އިލްޔާސް ގެ އަތުން ފޯނު ދޫވެގެން ވެއްޓުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ. މަޢުރީންގެ ކައިރީގައި ކަކޫ ޖަހައިގެން އިށީންދެ މަޢުރީން ނެގުމަށް މަސައްކަތްކުރަން ފެށިއެވެ. އިރުއިރު ކޮޅުން މަޢުރީން އަށް ގޮވަމުން އޭނާގެ ހަށިގަނޑު ތަޅުވަމުންނެވެ. މަޢުރީންގެ ވިންދެއް ނެތްކަން އެނގުމުން އިލްޔާސް ވަރަށް ބިރުގެންފި އެވެ.
“ގޭގަ މީހަކު ނޫޅެނީތަ؟ މީހެކޭ!! މީހެކޭ……………!!” އަޑުގެ ކޮޅަށް އިލްޔާސް ހަޅޭއްލަވައިގަތެވެ.
❀****❀❀****❀
ޖެހިގެން އޮތް މަގަށް ޝާއިލް އެޅިއިރު ވެސް ތުނިކޮށް ވާރޭވެހެމުން ދެއެވެ. މަގު މަތި އޮތީ ފުރޭވަރަކަށް ހަޑިކޮށެވެ. މަގުމަތީގައި ޖަހާފައިވާ ގާތައް ވެސް އެކި ދިމަދިމާއިން އުފުލިގެންނާއި އަޑިވެގެން މަގުމަތީގައި އަޑިގުޑަންތައް އުފެދިފައި ވެއެވެ. އަޑިގުޑަން ތަކަށް ޖަހައި ސައިކަލް ކައްސާނުލައި ދުއްވުނީ ވަރަށް ބަލައިގެން ދުއްވަމުންދަތީ އެވެ.
މަގުމަތިން ފެންނަމުންދިޔަ މީހުންގެ މާބޮޑު ސަމާލުކަމެއް މަގުގެ ހާލަތަށް ދީފައި ނުވިޔަސް ޝާއިލް އަށް ވިސްނެމުން ދިޔައީ މަގުގެ ހާލަތާއި މެދުގައެވެ. ގައިމު ސަރުކާރުންވެސް ބޭކާރު ޚަރަދުތައް ނުކޮށް މި މަގުތައް މަރާތު ކުރިއްޔާ މާރަނގަޅުވާނޭ ހިތަށްއެރިއެވެ. ކިތަންމެ ރަނގަޅުކަމަކަސް ވަރިހަމަތާއެވެ. އެމީހުން މަގެއް ވެސް ނުހަދާނެ އެވެ. އެމީހުން ވިސްނާނީ އެމީހުންގެ ޖީބު ބަރުކުރުމަށެވެ. އެމީހުން ދުއްވާނީވެސް ސަރުކާރުން ދީފައި ހުންނަ އަގުބޮޑު ކާރެވެ. އެހެންވީމާ ސައިކަލާއި ބައިސްކަލް އަދި ފައިމަގުގައި އުޅޭ މީހުންނާމެދު އެމީހުން ވިސްނާނެހެއްޔެވެ؟ އެކަމަކު މި އަޑިގުޑަން މަގުގައި ހަފުތާއެއް ވާންދެން ސައިކަލެއްގައި ދުއްވުމަށްފަހު ދެން ޖެހޭނީ އަވަހަށް މެކޭނިކެއް ގެ އެހީ ހޯދާށެވެ. އެމަގުން ޝާއިލް އާއްމުކޮށް ދުއްވަން ޖެހޭތީ ވޭތުވެދިޔަ މަހުގައިވެސް ވެހިކަލް މަރާމާތުކުރާ ގަރާޖަކަށް އެތައް ފަހަރަކު ސައިކަލް ގެންދަން ޖެހުނެވެ. ގަރާޖުގައި ހުންނަ މީހާވެސް ޝާއިލް އެތަނަށް ދާލެއް ގިނަކަމުން ހުންނަނީ ރުންކުރުވެފައެވެ. ވަޒީފާއެއް ނެތި އަތުގައި މުކޮސް ވެސް ނެތްކަން އެއްގޮތަކުން ރަނގަޅޭ ޝާއިލް ގެ ހިތަށްއެރި އެވެ. ދެން ސައިކަލް ހަލާކުވިޔަސް ގޭގައި ސައިކަލް ބަހައްޓާފައި ފައިމަގުގައި އުޅެން މަޖުބޫރު ވިޔަސް އެހެން ގޮތެއް ނެތްކަން އެނގޭ ހާލުގައެވެ.
ސައިކަލް ޕާކުކޮށްފައި ޝާއިލް ހިނގައިގަތެވެ. ވެހެމުންދިޔަ ވާރެއިން އޭނާގެ ޚަރާބުވެފައިވާ މިޒާޖު އިތުރަށް ޚަރާބު ކުރުވަމުން ދިޔައެވެ. ތަންކޮޅަކަށް ހިނގައިލަން ޖެހުމުންވެސް ޝާއިލް ހުރީ ކަންބޮޑުވެފައެވެ. ހަށިގަނޑު ކިތަންމެ ހިކިކޮށް ހުއްޓަސް، ކޮންމެވެސް ވަރަކަށް ކަސްރަތުކުރަން ޖެހޭކަން އެނގުނީ ތަންކޮޅަކަށް ހިނގައިލުމާއެކު ލިބުނު ވަރުބަލި ކަމުންނެވެ.
ކުރިން ރޭ އޭނާ އަށް ދެވުނު ގެސްޓް ހައުސް ފަހަނައަޅުމާއެކު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން މަޑުކޮށްލެވުނެވެ. ގެސްޓް ހައުސްގެ އެއް ފަރާތުގައެވެ.
‘އަހަރެން މިތަނަށް ވަންނަންވީތަ؟ ނޫނެކެވެ. ހަމަހޭގައި ނެތި އިއްޔެ އެތައް އިރަކު އުޅެވުމަށްފަހު މިހާރު ލައްކައިރުވެސް ވެއްޖެ އެވެ. އިއްޔެރޭ އެ އަންހެން ކުއްޖާއާއެކު ކޮޓަރިއެއްގައި އިނދެގެން ލައްކަ ވަރަކަށް ބޮވުނެވެ. އެކަމަކު އެތަނަށް ގޮސް ނުބޮއެ ވެސް އިނދެވިދާނެ ނޫންހެއްޔެވެ؟ އިއްޔެ ބޮއެގެން ހުރިއިރު އަހަންނަށް ހީވީ އެހެން ދުނިޔެއެއްގައި އުޅެވުނުހެންނެވެ. ފުރިހަމަ މިނިވަންކަން އޮތެވެ. އެ މިނިވަންކަން މިއަދުވެސް އަހަރެން ބޭނުމެވެ. އެކަމަކު އެ އަންހެން ކުއްޖާއާއެކު އިއްޔެ އެ ކޮޓަރީގައި ވަގުތުތަކެއް ބޭކާރު ކޮށްލެވުން ނޫން އެހެން ކަމެއް ނުވެއެވެ. ގައިމުވެސް އެކުއްޖާ އާއެކު ބޮޑު ގޮތަކަށް ނޫޅެވެއެވެ.’
މަސްތީ ހާލަތުގައި ހުރެނަމަވެސް އިއްޔެ އޭނާއަށް އަމިއްލަ ނަފުސު އެކުއްޖާއަށް ހަދިޔާކޮށްނުލައި ކޮންޓްރޯލް ކުރެވުނީތީ ޝާއިލް އަށް ހީނލެވުނެވެ.
ވެހެމުންދިޔަ ވާރޭގައި ގެސްޓް ހައުސް އަށް ބަލަހައްޓައިގެން ޝާއިލް އަށް ހުރެވުނީ ހަދާނެ ގޮތަކާމެދު ވިސްނަމުންނެވެ.
‘އެތެރެއަށް ވަންނަންވީ ހެއްޔެވެ؟ ނުވަދެ ދާންވީ ހެއްޔެވެ؟’ ވިސްނަން ހުއްޓާ އޭނާ އާއި ދިމާއަށް ބަޔަކު މީހުން ދުވެފައި އަންނަ ފިޔަވަޅުގެ އަޑު ކަންފަތުގައި ޖެހިއްޖެ އެވެ. އެ އަޑު އަންނަނީ ހަމަ ސީދާ ޝާއިލް އާއި ދިމާއަށްކަން އެނގުނެވެ. އެއީ ކޮން ބައެއްތޯ ބަލައިލަން ފަހަތަށް އެނބުރުނެވެ. އެހިސާބުގަނޑު އަނދިރިކަމުން އެއީ ކޮން ބައެއްކަން އެހާ ރަނގަޅަށް ސާފުވާވަރެއް ނުވިއެވެ. ކުއްލިއަކަށް އެމީހުން ހަޅޭއްލަވަންފެށި އަޑުން ޝާއިލް ސިއްސައިގެން ހިނގައްޖެއެވެ.
“އެ ޅަ- ހިފަހައްޓާ! އެ ޅަ- ބެޗިޔަ ނުދޭތި!”
މައްސަލަ ގަނޑެއްގެ ތެރެއަށް ވަންނާކަށް ޝާއިލް ބޭނުމެއް ނޫނެވެ. އެމީހުން ހިފަހައްޓަން އެ ބުނާ މީހެއް ޝާއިލް އާއި ދިމާއަށް އަންނަނީކަން ޔަޤީން ކުރެވުނެވެ. އެހެންކަމުން އަވަސް އަވަހަށް ގެސްޓް ހައުސް އަށް ވަންނަން ދުއްވައިގަތެވެ. އެކަމަކު ކާނު ގަނޑެއްގެ ތެރެއަށް ފައި ގަނބައިގަތީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.
❀****❀❀****❀
ޢަބްދުއް ޞަމަދު އާއި އޭނާގެ އަންހެނުން ސަލްމާ ތިބީ މެންދުރު ފަހުން ފެށިގެން ގޭގައެވެ. އެކަމަކު އެމީހުން ގޭގައި ތިބިކަން އެހެން މީހަކަށް ނޭނގޭނެ އެވެ. ޝާއިލް އާއި މަޢުރީން ގެ މެދުގައި ޖެހިގެން އުޅެނީ ކޮން މައްސަލައެއްކަން ދެނެގަންނަން އެމީހުން ބޭނުމެވެ. އެހެންވެ އެ ދެމަފިރިން ދިޔައީ ގޯތީ ބިތްދޮށް ފަރާތުގައި ހަދާފައި ހުންނަ ކޮޓަރިއަކަށެވެ. އެއްވެސް މީހަކަށް އަޑު ނުއިވޭ ހިސާބުގައި ތިބެގެން ވާހަކަދައްކައި ޚިޔާލުބަދަލު ކުރުމަށެވެ. އެ ކޮޓަރިއަކީ އޭގެ ދެމަފިރިން އެކަނި ވަގުތު ހޭދަކޮށްލައި ރޭކޮށްލުމަށް އާއްމުކޮށް ގޮސް އުޅޭ ކޮޓަރިއެކެވެ.
“މިހާރު އަހަރެންގެ ޝާއިލަކީ ރާބޯ މީހެއް. އަހަރެން އެހާ ލޯބިން ގެންގުޅު ދަރިފުޅު!” ކޮޓަރިއަށް ވަދެ އެނދުގައި އިށީންދެވުމާއެކު ސަލްމާ އަށް ހަޅޭއްލަވައި ގަނެވުނެވެ.
“މަގޭ ސަލްމާ ތިހާ ވަރަށް ނުވިސްނަބަލަ. އަހަރުމެން އޭނައާ ވާހަކަދައްކައިގެން ކަންކަން ހަމަޔަކަށް އެޅުވިދާނެޔޭ.” ސަލްމާ މައިތިރި ކުރުމަށް ސަމަދު މަސައްކަތް ފެށިއެވެ.
“ހަމަ ޔަގީނޭ އެ މައުރީން އޭ މިހުރިހާ ކަމެއްގެ ސަބަބަކީ.!” ސަލްމާ ގެ ހިތުގައި އަނދަމުންދާ ނަފުރަތުގެ ހުޅުގަނޑު ފަޅައިގެން ހިނގައްޖެ އެވެ.
“ޝާއިލް އަކީ އަބަދުވެސް ބަސް އަހާ ކުއްޖެއް. ރަނގަޅު މުސްލިމެއް. އެކަމަކު ސުންޕާ އަންހެނަކާ އިނީމަ ބަދުނަސީބު ނޫން އެހެން ކޮންކަމަކާ ކުރިމަތިލާން އޮންނާނީ!!؟؟”
“ސަލްމާ ހެޔޮނުވާނެ، ތިހެން ނުކިޔަބަލަ!” މަޑުމައިތިރި ކަމާއެކު ސަމަދު ބުންޏެވެ.
“އަހަރެން ސަލްމާ އާ އިންތަނުން، އަހަރެންގެ އާ ކާރުގަ ދަނިކޮށް ކިހާބޮޑު އެކްސިޑެންޓެއްވީ، ހަނދާނެއް ނެތްތަ؟ އަހަރެންގެ މަންމަ އެއްފަހަރުވެސް ސަލްމާ އަށް ‘ސުންޕާ’ ގެ ލަގަބު ދިންތަ؟ ނުދެއެއްނު؟”
ސަލްމާ ޖަވާބެއް ނުދެއެވެ. އަމިއްލަ ނޭވާއަށްވެސް އަޑު ނުއިވޭ ވަރަށް ކުދިކިޔައިލި އެވެ. ދެފަރާތަކަށް ސަމަދު ބޯ ހަލުވައިލަމުން އެނދާ ދިމާއަށް ހިނގައިގަތެވެ.
“މަށަށް ހީވަނީ އަހަރެން އަރާމުކޮށްލަންވީހެން. މާދަން އެބަޖެހޭ ކޮންމެހެންވެސް އެސޮރާ ބައްދަލުކުރަން ދާން.” ސަމަދު ބުންޏެވެ.
ހައިރާން ކަމާއެކު ސަލްމާ އޭނާގެ ފިރިމީހާ އަށް ލޯ އަޅައިލި އެވެ.
“އެސޮރު އެހާލުގަ އުޅެނިކޮށްވެސް ކަލޭ ވީ އަދިވެސް އަރާމުކުރަންތަ؟”
“ސަލްމާ….. ނިކަން ހަމަޖެހިބަލަ. އަހަރެން ބޯ ސަކަރާތްކުރަން ނޫޅެބަލަ. މިބުނީނު އަހަރެން އަރާމުކޮށްލަން ބޭނުމޭ. އެސޮރާ ދިމާވާއިރު އަހަރެން ހަމައިގަ ހުންނަން ޖެހޭނޭ. ހޮސްޕިޓަލުގަ އެސޮރު އެހާވަރު އަރުވައިލިއިރު އަދިވެސް ހުންނާނީ އެހާ ރުންކުރު މިޒާޖެއްގަ ނޫންކަމެއްވެސް ނޭނގެއެއްނު. އެހެންވީމަ އެސޮރު މައިތިރި ކުރަންވެސް ތިބީ ހަމަ އަހަރުމެންނެއްނު. އަހަރެން ނަފުސާނީގޮތުން ހާސްކަމެއްގަ ތިބެގެން ކިހިނެތް އަހަންނަށް މައިތިރިކޮށް ހުރެވޭނީ ކަމެއް ގޯސްކޮށް ހިނގައްޖެއްޔާ؟”
ސަމަދު ހާސަރުތަކެއް ދަމަނީ ކަމަށް ސަލްމާ ހީކުރިޔަސް އެ ދެއްކީ ރަނގަޅު ވާހަކަތަކެއްކަން ޚުދު ސަލްމާ އަށްވެސް ޤަބޫލުކުރެވޭނެ އެވެ.
އެނދުގައި އޮށޯތުމާއެކު ސަމަދަށް ނިދިއްޖެ އެވެ. ސަމަދުގެ ގަދަ ގުގުރީގެ އަޑުން ކޮޓަރި ތެރޭގައި އަޑުހިއްޕާލައިފިއެވެ. ސަލްމާ ގާތަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. ފޫހިވީ އަދި އެއަށްވުރެން ބޮޑަށެވެ. ކުރާނެ ކަމެއް، ހަދާނެ ގޮތެއް ނޭނގިގެން ޝާއިލް ގެ ނަންބަރަށް ގުޅޭތޯ ސަލްމާ މަސައްކަތް ފެށިއެވެ. ކޮންމެ ފަހަރަކުވެސް ‘ނޮޓް އެވެއިލެބަލް’ ކަމަށް އޮޕަރޭޓަރުގެ މެސެޖް ލިބެމުންދާން ފެށުމުން ސަލްމާ ގެ ހަމަޖެހުން ގެއްލިއްޖެ އެވެ. އޭނާ އެކަނި ގޮސް ޝާއިލް އާއި ބައްދަލުކުރުމަށް ޢަޒުމް ކަނޑައެޅި އެވެ. އެކަމަކު އެކަން އެގޮތަށް ކޮށްފިނަމަ، ފިރިމީހާ ސަމަދު ވަރަށް ބޮޑަށް ރުޅި އަންނާނެކަން އޭނާއަށް އެނގެއެވެ. ސަމަދަކީ ކިތަންމެ ފިރިހެންވަންތަ މީހެއް ނަމަވެސް، އޭނާ އަކީ ހަރުކަށި މިޒާޖެއްގެ މީހެކެވެ. އަނބިމީހާގެ ނުސިޔާނު ކަމަކީ އެއްގޮތަކަށް ވެސް އޭނާ ބަރުދާސްތު ކުރާނެ ކަމެއް ނޫނެވެ. ކޮޓަރި ތެރޭގައި ސަލްމާ ދެކޮޅަށް ހިނގަންފެށި އެވެ. ހިނގާހިނގާ ވަރުބަލިވުމުން އެނދުމަތީގައި އޮތް ފިރިމީހާގެ ގައިގައި ޖެހޭ ހިސާބުގައި އިށީންދެއްޖެއެވެ. އެއަށްފަހު މަޑުމަޑުން އޮށޯވެއްޖެ އެވެ. އިރުކޮޅެއްވެސް ނުވެ ސަލްމާ އަށް ވެސް ނިދިއްޖެ އެވެ.
ތިންފޫޓް ފުޅާ އެނދެއްގައި ޖެހިފިތިގެން އަރާމު ނިންޖެއްގައި ތިބި ދެމީހުންނަށް ހޭލެވުނީ މަޢުރީން ގެ ބައްޕަގެ ހަޅޭކުގެ އަޑަށެވެ. ހަޅޭއް ލަވަމުން އިލްޔާސް ގޮސް ސަމަދުމެންގެ ގޯއްޗަށް ވަނީ ދެވަނަ އެހެން ގޮތެއް ނެތިގެންނެވެ.
❀****❀❀****❀
މަޢުރީން އަށް ހޭލެވުނީ ކައިރީގައި ހުރި މެޝިނު ތަކުން އިވެމުންދިޔަ ޕީއްޕީއް ގޮވާ އަޑަށެވެ. ކޮޓަރިތެރެ އޮތީ ގާތްގަނޑަކަށް އަނދިރިކޮށެވެ. ހަމައެކަނި އެތަނަށް ފޯރަމުންދާ އަލިކަމަކީ ކުޑަދޮރުން ވެދެގެން އަންނަ އަލިކަމެވެ.
އަނދިރި ކަމަކީ މަޢުރީން ނަފުތަރުކުރާ ކަމެކެވެ. ޚާއްޞަކޮށް މި ދުވަސްކޮޅުއެވެ. އޭނާ އަށް ކުރިމަތިވަމުން އަންނަ އާދަޔާޚިލާފު ކަންތައްތަކަކީ ކިހިނެއް ހިނގާ ކަމެއްކަން އަދިވެސް ރަނގަޅަށް އެނގިފައި ނުވާތީ އެވެ.
ކޮޓަރިއަށް ވަންނަންހުރި ދޮރާއި ދިމާއިން އަޑުތަކެއް މަޢުރީން އަށް އިވެންފެށި އެވެ. އެއަޑު އިވޭ ދިމާއަށް ފުރޮޅިލުމަށް މަޢުރީން މަސައްކަތްކޮށްލި އެވެ. އެވަގުތު އޭނާގެ ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނުގެނެވޭކަން އެނގިއްޖެ އެވެ. ހީވީ އޭނާގެ ބޯ ބާލީހާއި އެކުގައި ތެރަސްލާ ތަތްކޮށްފައި އޮތްހެންނެވެ. އެވަގުތު އޭނާގެ މައިކަށީގެ މަދާއި ހިސާބުން ބިރުވެރިކަމުގެ ރާޅުބާންޏެއް އުފެދިގެން އަންނަކަމުގެ އިހްސާސެއް ކުރެވިއްޖެ އެވެ. އަނެއްކާވެސް ތުރާވެރިކަމާއި ކުރިމަތިލާން ޖެހެނީކަން އޭނާއަށް ރަނގަޅަށް އެނގިއްޖެ އެވެ.
ހަށިގަނޑަށް ހަރަކާތެއް ނުކުރެވުމުން ލޮލަށް ހަރަކާތެއް ގެނެވޭތޯ މަސައްކަތްކޮށްލި އެވެ. އެކަމެއްވެސް ނުކުރެވުނެވެ. މުޅި ހަށިގަނޑު އޮތީ އެއްކޮށް ތަޅުއެޅުވިފަ އެވެ. އެވަގުތު ދެބަދޭތެރެއިން ފެންނަގޮތަށް މަޢުރީން އަށް ފެންނަން ފެށީ އޭނާއާއި ދިމާއަށް ފިރުކެމުން ކަޅު ހިޔަންޏެއް އަންނަނިކޮށެވެ. ގަތް ބިރެއްގެ ސަބަބުން މުޅި އެހިސާބު ފަޅައިގެންދާހާ ބާރަށް މަޢުރީން ހަޅޭއްލަވައިގަންނަން ބޭނުންވި އެވެ. ނަމަވެސް އޭނާގެ އަނގަވެސް ހުޅުވައިނުލެވޭކަން އެނގުނީ އެވަގުތު އެވެ.
ވަރަށް މަސައްކަތުން މަޢުރީން ހަޅޭއްލަވައިތެވެ. ހަޅޭއްލެވުނު އެންމެ ބާރަކަށެވެ. އެއްވެސް މީހަކަށް އޭނާގެ އަޑު ނުއިވޭނެކަންވެސް އެނގޭ ހާލުގައި އޮވެއެވެ. އޭނާ އަށް އޮވެވުނީ ގޮތްނޭނގޭ ހާއްޔެއް ތެރޭގައި ތާށިވެވިފައެވެ.
ކަޅު ހިޔަނި ހަރަކާތްތެރިވަމުން ދިޔައީ ހަމަ ސީދާ މަޢުރީން އާއި ދިމާއަށެވެ. އޭނާ އޮތް އެނދާއި ދިމާ މައްޗަށް އެ ހިޔަނި އެރުމަށްފަހު މަޢުރީންގެ ގައިގައި ބާރަށް ބައްދައިލި އެވެ. މަޢުރީން އަށް ނޭވާ ނުލެވޭހައިވެސް ބާރަށެވެ.
ނޭވާ ހާސްވެ މަޢުރީން މަރަށް ތެޅެން ފަށައިފި އެވެ.
ނޭވާއެއް ލެވޭތޯ އަމިއްލަ ނަސުފާއި ހަނގުރާމަ ކުރަން ފެށުނެވެ. ފުރާނަ ސަލާމަތް ކުރެވޭތޯ އެވެ. އެވަގުތު ކޮންމެވެސް މީހެއް އޭނާއާއި ދިމާއަށް މަލާމާތުގެ ރާގަކަށް ހެމުންދާކަން އެނގުނެވެ. އެއީ ބިރުވެރި މަލާމާތުގެ ހިނިގަނޑެކެވެ.
ކުއްލިއަކަށް އޭނާގެ ބެދިފައިވާ އަރު ހުޅުވިއްޖެކަން އެނގުމާއެކު ގައިގާހުރި ހުރިހައި ހަކަތައެއްގެ ހިތްވަރުން ހިތްވަރު ހޯދަމުން ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ.
“ޔާﷲ، ….. اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ ….” ވަރަށް މަސައްކަތުން އާޔަތުލް ކުރުސި ކިޔައިލެވުނީ ޚުދު ކިހިނެއް ވެގެން ކަމެއް ވެސް މަޢުރީން އަކަށް ނޭނގުނެވެ. ކުރުސި ކިޔައި ނިމުމާއެކު މައުރީން ގެ މޫނުމައްޗަށް އަނދިރިވެއްޖެ އެވެ.
❀****❀❀****❀
މަޢުރީން އަށް ހެއިވެރިކަން ވިއިރު، އަނެއްކާވެސް އަޑުތަކެއް އިވެމުންދެ އެވެ. އެކަމަކު މިފަހަރު، އެ އަޑުއިވެމުން ދަނީ އެނދު ކައިރިންނެވެ. އެ އަޑުތައް ވަކިކުރާން ވެސް އޭނާއަށް އެނގެއެވެ. ލޯ ނުހުޅުވައި އޮތްނަމަވެސް ކައިރީގައި ތިބީ ކޮން ބައެއްކަން ދެނެގަންނާން އެނގުނެވެ. ކައިރީގައި ހުރެގެން އޭނާގެ މަންމަ ރޮމުން ދިޔައިރު، ބައްޕަ ހުރީ ކޮންމެވެސް އެހެން މީހަކާއެކު ދެބަސްވުމެއްގަ އެވެ. އެނދުކައިރީގައި ހުރި ކޮންމެވެސް މީހަކާ މަޑުމަޑުން ކޮންމެވެސް ވާހައެއް ދައްކަން މަރިޔަމް ވެސް ހުއްޓެވެ.
ކައިރީގައި ކިތަންމެ ބަޔަކު ތިބިނަމަވެސް، މަޢުރީން އަށް އިޙްސާސް ކުރެވެނީ އެކަނިވެރިކަމެވެ. އޭނާއަށް ކުރިމަތިވަމުން އަންނަ ގޮތް ނޭނގޭ ކަންތައްތަކަށް އެހީތެރިވެދޭނީ ކާކުހެއްޔެވެ؟ އެކަންކަމުގެ ވާހަކަތައް އެހެން މީހެއް ކައިރީގައި ދައްކަން އޭނާ ލަދުވެސް ގަނެއެވެ. އިދުރީސް އާއިއެކު އެންމެފަހުން ފޯނުން ކުރެވުނު މުއާމަލާތުގެ މަތިން އޭނާ ހަނދާންވެއްޖެ އެވެ. އެއީ ރޭގެ ވަގުތެއްގައެވެ. އެމީހުން ވާހަކަދައްކަން ތިއްބާ އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނީ ޝަމްހޫރިޝް އެވެ. ރުޅި އައިސް ރަތްވެފައި ހުރި ޝަމްހޫރިޝް އެވެ. ލިބުނު ޝޮކާއި އެކުގައި މަޢުރީން އެއްކޮށް ހަނުވިއެވެ. އޭނާ އަށް އަނގައިން ނުބުނެވި އުޅެނިކޮށް ޝަމްހޫރިޝް ގެ ވަރުގަދަ އަތްތިލައިން މަޢުރީންގެ މޫނުމަތީގައި ބާރަށް އެތިފަހަރެއް ޖެހިއެވެ. އެ އެތިފަހަރާއެކު މަޢުރީން ހޭނެތުނީ އެވެ. އަދިވެސް އޭނާގެ މޫނުން ވާތްފަޅިއަށް ތަދު އިހްސާސް ކުރެވެމުންދެއެވެ. ހީވަނީ މޫނު ދުޅަވެސް ވެފައިވާހެންނެވެ. ލޯ ހުޅުވައިލެވޭތޯ މަސައްކަތް ކޮށްލެވުނު ވަގުތު އެނގުނީ ލޯވެސް ނުހުޅުވޭ ކަމެވެ. ރޮވޭހާ ވަރަށް ބޮލުގައިވެސް ރިއްސަމުންދެެއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަ ފޮހެލުމަށް އަތް އުފުލައިލިވަގުތު މަޢުރީން ހޭއަރައިފިކަން މަރިޔަމް އަށް ފާހަގަ ކުރެވުނެވެ.
“މައު، މިހާރު ކިހިނެތް؟”
“ޓެރިބަލް،” މައުރީން ޖަވާބުދިނީ އެންމެ ލަފުޒަކުންނެވެ.
އެވަގުތު މަރިޔަމް ކައިރީގައި ހުރި މީހާ އޭނާއަށް ފާހަގަ ކުރެވިއްޖެ އެވެ.
“އިދުރީސް، … އަނެއްކާވެސް އަހަ…. އަހަރެން މިހާލު އޮއްވާ ބަބަ…. ބައްދަލުވާން ޖެހުނީމަ ވަރަށް ބޮޑަށް ސޮރީ.”
“ނޫން މަޢުރީން، ތިހެން ނުބުނޭ، މާތްﷲ ގެ އިރާދަފުޅުން މަޢުރީން އަށް އަވަސް ޝިފާއެއް ދެއްވާނެ.” އިދުރީސް ޖަވާބުދިނެވެ.
“މިކަން މިހެން މިވީ ރޭގަ ކިހިނެއް ވެގެންކަން މަޢުރީން ހަނދާން އެބަހުރިތަ؟” އިދުރީސް ކަންބޮޑުވެފައި އިން ކަންތައް އޮޅުންފިލުވުމަށް ބޭނުންވި އެވެ.
އިދުރީސް ގެ ލޮލަށް މަޢުރީން ބަލައިލިއެވެ. އެލޮލުން މަޢުރީން އެދޭފަދަ ނޫރެއް ފެންނަން ހުއްޓެވެ. އިދުރީހަކީ މަޢުރީން އަށް އިތުބާރު ކުރެވިދާނެ މީހެއްކަން އެ ލޮލުން ބުނެދެމުންދާ ކަހަލަ އެވެ. އިރުކޮޅަކު ބަލަން އޮތުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ޒުވާބެއްގައި ތިބި މައުރީންގެ މަންމަމެން ގޮވައިގެން ބޭރަށް ނިކުތުމަށް އެދުނެވެ. މަރިޔަމް އެކަން ކުރުމުން އެނދުން ތެދުވެ މަޢުރީން އެނދު ކޮޅުގައި ލެނގިލެވޭތޯ ވަރަށް އުނދަގުލުން މަސައްކަތްކޮށްލި އެވެ. އިދުރީސް ވެސް މަޢުރީން އަށް އެހީވުމަށް މަޢުރީންގެ ބުރަކަށި ދޮށަށް ބާލީހެއް ލައިދިނެވެ. މަރިޔަމް ބޭރުގައި ހުރެފައި އައިސް އެނދުކައިރީގައި އެވަގުތު މަޑުކޮށްލިއެވެ.
މަޢުރީންގެ ހިތް ބާރަށް ތެޅެމުންދަނީ އެވެ. މަޢުރީން އަށް ކުރިމަތިވަމުން އަންނަ ކަންތައްގަނޑު އިދުރީހާއި ހިއްސާކުރުމަށް އެވާހަކަތައް ފަށާނެ ގޮތަކާއިމެދު ވިސްނައިލި އެވެ. ގަތްފައިވާ ލަދުވެތިކަމާއި އޭނާގެ ނަފުސަށް ވެރިވަމުންދިޔަ ބިރުގަތުމުގެ އިޙްސާސަށް ކުރިމަތިލެވޭތޯ މަސައްކަތްކުރަމުން ކަރުކެހިލިއެވެ. އެވަގުތު ކޮޓަރިތެރެއަށް އޮތީ ހަމަހިމޭންކަމުގެ ސާލެއް ލާފައެވެ. މަރިޔަމް އާއި އިދުރީސް ގެ ކުރިމަތީގައި މަޢުރީން އަށް ދިމާވަމުން އަންނަ ކަންތައްތައް ފެށުނު ހިސާބުން ފެށިގެން ގޮސް މިއަދާއިހަމައަށް ހިނގި ހުރިހައި ކަމެއް ވަރަށް ތަފްޞީލްކޮށް ކިޔައިދީފި އެވެ.
❀****❀❀****❀
މަޢުރީން ބާއްވާފައި އޮތް ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީންދެ އިން ހާޖަރާ އިނީ ރޯށެވެ. ހުރިހައި ކަމެއް މިހެން މި ހިނގަނީ އޭނާގެ ކުށަކުން ކަން އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ އޭނާއަށްތާއެވެ. އިއްޔެ އަލިބެއްޔާގެ ގެއިން އޭނާ ނިކުތީ ރުޅިއައިސް ރަތްވެގެން ހުރެއެވެ. އިއްޔެވެސް އަލިބެއްޔާގެ އަމަލުތައް ހުރީ ހާޖަރާ އާއިއެކުގައި އެކަނިވުމުން ހަމަ އާއްމުކޮށް ހުންނަގޮތަށެވެ. އޭނާގެ ފަރާތުން ދޭ ޚިދުމަތުގެ ބަދަލުގައި ހާޖަރާގެ ކިބައިން ޖިންސީ އުފާވެރިކަން ހޯދުމަށް އެދަމުންދިޔަ އެވެ. ވޭތުވެދިޔަ ހުރިހާ އަހަރުތަކެއް އަލިބެއްޔާ ކައިރިއަށް ނުދިއުމަށް ހާޖަރާ ހުރީވެސް އެހެންވެގެންނެވެ. އަލިބެއްޔާ ބޭނުން ނަމަ ބޭނުން ކޮންމެ ކަމެއް ހާޖަރާގެ ކިބައިން ޙާޞިލްކުރެވިދާނެ އެވެ. ހާޖަރާ ގެ ޙަޔާތުގެ ‘ބޮޑު ސިއްރު’ ވަނީ އަލިބެއްޔާގެ މުށުތެރޭގައެވެ. އެހެން ނަމަވެސް އިއްޔެ، އެ ސިއްރާއިމެދުވެސް ހާޖަރާ ގެ އެއްވެސް ފަރުވާލެއް ނެތެވެ. އަލިބެއްޔާގެ ލާއިންސާނީ، ހައިވާނީ އަދި އެހާމެ ވަހުޝީ އެދުންތަކުގައި ކޮޅުފައިން ޖަހާފައި ރުޅިއައިސް ރަތްވެގެން ހުރެ ހާޖަރާ އެގެއިން ނިކުތީ އަލިބެއްޔާގެ ހިތުގައި ހާޖަރާގެ ދެމައިންނާއިމެދު ކުޑަވެސް ރަހުމެއް ނެތްކަން އެނގޭތީއެވެ.
ނުވީތާކަށް ހާޖަރާ އެގެއިން ނުކުންނަމުން އަލިބެއްޔާ އަށް އެ ބަހުން ވެސް ޖެހިއެވެ.
ނަމަވެސް މިއަދު، އޭނާގެ ލޯބިވާ ދަރިފުޅު މަޢުރީން އެއޮތީ އަނެއްކާވެސް ހޮސްޕިޓަލުގައެވެ. މަޢުރީންގެ ބައްޕަ އިލްޔާސަށް ރޭ އެވަގުތު ގެއަށް ނުވަދެވުނު ނަމަ، މަޢުރީންގެ ބޮލުން ފަޅައިގެންދިޔަ ތަނުން ލޭ އައިސްއައިސް މަރުވުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. މަޢުރީން ކޯމާ އަކަށް ދިޔަނަމަ ދެން ވާނީ ކިހިނެއްހެއްޔެވެ؟ މަޢުރީންގެ ސިކުނޑިއަށް ގެއްލުންވެ ނޭދެވޭ އަސަރެއް ކުރިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މިކަންކަމާމެދު ހާޖަރާ އަށް ވިސްނެން ފެށުމުން ހައްތަހާ ބޮޑަށް ހާޖަރާ އަށް ރޮވެން ފެށުނެވެ. އޭނާ ހަމަޖެއްސުމަށް ކައިރީގައި އެއްވެސް މީހަކުވެސް ނެތެވެ. އޭނާގެ ފިރިމީހާ އާއި ޝާއިލްގެ ބައްޕަ އަދިވެސް ތިބީ ކޮންމެވެސް ކަމެއްގައި ޒުވާބުކުރާށެވެ. ރިސެޕްޝަން ކުރިމަތީގައި ދެކޮޅަށް ހިނގާލަހިނގާލައި ސަލްމާ ހުއްޓެވެ. ކޮންމެވެސް ކަމަކާ ވިސްނަމުންނެވެ.
ރޮމުން ގިސްލަމުންދިޔަ ހާޖަރާ ގެ ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތައް ކަފިކަފިވެގެން އެކި މިސްރާބަށް ދަތުރުކުރަން ފަށައިފިއެވެ. އަލިބެއްޔާމެންގެ ގޭގައި ތަންކޮޅެއް ވިސްނުންތެރިކަމާއެކު ޢަމަލުތައް ބެހެއްޓުނު ނަމައޭ ހިތަށްއެރި އެވެ. އޭރުން، ކަނޑުގެ ދިރުމާއި މައުރީން އާއި ހުރި ގުޅުން މައިތިރިކުރުމަށް އޭނާ ކަމެއް ކޮށްދީފާނެ ވެސް ތޯއްޗެކެވެ. އޭރުން ހުރިހައި ކަމެއްވެސް ރަނގަޅުވެދާނެ އެވެ. ކޮންމެ ފަދަ އަގެއް ދައްކައިގެން ނަމަވެސް ހުރިހައި ކަމެއް ހަމައަކަށް އެޅިދާނެ އެވެ.
އެފަދަ ބޭކާރު ވިސްނުމެއް ވިސްނުނީތީ ހާޖަރާ ގެ އަމިއްލަ ނަފުސު ކުށްވެރިކުރި އެވެ. އަލިބެއްޔާގެ ފަރާތުން ލިބޭނީ ވަގުތީ ހައްލެއްކަން މިހާރު އޭނާއަށް ޤަބޫލުކުރެވެއެވެ. އަލިބެއްޔާ އެބުނާ ޤުރުބާނީއެއް ވުމަށް އަނެއްކާވެސް ފައިސާ ފޮނުވަން ޖެހޭނެކަން ވެސް އެނގެއެވެ. އެ ހުރިހާކަމެއްގެ އިތުރުން އަލިބެއްޔާ ކޮށްދޭ ކަންތަކުގެ އަގެއްގެ ގޮތުން އަލިބެއްޔާގެ މުޑުދާރު އެދުންތައް ފުއްދައިދިނުމަށް ހާޖަރާގެ ހަށިގަނޑު ޤުރުބާން ކުރަން ޖެހޭނެކަންވެސް އެނގެއެވެ.
ކުއްލިއަކަށް ހާޖަރާގެ ހިތަށް ވެރިވީ ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލްއަކުން ދައްކަމުން އަންނަ ރޫޙާނީ ފަރުވާދޭ ޕްރޮގްރާމަށް އަރާ ޝެއިޚްގެ ދަރުހެއްގެ މަތިންނެވެ. ‘ކެތްތެރިކަމަކީ ނަމާދެވެ. ކެތްތެރިކަމާއެކު ދުޢާކުރުން ކަމަށް’ އެ ޝެއިޚް ހަނދާންކޮށްދިން ހަނދާންކޮށްދިނުމެވެ. ކޮންމެ ފަދަ ތަކްލީފެއް ކުރިމަތިވިޔަސް ކެތްތެރިވާން ޖެހޭނެކަމާއި މާތްﷲ ގެ މަތިން ހަނދުމަކޮށް އެކަލާންގެއަށް ދެންނެވުމުގެ މުހިންމުކަމެވެ. ކެތްތެރިކަމާއެކު ދުޢާކުރުމުން، ތަކްލީފުތަކުން މިންޖުވެވޭނެ ކަމެވެ.’
މީގެ ފަންސަވީސް އަހަރު ކުރިންވެސް އޭނާއަށް ކެތްތެރިވެވުނު ނަމަ ކިހާ ރަނގަޅުހެއްޔެވެ؟ ޚަލްޤު ކުރެއްވި ފަރާތަށް ދުޢާކޮށް ދެންނެވުން މަތީގައި ދެމިހުރެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ މަޢުރީން ލިބުނު ފަހުންވެސް މާތްﷲ ގެ މިންވަރުފުޅުން ހާޖަރާ އަށް ވަނީ އިތުރު ހަތަރު އަންހެން ދަރިން ލިބިފައެވެ. އޭގެ ތެރޭގައި އެއްމާބަނޑު ދެބެއިން ލިބުނީ އަލިބެއްޔާގެ ނުބައި އަމަލުތަކުގެ އެއްވެސް އެހީތެރިކަމެއް ނެތިއެވެ.
މީގެ އަހަރުތަކެއް ކުރިން ހާޖަރާ އަށް ކެތްތެރިކަން އިސްކުރެވުނު ނަމަ، މިއަދު އޭނާގެ ހިތް ކުދިކުދިވެގެން ރޯކަށް ނުޖެހުނީހެވެ. އެއްވެސް އަގެއް ނެތް މުޑުދާރު މީހެއްގެ އިޙްސާސް ކުރާކަށް ނުޖެހުނީހެވެ. ޢަޤީދާ ބަލިކަށި މުސްލިމެއްގެ އިޙްސާސް ތާއަބަދު ކުރުމުގައި އިންނާކަށް ނުޖެހުނީހެވެ.
މަޢުރީން އަކީ އިލްޔާސްގެ ދަރިއެއް ނޫންކަން އިލްޔާސް ކައިރީ ބުނާނެ ގޮތަކާމެދު ހާޖަރާ އިތުރަށް ވިސްނާކަށް ބޭނުމެއް ނުވިއެވެ. އިން ތަނުން ތެދުވެގެން ހިނގައިގަތީ އިލްޔާސާއި ދިމާއަށެވެ.
ނުނިމޭ
* ނޯޓް: މި ވާހަކަ އަދާހަމަކުރަމުން ގެންދާނީ ކޮންމެ ހަފުތާއަކު 2 ދުވަހު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!