އެކްޓަރ އަބްދުﷲ މުއާޒް (މުއާ) ގެނެސްދޭ އޭނާގެ އަލަތު ފީޗާ ފިލްމް “ލީނާ” ރިލީޒްކުރާ ތާރީޚް އިޢުލާނުކޮށް ޕްރޮމޯ މަސައްކަތް އަންނަ އަޟްޙާ ޢީދު ފަހުން ފެށުމަށް ނިންމައިފި އެވެ. މި ފިލްމަކީ މީގެ 16 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާ ވެގެން ހަދާ ފިލްމެކެވެ.

 

“ލީނާ” ރިލީޒް ކުރާނެ ތާރީޚެއް ފިލްމުގެ އެހެން ޕްރޮޑިއުސަރުންނާ މަޝްވަރާކުމަށްފަހު މިހާރު ކަނޑައަޅާފައިވާ ކަމަށް މުއާ ބުނެއެވެ. މުއާ އިތުރަށް ބުނީ ފިލްމު ރިލީޒްކުރާ ތާރީޚް އިޢުލާނު ކުރާނީ އީދު ފަހުން ކަމަށާއި މީގެ ކުރިން ދިވެހި ފިލްމެއްގެ ޕޯސްޓަރު ނުފެންނަހާ ހައިރާން ކުރުވަނިވި ގޮތަކަށް ލީނާގެ ޕޯސްޓަރު ދައްކައިލާނެ ކަމަށްވެސް އޭނާ ބުންޏެވެ. ފިލްމްގެ ޕްރޮމޯޝަނަލް މަސައްކަތްތައް ވެސް ޢީދަށް ފަހު ވަރަށް ބާރަށް ކުރިއަށް ދާނެ ކަމަށް ވެސް މުއާ ބުންޏެވެ.

 

“ލީނާ މިއަހަރު އަޅުވާނެ، ދެން ފިލްމުގެ ނުނިމިހުރި ޝޫޓިން ކޮޅެއް ޢީދުގެ ކުރިން ނިންމާލާނަން.” މުނިއަވަސް އަށް މުޢާ ބުންޏެވެ.

 

މި ފިލްމަކީ މުއާ ގެ ފުރަތަމަ ފީޗާ ފިލްމު ކަމުން މި ފިލްމާއިމެދު މުއާއަށް ކުރެވޭ އުއްމީދުތައް ވަރަށް ބޮޑުކަން މުއާގެ ވާހަކަތަކުން އެނގެއެވެ. ނަމަވެސް މުއާ ބުނީ މި ފިލްމަކީ މޮޅު ފިލްމެއް ކަމަށް އަމިއްލައަށް ނުބުނާނެ ކަމަށާއި ޔަޤީނުންވެސް މި ފިލްމަށް ކުރެވިފައިވާ މަސައްކަތާއިމެދު ހިތްހަމަޖެހޭ ކަމަށެވެ.

 

ފިލްމުގެ ކާސްޓަށް ބަލައިލާއިރު، “ލީނާ” ގެ އެންމެ މުހިންމު ރޯލު ކަމަށްވާ ލީނާގެ ގާތިލް ޒުހޭރުގެ ރޯލުން މުއާ ފެނިގެންދާނީ މުއާ އެވެ. މީގެ އިތުރުން މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ވެސް މުއާ އެވެ.

 

އަޒްލީނާ ނުވަތަ “ލީނާ”ގެ ރޯލުން ފެނިގެންދާނީ މުއާގެ މިހާރުގެ ލޯބިވެރިޔާ އަދި މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އެވެ. އަލީ އާޒިމް (ދޮން އައްޔަ) މި ފިލްމުން ފެނިގެންދާނީ ލީނާ ގެ ލޯބިވެރިޔާގެ ގޮތުގަ އެވެ. ރަށުކައުންސިލް ރައީސް ގެ ރޯލުން ފެނިގެންދާނީ އަހްމަދު ސައީދު އެވެ. މީގެ އިތުރުން ޒީނަތު އައްބާސް، އައްޒަގެ ބެސްޓްފްރެންޑްގެ ރޯލުން ނުޒުހަތު ޝުއައިބް (ނުޒޫ)، އަދި އައްޒަގެ މަންމަ ގެ ރޯލުން މަރިޔަމް ހަލީމް ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.