‘ލޯތްބަކީ ގަދަބާރުން ހާޞިލްކުރެވޭނެ އެއްޗެއް ނޫނެވެ. ލޯބިވުމަށް އެހެން މީހަކަށް މަޖުބޫރު ކުރުވުމުން، އެކަން ވެގެންދާނީ ‘އެބިއުސް؛ ކުރުމަކަށެވެ. އޭރުން ލޯބީގެ އެއްވެސް ސިފައެއް ހުރިނަމަ އެވެސް ފަނޑުވެގެން ހިނގައިދާނެ އެވެ. އެއްފަރާތުން ވެވޭ ލޯބި، ކުށްކުރުމަށް ބަދަލުވެ، އެއްވެސް މީހަކަށް އެކަމުން މޮޅެއް ނުލިބޭނެ އެވެ. ކޮންމެފަދަ ގޮތެއް މެދުވެރިވިޔަސް ކުށަކަށް އަރައިނުގަންނާށެވެ.’

 

މިއީ ތަފާތު ސްޓައިލްތަކުގެ ލަވަތައް ގެނެސްދިނުމުގައި ރާއްޖޭގެ މަޝްހޫރު ރެކޯޑު ލޭބަލް “ސިންބޮލިކް ރެކޯޑްސް” އިން އެންމެ ފަހުން އުފައްދާ އާއްމުކޮށްފައިވާ ފެންވަރު ރަނގަޅު ވީޑިއޯ ލަވައެއް އާއްމުކުރަމުން އެމީހުން ލިޔެފައިވާ ލިޔުންކޮޅެކެވެ.

“ވާނަން އުމުރަށް” މި ނަމުގައި ރިލީޒްކޮށްފައިވާ ލަވައަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު މި ލަވައިން ބުނެދެނީ ލޯތްބަކީ ގަދަބާރުން ކަންކަން ގޮށްގެން ހާސިލުވާނެ އެއްޗެއް ނޫންކަމެވެ. މި ލަވަ ފެންވަރު ރަނގަޅު މޮޅު ވީޑިއޯއަކަށް ވީ ލަވާގައި ބޭނުންކޮށްފައިވާ ވިޒުއަލް އިފެކްޓްސްގެ މޮޅުކަމުންނެވެ. ލަވައިގެ ވަކި ހިސާބަކުން ގަން-ފޮނަދޫ ލިންކް ރޯޑުތެރެއިން ދުއްވާފައިވާ ކާރެއްގެ ކުރިމައްޗަށް އެހެން ވެހިކަލް އެއް ހުރަސްކޮށްލުމުން އެ ކާރު ވެހިކަލްގައި ޖެހި ބުރައިގެންދާ މަންޒަރު ފެނިފައި ދިވެހި އާޓިސްޓުންނަކީ ކޮލިޓީ ބައެކޭ ހިތަށް އަރާނެކަން ޔަޤީނެވެ. މީގެ އިތުރުން އެކްސިޑެންޓަށްފަހު، ދެ ގްރޫޕް ދެމެދުގައި ހިނގާ ނުރައްކާތެރި މާރާމާރީގެ މަންޒަރުތައް ކުޅެފައިވާލެއްވެސް އެހާމެ ފުރިހަމަ އެވެ.

 

ސިމްބޮލިކް ރިކޯޑްސްގެ ދަށުން ނެރެފައިވާ މި މޮޅު ލަވައިގެ ކްރެޑިޓްސް އެންމެ ބޮޑަށް ޙައްޤުވަނީ ލަވަ ކުޅެފައިވާ ލ. އަތޮޅަށް ނިސްބަތްވާ ޒުވާން ފަންނާނުން ތަކަކަށެވެ. މިއީ ހދ. ނޭކުރެންދޫ އަށް އުފަން މުހައްމަދު ނަބީލް (ޓޯއީ) ގެ ބުރަ މަސައްކަތް ތަކެއް ދައްކުވައިދޭ ލަވައެކެވެ. ލަވައިގެ ވިޒުއަލް އިފެކްޓްސްއާއި ފޮޓޯގްރާފީ، އެޑިޓިން އަދި އެނިމޭޝަންތަކުގެ މަސައްކަތްކުރީ ވެސް ޓޯއީ އެވެ. މީގެ އިތުރުން ލަވަ ކިޔާފައި ވަނީވެސް ޓޯއީ އަދި ހުސެން ޒިޔާދު (ޒިޔާ) އެވެ. ލަވައިގެ ކޮންސެޕްޓު ތައްޔާރުކޮށް ޑައިރެކްޓުކުރީވެސް މި ދެ ފަންނާނުންނެވެ.

 

މި ލަވާގައި އެކްޓުކޮށްފައިވެސް ވަނީ ލ. އަތޮޅުގެ ކުދިންނެވެ. ލީޑު އެކްޓަރުންގެ ގޮތުގައި ފެނިގެންދަނީ ފާތުމަތު ރާޝިދާ (ރާކޮ)، އަހްމަދު ޖަޒްލާން (ޓެޑީ)، އަލީ ހާފިޒް (އައްޔަ) އަދި އިބްރާހިމް އަޝްރަފު (އިބޫ) އެވެ.

 

ސިމްބޮލިކްގެ ކްރިއޭޓީވް ޑައިރެކްޓަރު، އިސްމާއިލް ނާއިލް (ބްލަޑް) ބުނީ، މި ލަވާގައި ގެނެސްދީފައި ވަނީ ލޯބީގެ ނަމުގައި މުޖުތަމައުގައި ހިންގަމުންދާ އަނިޔާވެރިކަމާއި ކިޑްނެޕްކުރުމާއި މާރާމާރިއާއި އަދި މީހުން މެރުންފަދަ ކަންކަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.