ސެމްސަންގްއިން މިއަހަރު ނެރޭ ފްލެގްޝިޕް ފޯނު ސެމްސަންގް ގެލެކްސީ ނޯޓް 9 އެކުންފުނިން ރަސްމީކޮށް މިމަހުގެ 09 ވީ ބުރާސްފަތި ދުވަހު ނިއުޔޯކް ގައި ހުންނަ ބާރކްލޭ ސެންޓަރުގައި ދައްކާލައިފި އެވެ.

 

ސެމްސަންގް ގެލެކްސީ އަންޕެކްޑްގައި ދައްކާލި ނޯޓް 9 ފޯނަކީ މީގެކުރިން ނެރެފައިވާ ނޯޓް ފޯނުތަކަށްވުރެ ފުރިހަމަ ފޯނެކެވެ.

 

ނޯޓް 9 ގައި ހުންނަނީ 6.4 އިންޗްގެ ސުޕަރ އެމޮލެޑް ޑިސްޕްލޭއެކެވެ. ހަމައެހެންމެ މުޅި ދުވަހު ބޭނުންކުރެވޭވަރުގެ 4000 އެމްއޭއެޗްގެ ބެޓެރިއަކާއެކު ފޯނު އަންނައިރު 8 ޖީބީގެ ރެމް ހުންނާނެއެވެ. ހަމައެހެންމެ 512 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ހުންނައިރު 512 ޖީބީގެ އެކްސްޓާނަލް ސްޓޯރޭޖްއަށް ވެސް ސަޕޯޓްކުރާނެއެވެ. މިއާއެކު ނޯޓް 9 ވެގެންދާނީ ފްލެގްޝިޕް ފޯނުތަކުގެ ތެރެއިން 1 ޓީބީގެ ސްޓޯރޭޖް ހުންނަ ފުރަތަމަ ފޯނަށެވެ.

 

މިދިޔަ އަހަރު ނެރުނު ނޯޓް 8 އެކޭ އެއްގޮތަށް ނޯޓް 9 ގައި ވެސް ޑުއަލް ކެމެރާ ހުންނައިރު ދެ ކެމެރާއަކީ ވެސް 12 މެގަޕިކްސެލް ޑުއަލް އެޕަރޗަރގެ ކެމެރާތަކެކެވެ. ނޯޓް 9 އިން ސުޕަރ ސްލޯ މޯޝަން ވީޑިއޯ ރެކޯޑް ކުރެވޭނެއެވެ.

މިފަހަރުގެ ނޯޓްއާއެކު އަންނަ އެސް ޕެންއަށް ވެސް ވަނީ ބޮޑު ކުރިއެެރުންތަކެއް ގެނެސްފައެވެ. އެސް ޕެންއަށް ބުލޫޓޫތު ސަޕޯޓް ކުރާއިރު ފޯނާއި 30 ފޫޓު ދުރުން އެސް ޕެން ބޭނުން ކުރެވޭނެއެވެ. ނޯޓް 9 އަކަށް ވެސް ފާސްޓް ޗާޖިން އަދި ފާސްޓް ވަޔަލެސް ޗާޖިން ސަޕޯޓްކުރާނެއެވެ.

 

އެމެރިކާ އަދި އިންގްލޭންޑްގެ މާކެޓަށް ނޯޓް 9 އެއް ރިލީޒް ކުރާނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ. ނޯޓް 9 އެކި ރީޖަންތަކުގައި އެކި ކުލަތަކުން ލިބެން ހުންނާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.