ބަސްބަހުގެ އަދަބިއްޔާތުގެ ތެރޭގައި ‘ސަމާސާގެ އަދަބު’ މިބައި ހިމެނެއެވެ. މިބާވަތުގެ ވާހަކަތަކުގެ ބަތަލަކީ ބައެއްފަހަރު ހެއްވާ މީހެކެވެ. މި ބަތަލު އޭނާ ކުރާ ކަންތަކުން ނޫނީ އޭނާ ބުނާ އެއްޗަކުން އޭނާގެ ޖުމްހޫރުން، (އޭނާގެ އޯޑިއަންސް) ހެއްވާލައެވެ. އަދި އަނެއް ބައިފަހަރު އޭނާ ތާކުންތާކު ނުޖެހޭ ސޭކުކަންތައް ކުރެއެވެ. ނޫނީ އެފަދަ ވާހަކަތައް ކިޔައި އުޅެއެވެ. އަނެއްބައި ފަހަރު ވަރަށް ބުއްދިވެރި ކަންތައްތައްކޮށް ނޫނީ އެފަދަ ވާހަކަތައްވެސް ކިޔައި ހަދައެވެ. އަދި މިއިން ކޮންމެ ކަމަކާއި ވާހަކައެއްގައި ވެސް ދަރުސެއް، އިބުރަތްތެރި ފިލާވަޅެއް، އެކުލެވިގެން ވެއެވެ.

 

މިލިޔާ ވާހަކައަކީ އަރަބިބަހުގެ ސަމާސާއަދަބުގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. އަރަބިބަހުގެ ސަމާސާއަދަބުގައި މަޝްހޫރު ޖުހާގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މިވާހަކައިގައި ޖުހާއަކީ ރަސްގެފާނުގެ ދަރުބާރުގެ މުހައްރިޖެވެ. ހެއްވާމީހާއެވެ. ރަސްގެފާނުގެ މަގުބޫލުކަން ހޯދާފައިވާ ރަސްގެފާނުގެ ވަރަށް އަރިސް މީހެކެވެ.

 

އެއްދުވަހު ރަސްގެފާނުގެ ދަރުބާރުގޭގައި އިންނަވަނިކޮށް މީހަކު ރަސްގެފާނުގެ ފައިންޕުޅުދެކެން އައެވެ. އިޒުނަ ލިބުމުން، މި މީހަކު ރަސްގެފާނުގެ އަރިހަށް ގޮސް، އަދަބުއިހުތިރާމު އަދާކުރިއެވެ. އަދި، ވަރަށް ރީތިކޮށް ބަންދުކޮށް، ޕާރުސަލްކޮށްފައިވާ ހަދިޔާއެއް، ވެދުމަކަށް، ރަސްގެފާނަށް، އެރުވިއެވެ. އަދި ރަސްގެފާނު، އެ ހަދިޔާ، ގަބޫލުފުޅުކުރައްވައި އެ މީހާއަށް ޝުކުރު އަދާކުރެއްވިއެވެ.

 

ދެން، އެ މީހާ ދިއުމުން، ރަސްގެފާނު ޕާރުސަލް ކަނޑުއްވައި ހުޅުވާލެއްވިއެވެ. އޭގެ ތެރޭގައިއޮތީ ވަރަށް ރީތިކޮށް ޖަރީކުރެވިފައިވާ މޫނުބަލާ ލޯގަނޑެކެވެ. ރަސްގެފާނު ލޯގަނޑު ނަންގަވައި ލޯގަނޑުން މޫނުފުޅު ބައްލަވައިލެއްވިއެވެ. އެވަގުތު ރަސްގެފާނަށް ރަސްގެފާނުގެ މޫނުފުޅުގެ ހުތުރުކަން ފާހަގަ ކުރެއްވުނެވެ. އަދި އެކަމާ ވަރަށް ބޮޑަށް ދެރަފުޅުވެ، ކީރިތިކުރައްވަންފެއްޓެވިއެވެ. ރަސްގެފާނުގެ އަރިހުގައި އާދައިގެ މަތީން މުނިފޫހިފިލުވައިދީ ރަސްގެފާނުގެ ހިތްޕުޅު ހަމަޖައްސައިދޭން ޖުހާ އިނެވެ. އަދި، ރަސްގެފާނު ކީރިތިކުރައްވާތަން ފެނުމުން ރަސްގެފާނަށް ހަމްދަރުދީވެ، އެމަނިކުފާނުގެ ހިތާމައިގައި ބައިވެރިވުމުގެގޮތުން، ޖުހާ ވެސް ރޯންފެށިއެވެ. އިރުގަނޑެއް ފަހުން ރަސްގެފާނުގެ ހިތްޕުޅުގައި އުފެދި އުތުރިއަރައިގަތް ޖަޒުބާތުތައް ކޮންޓުރޯލުކުރައްވައި، ކީރިތިކުރެއްވުން ހުއްޓާލެއްވިއެވެ. އެހެން ނަމަވެސް، ޖުހާ ހުއްޓާނުލާ ރުއިން ކުރިއަށް ގެންދިޔައެވެ. އިރުގަޑަކަށް ފަހު، އެންމެ ފަހުން، ޖުހާ ވެސް ރުއިން ހުއްޓާލިއެވެ. ދެން، ވަރަށް ބޮޑަށް ހައިރާންވެވަޑައިގެން ރަސްގެފާނު ޖުހާއާއި މުހާތަބުކޮށް ވިދާޅުވިއެވެ.

“ޖުހާއެވެ. ކަލޭ ރުއީ ކީއްވެގެންކަން އަހަންނަށް އެނގެއެވެ. އަހުރެން މޫނުބަލާލޯގަނޑަށް ބަލާލުމުން އަހުރެންގެ މޫނުގެ ހުތުރުކަން އިހުސާސުވެ، ދެރަވެގެން އަހަންނަށް ރޮވުނީއެވެ. މިތަން ކަލެއަށް ފެނުމުން އަހުރެންގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކަލޭ ރުއިކަން އަހަންނަށް ވިސްނެއެވެ. އަދި އެކަމަށްޓަކައި ކަލެއަށް ޝުކުރުއަދާކުރަމުއެވެ. އަދި ހަދިޔާއެއްގެ ގޮތުން ސަތޭކަ އަސްރަފީ ވެސް ދޭނަމެވެ. އެހެން ނަމަވެސް، އަހަންނަށް ވިސްނައިނުގަނެވުނު ކަމެއް އެބައޮތެވެ. އަހުރެން ރުއިން ހުއްޓާލީމައި ވެސް، ކަލޭ ހުއްޓާނުލާ ރުއިން ކުރިއަށް ގެންދިޔައީ ކީއްވެގެން ކަމެވެ

 

ވަރަށް އަދަބުވެރިކަމާއެކެ ޖުހާ ރަސްގެފާނަށް ދެންނެވިއެވެ.

“މާތް މަތިވެރި ރަސްގެފާނެވެ! ރަސްގެފާނުގެ މޫނުފުޅުގެ ހުތުރުކަން އެންމެ ދުވަހަކު މާތް މަނިކުފާނަށް ފާހަގަކުރެއްވުމުން އެކަމާ ހިތާމަކުރައްވައި ކެތްޕުޅު ނުކުރެއްވި ކީރިތި ކުރެއްވީއެވެ. އަޅުގަޑުމެންނަށް ކޮންމެ ދުވަހަކު ތި މާތް މޫނުފުޅު ފެނެއެވެ. އަދި އެ މޫނުފުޅުގެ ހުތުރުކަންވެސް އަބަދާާާއި އަބަދުމެ، ފާހަގަ ކުރެވެއެވެ. އެހެންވީމާ އަޅުގަޑުމެން އެކަމާމެދު މާބޮޑަށް ހިތާމަކޮށް އިތުރަށް ރޯންޖެހޭނެނޫންތޯއެވެ!”

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.