ކުޑަކުދިންނަށް ހާއްސަކޮށްގެން ކޮޕީ އިސްމާއިލް ރަޝީދު، އަހުމަދު ޒިޔާ އަދި މުހައްމަދު ރިފްއަތު ޕްރޮޑިއުސްކޮށްފައިވާ ފިލްމު “ކަނޑު އިބްލީސް” ރިލީޒް ކުރާނީ ޢީދު ފަހުން ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.

 

ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ ޒިޔާ މީޑިއާއަކަށް ބުނީ، ފިލްމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި ދެން އޮތީ ފިލްމު ރިލީޒް ކުރުން ކަމަށެވެ. އޭނާ އިތުރަށް ބުނީ ފިލްމު އެޅުވުން ލަސްކުރަމުން ދަނީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކަމަށެވެ. ފިލްމު އަޅުވާނެ ތާރީހް ވެސް ކަނޑައަޅާނީ އީދު ފަހުން ކަމަށްވެސް ބުނެއެވެ.

 

ޒިޔާ ބުނީ ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއް އަނެއްކާވެސް ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ބިދަބިން ބޮޑުބެރު ގްރޫޕްގެ ފަރާތުން ކިޔާ އެ ލަވަ ހަފްތާއެއްގެ ތެރޭގައި ގެނެސްދެވޭނެ ކަމަށް އޭނާ ބުންޏެވެ.

 

“ކަނޑު އިބިލީސް” އެއްކޮށް ޝޫޓްކޮށްފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އެ ފިލްމުގައި އެރަށުގެ 100 އަށްވުރެން ގިނަ ކުދިންނާއި މީހުން ހަރަކާތްތެރިވެއެވެ.

 

“އިރާދަކުރެއްވިއްޔާ މި ފިލްމު ވާނީ ހަމަ ވަރަށް އެންޓަޓެއިނިން، ވަރަށް ކަމުދާ މޮޅު ފިލްމަކަށް.” ފިލްމު ގެ ޕްރޮޑިއުސަރ އަދި މަޝްހޫރު އެކްޓަރ ކޮޕީ އިއްސެ ބުންޏެވެ. އިއްސެ އިތުރަށް ބުނީ ފިލްމު ރަސްމީކޮށް ރިލީޒް ކުރަނީ ކުޅުދުއްފުށީގަ އެވެ. އަދި އެއަށްފަހު ރާއްޖެތެރޭ ބައެއް ރަށް ރަށުގައި ފިލްމު އެޅުވުމަށްފަހު އައިސް މާލޭ އަދި ހުޅުމާލެ ސިނަމާގައިވެސް ފިލްމު ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

 

ކޮޕީ އިއްސެ ގެ ބައްޕަ، ކޮޕީ މުޙައްމަދު ރަޝީދުގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ “ކަނޑު އިބްލީސް” ގެ ލީޑުން ފެނިގެންދާނީ އިއްސެ އަދި ޒިޔާ އެވެ. މީގެ އިތުރަށް ކުޅުއްދުއްފުށީގެ ކުދިންނާއި ބޮޑެތި މީހުން މި ފިލްމުން ފެނިގެންދާނެ އެވެ. ފިލްމުގެ މޭކަޕް ކެމެރާގެ މަސައްކަތް ދަބާ ކޮށްދީފައިވާއިރު، އެޑިޓިންގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ޒިޔާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.