މި ވާހަކަ އާއިމެދު:
މިއީ 22 ނޮވެމްބަރ 1997 ގެ އާފަތިސް ނޫހުގެ މައިޒާން: 06 ގައި ކުރިން ޝާއިޢުކުރެވިފައިވާ ވާހަކައެކެވެ. މިއީ ނޫހެއްގައި ޝާއިއު ކުރެވުނު އަޅުގަނޑުގެ ފުރަތަމަ ވާހަކަ އެވެ. އޭރު އަޅުގަނޑު ލިޔެފައިވާ މިވާހަކަ އިތުރަށް ކޮށައިމަށައިލުމުން އިހުނަށްވުރެ ފުރިހަމަ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. މިވާހަކަ ވަނީ 1997 ގައި ދިވެހިރާއްޖޭގެ އަޑުން ފޮނުވި އަންހެނުންގެ ޕްރޮގްރާމްގައި ސިލްސިލާކޮށް ގެނެސްދީފައެވެ. އުއްމީދު ކުރަނީ ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެ ކަމަށެވެ. އެކާވީސް އަހަރު ފަހުން މި ވާހަކަ އަނެއްކާވެސް މި ޕަބްލިޝްކޮށްލަނީ މިއީ އަޅުގަނޑު ވާހަކަ ލިޔުމުގައި ފިޔަވަޅެއް އެޅޭތޯ ކުރި ފުރަތަމަ މަސައްކަތް ކަމަށްވާތީ އެވެ.
ތެދެކެވެ. އަހަރެންގެ އެންމެގާތް ރަޙްމަތްތެރިޔާގެ ގަޔަށް ތިންހަތަރުފަހަރަށް ވަޅި ހަރާލީމެވެ. ނަމަވެސް އެކަން އެގޮތަށް ދިމާވީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. މެދުވެރިވި އެތަކެއް ސަބަބުތަކަކެއްގެ އާޚިރު ނަތީޖާއަކަށްވީ އެ ހިނގައިދިޔަ ބޮޑު ޖަރީމާއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު އަހަންނަކީ ދުނިޔޭގެ އެހެނިހެން ޒުވާނުންނާއި އެތައް ގޮތަކުން ތަފާތު މީހަކީމެވެ. މިއަދު އަހަރެންގެ ސިކުޑީގައި ދުނިޔޭގެ މާހައުލަށް އަންނަމުންދާ އެކިއެކި ބަދަލުތަކާއިމެދު ވިސްނާ ޚިޔާލުކުރުމުގެ ޤާބިލްކަމެއް ނެތެވެ. ދުނިޔޭގެ ހަމަވައި ތެރޭގައި އުޅެންލިބުނު މަދު ދުވަސްކޮޅު، އަހަރެންގެ ސިކުނޑިއަށް ދެވުނު ކާއެތިކޮޅުވެސް ހަޖަމްވެގެން ހިގައްޖެއެވެ. އެހެންގޮތަކަށް ބުނަނީނަމަ ބުނެވޭނީ މިއަދު އަހަރެންގެ ސިކުނޑިއަކީ ދަބަރުޖަހާފައިވާ ސިކުނޑިއެކެވެ. މިހާރު އަހަރެންގެ ސިކުނޑިވެސް ހޭނިފައިވަނީ ދަގަނޑުތޭރިތައްޖަހާފައިވާ މި ހަތަރުފާރުން އެތެރެއަށެވެ.
އޭރު ކުރެވުނު ކަންތައްތައް އެއީ އަހަރެންގެ މޮޔަކަމުން ކުރެވުނު ކަންތައްތަކެއްކަމަށް ޚުދު އަހަރެންގެ އަމިއްލަ ޟަމީރުވެސް ޤަބޫލުކުރެއެވެ. އޭރު އަހަންނަށް އަރައިގަނެވުނީ ބޮޑެތިވެގެންވާ ފާފަތަކަކަށެވެ. އެކަމުގެ ސަބަބުން ދެދުނިޔޭގައިވެސް ސަޒާ ލިބޭނެކަންވެސް އެނގެއެވެ. މީހުންގެ ބަސްތައް ރައްދުވާނޭކަންވެސް އެނގެއެވެ. މީސްތަކުންގެ ނަފުރަތާއި ބަދު ދުޢާލިބޭނެކަންވެސް އެނގެއެވެ. މިހާރުވެސް އެކަންކަން އަހަންނަށް ފެންނަމުން މިހިރަ ދަނީއެވެ.
އަހަރެންގެ އަމިއްލަ ނަފުސުދެކެ ރުޅި އާދެވެންފެށީ އެދުވަހަށް ފަހުގައެވެ. އޭރު އަހަރެންނަކީ ސިކުނޑިހަމަނުޖެހޭ މީހެއް ނޫނެވެ. މޮޔަވެ ދުނިޔެ ހަފުސްވެފައިވާ މީހަކީމެއްވެސް ނުމެނޫންމެއެވެ. އެކަމަކު….. އެކަމަކު ބޮޑުވެގެންވާ އެ ފާފައަށް އަރައިގަނެވުމުން އަހަރެންގެ އެ ރަން ދުނިޔެ ފުނޑުފުނޑު ވެގެން ދިޔައީއެވެ.
❀****❀❀****❀
އެއީ 1980 ވަނަ އަހަރުގެ ކުރީކޮޅުން ކޮންމެވެސް މަހެއްގައި އަހަރެންގެ ޙަޔާތާއި ކުރިމަތިވި ބިރުވެރި އެހެނަސް ޙަޤީޤީ ހުވަފެނެކެވެ. ވަރުގަދަ ޠޫފާނެކެވެ. މި ޠޫފާނުގެ އަސަރު އެތަކެއް ނަފުސު ތަކަކަށް ފޯރިއެވެ. ޢަދަދު ނުކުރެވޭހާ ގިނަގުނަ ގެއްލުންތަކަކާއި ލޮޚްސާންތަކެއް އަހަރަމެންގެ ދެ ޢާއިލާއަށް ކުރިމަތި ކުރުވިއެވެ. ދެ ޢާއިލާގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިއޮތް އެކުވެރިކަމާއި އަޚްވަންތަކަމުގެ ގުޅުމަށް ވަރުގަދަ ބިންހެލުމެއް ކުރިމަތިކުރުވިއެވެ. ޢާއިލީ ލޯބި ފުނޑުފުނޑުވެގެން ދިޔައީ ފަރުބަދަ ގޮއްވާ މީހުން ފަރުބަދައިގައި ބޮން ހަރުކޮށް ގޮއްވާލުމުން ފަރުބަދައިގެ ހިލަތައް ހިމުން ހިލަވެއްޔަށް ބަދަލުވެގެންދާ ފަދައިންނެވެ. ލޯބި ފުނޑުވުމާއިއެކު އެ ލޯބި ބަދަލުވެގެން ދިޔައީ ހުޅުފަޅާފައިވާ ނަފުރަތުގެ ގަދަފަދަ އަލިފާނަށެވެ.
“ހިތަށް ކޮށްފައިވާ އަސަރުން އެކަން ހިނގާދިޔަގޮތް ކިޔާނުދެވި ވަރަށް ގިނަ ހާސަރުތައް ދެމިއްޖެދޯ؟” އަހަރެންގެ ބަސްދީގަތުމެއް ނެގުމަށް އަހަރެން އިން ކުޑަކުޑަ ގޮޅީގެ ތެރެއަށް ވަދެއިން މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކުރެން އަހާލީމެވެ.
“ނޫނޭ…. ކުރިއަށް ގެންދޭ! ….. އަހަންނަށް މި ފުރުޞަތު ލިބުނީ ތިން އަހަރުގެ ދިގު އިންތިޒާރެއް ކުރުމަށްފަހު…. އެހާ ގިނަދުވަހާ އަޅައި ކިޔާއިރު އަދި ނުވޭ ފަޅި ސިކުންތެއްވެސް!!”
އަޑުއަހާށެވެ. ފަރުވާތެރިކަމާއިއެކު އަޑުއަހާށެވެ. އަހަރެންގެ ޙަޔާތުގެ ފަންސިގަނޑު ދަތުރުކުރި ގޮތުގެ ވާހަކައެވެ. ގިރާކުރަންޖެހުނު ބޮޑެތި ކަނޑުތަކުގެ ވާހަކައެވެ. ވިސްނާ ފިކުރުކޮށް ޢިބްރަތްތަކެއް ލިބިގަތުމަށެވެ.
❀****❀❀****❀
އެއީ އުފާވެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުމުން އަހަރަމެންގެ ދެ ޢާއިލާ އެކަތިގަނޑަކަށް ވެފައި އޮތް ދުވަސްވަރެވެ. ބައްޕައާއި ބޮޑުބޭބެވެސް ދެ ޢާއިލާ އެކަތިގަނޑަކަށް ވުމުން ހިތްހަމަޖެހިގެން ތިބި ދުވަސްކޮޅެކެވެ. އެންމެ ފުރަތަމަ ޢާއިލާގައި އޭރު ކުޑަކޮށްތިބި ދެބެން ޚިތާނުކޮށްގެން އުޅުނު ދުވަސްވަރުގެ އުފާވެރިކަމެވެ. ބޮޑުބޭބެގެ ހަގު ދަރިފުޅާއި ބައްޕަގެ ހަގު ދަރިފުޅު ބައިންދައިގެން އުޅުނު ދުވަސްވަރެވެ. ރަށުގެ ރައްޔިތުން ދުވަހަކުވެސް ދެކެފައި ނުވާފަދަ އުފާވެރި މާހައުލެއްގައި ބޭއްވުނު ބޮޑުކޭމުގެ ހަފުލާ ފާހަގަ ކޮށްލެވެއެވެ. އަތޮޅުގެ ދެތިންރަށެއްގައި ތިބި ރައްޓެހިންގެ ފަރާތުން ހަދިޔާގެ ގޮތުގައި ބޮޑެތި ކޭންތައް ލިބުނެވެ.
ޚިތާނީ މާހައުލު ވެގެންދިޔައީ ޒުވާންކުދިންނަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތަކަށެވެ. ރޭގަނޑުގެ ދަންބަލަހައްޓަން ތިބުމަށް ދެޖިންސުގެ ޒުވާނުން މަތިންބައިން ޖެހިގެންވެސް އުޅުނެވެ. ހިތާމައަކީ އެދުވަސްވަރަކީ އަހަރެންނާއި އަހަރެންގެ މިތުރުންގެ މިތުރުގެ ޅަދުވަސްވަރު ކަމެވެ. އެހެންގޮތަކަށް ބުނާނަމަ އެއީ އަހަރަމެންގެ ލޯކަޅުނުވާ ދުވަސްވަރެވެ. އެކަމަކު އަހަރަމެން ދެ މިތުރުންވެސް ދަމަށް ތިބުމަށް ނިންމީމެވެ. އަހަރަމެންނަށް ކަންފުޅެއް ނުވާތާގައި އެވެރިން އުޅޭގޮތް ބަލައި ދަސްކުރުން އެއީ ގޯސްކަމެއްކަމަކަށް އަހަރަމެންނެއް ނުދެކުމުއެވެ.
ރަށުގެ ބޮޑުބެރު ގްރޫޕް ޔާހުން ހަބޭހަށް ބެރުގެ ދުލިފަށުގައި މޫސީޤީ ހަމަތަކާއެއްގޮތަށް ތަޅަމުން ދިޔައިރު ހީވީ މަޑީގެ ހަމުންހަދާފައިވާ އެ ވަރުގަދަ ދުލިފަށް ފަޅާލަން މަސައްކަތް ކުރަނީ ހެންނެވެ. ބެރުވެރިންނަށް އެމީހުންގެ ގޮނޑިތަކުގައި ހަރުނުލެވިގެން އުޅުނު މަންޒަރު ފެނުނަސް މީހަކު ހިނިއައިސްގެން ފަހަރުވާ ލެވޭވަރުވާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސަމާކޮޅުގައި ތިބެގެން ލަވަކިޔަމުން ދިޔަމީހުންވެސް އެންމެ ތަންފުކެއް ދޫކޮށްނުލައެވެ. ނަގައިކިޔާ މީހާ އޭނާގެ ބުންޒީލަ އަޑުން ލަވަކިޔަން ފެށިއިރަކު ހީވީ ކަންފަތުގެ ދުލިފަށް ފަޅައިގެން ހިނގައިދާނެހެންނެވެ. ޒުވާންފުރާގެ ޅަކުދިންނާއި މުސްކުޅިފުރާގެ މީހުން ހަށިގަނޑުގެ އެކިއެކި ހިސާބަށް ބަނޑިބަނޑި ލައްވަމުން ނެށިނެށުމަކީވެސް ހަނދާނުން ނައްތާލަން ދަތި މަންޒަރުތަކެކެވެ. މުސްކުޅިވަރެއްގެ ބޭބެއެއް ނަށަން ފެށިއިރަކު ހީވީ އެހެން ފަދަކަމެއް ހެނެވެ. ދެއަތް ދެފަރާތަކަށް ފުރޮޅާލާ، ބަނޑިބަނޑިއަށް ގުދުކޮށްލާ، ފައިވެސް ވަކިހަމައަކުން ނަގަމުން ގެންދިޔައެވެ. ފައިން އެލައްވާ ހިތްގައިމު ކޮރާއިއެކު ބޮލަށް ފަރި ޙަރަކާތެއް ގެނެއެވެ. ދޫންޏެއް އުދުހިފާދާ ގޮތަށް ފަރިހަރަކާތެއް ދައްކާލައެވެ. ކުރުކޮށް ބުނާނަމަ ބުނެވޭނީ އެ ބޭބެ ދައްކައިދިނީ ‘ ހޯރަ ނެށުމެކެވެ.’ ހޯރަތަކެއް އުދުހިފައިދާގޮތް ނުވަތަ ހޯރައަޅާގޮތް ނެށުމަކުން ސިފަކޮށްދިނީއެވެ. މި ނެށުމަކީ ރަށުގައި ބޮޑުބެރުޖަހައި އުޅޭ ތަންތާނގާ ނިކަން ހިނގާ ނެށުމެކެވެ. އެ ބޭބެގެ ދެއަތް ދެފަރާތަށް ހަލުވާލާފައި އަންހެންވެރިންގެ ގާތަށް ޖެހިލުމުން އެވެރިން ހޭބަލިވެގެން ތެޅިގަނެއެވެ.
ބައެއް އަންހެންވެރިން ސައިކުރާތަކަކާއިއެކު ދޮލަނގެއްގައި އަތުރާލާފައިވާ ލުނބޯހުތު ފަނިތަށިތަކެއް ހިފައިގެން ކޮޅުކޮޅުމައްޗަށް ހިނަގަމުން ދިޔައެވެ. އަންހެންވެރިންގެ އެހެން ބައިގަނޑެއް ލަވަކިޔާ ބެރުޖަހަމުން ގެންދިޔަ ފިރިހެންވެރިންގެ ޚިދުމަތުގައި އުޅެމުންދިޔައެވެ. އެމީހުންގެ ހަށިގަނޑުން އޮހޮރެމުންދިޔަ ދާތިކިތައް ފޭބިޔަނުދީ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. މިބުނި އަންހެންވެރިން، ނަލަކޮށް ނަލަފޮތިއަޅައި ޖަރީކޮށްފައިވާ ‘ވިހާ ފަންކާ’ ތަކުން އެމީހުންގެ ގަޔަށް ވިހެދެމުން ގެންދިޔައެވެ.
އަށިމަތީގައި އިން އިރު އަހަންނަށްވެސް އިނދެވުނީކީ އެއް ނޫނެވެ. ދިވެހިންގެ ލޭކައްކުވާލާ ބޮޑުބެރު ލަވައިގެ އަޑިއިވުމުން މުޅިހަށިގަނޑުގައި ލޭހޫނު ވިއެވެ. ފުރަތަމަ ކިޔާންފެށި ލަވަޔާއެކު އަހަރެންގެ ލޭ ކެކެންފެށިއެވެ. އެހެންނަމަވެސް އަހަރެންގެ ލަދުރަކި މިޒާޖުގެ ސަބަބުން ކެކެމުން އައި ލެޔާއި ބޮޑުބެރުގެ ހަމަތަކަށް ނަށާލާހިތްވި ހިތްވުން މައިތިރި ކުރަންޖެހުނެވެ. އޭރު ކޮއްކޮވެސް އަށިމަތީގައި ބަހައްޓާފައިހުރި ކުޑަގޮނޑީގައި އިނެވެ. ގައިމަތީގައި އަޅާފައިއޮންނަ ފޮތިގަނޑު އެލުވުމަށް ޖަހާފައިއޮތް ކެވެލިގަނޑުގައި ހިފަހައްޓާލައިގެން ފެންނަމުންދިޔަ ފޯރިގަދަ މަންޒަރުތަކަށް ގެއްލިފައެވެ. ކޮއްކޮ ހޭލާ އިނަކަސް ބޮޑުބޭބެގެ ދަރިފުޅު، އިރުއޮއްސުމާއިއެކު ތަންހަރުވިގޮތަށް އޭރުވެސް އޮތީ ނިދާފައެވެ. އަހަރެންގެ އެންމެގާތް މިތުރު، އެ ކޮއްކޮގެ ފައިގައި ހިފަހައްޓައިގެން އިނީ އެހެން ދުނިޔެއެއްގައިކަން އަހަރެންނަށް އެނގުނީ ވަރަށްފަހުންނެވެ. އަންހެންވެރިން ، ކުޅިވަރުކުޅެމުންދިޔަ މީހުންނަށް ސާބަސްދިނުމުގެގޮތުން އެމީހުންގެ ގަޔަށް ފުށްޖެހުމާއި އަތަރުލުމާއިގެން ފޯރިނަގާފައި އުޅެމުން ދިޔައެވެ. އޭރުވެސް މަގޭ މިތުރަށް އިނދެވުނީ ޚިޔާލީ ދުނިޔެއެއްގައެވެ.
ބޮޑުބެރުޖެހުން ހުއްޓާލުމުން، އެ މާހައުލަށް ހަމަހިމޭންކަމުގެ ސާލެއް ފެތުރިގެން ދިޔައެވެ. ބޮޑުބެރު ބަލަންދިޔަ ގިނަމީސްމީހުން ރޭގަނޑުގެ އަރާމު ނިދި ލިބިގަތުމަށްޓަކައި ކޮޅުކޮޅުމައްޗަށް މިސްރާބު ޖެހިއެވެ. އަހަރަމެން ދެމިތުރުންވެސް އަށިކައިރިއަށް ދަން ބަލަހައްޓަން އެހެންބަޔަކު އައުމުން ބަދިގެފަރާތަށް ދިޔައިމެވެ. ބަދިގެ ފަރާތު މޭޒުމަތީގައި ކުޅިވަރު ކުޅުނު މީހުންނަށް ތައްޔާރުކޮށްފައި ހުރި ސަޔަށް އިންސާފުކޮށް ކުރެވެމުން ދިޔައެވެ. އަހަރުމެންވެސް ސައިތަށްޓެއް ބޮއެގެން ވަރުބަލި ފިލުވާލުމަށްޓަކައި ބަނބުކެޔޮ ގަސްދޮށުގައި އޮތް އުނދޯއްޔަށް ދިޔައީމެވެ. ބަނބުކެޔޮ ގަސްދޮށަށް ގަހުގެ ހިޔަނި އެޅިފައި ވީނަމަވެސް އުޑުމަތީގައި ރަސްކަން ކުރަމުން ދިޔަ ސާދަވިލޭރޭގެ ހަނދުވަރު ވަނީ މުޅިމާހައުލަށް އެހީތެރިވެދީފައެވެ. އުނދޯލީގައި އިށީންނި އިރުވެސް އެކުވެރިޔާގެ މިޒާޖު ވަނީ ބަދަލުވެފައެވެ. އޭނާގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރު ފައުޅު ވެވޭ ހުއްޓެވެ.
“މާދަމާ ހެނދު ނު ނިދާނިދޯ!” އެކުވެރިޔާ އާއި ވާހަކަދައްކާން ފެށުމުގެ ގޮތުން އަހަރެންގެ އަނގައިން ބޭރުވީ މި ހަމަނުޖެހޭ ޖުމްލައެވެ.
އެކުވެރިޔާއަށް ކަމެކޭވެސް ހީނުވެއެވެ.
“ކިހިނެއްވެފަ ތިއިންނަނީ… އަނެއްކާ ނިދިއައީތަ؟… މަވެސް ނިދިއަންނަވަރުން މިހާރު ދެފަހަރަށް މޫނު ދޮވެފިން!” އަހަރެން ބޮޑު ބަންޖެއް އަމުނާލީމެވެ.
“މި ވަރުން ނިދި އަންނާނެތަ… މިއުޅެނީ ހިތަށް ތަދުވާ ވަރުން ނެއްނު!” އަހަރެންގެ އަތުނުޖެހޭ ހިސާބުން އެކުވެރިޔާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
“މިއުޅެނީ އަހަރެންގެ ހިތުގަ އަންހެން ކުއްޖަކު ވިކައިގަތްގަތީނުން ތަދު ނުފިލައިގެނެއްނު.” އޭރު އެކުވެރިޔާ ދެއްކި ވާހަކަތަކެއް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެހެންކަމުން އަނގައިން ނުބުނެއިނީމެވެ.
“ތި ޔަ ކިޔާ ބަންޖެއް އަހަންނަށް ނޭނގުނު..” އެކުވެރިޔާގެ ވާހަކަތައް މެދުކަނޑާލަމުން އަހަރެން ބުނެލީމެވެ.
އެކުވެރިޔާ ކިއި ބަނދީގެ މާނަ އަހަންނަށް ކިޔައިދިނެވެ. ހީވެސް ނުކުރެވޭ ކަހަލަ މާނައެކެވެ. އެބަނދީގެ ޝަރަޙަ އަޑުއިވުމުން އަހަރެންގެ ހިތަށް ގޮތެއްވާން ފެށިއެވެ. އެކުވެރިޔާ ކުއްޖަކާ ހެދި މޮޔަވިއްޔޯލައެވެ. ހިތާމައަކީ އެކުވެރިޔާގެ ހިތަށް ލޮނުމިރުސް އަޅައިދިން ކުއްޖާއަކީ އަހަރެންގެ ހިތުތެރޭގައި ފޮރުވައިގެން އުޅޭނަމަކަށް ވީކަމެވެ. މިކަމަކީ އަހަރެން ގެ އެކުވެރިޔާއަށް އެނގިފައިވާ ކަމެއް ނޫނެވެ. އެކަމަކު އެކުވެރިޔާގެ ޙައްޤުގައި އަހަރެންގެ ހިތުން އެކުއްޖާގެ ނަންފޮހެލުމަށް އެރޭ ނިންމީމެވެ.
❀****❀❀****❀
އެތަކެއް ދުވަސްތަކެއް ފާއިތުވެ ހިގައްޖެއެވެ. އެކުވެރިޔާ އާއި އޭނާގެ ލޯބިވެރިޔާ ރަށުގެ އެކިހިސާބު ހިސާބުން ފެންނަން ފަށައިފިއެވެ. ރަށުތެރޭގައި ފޯރިއާއެކު މިޚަބަރު ފެތުރިއްޖެއެވެ. އެކުވެރިޔާގެ ގޭ އެންމެނަށްވެސް މިކަންތައް ގަނޑެއް ފަޅާ އަރައިފިއެވެ. އަހަރެންގެ ހިތުން ވެސް މާކަ އުނދަގުލަކާ ނުލައި، ވާން އުޅޭ ފަހަރީގެނަން ފޮހެލެވިއްޖެއެވެ.
❀****❀❀****❀
ބާރަށް ގުގުރާ ވިދަމުން ދިޔަ ރެއެކެވެ. އެކުވެރިޔާ އާ އަހަންނާ އެރޭގެ ބާރާޖަހާންދެން މަގުމަތީގައި އުޅުނީމެވެ. ބޯކޮށް ވާރޭވެހިގަތުމުން ދެމީހުން ދެމަގަށް އެޅީމެވެ. އަވަހަށް ގެޔަށް ދެވޭތޯއެވެ. ގެއަށް ދެވުނުއިރު އަހަންނަށް ހުރެވުނީ ވާރެޔާ ތެމިފޯވެފައެވެ. އަވަސް އަވަހަށް ކޮޓަރިތެރެއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން އަރާ އޮށޯތީމެވެ. ނިދުމުގެ ކުރިން އެކިއެކި ކަންކަމާ ވިސްނާ ޚިޔާލު ކޮށްލަން އޮތީމެވެ. އެހެން އޮއްވާ އިވެންފެށީ އަހަރެންގެ ކޮއްކޮގެ ހުނުމުގެ އަޑެވެ. އަހަރެންގެ ހަގަށް ހުންނަ އަންހެން ކޮއްކޮގެ އަޑެވެ. ދެވަނަ ފަހަރަށް ކޮއްކޮގެ ހުނުމުގެ އަޑު އިވުނެވެ. ނިދިތެރޭ ކޮއްކޮ ކުރާކަމެއް ނޫންކަންވެސް އެގުނީ ދެނެވެ. އެކަމަކު ތެދުވާކަށް އަހަރެން ގަސްދެއް ނުކުރަމެވެ. ކޮއްކޮގެ އަޑެއް ބަޑެއް އިވޭތޯ އޮތީމެވެ.
“ދެން… ހާދަބާރަކަށޭ… އައްދޯތް!” އަހަރެން ސިއްސައިގެން ދިޔައީ ކޮއްކޮ ހަޅޭއްލަވައިގަތް އަޑަށެވެ. އަހަރެންގެ މޭގަނޑު ތެޅިގަތެވެ. ވަދާނިކުމެގެން އުޅޭ މީހާއަށް މަހެއް އަތުޖެހޭގޮތް ވުމުން ހަމަލާދެނީ އޭ އަހަރެން ގެ ހިތަށް އެރި އެވެ.
ތެދުވެގެންގޮސް ދޮރުފަތުގައި ދެފަހަރަކު ޓަކިޖަހައިލީމެވެ. އެތެރޭން އެއްވެސް އަޑެއް ނީވެއެވެ. ދޮރުހުޅުވާށޭ ކިޔާ ބާރަށް ހަޅޭއް ލަވައި ގަތީމެވެ. އެކަމަކު ދޮރެއް ނުހުޅުވައެވެ. ކޮއްކޮ އެގޮތަށް ކަންތައް ކުރާންވީ ކީއްވެގެން ހެއްޔެވެ؟ އާއެކެވެ. ކޮއްކޮގެ ރުހުމުގައި ކެޔޮޅު މަސްބާނަނީއެވެ. އަހަރެންގެ ޝައްކުވީ ޙަޤީޤަތަކަށެވެ.
ބާރަށް ހަޅޭއްލަވައި ގޮވަން ފެށުމުން ކޮއްކޮ ދޮރުހުޅުވިއެވެ. މޫނުމަތިން ނިދީގެ އަސަރު ދައްކަމުން ކޮއްކޮ ގެންދިޔައެވެ. ދެފަހަރަކަށް އާފުރިލަމުން ބޭބެ މޮޔަވީހޭ ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިތެރެ ހޯދާބަލަން ފެށީމެވެ. ކޮޓަރީގެ ކަފޭރާމަތީ އަރެންގެ ޓޯޗް ބައްތި ހުއްޓެވެ. އެކަމަކު އެބައްތި ވާނީ އެކުވެރިޔާ އަތަށް ދީފައެވެ.
“ކާކު މަގޭ ބައްތި މިތަނަށް ގެނައީ؟” އަހަރެން އަމުރުވެރި ރާގަކަށް ކޮއްކޮއާ ސުވާލުކުރީމެވެ.
“ތިގެނައީ ބޭބެގެ އެކުވެރިޔާ…….ބުނީ ހެނދުނު ނަމަވެސް ބޭބެއާ ޙަވާލު ކޮށްދޭށޭ!”. އަވަސް އަވަހަށް ކޮއްކޮ ބުންޏެވެ.
“ކޮންއިރަކުން އޭނާ މިގެއަށް އައީ؟” މައިތިރިވެލަމުން އެހީމެވެ.
“ބޭބެ ކޮޓަރިއަށް ވަތްތަނާހެން… އޭނާ … މަގޭ އަތަށް……ފެންބޯން … ކޮޓަރިން ….. ނިކުތް ވަގުތު … ދިމާވީ..” ކޮއްކޮއަށް ކިޔުނު އެއްޗެއް އަހަންނަށް ނޭގުނު ތާނގައި ޚުދު ކޮއްކޮއަށް ވެސް ނޭނގޭނެކަން އަހަންނަށް އެނގުމުން ދޭހަވީ ކޮއްކޮ ކޮންމެވެސް ކަމެއް ފޮރުވާކަމެވެ.
“ދެންމެއަކު ކޮއްކޮ ހަޅޭއްލެވިއަޑު އެހިން!” ދާހިއްލާ ފޯވެފައިވާ ކޮއްކޮގެ މޫނަށް ބަލައިލަމުން އަހަރެން ބުނީމެވެ. އެއްޗެއް ވިސްނާލަމުންނެވެ.
ކޮއްކޮ އެއްވެސް އެއްޗެކޭ ނުބުނެ ގަނޑުވެފައި ހުއްޓެވެ. ކޮއްކޮއަށް އައިސްފައިހުރި ބަދަލުން އަހަންނަށް ވިސްނުނެވެ. ހުރިހާކަމެއްވެސް އެނގުނެވެ. ގަތް ލަދަކާއި ހުރެ އަވަސް އަވަހަށް ކޮޓަރިއަށް ވަނީމެވެ. އަހަރެން ކުރާނީ ކީއްހެއްޔެވެ؟ މިކަންތައް ގަނޑުގެ ވާހަކަ މަންމަމެންނަށް އަންގަންވީ ހެއްޔެވެ؟ ނުވަތަ ކަމާބެހޭ ފަރާތަށް އަންގަންވީ ހެއްޔެވެ. އެކަމަކު އޭރުން ބަދުނާމް ވާނީ އަހަރެމެންނެވެ. ކޮއްކޮ އެކަހަލަ މުޑުދާރު ޢަމަލެއް ހިންގާފާނެ ހެއްޔެވެ؟ އަހަންނާ ދެބޭންގެ ދެދަރި، އަހަރެންގެ އެންމެގާތް މިތުރު އަހަރެންގެ ކޮއްކޮއާއެކު އެފަދަ މުޑުދާރު ޢަމަލެއް ހިންގަފާނެ ހެއްޔެވެ؟
❀****❀❀****❀
ކައިވެނީގެ ސައެކެވެ. ތިޔަހީކުރީ ރަނގަޅަށެވެ. އަހަރެންގެ އެންމެ ގާތް މިތުރާއި ކޮއްކޮ ކައިވެނީގެ ގޮތުން ބަނދެވުނީއެވެ. އެއީ އެކަމަކާގެ އުފަލުގައި ތައްޔާރުކުރި ސައެކެވެ. ދެޢާއިލާގެ މެންބަރުން ކުރެ ކޮންމެމީހަކުވެސް މެހެމާނުންނަށް އުފާވެރިކަމުގެ މޫނެއް ދައްކަމުން އެމީހުންނަށް މަރުޙަބާ ކިޔެވެ.
ބައެއް މެހުމާނުންގެ މަލާމާތުގެ ބަސްތައް ރައްދުވިއެވެ. އެހައި ޅަ ޢުމުރުގައި އަހަރެމެންގެ ރަށުގައި ކުރެވޭ ފުރަތަމަ ކައިވެނި ކަމަށް ވީތީއެވެ. ކޮއްކޮގެ ޢުމުރަކީ ސާދަ އަހަރެވެ. އަހަރެންގެ އެކުވެރިޔާގެ ނުވަތަ ޅިޔަންބެގެ ޢުމުރަކީ ފަނަރަ އަހަރެވެ. ޖިސްމާނީ ގޮތުން ފުރާފުރިހަމަ ވެފައިވާ ދެމަފިރިންނެކެވެ. އެ ކަމަކު ނަފްސާނީ ގޮތުން ކުޑަކުދިންނެވެ. މަލާމާތުގެ ބަސްތަކުގެ އިތުރުން ނަސޭހަތުގެ ބަސްތައްވެސް ކޮއްކޮމެންނަށް ލިބެމުން ދިޔައެވެ.
ކޮއްކޮ އާއި ޅިޔަނުގެ މޫނުމަތީން ކޮންމެވެސް ބޮޑު ފިކުރެއްގެ އަސަރު ފާޅުވެއެވެ. އެކަމަކު ފިކުރުތަކެއް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކޮއްކޮ މަންމައަށް ކިޔާދިން ގޮތުން އެރޭ ކެޔޮޅަށް މަސްބޭނޭ ގޮތެއް ނުވެ އެވެ. މަސްއައިނަށް އެންއުކާން ފެށިތަނާ ދޮރުފަތުގައި ޓަކިތަޅައިގަތް އަޑަށް ތިލަވެފައި އޮތް މަސްއައިން ފިލި ޖަހާލާފައި އަޑިއަށް ދިޔައީ އެވެ. ހިޔާވައްސެއް ހޯދީއެވެ. އެނދު ދަށަށް ވަދެފިލީއެވެ.
މަންމަމެން ކޮއްކޮގެ ވާހަކަތައް ޤަބޫލު ކުރިކަމެއް ނުވަތަ ނުކުރާކަމެއް އަހަންނަކަށް ނޭގެއެވެ. ލިބިދާނޭ ހުތުރު ނަމަކަށް ޓަކައި ދެޢާއިލާގެ ފަރާތުން ކައިވެނި ހަމަޖެއްސިއެވެ. އެހެން ގޮތަކަށް ބުނާނަމަ ބިތުފަންގި އާކޮށްލީއެވެ. ކެޔޮކެވުނު ވަރު އެނގޭނީ ބިތުފަންގި ނެތީމާތާ އެވެ. ފަންގި އާކޮށް ލުމުން ބިތުފަން ގެ ނަގަން ޖެހޭލެއް ދަސްވާނެތީ ބިތުފަންގި އާކޮށްލީ އެވެ.
❀****❀❀****❀
އެއްބަޔަކު އުފާކުރާއިރު އަނެއްބަޔަކު ރޯނެއެވެ. ކޮއްކޮ އާ ޅިޔަނު އުފާވެރި ކަމުގެ ދުވަސްތަކެއް ވޭތުކުރަން ފަށައިފިއެވެ. ޅިޔަނު އޭނާގެ މާޒީ ކޮއްކޮއަށް ކިޔައިދީފާނެ ކަންނޭގެއެވެ. އެމާޒީގައި ރީތި ކުލައެއް ޖެއްސި ޚާދިމާއެއް މިއަދު ހިތާމައިން ހިތްހަލާކުވެފާ އިންނާނެކަން ގައިމެވެ. އެއީ ޅިޔަނުގެ ކުރީގެ ލޯބިވެރިޔާއެވެ. އެކުވެރިޔާ އަށް ޓަކައި އަހަރެންގެ ހިތުތެރޭގައި އެކުއްޖާގެ ނަން ބިންވަޅު ނެގިފައި އޮށްވާ އެތަކެއް މަސައްކަތުން އެނަމެއް ފޮހެލެވުނު ކުއްޖާއެވެ. ދެވަނަ ފަހަރަށް އެކުއްޖާގެ ނަން އަހަރެންގެ ހިތުތެރޭގައި ލިޔެވެން ފެށިއެވެ. ކިތައްމެ ފަހަރަކު އެކުއްޖާ އާއި ވާހަކަ ދައްކައިލުމަށް އަހަރެންގެ ހިތް އެދެމުން ދެއެވެ. އެކަމަކު އެކުއްޖާ ހިކުރާނީ ކިކޭ ހެއްޔެވެ. އެކުއްޖާގެ ނަޒަރުގައި އަހަރެންގެ އެކުވެރިޔާގެ ކުށެއްނެތެވެ. ކުށްކުރީ އަހަރެން ނެވެ. އެކުއްޖާއަށް ލޯބިހުށަހެޅުމުން ލިބޭނެ ޖަވާބުވެސް އަހަންނަށް އެނގެއެވެ.
“މަގޭ ތެޔޮނާށި ގެން ގޮސްފަ އެވަރުން ނުވެގެން ފުޅިމަދު އުނގުރިއަކަށްވެސް ވީދޯއެވެ.” އެކުއްޖާގެ ޖަވާބަކަށް ވާނީ މިޖަވާބެވެ.
އެކަމަކު އަހަންނަށް ކެތް ނުކުރެވޭ ވަރު ވެއްޖެއެވެ. ހިތާމައިން ހިތް ހަލާކުވެފައިވާ މިކުއްޖާއަށް އެހީވުމަށް އަހަރެން ނިންމީމެވެ. ފަހުން ކަންތައްވެދާނެ ގޮތަކާއި މެދު ވިސްނާވެސް ނުލައެވެ.
އެކުއްޖާއަށް ލޯބިހުށަހެޅުމުން ލިބުނީ ހީވެސް ނުކުރާ ކަހަލަ ޖަވާބެކެވެ. އުފާވެރިކަމާއެކު އޭނައާ ދިމާލަށް އަހަރެން ދިއްކޮށްލި ނާށިގަނޑަށް ބައިރުފިޔާ ފޮއްޗެއް ވައްޓާލިއެވެ. އެބައިރުފިޔާ ފޮތީގައި އުފާވެރި ކަމާއެކު އަހަރެން ބޮސްދިނީމެވެ. އޭނާ އަހަންނާ އަލުން ގުޅުމަށް ނިންމި އެވެ.
އަހަރެމެން ދެމީހުންގެ ބައްދަލުވުންތައް ބާއްވަން ފެށީމެވެ. އަހަރެންގެ އުމުރުގެ ގޮތުން ޅަކަމާއިހުރެ އަހަރެން ހީކުރީ މިކުއްޖާ އަށް މާފޮޅުވައި ދިނުމުގެ ޤާބިލިއްޔަތު ކަމެއް އަހަންނަށް ނުލިބޭނޭ ކަމަށެވެ. އާކުކުޅަކަށް ގާބިސް އެޅޭ ފަދައިން މިކަން އަހަންނަށް ކުރެވޭގޮތް ދިމާވިއެވެ. އަންހެން ކުދިން ފެނުމުން ލަދުން އެމީހުންނަށް ފިލަންދުވާ މީހާގެ ލަދުހަޔާތް ކެޑިއްޖެއެވެ. އަހަރެންގެ ހިތުގެ ރާނީއަކީ ލޯބީގެ ކުޅިގަނޑަށް ފަރިތަ ކުއްޖެކެވެ. އަހަންނަކީ މިކަމަށް އަކުއްޖަކީމެވެ. އެކަމަކު މަޑުމަޑުން އަހަންނަށްވެސް ކަންތައްތައް ދަސްވާން ފެށިއެވެ. ލޯތްބަކީ ހިތަށް ހަމަ ޖެހުންތަކެއް ލިއްބައިދޭ ކަމެއްކަން އެނގުނެވެ. ލޯބީގެ އުކުޅުތައް އެގުނެވެ. ލޯބީގެ ފޮނި އަރާމުތައް ލިބިގަތުމަށް އިންތިހާއަށް ބޭނުންވިއެވެ.
❀****❀❀****❀
އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ކާމޭޒު ދޮށަށް ދިޔައިރު ފެނިގެން ދިޔައީ އާދަޔާ ޚިލާފު މަންޒަރެކެވެ. މޭޒުމަތީގައި ތަށިތައް ވިއްސާލާފައި ހުއްޓެވެ. ބައެއް ޖޯޑު ތައް ހުރީ ތެޅިފައެވެ. ސައިން މޭޒު މަތި ތެމިފައެވެ. ކޮއްކޮ މޭޒުމަތީގައި އަތްވިދެ ލައިގެން ރޯންއިނެވެ. ވެގެން އުޅޭގޮތް އަންދާޒާ ކޮށްލަން އެނގިއްޖެއެވެ. ޅިޔަނު ރުޅިއައީއެވެ. ނުރުހޭ ކަހަލަ ކަމެއް ފެނުނީއެވެ. ޅިއަންބެޔަކީ ރުޅިގަދަ މީހެކެވެ. އެއްވެސް އިރެއްގައި އެއީކީ ސަކަމިޒާޖެއްގެ މީހެއްނޫނެވެ. ސަމާސާ އެއްގެ ގޮތުން ކޮށްލާ ކަމަކުން ވެސް އިސާހިތަކު ސިނގު ރުޅި އައިސްފާނެއެވެ. ޅިޔަނުގެ ތަބީއަތް އެންމެބޮޑަށް އެނގޭނީ އަހަންނަށެވެ. އެކަމަކު ޅިޔަނުވެސް ހުޝިޔާރެވެ. އަހަންނަށް އަންގައިވެސް ނުލާ ލޯބީގެ ކުޅިގަނޑު ކުޅެމުން ދިޔައެވެ. ހަމައެދުވަސްވަރު އަހަރެންގެ ހިތުގެ ރާނީ ހައްލުވާލީއެވެ. ޅިޔަނުދެކެ އަހަރެން ރުޅިއަންނަން ޖެހުނީ މިސަބަބާ ހުރެއެވެ. އަހަރެންގެ ކޮއްކޮ އާ ރައްޓެހިވެގެން އުޅެމުން އެހެންމަލަކުން ފޮނި ބޮމުން ދިޔައީތީއެވެ. އެގޮތަށް އުޅޭމީހުން ދުވަހަކުވެސް ރަނގަޅު ނުވާނޭކަން އަހަންނަށް އެނގެއެވެ. ކޮއްކޮ އަށް އެކައިވެނި ކުރެވުނީ ބައްޕަމެންގެ ރުހުމާއި އެކުގައެވެ. ލިބިދާނެ ދެރައަކަށްޓަކައި ބައްޕަމެން ޤަބޫލު ވީއެވެ. އުއްމީދުގެ ހުޅުކޮޅު އުޖާލާ ކަމާއި އެކީ ދިއްލިފައި ހުއްޓާ އެހުޅުކޮޅު ނިއްވާލުމަށް ޅިޔަނު މަސައްކަތް ކުރަނީކަން ނޭގެއެވެ.
“ކިހިނެއްވީ ކޮއްކޯ… “އޯގާތެރި ކަމާއި އެކު އަހައިލީމެވެ. ކޮއްކޮއަށް ޖަވާބެއްދެވޭނެހާ ހިތްވަރެއް ނުލިބުނެވެ. ހަމަރޮނީއެވެ. ކޮއްކޮ ހަމައަކަށް އެޅުމުން އެކަންތައް އޮޅުން ފިލުވުމަށް އަހަރެން މަޑުކުރީމެވެ.
❀****❀❀****❀
ދިލަދިލަ ހޫނުކަމެއް މާޙައުލަސް ވެރިވެފައި އޮތުމަށްފަހު ކުނިވިއްސާރަ ވެހެން ފެށިއެވެ. މުސްކުޅިން ބުނެއުޅޭ ގޮތުން ކޮންމެވެސް މީހަކު މަރުވެގެން ވާރޭވެހެނީއެވެ. ނުވަތަ ވިގަނި ވާރޭވެހެނީއެވެ. މަގުމަތީގައި ކޮއްކޮމެން ދެކޮޅަށް ދުވެދުވެފައި އުޅެއެވެ.
“ވާރެޔާ ބޯއްޓޯ ކުދިން ކުޅޭ ނާއްޓޯ…” މިބަންޖެއް ކިޔަމުން ކޮއްކޮ ގޭތެރެޔަށް ވަނެވެ. ކޮއްކޮގެ ދެދަތްދޮޅި ހީވަނީ އިން ޖީނެއްގެ ފިސުޓަން ތެޅޭހެންނެވެ.
“ތުއްތު… ތުއްތު…ތުއްތައްތަ ރޯ… ރޯން އެބަހުރި!” ކޮއްކޮ އެތަކެއް މަސައްކަތުން ބުންޏެވެ.
އަހަރެން ބަދިގެއަށް މިޞްރާބު ޖެހީމެވެ. ބަދިގޭ އޮޅިގަނޑުމަތީ ކޮއްކޮ އިނެވެ. އަތުގެ ކުޑަ ހުޅުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ކޮއްކޮ އަޑުވީއްލާ ރޯންފެށީ އަހަރެން ފެނުމުންނެވެ. ކޮއްކޮގެ އަތުގައި ޅިޔަނު އަލީފާން ޖެއްސީއެވެ. އެތަނުން ވަރުގަދަ ފޮޅެއް ނަގާފައި ހުއްޓެވެ. އެމަންޒަރު ފެނުމުން އަހަރެންގެ ލަގޮނޑިއަށް ކެތްވާވަރެއް ނުވިއެވެ. ބާރަށް ހަޅޭއްލަވައި ގަތީމެވެ. ކޮއްކޮ އިހުނަށް ވުރެ ބާރަށް ރޯންފެށިއެވެ.
“ކޮބާ އެނުލަފާ މީހާ”! މައިތިރިވެލަމުން އެހީމެވެ. ކޮއްކޮއަށް ޖަވާބެއް ނުދެވުނެވެ. ކޮއްކޮ ރޯންފެށިޔަސް ނިމުނީއެވެ.
“މަ މިހިރީ.. ކިހިނެއްވެގެންތަ ތިއުޅެނީ… އޭނ!!؟؟ … މީކީ ކަލެޔާ ބެހޭ ކަމެއްނޫން… މީ އަހަރެމެން ދެމަފިރިންގެ މައްސަލައެއް…!” ޅިޔަނު ސިނގުރުޅީގައި ހަޅޭއްލަވަން ފެށިއެވެ.
“ބެހޭކަމެއް… މިވަގުތު އޭނާގެ ބަލަދުވެރިޔަކީ އަހަރެން.. ކަލޭ ނުޖެހޭނެ ކޮއްކޮ އަށް އަނިޔާކުރާކަށެއް… މާފޮނި ބޮޑުވެގެން އުޅެންޏާ ހޭއަރުވާލަފާނަން… ކީއްވެ ބަދިގެ ތެރޭގައި ފިލާ ތިހުންނަނީ”…! އަހަރެންގެ ރުޅިގަނޑު ހައްދުން ނައްޓައިފި އެވެ.
“ކަލޭ ހިކުރަނީތަ! … ކުޑައިރު ތަޅާ ފޮޅައިގެން ކަލޭ މޮޅުވީމަ މިހާރުވެސް މޮޅުވެވިދާނޭ… ބަލަ މަށަކީ ވެސް މިހާރު ވަރުހުރި ޒުވާނެކޭ!”
“ތިޔައީ އަދިކިރިޔާ ޒުވާން ފުރާވަރަށް އަޅާފައި ހުރި މީހެއް!” ފަޚުވެރި ވެލަމުން ޅިޔަނު ވާހަކަ ދެއްކިއެވެ. އެކަމަކު ޅިޔަނު ކިހާ މޮޔަހެއްޔެވެ. ޅިޔަނު ހީކުރީ އަވަހަށް މީހަކާ އިނދެވުމަކީ ނަސީބުވެރިންނަށް ކުރެވޭ ކަމެއް ކަމުގައި ތޯއްޗެކެވެ.
❀****❀❀****❀
އަނެއްކާވެސް އެހެން ދުވަހެކެވެ. އަހަރެމެންގެ އުފާވެރި އާއިލާގެ މައްޗަށް ވެރިވެފައި އޮތް ކަޅުވިލާގަޑުން ހޮނުގުގުރިއެއް ޖެހި ދުވަހެކެވެ. އެދުވަހުވެސް ޅިޔަނު ހަމައިން ނެއްޓުނީ އެވެ. ކޫސަނި ކަމަކާއެވެ. ކައްކާފައިހުރި ބަތްތެލީގައި ލޮނުރަހަ ގަދަކަމުންނެވެ.
“މިގޭގައި ލޮނު ހުސްވީދޯ!” ޅިޔަނު ބުނެލިއެވެ. އެއީ ޅިޔަނުގެ ފުރަތަމަ ހަމަލާއެވެ. ދެވަނަ ހަމަލާއެއްގެ ގޮތުން ކޮއްކޮގެ އަތުގައި ޅިޔަނު ހިފިއެވެ. އަތުގައި ހިފާ ލަތްކެއް ޖެހުމަށްފަހު އެތިވަރު ގޮވާން ފެށިއެވެ. އެއްވެސް ލަދެއް ހަޔާތެއް ނެތިއެވެ. އޭނާގެ ކުރިމަތީގައި އަހަރެންގެ އިތުރުން އަހަރެމެންގެ ބައްޕަމެން ވެސް ތިއްބެވެ. އެމީހުންނަށް ވެސް ބަލާލުމެއް ނެތި އޭނާ ހަޅޭއްލަވަން ފެށީ އެވެ. ބައްޕަކެއުން ހުއްޓާލިއެވެ. މަންމައަކަށް މަޑަކުން ނީނދެވުނެވެ. ބަޑުހައިވެފައިވާ އެމިނިކާވަގުގެ ކިބައިން އަހަރެންގެ ކޮއްކޮ ސަލާމަތް ކުރުމަށް މަންމަ އަވަސްވެގަތެވެ. ކޮއްކޮ ސަލާމަތް ކުރެވުނެވެ. އެކަމަކު އެމިނިކާވަގުގެ ޝިކާރައަކަށް ވިފަހުންނެވެ. އައިސްފައިހުރި ގަދަރުޅީގައި އޭނާ މަންމަގެ ބޮބިފަޅިމަތީގައި އެތި ފަހަރެއް ޖެހިއެވެ. މަންމަގެ އަނގައިން އާހުގެ އަޑު ބޭރުވިއެވެ. ބައްޕަ ބާރަށް ހަޅޭއްލަވައި ގަތެވެ. ބައްޕައަށް ކުރެވޭނެ ވަރަކީވެސް އެއެވެ. އޭރު ބައްޕައަކީ ނުކުޅެދޭ މީހެކެވެ. އެއްފަޅި ވާވެފައިވާ މީހެކެވެ. އަމިއްލަ ހާލައިގެން ކޮޅަށް ހުރުމަކީ ދަތިކަމެކެވެ. ވީތަދުން މަންމަ ދުރަށް ޖެހިލިއެވެ. އަހަރެން މަޑުން އިނދެވޭތޯ ބެލީމެވެ. އެކަމަކު މަންމައަށް އެހާލު ޖެހުމުން މަޑަކުން ނީނދެވުނެވެ. ޅިޔަނު ދެވަނަ ފަހަރަށް ކޮއްކޮއަށް އަނިޔާ ކުރަން ފެށިއެވެ. މިފަހަރު އެދޭތެރެއަށް ވަނީ އަހަންނެވެ. ޅިޔަނުގެ ބޮލުގައި އެތިފަހަރެއް އެޅީމެވެ. ކާމޭޒު ކައިރީގައި ލައްކޮއްލާފައި ހުރި ފުރޯދަނޑިއަކުން ނެވެ. ޅިޔަނުގެ އަގައިން ހަޅޭކެއްގެ އަޑު ބޭރުވުމަށްފަހު ހުރިތަނަށް ދެމިއްޖެ އެވެ. ކޮއްކޮ ބާރަށް ރޯންފެށި އެވެ. އަވަސް އަވަހަށް ޅިޔަނުގެ ބޮލުން ރަހުމެއްނެތި ފައިބަމުންދިޔަ ލޭތައް މަނާކުރެވޭތޯ ބަލަން ފެށިއެވެ. މަންމަ އެކަމާ ނުރުހުނެވެ.
ޅިޔަނުގެ ބޮލުގައި އެތިފަހަރެއް އެޅީމެވެ. ކާމޭޒު ކައިރީގައި ލައްކޮއްލާފައި ހުރި ފުރޯދަނޑިއަކުން ނެވެ. ޅިޔަނުގެ އަގައިން ހަޅޭކެއްގެ އަޑު ބޭރުވުމަށްފަހު ހުރިތަނަށް ދެމިއްޖެ އެވެ. ކޮއްކޮ ބާރަށް ރޯންފެށި އެވެ. އަވަސް އަވަހަށް ޅިޔަނުގެ ބޮލުން ރަހުމެއްނެތި ފައިބަމުންދިޔަ ލޭތައް މަނާކުރެވޭތޯ ބަލަން ފެށިއެވެ. މަންމަ އެކަމާ ނުރުހުނެވެ. ކޮއްކޮއަށް ހުރަސް އެޅިއެވެ. އެކަމަކު ކޮއްކޮގެ ޖަވާބަކީ އެއީ ތިމަންނަގެ ފިރިމީހާ އޭ ބުނުމެވެ. ކޮއްކޮގެ އެމަތިވެރި އަޚުލާގު ފެނިފައި އަހަރެން އުފާވިއެވެ. އަންހެނުންނަކީ ހާދަހާ ރިވެތި އަޚުލާގެއްގެ ބައެކޭ އަހަރެންގެ ހިތަށް އެރިއެވެ. ޅިޔަނަށް އެވަރުވުމުން އަހަރެން ނުހަނު ދެރަވި އެވެ. ކުށްވެރިއެއް ކަމަށް އިހުސާސް ކުރެވުނެވެ. އެކަމަކު ޅިޔަނު ހޭއެރުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޅިޔަނު އެމައްސަލަ ހިފައިގެން އޮފީހަށް ނުދިޔަކަމާ މެދު އަހަރެން ޝުކުރު ވެރިވަމެވެ. ހެއްދެވި ފަރާތަށެވެ. އެދުވަހުގެ އެހާދިސާގެ ކަންތައްގަނޑު އެގޭނީ އަހަރުމެން ހަތަރު މީހުނަށެވެ. ރަށުގެ އެހެން ބަޔަކަށް އެކަމުގެ ވަސްވެސް ފޯރާފައެއް ނުވެއެވެ. ޅިޔަނުގެ ރުޅިގަނޑު އެދުވަހަށް ފަހު ތަންކޮޅެއް ތައްކަތު ވެލިއެވެ. ތަންކޮޅެއްވެސް ނޫނެވެ. މާބޮޑަށްވެސް އިސްލާހު ވެއްޖެއެވެ. އަޖައިބެއް ކަހަލަ ކަމެކެވެ. އެކަމަކު ޝުކުރު ހުއްޓެވެ. ކޮއްކޮއާ އަހަރެމެންގެ އާއިލާއަށް އުފާވެރިކަމުގެ ދުވަހެއް ދެއްކެވީތީއެވެ.
❀****❀❀****❀
ހަނދުވަރީ ރެއެކެވެ. އެރޭގެ އެގާރަޖަހާ އެހާކަންހާއިރެވެ. ރަށުގެ ގިނަ މީހުން ނިދާހަރުވެދާނެއެވެ. އަހަރެން ލޯބިވެރިޔާއާ ބައްދަލުކުރަން ދިއުމަށް ނިކުތީމެވެ. އަމާންކަމާއި ބިރުވެރިކަން ވެރިވެފައިވާ މާހައުލެކެވެ. އަހަރެން ލޯބިވެރިޔާގެ ކޮޓަރި ތެރެ އަށް ފުންމާލީމެވެ. ވަގު ދޮރަކުންނެވެ.
ވަށައިގެން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީމެވެ. ލޯބިވެރިޔާގެ ހިލަމެއްވެސް ނެތެވެ. އިރުކޮޅެއް ވަންދެން މަޑުކޮށްލުމަށް ނިންމީމެވެ. ފަހަރެއްގައި ލޯބިވެރިޔާ ގިފިއްޔަށް ދިޔައީ ކަމަށްވެސް ވެދާނެއެވެ. އެކަމާ އިންތިޒާރުގެ ފަނަރަ މިނެޓް ވޭތިކޮށް ލެވިއްޖެއެވެ. ލޯބިވެރިޔާގެ ކޮޓަރިތެރެ ފަޅުފިލުވާ ލެވޭ ގޮތެއް ނުވިއެވެ. އަދިވެސް އަހަރެން އިންތިޒާރު ކުރުމަށް ނިންމީމެވެ. ލޯބިވެރިޔާގެ އެދުމަތީގައި އޮއްވާ ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވޭން ފެށިއެވެ. އެކޮޓަރިއާ ދިމާއަށެވެ. އަވަސް އަވަހަށް އެނދު ތަން ދޮށަށް ވަނީމެވެ. ލޯބިވެރިޔާގެ އެދުދަށުގައި ހަމަޖެހިލައިގެން އޮށޯވެލީމެވެ. ކޮޓަރީގެ ދޮރުހުޅުވާލާފާ މީހަކު ވަނެވެ. ހުސްފަޔާ ތަރަފާލު މަތީގައި ފިޔަވަޅުތައް އަޅަމުން އެނދާއި ކައިރި ވަމުންދެއެވެ. ފަރުވާތެރިކަމާއެކު އެފަޔަށް ބަލާލީމެވެ. ދެވަނަ ފަހަރަށްވެސް ބަލާލީމެވެ. ގައިމުކޮށް ލުމުގެ ގޮތުންނެވެ. އެއީލޯބިވެރިޔާގެ ފައިތިލައެއް ނޫނެވެ. ކޮންމެވެސް އެހެން މީހެއްގެ ފައެކެވެ. ލޯބިވެރިޔާގެ ފަޔާ ދާދި އެއްވަރެއްގެ ފަޔެކެވެ. އެއީ އެގޭގައި ކިޔަވަން ހުންނަ އެހެން ރަށެއްގެ ކުއްޖެކެވެ. އެކަމަކު އެކުއްޖާ މި ކޮޓަރީގައި ކުރަނީ ކީއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ.
އެނދު ކައިރީ ކުޑައިރުކޮޅަކު ހުރުމަށްފަހު އެކުއްޖާ ހަރުގަނޑާ ދިމާއަށް މިޞްރާބު ޖެހިއެވެ. ހަރުގަނޑު ކައިރީ ހުރިއިރު އެކުއްޖާގެ ހަމަ އިސްކޮޅު ރަނގަޅަށް ފެނެއެވެ. އެކުއްޖާ ހުރީ ހަރުގަނޑާއި ކުރިމަތިލައިގެންނެވެ. އެނދާ ދިމާއަށް ފުރަގަސްދީގެންނެވެ.
އަހަރެން އެކުއްޖާއަށް ބަލަން އޮތީމެވެ. ހަރުގަނޑުމަތީން ހެދުމެއް ނެގިއެވެ. ނިދާ ހެދުމެކެވެ. އެކުއްޖާ އެއްޗެހި ބަދަލު ކުރުމަށް ހެދުން ބާލަންފެށިއެވެ. އަހަރެން އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލީމެވެ. އެކަމަކު އޭރު އެކުއްޖާގެ ހާމަޔާށް އޮތް ބުރަކަށި ފެނިއްޖެއެވެ. ފުޅިބައްތީގެ އަލިކަމުގެ ތެރެއިންނެވެ. އަހަންނަށް ނޭނގޭ ގޮތްތަކެއް ވާން ފެށިއެވެ. އަނެއްކާވެސް އެކުއްޖާއާވީ ފަރާތަށް އަހަރެން މޫނު އަނބުރާލީމެވެ. އޭރު އެކުއްޖާ ހެދުންބާލާ ނިމިއްޖެއެވެ. ފަރުވާ ތެރިކަމާއެކު އަހަރެން ބަލަން އޮތީމެވެ. އިޚްތިޔާރަކާ ނުލައެވެ. އަލަށް އެކަހަލަ މަންޒަރެއް، އެހާމެ މިނިވަންކަމާއި އެކު ބަލައިލުމުގެ ފުރުޞަތު ލިބުމުން ނުބަލާނީ ފަހެ ކާކު ހެއްޔެވެ؟ ފަރިފަރި ބައްޓަމަކަށް ހަދާފައި ހުރި ބުދެއްކަހަލައެވެ. ރަތް ދޮންކުލައިގެ ހަށިގަނޑެކެވެ. ފަރުވާތެރި ކަމާއެކު އެކުއްޖާގެ ބޮލުން ފެށިގެން ފަޔާހަމައަށް ބަލާލީމެވެ. އެކުއްޖާ ހުއްޓިލައިގެން ހުއްޓެވެ. އަހަރެން އެކުއްޖާގެ ހަށިގަނޑަށް ބަލަމުން ގެންދިޔައިމެވެ. ކަޅިޖަހާވެސް ނުލައެވެ. އިސާހިތަކު ފެންބޮވަން ފަށައިފިއެވެ. ކަރުހިއްކަން ފަށައިފިއެވެ. ބުނަން ނޭގޭ އިޙްސާސް ތަކެއްގެ ސަބަބުން އަހަރެންގެ ސިކުނޑި ހަމައިން ނެއްޓޭ ވަރުވިއެވެ. އޮތްތަނުން ތެދުވެގެންގޮސް އެކުއްޖާގެ ކުރިމައްޗަށް ހުއްޓެން ވީއޭވެސް ހިތަށް އެރިއެވެ. ނަސީބެކެވެ. އެގޮތަށް ޢަމަލު ކުރާކަށް ނުޖެހުނެވެ. ހަރުގަނޑުމަތީ ހެދުން ބޭއްވުމަށްފަހު އެކުއްޖާ އެނދާ ދިމާއަށް އެބުރިލިއެވެ. ސަހަރޯއެވެ. އަހަރެންގެ ހިތް ހުއްޓުނުހެން ހީވިއެވެ. ފުރިހަމަ ވަނާތައް ފެނުމުން ގައިން ހީބިހިނަގައިގެން ދިޔައެވެ.
އެކުއްޖާ ހެދުން ލައިގެން އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އެވަގުތު އަހަރެންގެ ހިތް އެދެމުން ދިޔައީ ތެދުވުމަށެވެ. ވަގުތު ނަގައިނުލާ ސުފުރާ މައްޗަށް އިންސާފު ކުރުމަށްވެސް ހިތް އެދެމުން ދިޔައެވެ. އެކަމަކު އަހަރެންގެ ހިތުގެ މައްޗަށް ކެތްތެރި ކަން ބާރުފޯރުވި އެވެ. ޝައިޠާނާގެ ވަސްވާސް ތަކަށް ހެއްލިނުގަތުމަށް އިންޒާރު ދެމުން ގެންދިޔައެވެ. އެއިންޒާރު ތަކަށް އަހަރެން ބޯލެނބީމެވެ. އެނދު ދަށުގައި މަޑުކޮށް ލައިގެން އޮތުމަށް ނިންމީމެވެ. އެކުއްޖާ ނިދުމުން ތެދުވުމަށެވެ. އަހަންނަށް އެހެން ގޮތެއްވެސް ނެތެވެ. ތެދުވެއްޖެއްޔާ އެކުއްޖާއަށް ފެންނާނެ އެވެ. ދެން ކުރިމަތިވާނެ މައްސަލަތައް މާގިނަވާނެ އެވެ.
❀****❀❀****❀
އަހަން ނަށް ހޭލެވުނީ ހަތެއްޖެހި އިރުއެވެ. އެރޭ ދިމާވި ހެއްވާ ކަންތައްތަކާ ވިސްނާ ޚިޔާލު ކޮށްލީމެވެ. އެޚިޔާލުތައް ކޮށްލުމުން އަހަރެންގެ ހިތަށް ވެރިވެގެން ދިޔައީ އޭނާގެ އަސަރުގަދަ ސޫރައެވެ. ދަތްހުރިއިރު ކާށި ނުކެވުނީތީ ހިތާމަކުރީމެވެ. އެދުވަހު މެންދުރެއްހާއިރު ލޯބިވެރިޔާ އާ ދިމާވިއެވެ. އެރޭ އަހަރެން ނުދިޔައީ ކީއްވެގެންތޯ ލޯބިވެރިޔާ ސުވާލު ކުރިއެވެ. އަހަރެން ޖަވާބުގައި ބުނީ އެރޭ ކަންތައްތައް ދިމާވިގޮތުން ނުދެވުނީ ކަމަށެވެ. ޤަސްދުގައި ލޯބިވެރިޔާއަށް އޮޅުވާލީމެވެ. އެރޭ ދިމާވި ޙާދިޘާ ކިޔަނުދިނުމަށް ނިންމީމެވެ. ބުއްދިވެރި ގޮތަކީވެސް އެއީ ކަމަށް އަހަންނަށް ޤަބޫލުކުރެވުނެވެ. ލޯބިވެރިޔާގެ އިތުރު ޝަކުވާއެއް ނުލިބެއެވެ. ރޭގަނޑު ބައްދަލުވުމަށް ދަޢުވަތު ދެމުން ވަކިވިއެވެ. އަނެއްކާ އަނެއްކަންތައް ލައިގެންފި އެވެ. ލޯބިވެރިޔާގެ ކިބައިން މިންޖު ވެވުނުއިރަށް، ލޯބިވެރިޔާގެ ކޮޓަރިން ދިމާވި ކުއްޖާ ފެނުނެވެ. އަހަރެން އެކުއްޖާއަށް ބަލައިލީމެވެ. ލޯބިވެރިޔާ އާ އަޅައި ބަލާއިރު މާރީތި ކުއްޖެކެވެ. ކަޅިޖަހާވެސް ނުލައި އަހަރެން އެކުއްޖާއަށް ބެލީމެވެ. އެކުއްޖާއަށް އެކަން ފާހަގަވެސް ކުރެވުނެވެ. ގަތްލަދެއްގެ ސަބަބުން އެކުއްޖާ ދުއްވައިގަތެވެ. އަސަރުގަދަ ހިނިތުންވުމެއް މޫނުމައްޗަށް ވެރި ކުރުވަމުންނެވެ.
❀****❀❀****❀
ދުވަސްތަކެއް ފަހުން، އެހެންދުވަހެކެވެ. އޭރު އަހަރެންގެ ލޯބިވެރިޔާ ވެސް ކަޓައިފި އެވެ. އެހެންވެގެން ކަމަށްވެސް ވެދާނެ އެވެ. އަހަރެންގެ ސިކުނޑި އެނބުރޭން ފެށިއެވެ. އެނބުރޭ ވަހުތާނެއްގެ މިސާލުގައެވެ. ލޯބިވެރިޔާ ކެޓުމުން އެކަމާ އެއްވެސް ވަރަކަށް އަހަރެން ދެރައެއް ނުވަމެވެ. ދެރަވާން ޖެހުނީ އެންމެ ސަބަބަކާއި ހުރެއެވެ. ލޯބިވެރިޔާ އާއި ޅިޔަނު އާފެށުމަކުން އެމީހުންގެ ލޯބީގެ ކުޅިގަނޑު ފެށީމައެވެ. އެކަން ކޮއްކޮއަށް ރޭކާވެސް ނުލައެވެ. އަހަންނަށް ވެސް އެގުނީ އެއްރެއަކު ލޯބިވެރިޔާ އާއި ބައްދަލު ކުރުމަށް އޭނާގެ ކޮޓަރިއަށް ވަތްވަގުތުއެވެ. އޭރު ލޯބިވެރިޔާގެ އުނގުތެރެ ފަޅުފިލުވައިދިނުމަށް ޅިޔަނު އޮތެވެ. ނަސީބެކެވެ. އެމީހުންނަކަށް އަހަންނެއް ނުފެނެއެވެ. އަވަސް އަވަހަށް ވަތްދޮރުން ނިކުތީމެވެ.
އެރޭ އަހަރެންވެސް ހިމޭނަކުން ނުހުންނަމެވެ. ލޯބިވެރިޔާ ކުރިން ނިދި ކޮޓަރިއަށް ފުންމާލީމެވެ. އޭރު އެގޭކިޔަވަން ހުންނަ ކުއްޖާ ހަމަހިމޭން ނިންޖެއްގައި ނިދާފައި އޮތެވެ. އަހަރެން އޭނާގެ އެނދާއި ކައިރިވެލީމެވެ. ބިރުކަނޑާލާފައި އެކުއްޖާއަށް މަޑުމަޑުން ގޮވީމެވެ. ލޯހުޅުވއިލެވުމާއި އެކު އެކުއްޖާ ސިހުނެވެ. ކާކުކަށް ނޭގޭތީވެއެވެ. އޭނާ އަހަރެންކަން އެގުމުން ހިނިތުން ވެލިއެވެ. އޭނަގެ މަޢުޝޫޤު އުނގުތެރެއިން އަހަންނަށް ޖާގައެއް ދިނެވެ.
❀****❀❀****❀
އަހަރެން އަހަރެންގެ ގޮތުގައި ހިފެހެއްޓީމެވެ. ޅިޔަނުގެ ކުޅިގަނޑު އިސާހިތަކު ކޮއްކޮއަށް އެގިއްޖެއެވެ އަނެއްކާވެސް ޅިޔަނު މައިތިރި ވެލިއެވެ. ކޮއްކޮގެ ކިބައިން މަޢާފަށް އެދުނެވެ. އަހަރެން ކުޅެމުން އައި ލޯބީގެ ކުޅިގަނޑު އެ އަންހެންކުއްޖާ ހުންނަގޭ މީހުންނަށް އެގިއްޖެއެވެ. ވަގުތުން އެގެއިން އެކުއްޖާ ބޭރުކޮށްލިއެވެ. އަހަރެންގެ ކުރީގެ ލޯބިވެރިޔާ އަހަރެންގެ ކިބައިން ބަދަލުހިފުމަށް ކުރިކަމެއް ކަމަށްވެސް ވެދާނެއެވެ. އެކަމަކު އަހަރެން ވަކިން ދެރަވާނެ ހެއްޔެވެ. އެކުއްޖާ އަށް ހިޔާވަހިކަން ދިނީ އަހަންނެވެ. އަހަރެންގެ ގެއިންނެވެ. ބައްޕަ މެންގެ ރުހުމާއި އެކުގައެވެ، އަހަންނަށް ފުރިހަމަ މިނިވަންކަން ލިބުނެވެ. ލިބުނު މިނިވަން ކަމެއްގެ ބޮޑުކަމުން އަހަރެމެން ކައިވެންޏަކާއިހަމައަށް ގެނެސްދިނެވެ. ބައްޕަމެންގެ އެދުމުގެ މަތިން އަހަރެން އެކުއްޖާ އާއި ކައިވެނި ކުރީމެވެ. އަންހެން ކުއްޖާގެ ޢާއިލާގެ ފުރިހަމަ ރުހުމާވެސް އެކުގައެވެ.
❀****❀❀****❀
އެއްރެއެއްގެ ބާރަ ޖަހާ އެހާކަންހާއިރެވެ. ރައްޓެއްސެއްގެ ގޭގައި މަސައްކަތެއް ކުރާން އުޅެފައި ގެޔަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ. އަހަރެންގެ އަލަތު އަނބިމީހާ އިނީ ލޫޓުވާލާފައެވެ. ކޮންމެވެސް އަނިޔާވެރި އަތަކުންނެވެ. ކޮއްކޮ ޚަބަރު ހުސްވެފައި އޮތެވެ. ކޮއްކޮގެ ބޮލުގައި މަންމަ ފެން ފޮތިގަނޑެއް އަޅައިގެން އިނެވެ. ގޭތެރެވަނީ ތޮއްޖެހި ބާރުވެފައެވެ. ޅިޔަނު ގެ ހިލަމެއްވެސް ނުވެއެވެ. އޭރު ވެގެން އުޅޭ ގޮތެއް ސާފެއް ނުވެއެވެ. ކުޑައިރުކޮޅެއް ތެރޭ ވެގެން އުޅެނީ ކީއްކަން އޮޅުން ފިލިއެވެ. އަހަރެންގެ އަނބިމީހާގެ ޢިއްފަތް ލޫޓުވާލީއެވެ. އެނުބައި ޢަމަލު ހިންގީ ޅިޔަނެވެ. އަންހެނުން ގެ ނުރުހުމުގަ އެވެ. ގަދަކަމުންނެވެ. އަނިޔާވެރި ގޮތަކަށެވެ.
ވެގެން އުޅޭގޮތް އޮޅުން ފިލުމުން އަހަރެންގެ ވަށައިގެންވާ ދުނިޔެ އެނބުރެން ފެށިހެން ހީވިއެވެ. ހަށިގަނޑުގައި ލޭކެކެން ފެށިއެވެ. ރުޅިވެރިކަމުގެ ލެއެކެވެ.
ދުންޖަހާފައި އަހަރެން ބޭރަށް ނިކުތީމެވެ. ހެޔޮވަރު ވަރެއްގެ މަސްވަޅިއެއް ހިފައިގެންނެވެ. މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ. އަހަރެން މައިތިރި ވެލީމެވެ. ކުރަން އުޅުނު ކަންތަކާމެދު ވިސްނާލީމެވެ. އައިސްފައި ހުރި ސިނގު ރުޅީގެ ސަބަބުން ރަނގަޅު ގޮތެއް ކަމަށް ފެނުނީ ނުބައި ގޮތެވެ. ޅިޔަނު ޝިކާރަކުރުމަށް ޓަކައި އަވަސްވެގަތީމެވެ. އަހަރެންގެ ފުރަތަމަ ލޯބިވެރިޔާގެ ގެއަށެވެ. ލޯބިވެރިޔާގެ ކޮޓަރި ތެރެއަށް ފުންމާލިއިރު އެދެމީހުން އުފާކުރަނީ އެވެ. މަސްވަޅި ދިއްކޮށްގެން އެނދާއި ކައިރި ވީމެވެ. އެންމެފުރަތަމަ އަހަރެން ފެނުނީ އެވިހަގަދަ ލޯބިވެރިޔާ އަށެވެ. އޭނާ ބާރަށް ހަޅޭއްލަވައި ގަތެވެ. ޅިޔަނު އަވަސް އަވަހަށް ބޮލަށް މުންޑު ވައްޓައިލަމުން ކޮޓަރިން ނިކުތެވެ. ލޯބިވެރިޔާ ހަޅޭއްލަވަމުން ގެންދެއެވެ. އޭނާގެ މޫނުމަތީ އެތިފަހަރެއް އެޅީމެވެ.
ކޮޓަރިން ނިކުތީމެވެ. ދެފަޔަށް ބާރުލާފައި ދުއްވައިގަތީމެވެ. ޅިޔަނު ފަހަތުންނެވެ. އޭނާ ތެޅެމުން ފޮޅެމުން ގޮސް އޮޑި ހަރުގެއެއްގެ ބިތްދޮށަށް ވަނެވެ. އަހަރެން ފާރަލާން ފެށީމެވެ. ޖާސޫސީ ގޮތަކަށެވެ. ޅިޔަނު ބޮއްކުރައެއްގެ ވަތަށް އެރި ފިލިއެވެ. އަހަރެން އެދިމާއަށް އަވަސް ވެގަތީމެވެ. އަހަރެންގެ ސިކުނޑީގައި ކެކެމުން ދިޔަ ލޭ 180 އަށް ވުރެވެސް މައްޗަށް ހިގައިދާނެއެވެ. ކުއްލިއަކަށް ބޮއްކުރާ ތެރެއަށް ފުންމާލީމެވެ. ޅިޔަނު އޮތް ވަތު ތެރެއަށެވެ. އޭނާ ބާރަށް ހަޅޭއްލަވައި ގަތެވެ. އަހަންނަށް ވިސްނައިދޭން ފެށިއެވެ. މަޢާފަށް އެދެމުން ދިޔައެވެ. އެކަމަކު އެވަގުތު ޅިޔަނުގެ ވާހަކަތައް އަހަރެން ގެ ސިކުނޑިއަކަށް ނުނެގުނެވެ. ޅިޔަނުގެ އަތުގައި ބާރަށް ހިފެހެއްޓީމެވެ. ޅިޔަނު އަހަރެން އަތުގައި އޮތްވަޅި އަތުލުމަށް މަސައްކަތް ފެށިއެވެ. ދެބުޅާ ކޯޅޭހެން އަހަރެމެން ކޯޅެން ފެށީމެވެ. އަހަރެން ވަޅިހޫރާލީމެވެ. އެއެތިފަހަރު ގޮސް ޅިޔަނުގެ މާކަޅުވާ ޒަޚަމް ކޮށްލިއެވެ. ދުނިޖަހާފައި ލޭ އޮހޮރެން ފެށިއެވެ. ބަލާކަށް ނުހުރެ ދެވަނަ ހަމަލާ ދިނީމެވެ. ޅިޔަނުގެ މެޔާ ދިމާއަށެވެ. ބޭއިޚްތިޔާރުގަ އެވެ. ގާތްގަޑަކަށް ތިން އިންޗި ފުނަށް މަސް ވަޅި ވަދެގެންދިޔަ އެވެ. ޅިޔަނު ހަޅޭއްލަވާން ފެށި އެވެ. ކުރިއަށް ވުރެވެސް ބާރަށެވެ. އެކަމަކު ބަލިކަށި އަޑަކުންނެވެ. އިސާހިތަކު ރޯމަހެއް ތެޅޭހެން އޭނާ ތެޅެން ފެށިއެވެ. އެރެޔަކީ ހަނދުވަރީ ރެއެއްކަމުން ޅިޔަނުގެ ގައިން އޮހޮރެމުން ދިޔަ ލޭތައް ރީތިކޮށް ފެނުނެވެ. ލޭތައް ފެނުމުން އަހަރެންގެ މޫނުމައްޗަށް އަނދިރި ވާންފެށިއެވެ.
❀****❀❀****❀
ލޯ ހުޅުވައިލެވުނު އިރު އޮވެވުނީ ސިފައިންގޭ ސަރަޙައްދީ ހެޑްކުއާޓަރުގެ ގޮޅިއެއް ތެރޭގައެވެ. ލޯހުޅުވައިލިވަގުތު އެންމެ ފުރަތަމަވެސް ސިފަވެގެން ދިޔައީ ޅިޔަންބެގެ ހަށިގަނޑުން އޮހޮރެމުންދިޔަ ލޭތަކެވެ. އޭނާގެ ހަށިގަނޑު ރޯމަހެއް ތެޅޭހެން ތެޅެމުން ދިޔަމަންޒަރެވެ. އޭނާގެ ހަޅޭކުގެ އަޑު ކަންފަތް ތެރޭ ގުގުމާން ފެށި އެވެ. އަހަންނަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އަނެއްކާވެސް އަހަރެންގެ ހޭނެތިއްޖެ އެވެ.
މިހާރު އަހަރެންގެ ގެއަކަށް ވެފައި މިވަނީ މިކުޑަ ގޮޅިއެވެ. ގުރައިދޫ ގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގައެވެ. ތަފާތު ވައްތަރު ވައްތަރުގެ މީހުން ތަކުން ފުރިފައިވާ މިތާގައެވެ. އަހަރެން މިތަނަށް ގެނައީވެސް ސިކުނޑި ހަމަނުޖެހޭތީވެއެވެ. ޅިޔަންބެގެ މަރުގެ ޙާދިޘާއަށް ފަހު އަހަންނަށް ހަމަނިދި ލިބޭ ގޮތެއް ނުވެއެވެ. ލޯމަރާލުމާއި އެކު ސިފަވެގެން ދަނީ ހުދުހެދުމެއްގައި ޅިޔަންބެ އަހަރެން ކައިރިޔަށް އައިސް ހުންނަތަނެވެ. އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރެ ރޮއެ ގިސްލާ މަންޒަރެވެ. އަހަރެންގެ ސިކުނޑިއަށް ލިބުނު ގެއްލުމުގެ އެއް ސަބަބަކީ އެއްގޮތަކަށްވެސް ނިދި ނުލިބުމެވެ. ޅިޔަންބެ މަރުވިފަހުން މިވީ އަށެއްކަމަސް ތެރޭ އަހަންނަށް ފުރިހަމަ ނިދި ލިބިފައެއް ނުވެއެވެ. ހިތްހަމަ ޖެހުމެއް ލިބިފައެއް ނުވެއެވެ. ހިތާމަ ކޮށް ރުއިމަކީ އަހަރެންގެ އާދަ އަކަށް ވެއްޖެއެވެ. މައިންބަފައިން ދެކިލުމަށް ހިތްއެދި ރޮމުން ގެންދެއެވެ. ކޮއްކޮ އާއި އަހަރެންގެ ލޮބުވެތި އަނބިމީހާ ދުށުމަށް އަހަރެންގެ ރޫޙް އެދި ގޮވައެވެ. ކޮއްކޮގެ ދަރިފުޅު ދެކިލާހިތުންވެސް މި ހުރެވެނީ ކެތް މަދުވެފައެވެ. އަންހެނުން ވެސް މިހާރުއިންނާނީ ވިހަން ކައިރިވެފައެވެ. އެކަމަކު ހިތާމަ ހުއްޓެވެ. އަހަންނަށް ލިބޭ ފުރަތަމަ ދަރިފުޅު ވާނީ ބައްޕައެއްގެ ލޯބިން މަޙްރޫމްވެފައިވާ ކުއްޖަކަށެވެ. އެކުއްޖާއަށް މަލާމާތުގެ ބަސްތައް ރައްދު ވާނެއެވެ. ކަލޭގެ ބައްޕައަކީ މީހުންމަރާ މީހެކޭ ކިޔައި ދިމާކުރާނެއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މިކަން މިދިމާވީ އަހަރެންގެ ބަލިފަޔަށް ބޭސް ކުރުމުގެ ބަދަލުގައި އެފަޔަށް އަނިޔާ ދެވުނީމަ އެވެ. އެއްވެސް ހަމައެއް ލަމައެއްނެތް ޖަނަވާރުންގެ އުޞޫލު ޚިޔާރު ކުރެވުނީމައެވެ. ޅިޔަނުވެސް މާބުރުގެ އުޞޫލު ޚިޔާރުކުޅަކަމީ ހިތާމަ ހުރިކަމެކެވެ. ޅަޢުމުރުގައި ކައިވެނި ކުރެވުނު ކަމީވެސް ހިތާމަ ކުރަން ޖެހިފައިވާ ކަމެކެވެ. މިހާރު އަހަންނަށް ވިސްނޭން ފަށައިފިއެވެ.
މިއީ ރޭގަނޑުގެ ފުރަދަންވަރު ވަދާނިކުތުމުގެ ސަޒާއެވެ. އަޑުއިވިފައިވާ ގޮތުން ޅިޔަނުގެ ފުރަތަމަ ލޯބިވެރިޔާ އަދި އަހަރެންގެ ވެސް ލޯބިވެރިޔާ ވިހައިފިއެވެ. އެކަމަކު ވިހެއީ ކާކަށް ހެއްޔެވެ؟ އަހަރެންގެ ދަރިޔަކަށް ހެއްޔެވެ؟ ޅިޔަނުގެ ދަރިޔަކަށް ހެއްޔެވެ؟ ނޫނެކެވެ. އަހަރެމެން ދެމީހުންގެ ދަރިއަކަށް ނޫނެވެ. ބައްޕަ ނެތް ކުއްޖަކަށެވެ. ބަކަރިއޭ ކިޔާ މުޚާތަބުކުރާ ކަހަލަ ކުއްޖަކަށެވެ. އެކުއްޖާ ފުޅު ތަންދޮރު ފިލާވަރުވުމުން ކިހާ ހިތާމައެއް ކުރާނޭ ހެއްޔެވެ؟ ކުރާނެކަމެއް ނެތެވެ. އަހަރެމެންގެ ބަލިފަޔަށް ބޭސް ނުކުރެވުމުން އެކަމުގެ ސަޒާ ލިބެމުން ދަނީ އެހެން ބަޔަކަށެވެ. މަޢުސޫމް ޅަ ހިތްތަކަކަށެވެ.
❀****❀❀****❀
ނިމުނީ
މި ވާހަކަ އާއިމެދު:
މިއީ 22 ނޮވެމްބަރ 1997 ގެ އާފަތިސް ނޫހުގެ މައިޒާން: 06 ގައި ކުރިން ޝާއިޢުކުރެވިފައިވާ ވާހަކައެކެވެ. މިއީ ނޫހެއްގައި ޝާއިއު ކުރެވުނު އަޅުގަނޑުގެ ފުރަތަމަ ވާހަކަ އެވެ. އޭރު އަޅުގަނޑު ލިޔެފައިވާ މިވާހަކަ އިތުރަށް ކޮށައިމަށައިލުމުން އިހުނަށްވުރެ ފުރިހަމަ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. މިވާހަކަ ވަނީ 1997 ގައި ދިވެހިރާއްޖޭގެ އަޑުން ފޮނުވި އަންހެނުންގެ ޕްރޮގްރާމްގައި ސިލްސިލާކޮށް ގެނެސްދީފައެވެ. އުއްމީދު ކުރަނީ ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެ ކަމަށެވެ. އެކާވީސް އަހަރު ފަހުން މި ވާހަކަ އަނެއްކާވެސް މި ޕަބްލިޝްކޮށްލަނީ މިއީ އަޅުގަނޑު ވާހަކަ ލިޔުމުގައި ފިޔަވަޅެއް އެޅޭތޯ ކުރި ފުރަތަމަ މަސައްކަތް ކަމަށްވާތީ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ