ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ނުވަތަ ޑިސްފަންކްޝަނަލް ޔުޓެރައިން ބްލީޑިންގ(DUB) އަކީ ބަލީގެ ޙާލަތެއް ނޫނީ ބައްޔެއް ހުރުމަކާ ނުލައި، އެއްވެސް ތަރުތީބެއް، އިންތިޒާމެއްނެތި،ކުރިމަތި ފަރާތުން ލޭއައުމެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވަނީ ގިނަ ފަހަރު ބާލިޣުވާތާ ކުރީކޮޅު، ނުވަތަ އިއްދައިން ކެނޑެން ކައިރިވުމުންނެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމަކީ ބުނެދޭން ނޭނގޭގޮތަށް ކުރިމަތިވާ ކަމެކެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭ ވަރަށް ގިނައިން ވެސް އަތުވެދާނެ އެވެ. ނޫނީ ވަރަށް މަދުން ވެސް އަތުވެދާނެ އެވެ. މިގޮތަށް ލޭއައުން ދޭތެރެ ދޭތެރެއިން ވެސް ކުރިމަތިވެދާނެ އެވެ. ނޫނީ ކުއްލިއަކަށް ވެސް ކުރިމަތިވެދާނެ އެވެ.ހަށިގަނޑު ބަރުދަން މަތި، ބުރަހެލިކޮށް ތިބޭ އަންހެނުންނަށް ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވުން އިތުރުކަން ފާހަގަ ކުރެވެއެވެ.

 

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމަކީ ހޯރމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން، މާބަނޑުވުން، ބައިގެން ދިއުން، ރަހިމުގައި ފައިބްރޮއިޑް އުފެދުން، ކުރިމަތި ފަރާތް ހިމެނޭ ހިސާބުގައި ފަދަ ޖިސްމާނީ ނޫނީ ބަލީގެ ހާލަތެއްނެތި، އެއްވެސް ކަހަލަ އިންތިޒާމެއް ނެތި، ރަހިމުން ލޭފޭބުމެވެ.

 

ސަބަބު

ކޮންމެ މަހަކު އަންހެނުންގެ ހަށިގަނޑުގައި ހުންނަ އަންހެން ހޯރމޯންގެ މިންވަރު މަތިވެ، ދަށްވެއެވެ. މައްސަރުގެ ތެރޭގައި ބިސް ދޫކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ  ދެހޯރމޯނަކީ “އެސްޓްރަޖަން” އަދި “ޕްރޯޖެސްޓަރޯން” ހޯރމޯން އެވެ. މިއީ ބިސްއުފައްދާ ތަނުން ބިސްދޫކުރާ ދުވަސްވަރެވެ.

 

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވަނީ ބިސް އުފައްދާ ތަނުން ބިސް ދޫނުކުރުމުންނެވެ. ހޯރމޯން އަށް އަންނަ ބަދަލުވުމުގެ ސަބަބުން މައްސަރު ކަންތައް ޖެހުން، އަވަސްވެ، ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭ އަންނަ މީހުންނަށް މައްސަރުގެ ތެރޭގައި ރަހިމުގެ ބަތާނަފަށަން އަންނަ ބަދަލުތައް ކުރިމަތި ނުވެދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެސްޓްރަޖަން ހޯރމޯންގެ މިންވަރު ސާބިތު ވަރެއްގައި ހިފެހެއްޓި، އޭގެ ސަބަބުން ރަހިމުގެ ބަތާނަ ފަށް ހެދިބޮޑުވުމަށް ބާރުއަޅައެވެ. ގަވާއިދުން މައްސަރު ނުޖެހި، ލޭނުފައިބައި، ރަހިމުގެ ބަތާނަ ފަށް ބޮޑުވުމުން އެހިސާބުގެ ލޭދައުރުވުން އިތުރުވެއެވެ. އަދި ރަހިމުގެ ބަތާނަ ފަށުގެ ޓިޝޫތައް ހަލާކުވެ ނެއްޓި، ލޭގެ ސިފައިގައި ބޭރުވެއެވެ.

 

އެސްޓްރަޖަން ހޯރމޯން މަދު މިންވަރަކަށް ދޫކުރުމުން ރަހިމުގެ ބަތާނަ ފަށް ދާއިމީ ގޮތެއްގައި ހީވާގިވުމުން، ފަނޑުކޮށް ހުންނަ، މަދު މިންވަރަކަށް ކުރިމަތި ފަރާތުން ލޭއަތުވެދާނެ އެވެ. އެސްޓްރަޖަން ހޯރމޯން މަތީ މިންވަރަކަށް ދޫކުރުމުން ރަހިމުގެ ބަތާނަ ފަށް ދާއިމީ ގޮތެއްގައި ހީވާގިވުމުން، އާދަޔާ ޚިލާފަށް ގިނައިން ކުރިމަތި ފަރާތުން ލޭއަތުވެދާނެ އެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭ ވަރަށް ގިނައިން ވެސް އަތުވެދާނެ އެވެ. ނޫނީ ވަރަށް މަދުން ވެސް އަތުވެދާނެ އެވެ.

 

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭފޭބުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި:-

 ހޯރމޯންގެ މިންވަރަށް ބަދަލުއައުން (އެސްޓްރަޖަން އަދި ޕްރޮޖެސްޓްރޯން)

 ރަހިމުގައި ހުންނަ މައްސަލަތައް : މިސާލަކަށް ރަހިމުގައި އުފެދުމެއް ހެދިބޮޑުވަމުން އައުން

 ލޭގަނޑުވުމާއި ގުޅުންހުރި މައްސަލަތައް

 ވަކި ސަބަބެއް ނޭގި ކުރިމަތި ފަރާތުން ލޭއައުމަކީ ވެސް ވެދާނެ ގޮތެކެވެ.

 

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވަނީ ކިހިނެއް؟

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވަނީ ގިނަ ފަހަރު ބާލިޣުވާތާ ކުރީކޮޅު، ނުވަތަ އިއްދައިން ކެނޑެން ކައިރިވުމުންނެވެ. ނުވަތަ އުމުރުން 20 އަހަރުގެ ކުރިން ނޫނީ 40 އަހަރު ވުމަށްފަހު ގައެވެ.

 

ފުރާވަރު އުމުރުގެ އަހަރުތައް : ބައެއް ކުދިންނަށް ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމަކީ ވެދާނެ ގޮތެކެވެ. މަޑުމަޑުން މިކަން ރަނގަޅުވަމުން އައިސް ހޯރމޯންތަކުގެ މިންވަރު ހަމައަކަށް އެޅި، ގަވާޢިދުން މައްސަރު ކަންތައް ޖެހުމަކީ ގާތް ނޫނީ އެކަށީގެންވާ ކަމެކެވެ. މައްސަރު ކަންތައް އިންތިޒާމަކަށް އެޅުވުމަށް ބޭސް ބޭނުންވާނަމަ، ޑޮކްޓަރުން ހޯރމޯން ބޭސް ލިޔެދެއްވާނެ އެވެ. ބައެއް ފަހަރު ލޭއައުން މަނާކޮށް ކުޑަކުރުމަށް ވެސް ބޭސް ލިޔެދީފާނެ އެވެ.

 

ދަރިމައިވާ އުމުރުގެ އަހަރުތައް : ބައެއް އަންހެނުންނަށް އުމުރުން 30-20 ގެ އަހަރުތަކުގައި ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު މިއީ ހޯރމޯންގެ މިންވަރަށް އަންނަ ބަދަލާއި ގުޅިގެން ދިމާވާ ކަމަކަށް ވެސް ވެދާނެއެވެ. ނޫނީ ރަހިމުގައި ފައިބްރޮއިޑް އުފެދުން ނޫނީ މަސްކޮޅެއް އުފެދިގެން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. އަދި ބައެއް ފަހަރު ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއަންނަނީ ވަކި ސަބަބަކާހުރެ ކަން ނޭނގިދާނެއެވެ.

 

އިއްދައިން ކެނޑޭ އުމުރުގެ އަހަރުތައް : އުމުރުން 40 އަހަރުވެ، އިއްދައިން ކެނޑޭ އުމުރަށް އެޅުމުން އަންހެނުންގެ ހަށިގަނޑުގެ ހޯރމޯންތަކުގެ މިންވަރަށް ބަދަލު އާދެއެވެ. އިއްދައިން ކެނޑެން ކައިރިވާ ދުވަސްވަރު، އިއްދައިން ކެނޑުމުގެ ކުރިން، ބައެއް ފަހަރު ތަކުގައި ބިސް ނުދޫކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ވެއްޖެނަމަ އާދަޔާ ޚިލާފަށް އިންތިޒާމެއްނެތި ކުރިމަތި ފަރާތުން ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. ފުރިހަމައަށް އިއްދައިން ކެނޑުމުން އޭގެ ޒާތުގައި މިގޮތަށް ލޭއައުން ހުއްޓޭނެކަން ވިސްނުމުގައި ބެހެއްޓުން މުހިއްމެވެ.

 

އަލާމާތްތައް

 ދެމައްސަރު ދޭތެރޭގައި ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން

 ދެމައްސަރު ދޭތެރެ ކުރުވުން ނޫނީ ދެމައްސަރު ދޭތެރެ ދިގުލައިދިއުން : މިސާލަކަށް 21 ނޫނީ 28 ދުވަހަށްވުރެ ކުރިން މައްސަރު ކަންތައް ޖެހުން / ނޫނީ 35 ދުވަހަށް ވުރެ ފަހުން މައްސަރުކަންތައް ޖެހުން

 ކޮންމެ މަހަކު ދެމައްސަރުގެ ދޭތެރޭގައި ހޭދަވާ މުއްދަތު ބަދަލުވުން

 ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ގިނައިން ލޭއައުން : ގަނޑުކޮށް ލޭފޭބުން، ކޮންމެ 3-2 ގަޑިއިރަކުން ޕެޑް ފޯވެގެން ބަދަލުކުރަންޖެހުން ފަދަ ކަންތައް ދިމާވާނަމަ އާދަޔާ ޚިލާފަށް ގިނައިން ލޭފައިބަނީ ކަމަށް ބެލެވިދާނެއެވެ. ނުވަތަ ކޮންމެ މައްސަރެއްގެ ތެރޭގައި 80 މިލިލީޓަރަށްވުރެ ގިނައިން {އާންމު ގޮތެއްގައި 30 މިލިލީޓަރުގެ ލޭ} ލޭފޭބުމަކީ ވެސް އާދަޔާ ޚިލާފަށް ގިނައިން ކުރިމަތި ފަރާތުން ލޭފޭބުން ކަމަށް ބެލެވިދާނެއެވެ.

 މައްސަރުގެ ލޭ 7 ދުވަހަށްވުރެ އިތުރަށް ފޭބުން : އާންމު ގޮތެއްގައި މައްސަރުގެ ލޭ ފެންނަނީ 7-4 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ.

 

ހޯރމޯން އަށް އަންނަ ބަދަލާއި ގުޅިގެން ކުރިމަތިވާ އުނދަގޫތައް ލުއިވުމަކީ އެކަށީގެންވާ ކަމެކެވެ.

 މާގިނައިން އިސްތަށިފެޅުން

 ހޫނުވުން

 މިޒާޖަށް ބަދަލުއައުން

 ކުރިމަތި ފަރާތުގެ ތެތްކަން ކެނޑި، ހިކި ބީހިލުމުން ރިހުން

 

މާގިނައިން ކުރިމަތި ފަރާތުން ލޭފައިބައިފިނަމަ، ވަރުބަލިކަމާއި ލޮނޑުކަން އިހުސާސްވުމަކީ ވެދާނެ ގޮތެކެވެ. މިއީ ލޭމަދުވުމުގެ އަލާމާތްތަކެވެ.

 

ދިމާވެދާނެ ނުރައްކާތައް

 ދަރިން ނުލިބުން

 ލޭމަދުވުން

 އެންޑޯމެޓްރީއަމް އަށް ކެންސަރު ޖެހުމުގެ ހިރާސް އިތުރުވުން

 

ދެނެގަތުން

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ދެނެގަތުމަށް އެންމެ ފުރަތަމަ ޑޮކްޓަރުން ބަލިމީހާގެ މައްސަރުގެ ކަންތައް ޖެހެމުން އައި ގޮތުގެ މައުލޫމާތު އޮޅުން ފިލުވާނެ އެވެ. އެގޮތުން ގަވާޢިދުން މައްސަރު ކަންތައް ޖެހޭ ތޯއާއި، މައްސަރުގައި ލޭފައިބާ މިންވަރު އަހައި އޮޅުން ފިލުވާނެއެވެ. އެއަށްފަހު ޅިނދު ހިމެނޭ ހިސާބު އާންމު އުސޫލުން ބަލައި ޗެކުކުރާނެ އެވެ. އަދި ގަވާޢިދުން ބިސްދޫކުރަމުން އައިސްފައިވޭތޯ ބަލާނެ އެވެ. މިކަން ބެލޭނީ އަންނަނިވި ކަންތައްތަކަށް ރިއާޔަތްކޮށްގެންނެވެ.

 މައްސަރު ތެރޭގައި ކޮންމެ ދުވަހަކު ދިމާވާ އުނދަގޫތައް ފާހަގަކޮށް ބެލުން (ކަލަންޑަރުން)

 ކޮންމެ ދުވަހެއްގެ “ބޭސަލް ބޮޑީ ޓެމްޕަރޭޗަރ” ހުންނަ މިންވަރު ޗާޓުން ބެލުން

 ޕްރޮޖެސްޓަރޯން ޓެސްޓު ހެދުން : މައްސަރު ބުރުގެ 3 ވަނަ ހަފްތާގެ ތެރޭގައި ޕްރޮޖެސްޓަރޯންގެ މިންވަރު ދަށްވެފައިވުމަކީ ބިސްދޫކުރުމުގައި މައްސަލައެއް އުޅޭކަމުގެ ހެއްކެކެވެ

 ރަހިމުގެ ބަތާނަ ފަށުން ބަޔޮޕްސީ އެއް ހެދުން : މިއީ އާންމުކޮށް އިއްދައިން ކެނޑެން ކައިރިވެފައިވާ މީހުންނަށް ހަދައި އުޅޭ ޓެސްޓެކެވެ.

 

އެހެނިހެން ޓެސްޓުތައް

 ލޭގެ ޓެސްޓު ހެދުން (ކަމްޕްލީޓް ބްލަޑް ކައުންޓް)

o މާބަނޑުވިތޯ ޓެސްޓުކުރުން

o ކޮމްޕްލީޓް ބްލަޑް ކައުންޓް ހެދުން : މިއީ ޖަރާސީމެއްގެ އަސަރު ހުރިތޯ ބެލުން ، ނޫނީ ލޭދަށްވެ، ލޭމަދުވެފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

o ތައިރޮއިޑް ގްލޭންޑް ގެ ޓެސްޓުހެދުން : މިއީ މައްސަރުގެ ތަރުތީބު ގެއްލުނީ ތައިރޮއިޑްގެ ސަބަބުންތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

o ބްލަޑް ކްލޮޓިންގ ޕްރޮފައިލް

o ހޯރމޯންގެ މިންވަރު ދެނެގަތުން : ފޮލިކިޔުލަރ ސްޓިމިއުލޭޓިންގ ހޯރމޯން، ލޫޓީއިނައިޒިންގ ހޯރމޯން، ޕްރޯލެކްޓިން، އަދި ޕްރޯޖެސްޓަރޯން ހޯރމޯންގެ މިންވަރު ބެލުން

o ލޭގައި “ފެރިޓިން” ގެ މިންވަރު ހުރިނެތްގޮތް ބެލުން

 ޕެޕްސްމިއަރ ޓެސްޓު ހެދުން

 ޅިނދު ހިމެނޭ ހިސާބު ސްކޭންކުރުން

 ރަހިމުގެ ބަތާނަ ފަށުގެ ބަޔޮޕްސީ އެއް ހެދުން

 ރަހިމުގެ ސްކޭން އެއް ހެދުން

 ކެމެރާ ލައްވައިގެން ރަހިމުގެ އެތެރެ ބެލުން

 

ފަރުވާ

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއަންނަނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. މިކަމަށް އެކި ގޮތް ގޮތުން ފަރުވާ ކުރެވިދާނެ އެވެ. ލޭމަނާކުރާ ބޭސް ނޫނީ ހޯރމޯންގެ ފަރުވާ ވެސް ނެގިދާނެއެވެ. ގުޅަ ބޭހާއި، ހޯރމޯންގެ ފަރުވާގެ އެހީގައި ލޭއައުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ.

 

(ހ) މާގިނައިން ލޭފޭބުން :ވަރަށް ގިނައިން ލޭފައިބާނަމަ އެސްޓްރަޖަންގެ މަތީ ޑޯޒެއް ފަރުވާކުރުމަށް ބޭނުންކޮށްފާނެ އެވެ. އެގޮތަށް ވެސް ލޭމަނާ ނުވެއްޖެނަމަ، ރަހިމުގެ ޓިޝޫތައް ސާފުކޮށްލުމަށް “ޑައިލެޓޭޝަން އެންޑް ކިޔުރެޓޭޖް” (ޑީއެންސީ) ހަދައިފާނެއެވެ. ބޭނުން ޖެހިއްޖެ ހިނދެއްގައި ލޭއަޅަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

 

(ށ) ހުއްޓިނެތި (އަބަދު ވެސް ) ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން : މިފަދަ ހާލަތުގައި ދެވޭ ފަރުވާ ބަރޯސާވަނީ ބަލިމީހާގެ އުމުރާއި، ލޭއައުމަށް މެދުވެރިވި ސަބަބާއި، އަދި ދަރިޔަކު ހޯދުމަށް ރާވައިފައިވާ ގޮތެއްގެ މައްޗަށެވެ.

 

* ފުރާވަރު ކުއްޖެއްނަމަ : ވިސްނަންވީ ބޮޑުވަމުން އަންނަ ވަރަކަށް މައްސަރު ކަންތައް ޖެހުން ރަނގަޅުވެ، އިންތިޒާމުވެގެންދާނެ ކަމެވެ. އެހެންކަމުން މައްސަރުކަންތައް ޖެހުން ހަމައަކަށް އެޅޭތޯ މަޑުކޮށް ބަލަމުން ގެންދެވިދާނެއެވެ. މައްސަރުގެ ބުރު އިންތިޒާމު ކުރުމަށްޓަކައި ޕްރޮޖެސްޓިން ނޫނީ ދޭތެރެ ދުރުކުރާ ގުޅަ ބޭސް ޑޮކްޓަރުން ލިޔެދީފާނެ އެވެ.

 

* ގަވާއިދުން ބިސް ދޫނުކުރާނަމަ : ގަވާޢިދުން މައްސަރު ކަންތައް ނުޖެހޭނެމަ، ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ހުއްޓޭނީ ކިހާ ދުވަހަކުންކަން ކަނޑައަޅަން (އިއްދައިން ކެނޑެންދެން) އުނދަގޫވާނެ އެވެ. މިހާލަތުގައި މައްސަރުގެ ބުރު އިންތިޒާމުކޮށް ހަމައަކަށް އެޅުވުމަށްޓަކައި، ހޯރމޯންގެ ފަރުވާ ( ދޭތެރެ ދުރުކުރާ ގުޅަ ބޭސް /  ހޯރމޯން އެކުލެވޭ ރަހިމަށް ލައްވާ އެތިކޮޅު) ޑޮކްޓަރުން ލިޔެދީފާނެ އެވެ. އިތުރަށް ދަރިޔަކު ހޯދަން ނުވިސްނާނަމަ، އަދި ވަރަށް ބޮޑަށް ލޭއައިސް އުނދަގޫވާނަމަ، އޮޕަރޭޝަން ކޮށްގެން ރަހިމު ނެގިދާނެ(hysterectomy) އެވެ. ނޫނީ އޮޕަރޭޝަން ކޮށްގެން ރަހިމުގެ ބަތާނަ ފަށް ދުއްވާލެވިދާނެ(endometrial ablation) އެވެ.

 

* ގަވާއިދުން ބިސްދޫކުރާނަމަ : ގަވާއިދުން ބިސްދޫކުރި ނަމަވެސް، ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއަންނަނަމަ، އަދި ދަރިޔަކު ހޯދަން ބޭނުންވާނަމަ، ޑޮކްޓަރުންގެ ލަފާ ހޯދިދާނެ އެވެ. ލޭއަންނަން މެދުވެރިވާ ސަބަބަކަށް ރިޢާޔަތްކޮށް، ޕްރޮޖެސްޓިން ނޫނީ ދޭތެރެ ދުރުކުރާ ގުޅަ ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ. ނޫނީ ރަހިމުގައި އުފެދިފައިވާ މަސްކޮޅު އަދި ފައިބްރޮއިޑް ފަދަ ތަކެތި ވަކިކޮށް ނެގުމަށްޓަކައި ކެމެރާއެއް ލައްވައިގެން “ހިސްޓިރޮސްކަޕީ” ހަދައިފާނެ އެވެ. އިތުރަށް ދަރިޔަކު ހޯދަން ނުވިސްނާނަމަ، އަދި ވަރަށް ބޮޑަށް ލޭއައިސް އުނދަގޫވާނަމަ، އޮޕަރޭޝަން ކޮށްގެން ރަހިމު ނެގިދާނެ(hysterectomy) އެވެ. ނޫނީ އޮޕަރޭޝަން ކޮށްގެން ރަހިމުގެ ބަތާނަ ފަށް ދުއްވާލެވިދާނެ(endometrial ablation) އެވެ. ރަހިމަށް ލައްވާ އެތިކޮޅު (ޕްރެޖެސްޓިން ހޯރމޯން ދޫކުރާ) ބޭނުންކުރުމުން، މިފަދަ އެތިކޮޅުން ޕްރޮޖެސްޓަރޯން ކަހަލަ ހޯރމޯން އެއް ރަހިމުގެ ތެރެއަށް ދޫކުރާނެއެވެ. މީގެ ސަބަބުން ލޭއައުން މަނާކޮށްދީ، ބަލިވެ އިނުމުން ދުރުކޮށްދޭނެއެވެ.

 

ބައެއް ފަހަރު “ޓްރެނެކްސަމިކް އެސިޑް” ކިޔާ ބޭހެއް ލޭމަނާކުރުމަށް ދެވެއެވެ. މިއީ ލޭގަނޑުކުރުމަށް އެހީތެރިވެދީގެން ލޭމަނާކޮށްދޭ ބޭހެކެވެ. މިފަދަ ބޭހެއް ބޭނުންކުރަންވާނީ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ.

 

މިފަރުވާ ތަކުން ލުއިކަން ނުލިބޭނަމަ އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.

 އޮޕަރޭޝަން ކޮށްގެން ރަހިމުގެ ބަތާނަ ފަށް ނެގުން

 އޮޕަރޭޝަން ކޮށްގެން ރަހިމު ނެގުން

 ހިސްޓީރޮސްކަޕީ: ހިސްޓީރޮސްކަޕީ އަކީ ކެމެރާ އެއް ލައްވައިގެން ރަހިމުގެ އެތެރެ ބެލުމެވެ. އެގޮތުން ރަހިމުގެ އެތެރޭގައި އުފެދިފައި ހުންނަ މަސްކޮޅު، އަދި ރަހިމުގައި އުފެދިފައި ހުންނަ ފައިބްރޮއިޑް ފަދަ ގަނޑުތައް ވަކިކޮށް ނެގިދާނެއެވެ.

 

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ފަދަ ހާލަތްތަކުގައި ބައެއް ފަހަރު މައްސަރުގެ ތަދާއި، ލޭއައުން ކުޑަކުރުމަށް، ތަދުކަނޑުވާ ބޭހެއް ބޭނުން ކުރެވިދާނެ އެވެ. މިފަދަ ބޭސްތަކުގެ ސަބަބުން މައްސަރުގެ ތަދު ކުރިމަތިވުމުގެ އަސްލު ކަމުގައިވާ “ޕްރޮސްޓަގްލޭންޑިން” ގެ މިންވަރު ދަށްކޮށްދީ، މައްސަރު ތެރޭގައި ލޭފައިބާ މިންވަރު ކުޑަކޮށްދެއެވެ. މިފަދަ ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން އެންމެ ރަނގަޅީ މައްސަރު ކަންތައް ޖެހުމުގެ 1-2 ދުވަސް ކުރިންނެވެ. މައްސަރު ކަންތައް ޖެހޭނެ ދުވަސް ނޭނގޭނަމަ މައްސަރު ކަންތައްޖެހޭތަނާހެން، ފުރަތަމަ ބޭސް ގުޅަ (ތަދުކަނޑުވާ ބޭސް) ނެގިދާނެ އެވެ. ނަމަވެސް މިފަދަ ބޭސްތައް ބޭނުންކުރުމުގެ ކުރިން އެންމެ އެދެވިގެންވަނީ ޑޮކްޓަރުން ލަފާގެ މަތިންނެވެ.

 

މާގިނައިން މައްސަރުގެ ލޭ ބޭރުވުމަކީ ލޭގައި ދަގަނޑުގެ ބައި މަދުވެ، ލޭމަދުވުން ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން ކެއުމުގައި ދަގަނޑު އެކުލެވޭ ބާވްތައް ހިމެނުމަކީ މުހިއްމު ކަމެކެވެ.

 

ރައްކާތެރިވުން

މައްސަރު ކަންތައް ބައެއް ފަހަރު ދިމާވަނީ ހޯރމޯން އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށްވާތީ އެފަދަ ހާލަތުގައި ރައްކާތެރިވުމަށް ކުރެވޭ ވަކި ޚާއްޞަ ކަމެއް ނޯވެއެވެ. މައްސަރުގެ ލޭ ގަވާއިދުން ނުފައިބާނަމަ، ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. އަވަހަށް ދެނެގަނެ، އަވަހަށް ފަރުވާކުރުމުން، މައްސަރު ކަންތައް ގަވާއިދުން ޖެހޭގޮތް ވެއެވެ.

 

ބަރުދަން އިތުރުވެ މާބޮޑަށް ފަލަވުމަކީ ހޯރމޯން އުފެއްދުމަށް ބާރުފޯރުވައި، މައްސަރު ކަންތަކަށް އަސަރުކުރާ ކަމަކަށްވުމުން، އެފަދަ ހާލަތުގައި ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމުގެ ފުރުޞަތު އޮވެދާނެއެވެ. އެހެންކަމުން ބަރުދަން ލުއިކޮށްލުމަކީ ވެސް ފަހަރުގައި ދިމާވެފައިވާ މައްސަލައިގެ (ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން) ހައްލަކަށް ވެދާނެއެވެ.

 

މައުލޫމާތު :

 

ލިޔުންނެގީ: ޞިއްޙަތު ބްލޮގުން

 

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.