މިއީ 1961 ގައި ނިކުތް ހިންދީ ފިލްމު ‘ގަންގާ ޖަމުނާ’ ގެ ‘އިންސާފު ކީ ޑަގަރު ޕޭ’ (އިންސާފުގެ މަގުގައި) މިލަވައިގެ ދިވެހި ތަރުޖާއެކެވެ. ‘ގަންގާ ޖަމުނާއަކީ’ ފާހަގަ ކޮށްލެވޭ ފިލްމެކެވެ. މި ފިލްމަކީ މުޅި ހިންދީފިލްމީ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމަނައި ގުނާލެވޭ ފިލްމެއް ކަމަށް ބެލެވޭ ފިލްމެކެވެ. މި ފިލްމުވަނީ އެތައް ‘ފިލްމްފެއަރ އެވޯރޑް’ އަކަށް ހުށަހެޅި އަދި ގިނަ ވަނަތަކެއްވެސް ކާމިޔާބު ކޮށްފައެވެ. ފިލްމުގެ ބަތަލާ، ވިޖަޔަންތިމާލާ އަށް، އެންމެ މޮޅު މުމައްސިލާގެ ވަނަ ލިބުނެވެ. އަދި ފިލްމުގެ ހިވާރުތައް ލިޔުނު ލިޔުންތެރިޔާ ވަޖާހަތު މިރުޒާ އަށް އެންމެ މޮޅު ހިވާރުލިޔުންތެރިޔާގެ ވަނަ ލިބުނެވެ. އަދި ފިލްމު ތަސްވީރުކުރުމުގެ މަސައްކަތްކުރި ބާބާސާހަބަށް އެންމެ މޮޅު ތަސްވީރުގާރުގެ ވަނަ ލިބުނެވެ.

 

ފިލްމުގެ ވާހަކައިގެ މައިގަނޑު މައުޟޫޢަކީ އަދުލު އިންސާފުގެ ވާހަކައެވެ. އަދުލު އިންސާފު ހިންގައިލުމުގައި މުޖުތަމަޢުގެ އެންމެންގެ މެދުގައި ހަމަހަމަކަން ގެންގުޅުމުގެ ވާހަކައެވެ. ފިލްމުގައި ފެނިގެންދަނީ އެއްބަނޑު އެއްބަފާ ދެބޭން ގާނޫނުގެ ދިމާ އިދިކޮޅު ދެފަރާތުގައި ވާތަނެވެ. ޖަމުނާ ކިޔަވައިނިމުމަށް ފަހު ސިފައިންގެ މީހެއްގެ ގޮތުގައި، އާދެ! ގާނޫނުތަކަށް އިޙުތިރާމުކޮށް، ގާނޫނުތައް ނަގަހައްޓައި، ގާނުނުތައް ހިންގާލާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަންފެށިއެވެ. އަނެއްކޮޅުން، ގަންގާ، އޭނާގެ ޙަޔާތުގެ މަގުކަމުގައި ޚިޔާރުކުރީ ކުށްކުރުމުގެ މަގެވެ. އޭނާ ކުރިމަތިލާންޖެހުނު ބޭއިންސާފުގެ ސަބަބުން އޭނާ ޑާކޫންގެ ބައިގަނޑަކާއި ގުޅި، އޭނާ ވެގެންދިޔައީ ކުށްތަކަށް އަރައިގަންނަ މީހަކަށެވެ. ބޮޑު މުޖުރިމަކަށެވެ. ޖަމުނާއަށް ޖެހެނީ އޭނާގެ ބޭބެ، ގަންގާގެ، މައްޗަށް ގަވާއިދުތަކާއި ޤާނޫނުތައް ހިންގާލާށެވެ. ކުށްކުރުމުން އޭނާ ހުއްޓުވައި އެކަމުން އޭނާ ދުރުކުރުވާށެވެ. މި މަސައްކަތުގައި ގަންގާގެ ނިމުން އަންނަނީ ވަރަށްވެސް ހިތާމަވެރިގޮތަކަށެވެ. ޖަމުނާގެ ބަޑީގެ އުންޑައަކުން އޭނާގެ ބޭބޭ، ގަންގާ، މަރުވެގެންނެވެ.

 

‘އިންސާފުކީ ޑަގަރު ޕޭ’ (އިންސާފުގެ މަގުގައި) މި ލަވަ، ފިލްމުގެ މައިގަޑު މައުޟޫއުއާއި ގުޅިފައިވެއެވެ. މިލަވައިގައި އަދުލު އިންސާފުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެވެއެވެ. އެއްކޮޅުން ބޭބެ ގަންގާއ ާއި އަދި ދެބެންގެ މަންމައާއި ދޭތެރޭ ނުހައްގުން ކަންތައް ކުރެވި، ގާނޫނުގެ ނިޔާ އަނިޔާގެ ސިފައިގައި އައުމުން، ގަންގާގެ ހިތުގައި ވަރަށްވެސް ޅަފަތުގައި ގާނޫނީ ނިޒާމާއި ދޭތެރޭ އިތުބާރު ނެތިގެން ދިޔައެވެ. އަނެއްކޮޅުން، މަންމަ އާއި ބޭބެ ވެގެން، ޖަމުނާއަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނެވެ. އަދި އަދުލު އިންސާފުގެ ދަރުސުތައް ކުޑައިރުއްސުރެން ލިބެމުން ދިޔައެވެ.

 

ފިލްމުގައި ލަވަ ފެންނަނީ މި ހިސާބުންނެވެ. ދެބެންގެ ހިތުގައި، ޅަފަތުގައި، ގާނޫނާއި އިންސާފު ހޯދައިދިނުން އޮންނަ ގޮތާއި މެދު ވަކި ކަހަލަ ގަބޫލުކުރެވުންތަކެއް ކަނޑައެޅެމުން ދަނިކޮށެވެ. ބޭބެގެ ކުރިމަތީގައި ގާނޫނުގެ އިތުބާރު ގެއްލުނީއެވެ. މިއާއި ޚިލާފަށް ކޮއްކޮއަށް ގަބޫލު ކުރެވުނީ ގާނޫނުގެ މުހިއްމުކަމެވެ. ގާނޫނު ހިންގާލައި ދެމެހެއްޓުމަކީ ފަރުދީ ވާޖިބެއްކަމުގައެވެ.

 

މި ފިލްމާއި ލަވައިގައި ފާހަގަކޮށްލެވޭ މުހިއްމު ދެތިން ކަމެއް ވެއެވެ. މުޖުތަމައު ފާސިދުވެ، ތަނުގައި ގާނޫނުގެ އަގު ގެއްލެމުންދާކަމެވެ. ގާނޫނަކީ ފައިސާގެ ބާރު އޮންނަ މީހުން ގެންގުޅޭ ލަޓި ބުރިއަކަށް ވެފައިވާކަމެވެ. އެ ފަދަ މީހުން ވެއްޓެމުންދާ ވަގުތުގައި އެ ލަޓި ބުރީގެ އެހީ ހޯދައި ކޮޅަށް ތެދުވެއެވެ. އެހެން މީހަކު ވައްޓާލަން ބޭނުންވެއްޖެނަމަ އެ ލަޓިބުރިން ތަޅައި ތިރިކުރެއެވެ. ގާނޫނީ ލަޓިބުރީގެ ތެޅުންތަކުން ބޭބެއަށް ސަލާމަތްކަން ލިބުނީ ޑާކޫގެ ޖަމާއަތަކާއި ގުޅި ގާނޫނު އޭނާގެ އަތްމައްޗަށްލައި އޭނާ ބޭނުންގޮތަކަށް ކަންތައްތައްކުރަން ފެށުމުންނެނެވެ. މީގެ އިތުރުން، ޚާއްސަގޮތެއްގައި، ލަވައިގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މިފަދަ ހާލަތެއްގައިވާ ގައުމެއް ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނޭ ގޮތަކީ ކޮބައިކަން ފާހަގަކޮށްދީފައިވާ ކަމެވެ. އެއީ މުޖުތަމައު ބޭނުންވާ އަގުތަކާއި ހަމަތައް ކުޑަ ކުދީންގެ ހިތްތަކުގައި، ކަނޑައި ބިންވަޅުނެގޭތޯ ބެލުމެވެ. ތައުލީމީ ނިޒާމުގެ ތެރެއިންނެވެ.

 

މި ނަންގަތް މަސައްކަތްކުރުމުގެ މުހިއްމުކަން، ލަވައިން ފެނިގެންދެއެވެ. ވަކިވަކި ފަރުދުންގެ ހަގީގީ އަގު ބިނާވަނީ އެމީހުންގެ މާތް އަޚުލާގީ ސިފަތަކުގެ މައްޗަށް ކަމަށްވާއިރު، މުޖުތަމައެއްގެ ދިރިހުރުމާއި ދެމިއޮތުން ބިނާވަނީ އެމުޖުތަމައުގެ އަދުލު އިންސާފުގެ ނިޒާމުގެ މައްޗަށްކަން ލަވައިގައި ފާހަގަކުރެވިފައިވެއެވެ. ތަނެއްގެ އަދުލުއިންސާފުގެ ނިޒާމު ހަލާކުވެ، އާއްމު މީސްތަކުންގެ ކުރިމަތީގައި، އެނިޒާމާއި ދޭތެރޭ އޮންނަންޖެހޭ އިތުބާރު ގެއްލިއްޖެނަމަ މުޅި ތަން ހައިޖާނުވެ، އެއްވެސް ޖެހިލުމެއް ނެތި، މީސްތަކުން ކުށްތަކަށް އަރައިގަނެ، އެތަނުގައި ކުށްކުރުން ގިނަވެގެންދެއެވެ. އަދި އާޚިރު ނަތީޖާއަކަށްވަނީ މުޅި މުޖުތަމައު ހަލާކުވެ، ނެތިދިއުމެވެ. އެހެންވެ، ލަވައިގައި ފެނިގެންދަނީ އަދުލު އިންސާފުގެ އަގު، އެންމެ ޅަފަތުއް ސުރެން ފެށިގެން ހިތްތަކުގައި އަށަގަންނުވަންޖެހޭކަމެވެ. ތައުލީމީ ނިޒާމުގެ ތެރެއިން ކިޔަވާކުދިންގެ ހިތްތަކަށް މުޖުތަމައު ބޭނުންވާ އަގުތަކާއި އަޚުލާގީ ހަމަތައް ފޯރުކޮށްދޭންޖެހޭކަމެވެ.

 

މިކަން ތަމްސީލުކޮށްދިނުމުގެ ގޮތުން، ލަވައިގައި ދައްކުވައިދެނީ ޖަމުނާގެ މުދައްރިސު، އޭނާގެ ކިލާހުގެ ކުދިންގެ ގާތު، އިންސާފުގެމަގުގައި ފައިތިލަ ސާބިތުކޮށްތިބެ، ކުރިއަށް ދިޔުމަށް ވިދާޅުވެ ނަސޭހަތްތެރިވާ ތަނެވެ. މުސްތަގުބަލުގައި ގައުމާއިގެން ކުރިއަށްދާނެ ވެރީން އުފެދޭނީ އެކުދީންގެ ތެރެއިން ކަމަށްވާތީއެވެ. އަބަދުވެސް ތެދުވެރިކަމާއި ހައްގަށް ލޯބިކޮށް، އެއީ އެކުދީންނަށް މަދަދުވެރިވެ، ހިތްވަރުދީ، މަގުދައްކާ ފަރާތްކަމުގައި ހެދުމަށް ވިދާޅުވަމުން ގެންދަވާތަނެވެ. އެހެނީ، ހަގީގީ އިއްޒަތާއި ކަރާމަތް، އިންސާނުންނަށް ލިބޭނީ އަދުލު އިންސާފު ގާއިމުކުރެވިގެންކަމަށްވާތީއެވެ. ނަމަވެސް، ހައްގުގެ މަގުގައި ހިނގުމަކީ ފަސޭހަ ކަމެއް ނޫންކަން ވެސް، މުދައްރިސު ހަނދާންކޮށްދެއްވައެވެ. ސަބަބަކީ އިންސާފުގެ މަގުގައި ހިނގަން ނިޔަތްގަނެ، މަސައްކަތްކުރަމުން ދާއިރު، ތަފާތު ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހޭތީއެވެ. ގާތްތިމާގެ މީހުންނާއި ރައްޓެހި ރަހުމަތްތެރިންގެ މޫނަށް ބެލުމެއް ނެތި، އެމީހުންގެ މައްޗަށްވެސް ގާނޫނުތައް ހިންގައިލާންޖެހޭތީއެވެ. އަމިއްލަ ފައިދާއާއި އަމިއްލަ މަސްލަހަތުތައް އިސްނުކޮށް ގާނޫނުތައް ހިންގައިލާންޖެހޭތީއެވެ. ރިޝްވަތާއި ‘ހަދިޔާ’ ގަބޫލު ކުރުމުން އެއްކިބާވެ ހުރެ، އެންމެންގެ މައްޗަށް ހަމަހަމަ ގޮތެއްގައި ގާނޫނުތައް ހިންގައިލާންޖެހޭތީއެވެ. މި ސަބަބުތަކަށްޓަކައި އިންސާފުގެ މަގުގައި ހިނގާއިރު ކުރިއަށްދާންވާނީ އަބަދުވެސް ސަމާލުވެހުރެ، ހަވާނަފުސުގެ ގޮވުންތަކަށް ބޯނުލަބައި، ވަރަށްވެސް ބަލައިގެންކަމަށް މުދައްރިސު ކުދިންނަށް ހަނދާންކޮށްދެއްވައެވެ.

 

މީގެ އިތުރުން، ލަވައިގައި ފާހަގަކޮށްލެވޭ އަނެއްކަމަކީ ތައުލީމާއި ތަރުބިއްޔަތުގެ ދައުރެވެ. މައުލޫމާތާއި ހުނަރުތައް އުގަންނައިދިނުމުގެ އިތުރުން، ތައުލީމާއި ތަރުބިއްޔަތު އަދާކުރާ އަޚުލާގީ މުހިއްމު ދައުރެވެ. މުޖުތަމައު ގަބޫލުކުރާ އަގުތަކާ އަދި ހަމަތައް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމުގައި ތައުލީމީ ނިޒާމު އަދާކުރަންޖެހޭ ދައުރެވެ. ތެދުވެރިކަމާއި އަމާނަތްތެރިކަން، އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި ކަމޭހިތުން ފަދަ އަގުތަކެވެ. އެންމެންނަކީވެސް ހަމަހަމަ ބައެއްކަމާއި އެއްވެސް ހާލެއްގައި މުޖުތަމައުގެ އަފުރާދުންގެ މެދުގައި ތަފާތުކުރުން އޮވެގެން ނުވާނެފަދަ މާތް އަޚުލާގީ ހަމަތަކެވެ. މުޖުތަމައު ބޭނުންވާ، އަދި މުޖުތަމަޢަށް ފައިދާކުރާނޭ ދަރީންތަކެއް އުފެއްދޭނީ ތައުލީމީ މަންހަޖުތަކުގެ ތެރެއިން މިފަދަ އަގުތަކާއި އަޚުލާގީ ހަމަތައް ކިޔަވާ ކުދީންނަށް ފޯރުކޮށްދެވިގެންކަން، ލަވައިން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

 

ދެން، މިލަވަ، އޭގެ ދިވެހިތަރުޖަމާއާއިއެކު ވިދާޅުވެލައްވާށެވެ!

އިންސާފްކީ ޑަގަރްޕޭ ބައްޗޯނ ދިކާހއޯ ޗަލްކޭ

ކުދީންނޭވެ! އިންސާފުގެ މަގު ޚިޔާރުކޮށް، އެ މަގުގައި ފައިތިލަ ސާބިތުކޮށް ތިބެ، ހިނގާތަން (އެންމެނަށް ވެސް) ދައްކާލަދޭށެވެ!

 

ޔޭ ދޭޝް ހެއި ތުމާހރާ ނޭތާ ތުމީހކޯ ކަލްކޭ

މިއީ ހަމަ ތިޔަ ކުދީންގެ އަމިއްލަ ގައުމެވެ. ތިޔަކުދީންނަކީ ގައުމާއިގެން ކުރިއަށްދާންތިބި، ގައުމުގެ، މާދަމާގެ ވެރީންނެވެ! މުސްތަގުބަލުގެ ލީޑަރުންނެވެ!

 

ދުނިޔާކެ ރަންގު ސެހެނާ އައުރު ކުޗް ނާ މޫނސެ ކެހެނާ

ދުނިޔެ ދައްކާ ކުލަތަކަށް، ދަތިތަކާއި މުސީބާތްތަކަށް، ކެތްކޮށް ބަރުދާސްތުކުރަން (ދަސްކުރާށެވެ!) އަދި އެކަންކަމާމެދު ޝަކުވާގެ ކުޑަ ބަހެއް ވިޔަސް އަނގައިން ނިކުތަ ނުދޭށެވެ!

 

ސައްޗާއިޔޯނ ކެ ބަލް ޕޭ އާގޭ ކޮ ބަޅަހތޭ ރެހެނާ

ހައްގަކީ ތިޔަކުދީންގެ މަދަދުގާރުކަމުގައި ދެކިގެން، ތިޔަކުދިންނަށް ހިތްވަރާއި ބާރުދޭ މަސްދަރުކަމުގައި ބަލައިގެން، އިންސާފުގެ މަގުގައި ހިނގަމުން ކުރިއަށް ދިޔުމުގައި ދެމިތިބޭށެވެ.

 

ރަކްހދޯންގޭ އޭކު ދިން ތުމް ސަންސާރު ކޯ ބަދަލްކޭ

ކޮންމެވެސް ދުވަހަކުން، މި ދުނިޔެއަށް (ހެޔޮ) ބަދަލެއް ތިޔަކުދީންނަށް ގެނެސްދެވޭނެއެވެ.

 

އަޕްނޭ ހޮ ޔާ ޕަރާޔޭ ސަބްކޭ ލިޔޭ ހޯ ންޔާޔޭ

ތިޔަކުދިންގެ އަމިއްލަ ގާތް މީހުން ވިޔަސް، ނޫނީ ދުރުހިލޭ ބީރައްޓެހި ބައެއް ކަމުގައި ވިޔަސް، އެންމެންނަށްވެސް އިންސާފު ލިބިދޭންޖެހެއެވެ.

 

ދޭކޯ ޤަދަމް ތުމާހރާ ހަރްގިޒް ނަ ޑަގްމަގާޔޭ

އަދި އަބަދުވެސް، މިކަމަށް ސަމާލުވެތިބެ، ތިޔަ ކުދީންގެ ފައިތިލަ ކައްސާލިޔަ ނުދޭށެވެ!

 

ރަސްތޭ ބަޅޭ ކަޓިންހޭ ޗަލްނާ ސަމްބަހލް ސަމްބަހލް ކޭ

އިންސާފުގެ މަގުން ހިނގުމަކީ ވަރަށް ވެސް ދަތި އުނދަގޫ ކަމެކެވެ. އެހެންވެ، ނުވެއްޓި އެ މަގުގައި ކުރިއަށް ދެވޭނީ ވަރަށްވެސް ބަލައިގެން ތިބެގެންނެވެ.

 

އިންސާނިޔަތު ކެ ސަރުޕޭ ޢިއްޒަތުކާ ތާޖް ރަކްހނާ

(އިންސާފުގެ މަގުގައި ހިނގައި) އިންސާނިއްޔަތުގެ ބޮލުގައި އިއްޒަތުގެ ތާޖެއް އަޅުވައިދޭށެވެ.

 

ތަން މަން ކި ބޭހތު ދޭކަރް ބާހރަތްކީ ލާޖް ރަކްހނާ

(އިންސާފުގެ މަގުގައި) ކަލޭމެން ކުދީންގެ ހަށިތަކާއި ފުރާނަތައް ގުރުބާންކޮށް، ކަލޭމެން ކުދީންގެ ގައުމުގެ ޝަރަފު ރައްކާކުރާށެވެ!

 

ޖީވަން ނަޔާ މިލޭގާ އަންތިމް ޗިތާ މެ ޖަލްކޭ

(އޭރުން) ކަލޭމެން ކުދިންގެ ‘އެންމެފަހުގެ ތަންމަތީގައި’، ޖަނާޒާގެ އެނދުގައި، އަންދާލެވުމުން، ކަލޭމެން ކުދިންނަށް އާ ޙަޔާތެއް، ނަޔާ ދިރުމެއް، ލިބިގެންދާނެއެވެ. (އެބަހީ، ދުނިޔޭގައި ކަލޭމެންގެ ގުރުބާނީގެ ޒިކުރާ އާވެ، މީސްތަކުންގެ ހެޔޮ ދުއާލިބި، އަދި އާޚިރަތުގައި ބާއްޖަވެރިކަން ތިޔަކުދިންނަށް ލިބޭނެއެވެ. މީގެ އިތުރުން، ތިޔަ ކުދިންގެ ގައުމުގެ ޝަރަފާއި މާތްކަން، އިއްޒަތާއި އަބުރު ދެމެހެއްޓި، ހެޔޮގޮތުގައި ދެމި އޮންނާނެއެވެ.)

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.