ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންވަޔަރަމަންޓް ޕޮލިސްގެ ޚިދުމަތް ފަށައި އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއަދު ފެށިގެންދިޔަ އެންވަޔަރަމަންޓް ޕޮލިސްއަކީ ރާއްޖޭގެ ރަށްތައް ސާފު ރަށްތަކެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުންދީ، މާލޭގެ މަގުތައް ސާފުކޮށް ބަލަހައްޓައި، މަގުތަކަށް ކުނިއެޅުން ހުއްޓުވުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އުފެއްދި ޚިދުމަތެކެވެ.

 

އެންވަޔަރަމަންޓް ޕޮލިހުންގެ ދައުރަކީ ކުނިއަޅާ ފަރާތްތައް ހޯދާ ނަސޭހަތްލައިދީ އަދި އެކަން ތަކުރާރުކުރާނަމަ ޖޫރިމަނާ ކުރުމެވެ. އެގޮތުން ކުށުގެ ކުޑަ ބޮޑުމިނަށްބަލައި ކުނިއަޅާ ފަރާތްތައް 300 ރުފިޔާއިން ފެށިގެން 100 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

އެންވަޔަރަމަންޓް ޕޮލިސްގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއިއެކު ފެށިގެން މިދިޔަ މަސައްކަތަކީ ދިވެހި ސަރުކާރުން ރާއްޖެއަކީ ސާފުތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށެވެ.

 

“އެންވަޔަރަމަންޓަ ޕޮލިސްގެ އެންމެ ބޮޑު އެއް އަމާޒަކަށް ވާނީ އެގޮތަށް ކުނިއަޅާ ފަރާތްތައް ހޯދާ، އެފަރާތްތަކަށް ދޭންޖެހޭ އިންޒާރެއްވެއްޖިއްޔާދީ އެ މަސައްކަތް ހުއްޓުވާ އަދި އޭގެއިތުރުން އެފަރާތްތަކަށް ދޭންޖެހޭ ސްލިޕްކޮޅެއް އެއީ ޖޫރިމަނާ ސްލިޕްކޮޅު ހަވާލުކުރުން. ދެން އޭގެ އިތުރަށް އަޅުގަނޑުމެން މިވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީއާވެސް ވާހަކަދައްކާ މިދަންނަވާ ޖޫރިމަނާތައް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީން ފައިސާ ބަލައިގަންނަ ގޮތަށް ރޭވިފަ” ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

އެންވަޔަރަމަންޓް ޕޮލިސްގެ ޔުނިފޯމު

އެންވަޔަރަމަންޓް ޕޮލިސް މަޝްރޫގައި ސޮއިކުރި ހިސާބުން ފެށިގެން މިއަދާއި ހަމައަށް 46 ފަރާތަކަށް ނަސޭހަތްތެރިވެ، 17 ފަރާތަކަށް ސްލިޕް ދޫކުރެވިފައިވާކަމަށް ޕޮލިހުން ބުނެއެވެ. އަދި 77 ތަނެއް ސާފުކޮށްފައިވެއެވެ.

 

“ސާފު ރާއްޖެ” އިނިޝިއޭޓިވްގެ ދަށުން އެންވަޔަރަމަންޓް ޕޮލިސްގެ ޙިދުމަތް ފެށުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސްއާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ދެމެދު ސޮއިކުރީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.