ތަރުޖަމާ: ޢ.ދ.ޢ
މިފަހަރުވެސް ދީނީ އިޙްތިފާލްގެ ދުވަހުގައި ގާތްތިމާގެ އެންމެން ޖަމާވިއެވެ. އެންމެ ދުރުންނާއި އެންމެ ކައިރިންވެސް މެއެވެ. ވަޑައިނުގަންނަވަނީ ހަމައެކަނި އޭނައެވެ……… ޖާވިދްއެވެ. އަޅުގަނޑު އޭނާއާއި ބައްދަލުވާން އެދޭކަން ހަމަރީތިކޮށްވެސް ދެނެވަޑައިގަންނަވާނެއެވެ. ވަޑައިނުގަތުމުގެ ސަބަބަކީ އެއީއެވެ. މުސްތަޤްބަލާއިމެދު ވަކިގޮތެއް ނިންމުމުގެ ކުރިން އަޅުގަނޑު އޭނާއާއި ސުވާލެއްކޮށްލަން ބޭނުންވެއެވެ.
ޙަފްލާގެ ކަންތައް ނިމުމަކަށް އަންނަނީއެވެ. މެހްމާނުންގޮސް ނިމެނީއެވެ. ދެން ތިބީ ގޭގެ މެމްބަރުން ކަހަލަ ބައެކެވެ. ވަރަށް ގެވަންތަވެރިގޮތެއްގައި ކާޕެޓްމަތީގައިވެސް ބައެއް މީހުން ހަމަޖެހިލައިގެން ތިއްބެވެ. އެންމެންވެސް ނުހަނު ފަރުވާތެރިކަމާއެކު ދައްތަގެ ވާހަކަތައް އަޑުއަހައެވެ. އަޅުގަނޑު ދައްތައާއި ދޭތެރޭ ވިސްނުމުގެ ނަޒަރެއް ހިންގާލީމެވެ. ޢުމުރުން ވީ ދުވަހާ އަޅާބަލާއިރު ރީތިކަމާއި ފުރިހަމަކަން އެއްވަނައެވެ. އެވަގުތު އެތާތިބީ ޢާއިލީގޮތުން އެއްބައެއް ނަމަވެސް ދައްތައާއި ކައިވެނި ހެޔޮވާ މީހުންނެވެ. ޒުވާން ފިރިހެނުންނެވެ.
އަޅުގަނޑުމެންގެ ޢާއިލާގެ ގިނަ ފިރިހެނުން އެމީހުންނަކީ ދައްތަޔާ ކައިވެނީގެ ގުޅުމެއް ހިންގޭފަދަ ބަޔަކަށް ވާނަމަ ތިބެނީ ދައްތައާ ހިތާވެފައެވެ. ނަމަވެސް ދައްތަ ރުހޭ ހަމައެކަކުވެސް އުޅޭކަމަކަށް ނުވެއެވެ.
ދައްތައޭ އަޅުގަނޑު މިދަންނަވަނީ ބޮޑުދައިތައެއްގެ ދަރިފުޅަކަށެވެ. އަޅުގަނޑަށްވުރެ 4 އަހަރު ނުވަތަ 5 އަހަރު އޭނާ ދޮށްޓެވެ. ޢުމުރުގެ މިހާ ތަފާތުކަން ހުރުމާއެކުވެސް އަޅުގަނޑުމެންދެބެން ވަރަށް ބޮޑަށް ގުޅެއެވެ. އެކުވެރިމެއެވެ. ސިއްރުވެރިން ކަމުގައިވެސް ހިމެނޭ މެއެވެ. ރޭގަނޑާއި ދުވާލުހެން އެއްތަނެއްގައި އުޅެވޭގޮތް އޮންނަނީ ދިމާވެފައެވެ. ވަރަށް ވިސްނުންތޫނު ހިތްއަލި ދައްތައެކެވެ. އިމްތިޙާންތަކުގައި ކޮންމެފަހަރަކުވެސް އެއްވަނަ ހޯދާފައިވެއެވެ. އަދި ޙަފްލާއަކަށް ހިނގައްޖެ ނަމަވެސް ޒުވާން ފިރިހެނުންގެ ލޯތަކުގެ އަމާޒަކަށްވެފައިވަނީ އޭނާއެވެ. ވަރަށް ގިނަ ފަރާތްފަރާތުން އޭނާގެ ކައިވެންޏަށް އެދިފައިވެއެވެ. އެއްވެސް ފަރާތަކަށް އެދެވޭ ޖަވާބެއް ނުދެވިގެން ޢާއިލާގެ ބޮޑެތި މީހުންތިބެނީ ނުރުހުންވެސް ވެފައެވެ. އޭނާ ދައްކަނީ ހަމައެއްވާހަކައެކެވެ.
“ފުރަތަމަކަމަކީ ތަޢުލީމް ފުރިހަމަކުރުމެވެ. އެހެން ހުރިހާ ކަމެއްހުރީ ފަހަތުގައެވެ. ވާގޮތެއް އެނގިދާނެތާއެވެ.”
ދުވަސްތައް މާޒީވަމުންދެއެވެ. ދައްތަގެ ކައިވެންޏަށް އެދުނު ވަރަށް ގިނަފަރާތްތަކުން އެހެންގޮތްގޮތް ހަމަޖައްސާ ނިމިއްޖެއެވެ. މިހާރު އޭނާ އުޅެނީ ޔުނިވަރސިޓީގެ އެންމެ ފަހު އަހަރުގައެވެ. އަޅުގަނޑަށް އޭނާގެ އުޅުމުން ވަރަށްބޮޑު ބަދަލެއް އިޙްސާސް ކުރެވެން ފަށައިފިއެވެ. އިހުގައި ހުންނަ ހަލަބޮލިކަމާއި ލާނެތްކަން، ސަމާސާތަކާއި ފޮށުންތައް މަޑުމަޑުން ހުއްޓެނީއެވެ. ޙަފްލާތަކުގެ ރޫހެއްކަމުގައިވާގޮތް ކުޑަވަނީއެވެ. ވާހަކަ ދެއްކުން މަދުވެއްޖެއެވެ. ގޭގެ ބަގީޗާ ތެރެއަށް ކޮންމެ ދުވަހަކު ޖަމާވާ ޒުވާން އަންހެންކުދިންގެ ގްރޫޕްތައް ހުލިވަނީއެވެ. އެންމެންވެސް ދެކެނީ އެންމެ ފަހު އިމްތިޙާނަށް ތައްޔާރުވުމުގެ އަސަރުކަމަށެވެ.
ދައްތަގެ އިމްތިޙާން ހަމަނިމުނުތަނާ އިންޑޯ ޗައިނާގެ ހަނގުރާމަ ފެށިއްޖެއެވެ. ދެން އަބަދުވެސް އުޅެނީ ވަރަށް އަވަދިނެތިއެވެ. ޙާލުގައި ޖެހޭ މީހުންނަށްޓަކައި ޗަންދާއާއި ތަކެތި އެއްކުރުމުގެ މަސައްކަތުގައެވެ. ސިފައިންގެ ތެރޭގައި ހިތްވަރުކުރާ މީހުންނަށް ޕާރސަލްތައް ތައްޔާރުކުރުމުގައެވެ. އެކިގޭގެއަށްގޮސް ރޭގަނޑު ބައެއް އަލި ނުފެންނަގޮތް ހެދުމާއި، ޙާލުގައި ޖެހޭމީހުންނަށް ވަގުތީ ފަރުވާދިނުމުގެ އުޞޫލްތައް ބުނެދީ އިރުޝާދު ދިނުމުގައެވެ. ރޭގަނޑުގެ ވަގުތުތަކެވެ. މުޅިރަށް އޮންނަނީ ބައްތީގެ އަލިން މަޙްރޫމްވެފައެވެ. އެފަދަ ވަގުތުގައި މުޅި މާހައުލު ހަނދުވަރުގެ ދޯދިތަކުން ފެންވަރަމުންދާއިރުވެސް ދައްތަ ދެލޯ ބޮޑުކޮށްގެން ހޭލާ އިނދެއެވެ. އަޅުގަނޑުގެ ހިތަށް އަރައެވެ. ދައްތައަށް ހަމަބިރުން ނުނިދެނީ ބާވައެވެ. އެއީ ކޮންކަހަލަ ބިރެއްކަމެއް އަދި ކޮން ބާވަތެއްގެ ވަސްވާހެއްކަމެއް އަޅުގަނޑަކަށް އޭރަކު ނުމެވިސްނޭމެއެވެ.
ހަނގުރާމަ ވަރަށް އަވަހަށް މައިތިރިވެއްޖެއެވެ. ބިރުވެރިކަމުގެ ބަރުގޮނުތަކާއި، ބްލެކްއައުޓްގެ ދައުރު ނިމިއްޖެއެވެ. އަޅުގަނޑުމެންގެ ޙަޔާތް އާދައިގެގޮތްމަތިން ހަމަޖެހިއްޖެއެވެ. ސްކޫލް ހުޅުވިއްޖެއެވެ. ދައްތަ އެންމެ ފަހު އިމްތިޙާނުން ފާސްވީ ޚާއްޞަ ސަނަދަކަށް ޙައްޤުވާފަދަ ފުރިހަމަ އެއްވަނައަކުންނެވެ. އެހެން ނަމަވެސް އެކަމާ އެކަށީގެންވާ އުފަލެއް ދައްތަގެ އެއްކަމަކުންވެސް ނުފެނެއެވެ. އަބަދުވެސް އިންނަނީ ޚިޔާލަކަށް ގެއްލިފައެވެ. ޕޯސްޓުން އަންނަ ސިޓީތަކުގެ ތެރެއިން، ވަކިސިޓީއަކަށް އޭނާގެ ސަމާލުކަން ހުއްޓެއެވެ. އެސިޓީއެއް ހޯދަން ރާވާ ހަދައެވެ.
އެދުވަހު އަޅުގަނޑު ދައްތަގެ ކޮޓަރިއަށްވަނީ، މެންދުރުގެ ހޫނުކަން ހަވީރުގެ ފިނިކަމަށް ތަންދެމުން އައިވަގުތުއެވެ. އޭނާ އަލަމާރި ހުޅުވައިގެން އެއްޗެއް ހޯދަނީއެވެ. އެފުށްމިފުށަށް ޖަހަނީއެވެ. އެނދުމަތީގައި ފޮޓޯތަކާއި ސިޓީތައް އުކާލެވިފައި ހުއްޓެވެ. އަޅުގަނޑު އެތަނުން ފޮތެއް ނަގައިގެން ގަނޑުތައް އުކަން ފަށައިފީމެވެ. އެއީ ވަރަށް ގިނަފޮޓޯ ހުރި ފޮތެކެވެ. އެއީ ކޮންމެވެސް މުނާސަބާއެއްގެ އަހަރީ ފޮތެކެވެ. ސިފައިންނާބެހޭ ފޮތެކެވެ. ސިފައިންގެ ޚާއްޞަ ޝަޙުޞިއްޔަތުތަކާއި އެމީހުންގެ ކުންފުނިތަކާއި، ކޭމްޕްތަކާބެހޭ ފޮޓޯތައް ހުއްޓެވެ. އަދި މަޝްމޫންތައްވެސް ހުރިމެއެވެ. މިސާލަކަށް މިވެނި މީހަކަށް ޢިއްޒަތުގެ ކަނޑި ލިބިއްޖެއެވެ. މިތަޞްވީރުގައި ދިދަ އުފުލައިގެން މިހުރީ މިވެނި މީހެއް، މިވެނި މިވެނި މީހުންގެ މަޤާމްތައް މަތިވެއްޖެ…….. މިކަހަލަ ވާހަކަތަކާއި މަޢުލޫމާތެވެ.
”މީކާކުގެ ފޮތެއް……؟” އަޅުގަނޑު އަހާލީމެވެ. ދައްތަ ފޮޓޯޔަކަށް އިޝާރާތްކޮށްލާފައި ބުނެފިއެވެ.
”މިހިރަ ސިފައިންގެ މީހާގެ އެއްޗެއް….. ނޭނގެ އުޅޭތަނެއްވެސް ކޮންމެވެސް ތަނެއްގައި ދިފާޢީ މަރުކަޒެއްގައި އުޅޭނެ.”
”ރައްކާކުރުމުގެގޮތުން ދައްތަ އަތުގައި ބަހައްޓަނީދޯ……..! ޖެހިގެން ހުންނަގޭގައި އެއުޅޭ ދައިތަވެސް ހެނދުނު މަސައްކަތަށްދާއިރު، ގަހަނާތައް މިގޭގައި ބަހައްޓާ….”
ވާހަކަ މިހާތަނަށް ދިއުމުން އަޅުގަނޑުގެ ހިތުގައި ހިނގައިގަތީ މުޅިން އެހެން ޚިޔާލުތަކެކެވެ. ހަނގުރާމަޔާބެހޭ ފިލްމުތަކުގެ މަންޒަރުތަކެވެ. ދުމާއި އަލިފާނެވެ. ރުއިމާއި ހަޅޭއްލެވުމެވެ. ބޮންތައް ގޮވާއަޑެވެ. ތުރުތުރުއަޅައިގަތެވެ. އަދި ބުނެލެވުނެވެ.
”ހަނގުރާމަޔަކީ ހާދަބިރުވެރި ނުރައްކާތެރިކަމެކޭ……… ދައްތާ! އަހަރެން ވަރަށް ބިރުގަނޭ………”
ދައްތަ އަޅުގަނޑުގެ އަތުގައި ހިފާ ކައިރިއަށް ޖައްސާލިއެވެ. ”ހާދަފިނޑިކުއްޖެކޭ…….. ބަލަ މިހާރު ހަނގުރާމަ ހުއްޓި އެކަން މުޅިން ނިމިއްޖެ……….” މިހެން ބުނެފައި ހިނިތުންވެލިއެވެ.
ފިނިމޫސުމުގެ ދުވަސްތަކަށް ފެށެނީއެވެ. ހެނދުނު ތަންމައްޗާ ވަކިވުމަކީ ހިތްރުހޭ ކަމަކަށް ނުވެއެވެ. މިދެންނެވި ކަންނެތްކަމުގައި ނުތެދުވެ އުޅެނިކޮށް އެއްދުވަހަކު ސްކޫލް ބަސް ހިނގައްޖެއެވެ. އަޅުގަނޑު ޤަޞްދުކުރީ މިލިބުނު ޗުއްޓީން ފުރިހަމަ ފައިދާ ހޯދުމަށެވެ. އެންމެ ރަނގަޅުކަމަކަށް ވިސްނުނީ ގޭޓްކައިރީގައި ހުންނަ ތޫތުގަހަށް އެރުމެވެ. އަޅުގަނޑުގެ އެންމެ ހިތްގައިމު މަޤާމަކީ އެގަހެވެ. އެތާނގައި އިންނައިރު، އެއްޗެތި ވިއްކަން ހިނގާމީހުންވެސް ފެނެއެވެ. ޖެހިގެން ހުންނަ ގޭގެއިން ދައްކާ ވާހަކަވެސް އިވެއެވެ. ގޭގެ މަންޒަރުވެސް ފެނެއެވެ. އިރުގެ ހޫނުކަން ލިބެމުން އަންނަވަގުތު ކުދިދޫނިތައް އުދުހޭތަން ފެނެއެވެ. އެގަހުގެ ތެރޭގައި އޮށޯވެލައިވެސް އޮވެވެއެވެ. އެހެން އޮވެގެން ފޮތްކިޔާ ހެދުމަކީ އަޅުގަނޑުގެ އާދައެކެވެ. މިދެންނެވި ދުވަހުވެސް އަޅުގަނޑު އޮތީ ފޮތެއް ކިޔާށެވެ. ކުއްލިޔަކަށް ހިރަފުސްގަނޑެއް އަރައިގެންފިއެވެ. ކިސަޑާއި ކިލަލުން ތަތްތެޅިފައިވާ ޖީޕެއް ބޫން ކަނޑާފައި އައިސް ގޭޓް ކައިރިޔަށް މަޑުކޮށްލައިފިއެވެ. މަޑުކޮށްލުމާއެކު ފުންމާލީ ސިފައިންގެ ޔުނީފޯމްގައި ހުރި މީހެކެވެ. އޭނާ ގޭޓުން އެތެރެޔަށް ވަދެއްޖެއެވެ. ނޯކަރުދައިތަ އުޅެނީ ހެދުމުގެ ފަސްބަޔަށް ފިނިފެންމަލާއި ހުވަނދުމާ ބިނދެގެން އަޅާށެވެ. އެމީހަކު ފެނިފައި ހާސްވެގެން އެމާތައް ބިމަށް އޮއްސާލައިފިއެވެ. އެމީހަކު ދައިތަގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލުމުން އޭނާ ގޭތެރެޔަށް ވަނީއެވެ. ޖީޕްގައި އައިމީހާ ކެތްމަދުޙާލެއްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.
މިދެންނެވި އޮޅުން ނުފިލާމީހާ، ކައިރިން ބަލާލުމަށް އަޅުގަނޑުގެ ހިތްއެދުނެވެ. ވީމާގަހުން ފުންމާލައިފީމެވެ. އެމީހާ ކުއްލިޔަކަށް އެނބުރިލާފައި ބުންޏެވެ.
”ހަލޯ! …….. ހަވް އާރ ޔޫ……! މިހެން ބުނެލީ ޙައިރާންކަމާއި އެކުގައެވެ. އަޅުގަނޑަށްވެސް އެމީހަކު އެނގިއްޖެއެވެ. ދައްތަ އަޅުގަނޑަށް ދެއްކީ އޭނާގެ ފޮޓޯއެވެ. ހަމައެމީހާއެވެ. އަޅުގަނޑު ޔަޤީންކުރީ ދައްތަ އަތުގައި ބަހައްޓާފައި ހުރި އެއްޗެތި ބަލާ އައީކަމަށެވެ.
”އަޅުގަނޑުގެ ނަމަކީ ޝައްބޫ…. ސަރަޙައްދު ބަލަހައްޓާ ސިފައިންގެ ދިދަހިއްޕަވައިގެން ހުންނެވީ ކަލާ ދޮގެއްތޯ؟” އޭނާ ގުދުވެލާފައި އަޅުގަނޑުގެ މޫނަށް ބަލާލަމުން ބުންޏެވެ.
”އައްދޭ! …….. އަޅުގަނޑު މީކާކުކަން އެނގޭތަ….؟”
އަޅުގަނޑު ފަޚްރުވެރިކަމާއެކު ބުނެފީމެވެ. ”ދައްތަ ކަލާގެ ހުރިހާ އެއްޗެތި އަލަމާރީގައި ބަހައްޓާފައި އެބަހުރި…… ދައްތަ ބުނަނީ…….”
ވާހަކަ މިހާތަނަށް ދިޔަތަނާ ދައްތަ ގޭތެރެއިން ނުކުމެއްޖެއެވެ. ދުވަހަކުވެސް އެހާބޮޑަށް ޙައިރާންވެފައިހުއްޓައެއް ނުދެކެމެވެ. އަދި އޭނާ އެހާބޮޑަށް އުފާވެފައިހުއްޓައެއްވެސް ނުދެކެމެވެ. ދައްތަ ހަމަފެނުމާއެކު އެމީހާ ގޮވާލިއެވެ.
”ހަލޯ! ކަރނަލް…..!” މިހެން ގޮވާލުމާއެކު މިލިޓްރީގޮތުގައި ފައިޖަހާލިއެވެ. ދައްތަ ވަރަށް ލަދުގަތްކަން އެނގުނެވެ.
”ވަޑައިގަތީ ކޮންއިރަކުތޯ………؟ ސައިފޮދު ހިއްޕަވަމާ ހިންގަވާ!”
ލިބުނީ އެންމެ ހަތްދިހަ ދެގަޑީގެ ޗުއްޓީއެއް…….. ޗުއްޓީ ހަމަލިބުމާއެކު މިއައީ“ އެމީހާ ބުނެފިއެވެ. ދެން ވާހަކަ ދައްކަމުން ގޭތެރެއަށް ވަދެއްޖެއެވެ.
އަޅުގަނޑު މިދެންނެވި ދުވަހަށްފަހުވެސް، އަޅުގަނޑު އޭނާ ދުށީމެވެ. ވާހަކަ ދައްކާވެސް އުޅުނީމެވެ. އަޅުގަނޑުމެންގެ ގެޔަށް އައިސް އުޅުމުގައި އަޅުގަނޑު އޭނާޔަށް ސިފައިންގެ ހިތްވަރުގެ ވާހަކަތައް ފޮތްފޮތުން ހޯދަހޯދައިގެން ކިޔައިދީ ހެދީމެވެ. އޭނާ އަޅުގަނޑަށް ރާޒުވާ ދަސްކޮށްދޭން އުޅުނެވެ. ޕިކްނިކްގައި ލަވަކިޔައިދީވެސް ހަދައެވެ. އޭނާއައިސްއުޅޭ ދުވަސްކޮޅު ވޭތުވަނީ ވަރަށް މަޖަލުގައެވެ. އެދުވަސްވަރު މުޅިންވެސް އިވެނީ ހުނުމުގެ އަޑެވެ. ދައްތަ އަޅުގަނޑުގެ އައިޑިއަލްއަކަށްވީ ފަދައިން، އެޒުވާނާއާއި މެދުވެސް އަޅުގަނޑު ފިކުރުތަކެއް ކުރަން ޖެހުނެވެ. އޭނާއަކީ އަޅުގަނޑުމެންގެ ޢާއިލާގައި ހިމެނޭ އަޚުން ކަހަލަ ޤާބިލް މީހެއްނޫނެވެ. އަދި މާބޮޑަކަށް ރީތިމީހެއްވެސް ނޫންމެއެވެ. ނަމަވެސް އެހުންނަ ސާދާގޮތަކާއި މޫނުގެ ކުލަވަރު އަދި ހިނިތުންވެލާގޮތް ފުރާނައިގެ ކާނާއަކަށް ފުދެއެވެ. އެންމެ ހިތްގައިމުކަމަކީ، އޭނާގެ އުފާވެރި މިޒާޖެވެ. އެންމެންނާ ދޭތެރޭވެސް ބަހައްޓާގާތްކަމެވެ. ހުރިހާ ސިފަތައް އެކުލަވާލުމުން އަޅުގަނޑަށްވަނީ ވަރަށް މާތް ޝަޚްޞިއްޔަތަކަށެވެ. ޚާއްޞަ ފަރުވާތެރިކަމާއެކު ބަލާލަންޖެހޭ މީހަކަށެވެ. ރީތިކަމަށް މަޝްހޫރުނުވި ނަމަވެސް އަނެކުންގެ ނަޒަރު އޭނާގެ ފަރާތަށް ލަންބާލުމުގެ ބާރުނެތްކަމަކަށް ނުދެންނެވޭނެއެވެ. ކަންމިހެން ހުރުމާއެކު ދައްތަގެ ހިތުގައި އެސިފައިންގެ މީހާއަށް މަޤާމެއް ދެވިގެން އަޅުގަނޑު ޙައިރާނެއް ނުވެއެވެ. އެއީ ދެރަކަމެއްވެސް ނޫނެވެ. ޚުދު އަޅުގަނޑުވެސް………
ދައްތަގެ މަތިވެރި ތަޢުލީމާ ގުޅޭގޮތުން އޭނާއަށް ވަޒީފާ ލިބުމުގެ ޚަބަރު ނުކުތް ދުވަހަކީ ވަރަށް ޚާއްޞަ ދުވަހަކަށް ވިއެވެ. އެދުވަހު އޭނާގެ މަންމަ ވަރުގަދަ އަމުރެއް ކުރިއެވެ. ”ކިޔަވާށޭ ކިޔައިގެން، އަހަރެމެންގެ ބަސް ޤަބޫލުނުކޮށް ހިތުހުރިގޮތަކަށް މިހާރު ދެން އުޅެވިއްޖެއެވެ. ދެންވީ މީހަކާ އިނދެގެން ދުނިޔޭގެ އުޅުމަށް ފަށާށެވެ.” މިދެންނެވީ ޚިލާފުވެވޭވަރަށްވުރެ މާހަރުކަށިގޮތެއްގައި އައިޙުކުމެއްގެ ޢިބާރާތެވެ.
ދައްތަ އޭނާގެ މުސްތަޤްބަލްގެ ޙަޔާތް އޮންނަންވީ ގޮތުގެ ބަޔާން ވަރަށް ހިމޭންކަމާ ކެތްތެރިކަމާއެކު އަޑުއެހިއެވެ. ދެން ފެންނަންފެށީ ކައިވެންޏެއްގެ އިންތިޒާމް ކުރެވެމުންދާ ތަނެވެ. އަލަތު ފިރިޔަކަށް ވާންއުޅޭމީހާ ދެކޭކަށްވެސް ދައްތަގެ މާބޮޑު ޝައުޤުވެރިކަމެއްނެތެވެ. އެބޭފުޅަކުވެސް އަޅުގަނޑުމެން އުޅޭ ގެޔަށް ވަޑައިގެން އުޅުއްވައެވެ. ވަރަށް ފަހުން އެމެރިކާއިން މާމަތީ ފާހެއްހޯއްދަވައިގެން ވަޑައިގަތް ބޭފުޅެކޯލައެވެ. އެއީ މީސްތަކުން ޤަދަރުކުރަންޖެހޭ ވަރުގެ ފާހެކެވެ. ހިތްތައް މަޑުކޮށްލުމުގެ ވަޞީލަތެއްވެސް މެއެވެ.
ކަސްރަތު ލިބިފައިވާ ހަށިގަނޑެކެވެ. ގިނަބާވަތްތަކުގެ ހެދުން އޭނާއާއި ގުޅެއެވެ. އަބަދުވެސް ތުރުކުރައްވައިގެން އުޅުއްވަނީ އަގުމާތް މޮޅު ފޭރާމެވެ. ވާހަކަފުޅު ދައްކަވަނީ މަޑުމަޑުންނެވެ. ލަސްލަހުން މެދުކަޑުއްވަމުންނެވެ. އަޅުގަނޑަށް ވިދާޅުވަނީ ކޮއްކޮއެވެ. ސީރިއަސް މިޒާޖެކެވެ. ކަރާމަތާއި ހައިބަތުގެ ވެރި ޝަޙްސިއްޔަތެކެވެ. އިމްތިޔާޒް (ސިފައިންގެމީހާ) ގައި އެހުންނަ އެއްބައެއްވަންތަކަމެއް ނެތެވެ.
އެއްގޮތަކަށްވެސް އޮޅުންނުފިލި ސަބަބެކެވެ. އަޅުގަނޑު އެދެފިރިހެނުން ބުއްދީގެ ތަރާދުން ކިރާލާހިތްވަނީއެވެ. ދެމީހުންގައި ބައިވެރިވެފައިވާ ސިފަތަކާ ބައިވެރިނުވާ ސިފަތަކުގެ މައްޗަށް ވިސްނާ ހިތްވަނީއެވެ. އަންނަ ކޮންމެ ދުވަހަކީ ކައިރީގައިވާ ދުވަހެއްކަމުން ކައިވެނީގެ ތާރީޚްވެސް ކަނޑައެޅިއްޖެއެވެ. އެދުވަސްވެސް އަތުވެއްޖެއެވެ. ކައިވެންޏަށްޓަކައި އެބޭފުޅާ ފުރިހަމަ ޢިއްޒަތުގައި ޕާޓީއާއިއެކު ވަޑައިގަތުމުގެ ވަގުތުކައިރިވަނީއެވެ. އަޅުގަނޑު ވަރަށް ފިކުރުބޮޑުވިއެވެ. ވަކިސަބަބެއް ނޭގޭގޮތެއްގައެވެ. ދައްތަގެ ކޮޓަރިއަށް ވަދެވުނީ ރޮވެމުން ކަހަލަ ގޮތަކަށެވެ. މަޑުރީނދޫކުލައިގެ ހެދުމެއްގައި ދައްތަ ވަރަށް ވަރުބަލިގޮތަކަށް އިނެވެ. މޫނުމަތިން ފެންނަނީ ހާސްކަމުގެ ޢަލާމާތްތަކެވެ. މިއަދުވެސް އަލަމާރި ހުޅުވާލައިގެން އެއްޗެހިތަކެއް ނަގާ އެއްކުރަނީއެވެ. ސާޅިހެދުންތައް ނިކަން ތަރުތީބުކޮށް އަތުރާލާފައިހުއްޓެވެ. އަދިވެސް ތަފާތު ބާވަތްބާވަތުގެ ހެދުން އެއަލަމާރީގައި ވެއެވެ. ދައްތަގެ މަސައްކަތަކީ، އެނދުމަތީގައި ހުރި ސިޓީތަކަކާ ފޮޓޯތަކަކާ ފޮތްތަކެއް ޕެކެޓްކުރުމެވެ. މިދެންނެވި ޕާރސަލް އޭނާ ގެންގޮސްލީ ގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ކޮޓަރިއެއްގެ ތެރޭގައިހުރި ފޮށްޓަކަށެވެ. އެފޮށީގެ އެންމެ އަޑިއަށެވެ. އެވަގުތު ވަށަވަށައިގެން ހޯދާލިއެވެ. މީހަކު ބަލަންހުރިތޯ ވިސްނާލީކަން އެނގުނެވެ.
ކުއްލިއަކަށް ހޯބޯލެވެން ފަށައިފިއެވެ. ޝެހެނާއީގެ އަޑާއި ބޭންޑްގެ އަޑު އިވެން ފަށައިފިއެވެ. ކައިވެނީގެ ޕާޓީ (ބާރާތު) އަތުވެއްޖެކަމުގެ އިޢުލާންކުރެވިއްޖެއެވެ. ދައްތަ ހާސްކަމުގެ ނޭވާއެއްލިއެވެ. އެންމެ ރަނގަޅަށް ދަންނަވަނީނަމަ އެއީހާސްކަމުގެ ނޭވާއެއްނޫނެވެ. ގިސްލެވުމެކެވެ. އޭނާ އެނދުމަތީ އިށީނދެއްޖެއެވެ. އަޅުގަނޑު އަވަހަށް ގޭގެ ތިރީބުރިޔަށް ދުއްވައިގެންފީމެވެ. އެއީ މެހްމާނުންގެ ތެރެއިން އިމްތިޔާޒް ފެނޭތޯއެވެ. ނަމަވެސް އެމޫނެއް ނުފެނުނެވެ. ދެން މަސައްކަތްކުރީ ސައިގެ ކަންތައްތައް ތައްޔާރުކުރަން އުޅޭ ގޭތެރޭގެ މީހުންނާ ބައިވެރިވެގެން އުޅޭތޯއެވެ. އެތާކުވެސް ނެތެވެ. ދެން އަޅުގަނޑު މަޑުކޮށްލީ ގޭޓްކައިރީގައެވެ. އެއީ ހަމައޭނާއަށް އިންތިޒާރުކުރެވޭލެއް ބޮޑުކަމުންނެވެ. ހިތަށް އަރަނީ އެއްކަލަ ދުވަހުހެން، ކުލަލާއި ހިރަފުހުން ތަތްތެޅިފައިވާ ޖީޕެއްގައި އަތުވެދާނެކަމަށެވެ. ހަމަފުންމާލުމާއެކު ބައެއް ފިލްމުގައި އެފެންނަ ކަހަލަ މަންޒަރެއް ހާމަކޮށްފާނެކަމަށްވެސް ހިތަށް | އަރަނީއެވެ. އެއީ ”މަޑުކޮށްލާށެވެ! ތިޔަކައިވެންޏެއް ނުވެވޭނެއެވެ.” މިހެން ގޮވާލުމެވެ.
އާދަޔާ ޚިލާފުކަމެއް ނުހިނގައެވެ. ރޭވިފައިވާގޮތުގެމަތިން ކައިވެނީގެކަންތައް ހަމަޖެހިގެން ދިޔައެވެ. އެއްވެސް ފަރާތެއްގެ އިޢުތިރާޒެއް ނެތެވެ. ފިރިދެއްކުމާއި އަނބިބަލައިގަތުމުގެ ރަސްމިއްޔާތު އާދަކާދަނިޔާކުރާގޮތުން ހިނގައިގެން ދިޔައެވެ. ތޫތުގަހުގެ ވަށައިގެން ހަދާފައި އޮތް މަގުގައި ދައްތައާއި، އޭނާގެ އަލަތު ފިރިމީހާ ހިނގަމުންދިޔައިރު ލިބާހުގެ ފަސްބަޔާއި ސާޅީގެ ކަންގަނޑުހުރީ ގޮށްޖަހާފައެވެ. ކައިވެނިކޮށްދެއްވި ޝަރުޢީ ޙުކުމް ހުންނެވީ އެމީހުންގެ ކުރީގައެވެ. ޤުރުއާން ފޮތް ހިއްޕަވައިގެންނެވެ. މާގިނައިރުތަކެއް ނުވެއެވެ. މާފަތިތަކުން ނިވާވެފައިވާ ކާރުގައި ދައްތަ އަޅުގަނޑުގެ ގެއިން ވަކިވެގެން ހިނގައްޖެއެވެ. އޭނާ އެދިޔައީ ޙަޔާތުގެ އައުދުނިޔެއެއް އާބާދުކުރުމަށެވެ.
މަސްތައްވޭތުވެގެންގޮސް އަހަރުގެސިފަ އިޚްތިޔާރުކޮށްފިއެވެ. ދައްތަ އިންނަނީ އެމެރިކާގައެވެ. ވަރަށްގިނައިން ސިޓީ ފޮނުވައެވެ. ޗުއްޓީއެއްގައި ކޮންމެތަނަކަށް ދިޔަނަމަވެސް ހަފްތާއެއްހާ ދުވަހަށް ރަށަށް އައިސް ގޭގައި އިނދެލައެވެ. ދައްތަ ގޭގައި އިންނަދުވަސްވަރެއްގައިވެސް ބައެއް ފަހަރު އިމްތިޔާޒަށް އާދެވޭގޮތް ދިމާވެއެވެ. ހަމައިހުގެވެސް ސަމާސާއެވެ. ލާނެތްކަންވެސް ހަމައެވަރެވެ. ހުންނަނީ ހަމައިހެކޭވެސް އެއްގޮތަށް ހިނިތުންވެލާފައެވެ. ސުވާލުކޮށްލަންވެސް އަޅުގަނޑުގެ ހިތަށް އަރައެވެ. [ކަލާ ހަމައުފާފުޅުވަނީތޯއެވެ. ދައްތައާއި ގުޅޭގޮތުން އެއްވެސް ކަހަލަ ހުސްކަމެއް އިޙްސާސްކުރެވޭތޯއެވެ.“ އެހެން ފަހަރަށްވެސް އަޅުގަނޑު ދައްތަގެ ކޮޓަރިއަށް ވަދެލާފަދައިން އޭނާ މިހާރު ގެޔަށް އައިސް އިންނަ ދުވަސްކޮޅުވެސް ވަދެލާއުޅެމެވެ. ފެންނަނީ ކުޑަކުދިންނަށް ނަޞޭޙަތްދޭ ތަނެވެ. ނޫނީވިއްޔާ އޭނާގެ ފިރިކަލުންގެ ހެދުންކޮޅުތައް ތަރުތީބުކުރާތަނެވެ. އަޅުގަނޑު ހިމޭންކަމާއެކު އެތަންތަން ދެކެން ހުންނަމެވެ. ހިތަށް އަރާ އެއްޗެއްސާމެދު ސުއާލްކުރުމުގެ ހިތްވަރެއް ނުލިބެއެވެ. ”ދައްތަ އެއްކަލަ ދުވަހު، ބޭކާރު އެއްޗެތިތައް އުކާލާފައި ވަކިސިޓީތަކަކާ ފޮޓޯތަކެއް އަދި ބައެއްފޮތް އެއްކޮށް ޕާރސަލްކުރީމުއެވެ. އަދި އެތެރެ ކޮޓަރިއެއްގައި ހުރި ބޮޑު ފޮށްޓަކަށް، ހުރިހާ އެއްޗެތީގެ އަޑިއަށް އެޕާރސަލް ލީމުއެވެ. މިހާރު އެއެއްޗެހީގެ ހަނދާން ނެތުނީ ހެއްޔެވެ؟ އެކަނިވެރިކަން ފިލުވައިދޭ އެއްކަލަ މީހާގެ ހަނދާންތައްވެސް ހަމައެގޮތަށް ހިތުން ފުހެލީ ހެއްޔެވެ؟ ދައްތަ އަޅެ ތިޔައުޅެނީ އުފަލުން ހެއްޔެވެ؟ ހިތްހަމަ ޖެހިގެން ހެއްޔެވެ؟ އެއްކަލަ ދުވަސްތައް ހަނދާނަކަށްނާދޭ ބާވައެވެ. އެއީ އެއްވެސް ފިކުރެއްނެތް ދުވަހެކެވެ. ކޮންމެވެސް މީހަކު، މައިޑިއަރ ކާރނަލްގެ ނަމުން ދައްތައަށް މުޚާޠަބުކުރި ދުވަސްވަރެވެ. މިދެންނެވީ އަޅުގަނޑު ދައްތައާ ކުރަން ބޭނުންވާ ސުއާލުތަކެވެ.
އަޅުގަނޑު ވަރަށް ބޮޑު ފައިޞަލާއެއްކުރަން ވެފައިވެއެވެ. އެއީ އަމިއްލަ ނަފްސާ ބެހޭގޮތުންނެވެ. ހަނދާން ނައްތާލުން އެއީ އެހާ ފަސޭހަކަމަކީ ބާވައެވެ. ވިޔާނުދާ ކަރުދާސްތަކެއް ވަށިގަނޑަށް އަޅާލާގޮތަށް، އެހަނދާންތަކެއްގައި ތިމާގެ ހިތް ހައްޔަރުވެގެން އުޅުނު ހަނދާންތައްވެސް އުކާލެވިދާނެބާވައެވެ. އެފަދަ އަސަރުތަކުގެ “ސޯރުން ބޭރަށް ނުކުމެވިދާނެ ބާވައެވެ. މިމަސްއަލާ އަޅުގަނޑު ދެކޭގޮތުގައި ސާފުކޮށްދެވޭނީ އިމްތިޔާޒަށެވެ. ނޫނީވިއްޔާ އަޅުގަނޑުގެ ދައްތައަށެވެ. އެދެމީހުންނަށް، މިކަންތައް، ހަމަގައިމުވެސް ހުންނާނީ ތަޖްރިބާކުރެވިފައެވެ.
ތާޒާ ވައިރޯޅިއެއް އަތުވެއްޖެއެވެ. އެއާއިއެކު ގެނައީ މާމެލާމެލީގެ މީރުވަހެވެ. ހުވަނދުކަން މުޅި އެހިސާބަށް ފެތުރިގެންދިޔައެވެ. ދައްތަ ކުއްލިގޮތަކަށް އަޅުގަނޑުގެ މޫނަށް ބަލާލިއެވެ. ހަމައެސިކުންތުގައި އިސްޖަހައިފިއެވެ. ގޭޓްކައިރިއަށް އައިސް ހުއްޓާލީ ހުދު ކާރެކެވެ. ޑްރައިވަރ އިން ސީޓުން ފައިބައިގެން ގޯތިތެރެއަށްވަނީ އިސްކޮޅުން ދިގުޒުވާނެކެވެ. އެއީ……. އެއްކަލަ…………. އެއްކަލަ މީހާއެވެ. ދެން ހީވީ އެހެންކަމެއް ހެންނެވެ. “އިމްތިޔާޒް ވަޑައިގެންފިޔޭ ކިޔައިގެން ގޭތެރޭގައި ހޯބޯލަވަނީއެވެ. މާގިނައިރެއް ނުވެއެވެ. އޭނާ އިންނެވީ އަޅުގަނޑުމެން އެންމެންގެ މެދުގައެވެ. އަޅުގަނޑު ވަރަށްބޮޑަށް ވިސްނާލީމެވެ. މީގެކުރިން ދުށްދުވަހަށްވުރެ ތަންކޮޅެއް ފަލައެވެ. އަދި ސީރިއަސްގޮތެއްވެސް ހާމަވެއެވެ. މަތިމަސްހުރީ ހަނިކޮށްފައެވެ. އިހުގެ ބައްދަލުވުންތަކުގައި ދައްތަގެ މޫނަކީ އަބަދުވެސް އެނަޒަރުގެ ޙިޞާރުގައިވާ އެއްޗެކެވެ. މިއަދު ހަމަބަލާލުމާއެކު އެހެން ފަރާތަކަށް މޫނު އަނބުރާލަނީއެވެ. ތިމާގެ ހިތުގެ ޖަޒްބާތާއި އަސަރު ވަންހަނާކުރުމުގެ އެކްޓް އޭނާއަށްހުރީ ދަސްވެފައެވެ. ނަމަވެސް ސާފުކޮށް އޮޅުންނުފިލާކަމެއް އަޅުގަނޑުގެ ކުރިމަތީގައި އެބައޮތެވެ. ”އޭނާ އެއުޅެނީ އުފަލުން ބާވައޭ ނުވަތަ ނޫން ބާވައޭ، މިކަންތަކެވެ.
އިމްތިޔާޒް ހީހީފައި ވާހަކަ ދައްކަނީ، އޭނާ މިހާރު ބަދަލުވީ ތަނާދޭތެރޭގައެވެ. އަދި ވަޒީފާއަށްއައި ތަރައްޤީއާއި ބެހޭ ރޮނގުންނެވެ. ދައްތަ ހުރިހައި ގޮތަކުންވެސް ފުރިހަމަ މޭޒުވާނަކަށްވެގެން މެހްމާންދާރީ އަދާކުރަނީއެވެ. ދައްތަ ސުއާލުކޮށްލިއެވެ. ”ހަކުރު ބޭނުންފުޅު ކުރައްވަނީ ކިހާވަރަކަށްތޯއެވެ؟”
އިމްތިޔާޒް ހިނިފުޅުވަޑުވައިލިއެވެ. “ބޮޑު ތިންސަމުސާ އަޅުއްވާލައްވާ…..! ޙަޔާތުގައި ހުންނަނީ ހާދަގަދަ ހިތިކަމެކޭ މިގޮތަށް ބޭރުންއަޅާ ހަކުރުން އެހިތިކަން ކުޑަނުކޮށް އުޅެވޭނީ ކިހިނެއްތޯ؟………. ކޭކްތަށި މިކޮޅަށް ކޮއްޕާލައްވާ….!”
މަސްއަލައެއްނެތި އަޅުގަނޑަށް އެނގުނީ އިމްތިޔާޒް މިހާރުވެސް ދައްތަދެކެ ލޯބިފުޅުވާކަމެވެ. އޭނާ ބޭރަށް ވަޑައިގަތްތާ މާގިނައިރެއް ނުވެއެވެ. ދައްތަގެ ފިރިކަލުން ގެއަށް ވަޑައިގެންފިއެވެ. ހެދުންކޮޅަކީ ކުކުޅުބިސްކުލައިގެ ސަފާރީ ސޯޓެކެވެ. ވަރަށް ޗާލެވެ. ހަމަފެނުމާއެކު ދައްތަ އެދައްކާލި އުފާވެރި މޫނަކާއި އަޚްލާޤީ ސިފަތަކަކީ އެކަމުގެ ލާމަސީލް ނަމޫނާއެކެވެ. މިސާލުޖެހުމަށްވެސް އެކަށީގެންވެއެވެ. ”ދެން ……….. އަވަހަށް ސައިފޮދު ހިއްޕަވަންވީނޫންތޯ – އަޅުގަނޑު މިހާރު ……..”
މިދެންނެވީ ހަމަރީތިކޮށްވެސް ތެދެކެވެ. އަޅުގަނޑަށް އެތާއިނުން ދަތިވެއްޖެއެވެ. ވީމާ، ތެދުވެގެން ބޭރަށް ނުކުތީއެވެ. ބަގީޗާ ތެރެއަށެވެ. އެތަނަށް ރީތި ވައިޖެހެއެވެ. މާމެލާމެލީގެ މީރުވަހުން ހުވަނދުވެފައިވާ މަޑު ރޯޅިތަކެވެ.
”ޖާވީ………! ޖާވީދު……! ކަލާ ތިޔައުޅުއްވަނީ ކޮންތާކުތޯ……” އަޅުގަނޑުގެ އެކިއެކި އިސްތަށިބުޑުތަކުންވެސް ބޭރުވަމުންދިޔަ އަޑެއްކަމަށް ހީވިއެވެ. ދެން ޚިޔާލުގެ ލޮލަށްފެނުނީ މޫނުބަލާ ލޯގަނޑެކެވެ. އޭގެތެރެއިން ދައްތައާ އޭނާގެ ފިރިކަލުންގެ ސޫރަ ފެނިގެން ދިޔައެވެ. އަޅުގަނޑުގެ ސޫރަވެސް ހަމައެލޯގަނޑުން، ހުރި އިސްކޮޅަށް ދުށީމެވެ. އަޅުގަނޑަށްވެސް ވާނީ ހަމައެގޮތްބާވައެވެ. ހުރިހާ ހަނދާންތައް ޕާރސަލްކޮށްފައި ގުދަނެއްކަހަލަ ކޮޓަރިއެއްގެ ތެރޭ ހުރި ފޮށްޓެއްގެ އަޑިއަށްލާނީ ބާވައެވެ…….. ޖާވީދުތޯއެވެ؟ އެބޭފުޅާވެސް “ބޭރުން އަޅުއްވާ ހަކުރުގެ” ފޮނިކަމުގެ އެހީގައި ޙަޔާތުގެ ގަދަހިތިކަމަށް ”ފޮނިރަހަ ގެންނަވަމުން” މުޅިއުމުރަށް ކެތްކުރައްވާނީ ބާވައެވެ؟
ނިމުނީ
ލިޔުން ނެގީ: ދިވެހި ޑައިޖެސްޓްގެ 30 ވަނަ ޢަދަދުން

ޢަލިބެ ދޮހޮއްކޮ ދޮން ޢަލިފުޅު (ޢ.ދ.ޢ)
ލިޔުންތެރިޔާގެ ފުރަމަލަ

- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ