޢީ ކަމެކެވެ.

ދާދިފަހުން ހިންދީ ފިލްމެއް ބަލައިގެން އަހަންނަށް ދެތިން ހަތަރު ފަހަރަކު ރޮވޭގޮތް ވެއްޖެއެވެ. މިހެން ބުނަން އަހަރެން ޖެހުލުން ނުވަނީ ފިލްމު ބަލައިގެން ރޮވޭ އަސްލު ސަބަބުތައް އަހަންނަށް ރަނގަޅަށް އެނގޭތީ އެވެ. އަހަރެން ރޮއްވައިލި ފިލްމަކީ ‘ހިޗްކީ’ އެވެ. ރާނީ މުކަރްޖީ ފިލްމީ މަސައްކަތާއި ދުރުގައި ދުވަސްކޮޅަކު ހުރުމަށްފަހު އަލުން ފިލްމީ މަސައްކަތަށް ނިކުތް ފިލްމުންވެސް ބެލުންތެރިންގެ ހިތްތަކުގައި ރާނީ ވަނީ ރަނިކަން ކުރަން ފަށާފައެވެ.

ހިންދީ ފިލްމު “ހިޗްކީ” އަކީ ތަޢުލީމީ ދާއިރާގެ ހަމަ ކޮންމެ މީހަކުވެސް ބެލުން މުހިންމު ފިލްމެކެވެ. އަހަރެން ބުނާނީ ކޮންމެހެންވެސް ބަލަންޖެހޭ ފިލްމެއް ކަމަށެވެ. ދަރިވަރުން، މުދައްރިސުން، ބެލެނިވެރިން އަދި ސްކޫލްގެ މަސައްކަތު މީހާވެސް ހަމަ ކޮންމެހެން ވެސް ބަލައިލަން މި ފިލްމަށްވުރެން ވަކިން ރަނގަޅު، ޢިބްރަތްތެރި، ރީތި، މޮޅު ފިލްމެއް ނުލިބޭނެ އެވެ. އެހެންކަމުން މި ފިލްމުގެ ރިވިއުއަކަށް ޖެހިލާނަމެވެ.

ފިލްމުގެ ނަން: ހިޗްކީ (އުކުނޑި)

ތަރިން: ރާނީ މުކަރްޖީ، ނީރަޖް ކަބީ، ޝިވް ސުބްރަމަނިއަމް، ސްޕްރިޔާ ޕިލްގޯންކަރް، ސަޗިން ޕިލްގޯންކަރް، ހަރްޝް މަޔަރް، އާސިފް ބަސްރާ

ޑައިރެކްޓަރ: ސިދާތު ޕީ. މަލްތުރާ

ސްޓޯރީލައިން: ޓޮރެޓް ސިންޑްރޯމް ބަރުދާސްތު ކުރަމުން އަންނަ މުދައްރިސެއް، ސްކޫލެއްގައި ބާކިކޮށްލެވި ވަރަށް ފެންވަރު ދަށްވެފައިވާ ކުލާހެއްގެ ދަރިވަރުންނަށް ޚާއްޞަ އެހީތެރިކަމެއް ދީގެން، އެކުދިންނަކީވެސް އެހެން ކުދިންނާއި އެއް ފެންވަރެއްގައި ފައިތިލަ ސާބިތުކޮށްލެވޭ ކުދިންތަކެއްކަން ދައްކައެވެ.

ފިލްމުގެ ދިގުމިން: 118 މިނެޓް

“ގޯސް ދަރިވަރުންނެއް ނޫޅޭނެއެވެ. އުޅޭނީ ގޯސް މުދައްރިސުންނެވެ.” މިއީ ތަޢުލީމީ ދާއިރާގައި ހިއްސާވާ ހަމަ ކޮންމެ މީހަކަށް މި ފިލްމުން ލިބޭނެ މުހިންމު އެއް މެސެޖެވެ.

އަހަރެމެން ކޮންމެ މީހަކުވެސް ހުވަފެންތައް ދެކެން ފަށަނީ މުދައްރިސުންގެ އެހީތެރިކަމާއެކުގައެވެ. މުދައްރިސުންނަކީވެސް ހަމަ އަހަރެމެން ކަހަލަ އާއްމު އިންސާނުންނެވެ. އެ މުދައްރިސުންގެ ޙަޔާތުގައިވެސް މައްސަލަތަކެއް ހުރެއެވެ. އަހަރެމެންގެ ހިތާމަތައް އެއްފަރާތްކޮށް ކަރުނަ ފޮހެލައި، ކުރިމަތިވާ ކަންތައްތަކުން ކުރި ހޯދުމަށް ހިތްވަރުދޭ ބަޔަކީވެސް މުދައްރިސުންނެވެ. އަހަރެމެން މިއަދު މުޖުތަމަޢަށް ނިކުމެ ދިރިއުޅެމުން މިގެންދަނީ ލައްކަ ގިނަ ފިލާވަޅުތައް މަދަރުސީ ދައުރުގައި ދަސްކުރުމަށްފަހުގައެވެ. ސްކޫލުން ދޭ ފިލާވަޅުތަކުގެ އިތުރަށް ދިރިއުޅުމުގައި ކުރިމަތިވާ ކަންތައްތަކުން ޢިބްރަތް ޙާޞިލްކުރުމަށް ފަހުގައެވެ. އަހަރެމެންނަށް ނުވަތަ އަހަރެމެންގެ ދަރިންނަށް ކިޔަވައިދޭ މުދައްރިސުންނަކީ އެންމެ ފުރިހަމަ ބަޔަކަށް ނުވެދާނެ އެވެ. ނަމަވެސް އެމީހުންނަކީ އެމީހުންގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް މާބޮޑަށްވެސް އެކަށީގެންވާ ބައެއްކަން އެންމެންވެސް ދަންނަން ޖެހެއެވެ.

“ހިޗްކީ” މި ފިލްމަކީ އުނގަންނައިދިނުމަށް ވަރަށްބޮޑަށް ޝައުޤުވެރިވެ އެކަމުގެ ޢަޒުމާއި ޖޯޝުގައި ހުރި ވަރަށް ހިތްވަރުގަދަ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަނެކުންނަށް އުނގަންނައިދީ ކަންތައްތައް ދަސްކޮށްދިނުމުގެ ޝަޢުޤުން ފުރިފައި ހުރި މީހެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.

ނައިނާ މާތޫރް (ރާނީ މުކަރްޖީ) އަކީ ނާރުތަކަށް ކުރިމަތިވާ ޙާލަތެއްގެ ސަބަބުން ޖެހޭ ޓޮރެޓް ސިންޑްރޯމް އެންމެ ތުއްތު އިރުންސުރެން ކުރިމަތިވެ އެކަން ތަހައްމަލު ކުރަމުން އަންނަ މީހެކެވެ. މިއީ ކަންބޮޑުވުމާއި ހާސްކަމުގެ ސަބަބުން ވާހަކަދެއްކުމަށް އުނދަގޫ ތަކަކާއި އުނިކަމެއް ގެނުވައިދޭ ހާލަތެއް މެދުވެރިވާ ސިންޑްރޯމް އެކެވެ. އެގޮތުން އަޑު ފިއްތާލައިގެން ހުރެ ހަޅޭއްލަވައިގަންނައިރު އިވޭފަދަ އަޑެއް ނައިނާގެ އެއްވެސް އިޚްތިޔާރަކާއި ނުލައި އަނގައިން ބޭރުވަނީ ބޯ އެއްފަރާތަކަށް ކުއްލިއެއް ޖެހެމުންނެވެ. އެ ބަލީގެ ސަބަބުން ވާހަކަދެއްކުމުގައި އަޅައަޅައިގަންނަ ގޮތެއް ދިމާވާއިރު، ފިލްމުގައި ރާނީ ފެނިގެންދަނީ އޭނާގެ ބަލިފައިން އަރައިގަނެ ކާމިޔާބު މީހަކަށް ވުމަށް މީހަކު ކުރާ މަސައްކަތެވެ.

ނައިނާ ބޭނުންވަނީ ކިޔަވައިދޭށެވެ. މުދައްރިސުކަން ކުރާށެވެ. ސަބަބަކީ އެތަކެއް އަހަރުތަކެއް ކުރިން ނައިނާ ތުއްތު އިރު ސްކޫލްގައި އޮތް މުބާރާތެއް ބަލަން ހޯލުގައި އިންއިރު އޭނާގެ އަނގައިން ކުރިން މިބުނެވުނު އަޑު ބޭރުވެ ހޯލުތެރޭގެ ހަމަހިމޭންކަން ގެއްލި، ސްޓޭޖްގައި ހުށައެޅުން ހުށައަޅައިދޭން ތިބި ދަރިވަރުންނަށް އުނދަގޫވެއެވެ. އެ ދަރިވަރުންގެ ހުށައެޅުން ނިމުމުން ސްކޫލްގެ މުދައްރިސެއް ސްޓޭޖަށް އަރައި އޯޑިއަންސާއި ސުވާލު ކުރަނީ އުނދަގޫވާ ކަހަލަ އަޑެއް އިވުނުތޯ އާއި އެ އަޑު ލެއްވި ކުއްޖެއް ސްޓޭޖަށް ދިއުމަށެވެ. ބިރުން ހުރެ ނަމަވެސް ވަރަށް ހިތްވަރުކޮށްފައި ކުޑަކުޑަ ނައިނާ ސްޓޭޖަށް އަރައި އެ އަޑަކީ އޭނާގެ އަނގައިން ބޭރުވި އަޑެއްކަމަށް ބުނެ އެއްބަސްވެއެވެ. މުދައްރިސް ގެ ފަރާތުން ނައިނާ އަށް ފެނިގެންދިޔައީ އުއްމީދުވެސް ނުކުރާފަދަ ރައްދަމަލެކެވެ. (ރިއެކްޝަން އެކެވެ.) ނައިނާ އަށް ހިތްވަރު ލިބުނީ މުދައްރިސް ކަންތައް ކުރެއްވި ގޮތުންނެވެ. ނައިނާ އަށް އެދުވަހު ލިބުނު ހިތްވަރުގެ ސަބަބުން ނައިނާގެ ތަޢުލީމީ ޙަޔާތް ކާމިޔާބުކަމާއެކު ނިންމާލެވުމުން ޚުދު އޭނާ ބޭނުންވީ އޭނާފަދަ ޓޮރެޓް ސިންޑްރޯމް ޖެހިފައިވާ މީހެއް ނުކުމެ މަސައްކަތްކޮށްގެން ހެޔޮ ބަދަލެއް ނުވަތަ ތަފާތެއް ދުނިޔެއަށް ދެއްކިދާނެ ކަމަށެވެ.

“ހިޗްކީ” ގައި ރާނީ މުކެރްޖީ (ނައިނާ) ކިޔަވައިދިނުމަށް ކުލާހަށް ފުރަތަމަ ދިޔަ ދުވަސް

ފަސް އަހަރުވާންދެން 18 ފަހަރު، ސްކޫލެއްގެ މުދައްރިސްކަން ލިބޭތޯ އިންޓަރވިއުތަކަށް ގޮސްގެން ނައިނާ މަސައްކަތްކުރި އެވެ. ހިތްވަރަށް އެއްވެސް ބަދަލެއް ނައިސް މަސައްކަތް ކުރަމުން ކުރަމުން ގޮސް 19 ވަނަ ފަހަރު މުންބާއީގެ ޤަދަރުވެރި ސްކޫލަކުން އޭނާއަށް ފުރުޞަތު ދެއެވެ. ނައިނާ އަށް ކިޔަވައިދޭން ޖެހުނީ ގްރޭޑް 09 އެފް ގައި އުޅޭ އެއްވެސް ހަމައެއް ލަމައެއްނެތް، ފަޤީރު މާހައުލެއްގައި ދިރިއުޅެމުން އަންނަ ބަސްނާހާ ފުރާވަރުގެ ކުދިންތަކަކަށެވެ. އެކުދިންނަކީ ސްކޫލްގެ އެހެން ކުދިންނާއި ވަރަށް ބޮޑަށް ތަފާތުކުރެވެމުން އަންނަ ކުދިންތަކެކެވެ. ނަމަވެސް އެކުދިންނަށް ހަމަމަގު ދައްކައިދީ އެކުދިންނަކީވެސް ރަނގަޅު މޮޅު ކުދިންތަކަކަށް ހެދުމަށް ނައިނާ ޢަޒުމް ކަނޑައަޅައެވެ.

“ހިޗްކީ” މި ފިލްމު ފެށިގެން އަންނަނީ ނައިނާގެ ދިރިއުޅުމުގައި ބަރުދާސްތު ކުރަމުން އަންނަ ހިތްދަތި ދިރިއުޅުން ދައްކައިދެމުންނެވެ. ޢާއިލާ ތެރެއިންނާއި ބޭރުންވެސް އޭނާއަށް ކުރިމަތިވަމުން ދިޔައީ އެއްވެސް ދެއުޅިއެއް ނުވާ ހަނގުރާމައެކެވެ.

ޑައިރެކްޓަރ ސިދާތު މަލްހޯތުރާ މި ފިލްމު ގެނެސްދީފައިވަނީ މެލޯޑްރެމެޓިކް ކޮށެވެ. ހިތުގައި ޖެހި ރޮވޯފަދަ ގޮތަކަށެވެ. ނައިނާ ގެ ޓޮރެޓް ސިންޑްރޯމް އާއި އެއާއި ވިދިގެން ކުރިމަތިވަމުން އަންނަ ޙާލަތުތަކުގެ ބޭނުން ހިފައިގެން ފިލްމު ބަލާ މީހުންގެ ލޮލުން ކަރުނަ ހިލުވައިލާގޮތަށް ޑައިރެކްޓަރ މަސައްކަތް ކޮށްފައި ވެއެވެ.

މުޅި ފިލްމުގައި ކުލާސްރޫމް ތެރެ ދެއްކުމުގެ ބަދަލުގައި މެދުފަންތީގެ ދިރިއުޅުމެއް އަވަށްގަނޑުގައި ދިރިއުޅެމުން އަންނަ ޒުވާންފުރައިގެ ކުދިންތަކުގެ ހާލަތު ދައްކުވައިދެއެވެ.

ނައިނާ އަށާއި ނައިނާ އަށް ހަވާލުކުރެވުނު ގްރޭޑް 09 އެފް ވާދަކުރަން ޖެހިފައިވަނީ ގްރޭޑް 09 އޭ އާއެވެ. އުނގެނުމަށް ކޮށިކަމަށް އަމިއްލައަށް ޤަބޫލުކުރެވި ކިޔެވުން އިންތިހާއަށް ދަށްވެފައިވާ ދަރިވަރުންނަށް ނައިނާ ދަސްކޮށްދެނީ އެކުދިންނަކީ ވެސް ވަރަށް ހުނަރުވެރި، ވިސްނުންތޫނު ދަރިވަރުން ތަކެއް ކަމަށެވެ. އަދި ނައިނާ އާއި އެކުގައި މަސައްކަތް ކޮށްގެން އިމްތިހާނުން ފާސްވެ، ޕްރިފެކްޓް ކަމާއި ހަމައަށް ގްރޭޑް 09 އޭ ގެ ކުދިންނެކޭ އެއްފަދައިން ގްރޭޑް 09 އެފް ގެ ކުދިންނަށްވެސް ދެވިދާނެކަމަށް ބުނެ، އުނގަންނައިދިނުމުގައި ތަފާތު ގޮތްތައް ބޭނުންކޮށްގެން އެ ބަދަލު ނައިނާ ދައްކައިދެއެވެ.

މި ފުރިހަމަ ފިލްމުގައި ވާގޮތް މާބޮޑަށް ކިޔައިދީގެން ފިލްމުގެ ކުރިމަރައިލުން ރަނގަޅު ކަމަކަށް ނުފެނެއެވެ. މި ފިލްމަކީ ފިލްމު ނުބަލާ މީހުން ވެސް ހަމަ ކޮންމެހެން ބަލައިލުން މުހިންމު ފިލްމެކެވެ. ޚާއްޞަކޮށް މުދައްރިސުންނެވެ. ދަރިވަރުންނެވެ. ބެލެނިވެރިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.