ލ. ފޮނަދޫ އިހުގެ ހުކުރު މިސްކިތު ގޯތިތެރޭގައި ހުންނަ ޒިޔާރަތަކީ ނުަވަތަ ބިސްތާނަ އަކީ އެންމެ ކުޑައިރުންސުރެ ވެސް އެ ބިސްތާނައާއި މެދު އަޅުގަނޑުގެ ޝައުޤުވެރިކަން ހުންނަ ބިސްތާނަ އެކެވެ. އޭރު ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް އެ މިސްކިތުގައި ނަގައިދެމުން ދިޔަ ޤުރުއާން ކުލާހަށް ކިޔަވަން ގޮސް އިންނައިރު، ޤުރުއާން މުދައްރިސް، ލ. ފޮނަދޫ ކާމިނީގެ ޢަބްދުﷲ މުޙައްމަދު (އައްޅޯ ބޭބެ) ނަގައިދެއްވާ ފިލާވަޅަށް ވިސްނުމަށްވުރެން ބޮޑަށް، އަޅުގަނޑުގެ ވިސްނުން ހުންނަނީ އެ ބިސްތާނަ އަށް ގޮސް ހުއްޓިފައެވެ. ޤަބުރުސްތާނާއި މަހާނަ ފެނުމުން އޭރު އަޅުގަނޑު އެ ގަންނަ ބިރެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް، އޭރު އެންމެ ބޮޑަށް ހިތުގައި އުފެދުނު ސުވާލަކީ އެ ބިސްތާނަ ތެރޭގައި ފަސްތާނުލެވިފައިވަނީ ކޮން ބޭފުޅެއްތޯ އުފެދޭ ސުވާލެވެ. އަޅުގަނޑުގެ މާމަ ކުރެން އެކަމާ ސުވާލުކުރުމުން އަބަދުވެސް ބުނަމުން ދިޔައީ އެއީ މާމޮޅު ވަލީވެރިއެއްގެ ބިސްތާނައެއް ކަމަށެވެ. ދެން ކިޔައިދެނީ އެ ވަލީވެރިޔެއްގެ ހުންނަ މޮޅުކަމާއި މާތްކަމާއި ގުޅުންހުރި ވާހަކަ ތަކެކެވެ.

 

މާލޭގައި ކިޔަވަން އުޅުނު ދުވަސްވަރު ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާ (ނޭޝަނަލް ލައިބްރަރީ އޮފް މޯލްޑިވްސް) ގެ މެންބަރަކަށްވެ، ޢިލްމީ އެ ބިޔަބޮޑު ބަގީޗާއަށް ވަދެވުމުން، ފޮތް ކިޔުމަށް ކޮންމެވެސް ވަރަކަށް ނަމަވެސް ޝައުޤުވެރިކަން ހުންނަ އަޅުގަނޑު މަސައްކަތް ފެށީ އިހުގެ ލިޔުންތައް ކިޔުމަށެވެ. އެގޮތުން ‘މޫންލައިޓް’ މަޖައްލާ އާއި ‘ސަރުކާރުގެ ޚަބަރު’ އަދި ‘ފަތްތޫރަ’އިގެ އެންމެ ފުރަތަމަ ފަންސާހުގެ އަދަދުތައްފަދަ އިހުގެ ލިޔުންތައް ހިމެނޭ މަޖައްލާތައް ލައިބްރަރީގައި ހަމަ ކޮންމެދުވަހަކުހެން ގަޑިދެގަޑިއިރު ހޭދަކޮށް ކިޔަން ފެށީމެވެ. މިހެން ފޮތް ކިޔުމުގެ ތެރޭގައި ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ސުރުޚީއެއްގައި އަޅުގަނޑުގެ ރަށް “ފޮނަދޫ”ގެ ނަން ލިޔެވިފައި ވަނިކޮށެވެ. ރަނގަޅަށް ލިޔުމަށް ބަލައިލުމުން އެނގުނީ މިއީ އެ މަޢުލޫމާތެއް ހޯދުމަށް އަޅުގަނޑު އިންތިހާއަށް ބޭނުންވެފައިވާ މަޢުލޫމާތު ހިމެނޭ ލިޔުމެއް ކަމެވެ. އާދެ، މަރުޙޫމް މުހައްމަދު އިބްރާހިމް ލުޠުފީގެ ޤަލަންކޮޅުން ލިޔުއްވާފައިވާ “ލ.ފޮނަދުއާއި އަލްފަޤީހުލްޚަތީބު މުހައްމަދު ސިރާޖުއްދީނާ ހުރިގުޅުން” މި ލިޔުމެވެ. ވަގުތުން މި މަޒުމޫނު ދެ ފަހަރަކަށް ކިޔައިލީމެވެ. ފޮޓޯކޮޕީ ނެގުމަށް ލައިބްރަރީގެ ކައުންޓަރަށް ފައިސާ ފޮއްޗެއް ދެއްކުމަށްފަހު ފޮޓޯކޮޕީ ނަގައިދޭ ސެކްޝަނަށް ގޮސް ފޮޓޯކޮޕީއެއް ނެގީމެވެ. ފޮޓޯ ކޮޕީ ނެގި ލިޔުން ވަރަށް ވަރުން ފޮރުވައިގެން އުޅެނިކޮށް އެ ލިޔުން އަޅުގަނޑުގެ އަތުން ބީވެ ދިއުމަށްފަހު، އޭގެ އެތައް އަހަރުތަކެއް ފަހުން ‘ފަތްތޫރަ’އިގެ އެ މަޖައްލާ ހޯދުމަށް ލައިބްރަރީ އަށް ގޮސް ކުރެވުނު މަސައްކަތް ދިޔައީ ފަނުފުލުންނެވެ.

 

ކޮންމެއަކަސް، އަޅުގަނޑަށް އެ ލިޔުމަކާމެދު މި ދަންނަވައިލެވުނު ވަރުގެ ޝައުޤުވެރިކަމެއް ދެވިފައިވާ ލިޔުން އަނެއްކާވެސް މިވަނީ ލިބިފައެވެ. މީސްމީޑިޔާ ފޭސްބްކް ގައި އަޅުގަނޑުގެ ކޮއްކޮ އެއް ކޮށްފައިވާ ޕޯސްޓަކުންނެވެ. އެހެންކަމުން މި ހުށައަޅައިލަނީ މީގެ އަހަރުތަކެއް ކުރިން “ލ.ފޮނަދުއާއި އަލްފަޤީހުލްޚަތީބު މުހައްމަދު ސިރާޖުއްދީނާ ހުރިގުޅުން” މި މަޢުޟޫއަށް މަރުހޫމް މުހައްމަދު އިބްރާހިމް ލުޠުފީގެ ޤަލަންކޮޅުން ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ.

 

ރާއްޖޭގެ މާޒީގެ ތާރީޚުގެ ތެރޭގައި އިތުރުމަޢުލޫމާތަށް ބޭނުންވާ ވަރަށްގިނަ ނުގުތާތައް ހުރިކަން ރާއްޖޭގެތާރީޚު ދިރާސާ ކުރައްވާ ހުރިހައި މުވައްރިޚުން އެއްބަސް ވެއެވެ. އަޅުގަނޑުގެ މިމަޤާލާގައި އަލި އަޅުވާލެވޭތޯ މިމަސައްކަތްކުރަނީ އެފަދަ އެއް ނުގުތާގެ މައްޗަށެވެ.

 

ދިވެހިތާރީޚުގައި އަލްފަޤީހުލްޚަތީބު މުހައްމަދު ސިރާޖުއްދީން މަޝްހޫރުވެފައި އޮންނަނީ ލ.ފޮނަދޫ ދަންނަކަލޭގެފާނުގެ ނަމުން ނެވެ. ރާއްޖޭގެ ގިނަބަޔަކާއި އަދި މިއަދުގެ ދަރިވަރުންވެސް ދެކެނީ މުހައްމަދުސިރާޖުއްދީނަކީ ލ.ފޮނަދު ބޭކަލެއްކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އަލްފަޤީހު މުހައްމަދު ސިރާޖުއްދީނަކީ އައްޑުއަތޮޅު މީދޫ ކަޅިހާރު ދޮންބޫ (ދޮންބޮއި)، ނާއިބުކަލޭގެއާއި ފުވައްމުލަކު ދޮންމަރިޔާއާއި ދެކަނބަލުންގެ ދަރިކަލުން އަލްޤާޟީ މަހްމޫދު ސ.މީދޫ ގަނޑުވަރު ވަށު ރަންދިޔެއާ ކާވެނިބައްލަވައިގެން ލިބި ވަޑައިގަތް ދަރިކަލުންނެވެ. މީދޫ އަލްޤާޟީ މުހައްމަދުޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން ބޮޑުއަހްމަދުނާއިބު ތަކުރުފާނާވެސް މުލަކު ދޮންމަރިޔާ ކާވެނި ކުރެއްވިއެވެ. ހަމަމިބޮޑު އަހްމަދުނާއިބު ތަކުރުފާނު (އަހްމަދުޝިހާބުއްދީން) މިދޫ ގަނޑުވަރު ވަށާރަންދިޔެ އާވެސް ކާވެނި ބެއްލެވިއެވެ. ވީމާ، އަލްޤާޟީ މަހްމޫދުގެ ދޮންބައްޕަޔަކީ ބޮޑު އަހްމަދުނާއިބު ތަކުރުފާނެވެ. އަލްފަޤީހުލްޚަޠީބު މުހައްމަދު ސިރާޖުއްދީނަށް “އަލްޚަތީބު މުހައްމަދު ޖަމާލުއްދީނުލް އައްޑުވީ” ވެސް ކިޔާފައިވެއެވެ. 

 

އައްސުލްތާންއިބްރާހީމްއިސްކަންދަރު 1 ގެ ރަސްކަމުންފެށިގެން މުހައްމަދުސިރާޖުއްދީން ހުންނެވީ މާލޭގައި ހެންވޭރު ޚަތީބެއްގެމަޤާމުގައި ހެންވޭރު ކެޔޮގޯތީގައެވެ. (މިހާރުސޯސަންގެ ހުރިތަން) އެދުވަސްވަރުގައިސިރާޖުއްދީން ކާވެނިބައްލަވައިގެން އުޅުއްވީ ސުލްޠާން އިބްރާހީމް އިސްކަންދަރު 1 އަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކާކަން ތާރިޚީ ފޮތްތަކުން އެނގެއެވެ. އެހެންވާއިރު އެއަނބިކަނބަލުންނަކީ އައްސުލްޠާން ޙުސައިންފާމުލަދޭރި ކިލެގެފާނާއި ސާސްކަފުރަދާނަ ކަނބާ ޢައިޝާ ރަނިކިލެގެފާނާ ދެކަނބަލުންގެ 3 ބޭފުޅުންކުރެ ކޮންމެވެސް އެއްބޭފުޅެއްގެ ދަރިކަނބަލަކަށް ވާންޖެހެއެވެ. އަދިއަލްޚަތީބު މުހައްމަދުސިރާޖުއްދީނުގެ ދެކަނބަލުން ލ.އަތޮޅު ފޮނަދުއަށް ދުރުވެ އެރަށުގައި އުޅުއްވައި އެރަށުގެ ނަމުން ޝުހުރަތުވެލައްވަން ދިމާވި ސަބަބުތަކެއްވެސް ވާނެ އެވެ. ދިވެހިތާރީޚުން މިއިން ކަމެއްގެމައްޗަށް މާބޮޑު އަލިކަމެއް އެޅިފައެއް ނުވެއެވެ.

 

އަޅުގަނޑު ހޯދި ހޯދުންތަކުން އެނގުނީ އަލްޚަތީބު މުހައްމަދުސިރާޖުއްދީނުގެ އަނބިކަނބަލުން “އާމިނާ ކަނބައިދިކިލެގެ” އާމިނާ ކަނބާފާނު، އަކީ އައްސުލްތާން އިބްރާހީމް އިސްކަންދަރު1 އާ އެއްބަނޑު ބޭބޭފުޅު އަލްވަޒީރު މުހައްމަދު ދޮށިމޭނާކިލެގެފާނު (މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނު) ގެ ދަރިކަނބަލުންނެވެ. މުޙައްމަދު ދޮށިމޭނާ ކިލެގެފާނު ކާވެނިބައްލަވައިގެން އުޅުއްވީ ލ.ފޮނަދޫ އަލްޤާޟީ މުހައްމަދުގެ ދަރިކަނބަލަކާ އެވެ. މިދަރިކަނބަލުންގެ ނަން އަދި ހޯދިފައެއްނުވެއެވެ. އާމިނާކަނބާފާނުގެ މައިފުށުގެ ބޮޑުބޭބޭއަކީ ލ. ފޮނަދޫ އަލްޤާޟީ މުޙައްމަދުގެ އަލްވަޒީރު އުމަރު ދަހަރަދަ ތަކުރުފާނެވެ. އައްސުލްޠާން މުހައްމަދު ދެއްވަދޫގެ ރަސްކަމުންފެށިގެން އުމަރު ދަހަރަދަ ތަކުރުފާނު އެކި ދައުރުގައި ވަޒީރަކަށް އުޅުއްވިކަން ތާރީޚީ ލިޔުންތަކުން އެނގެއެވެ.

 

ސައްޔިދުރަސްގެފާނު (އައްސުލްޠާން މުހައްމަދުޝަމްސުއްދީނުލްޙަމަވީ) އަވަހާރަ ވުމަށްފަހު މާލޭގެ ބޮޑުން ރާއްޖޭގެސިންގާ ސަނާއަށް އިސްކުރަން ޤަޞްދުކުރީ އަލްފަޤީހުލްޚަތީބު މުހައްމަދުސިރާޖުއްދީނެވެ. ނަމަވެސް އޭނާ އެކަމާ ރުހިވަޑައިނުގަންނަވާތީ “އެރޭ އޭނާ މާލެ ދޫކުރައްވައި ހައްދުންމައްޗަށް ވަޑައިގެން ފޮނަދޫގައި ވަޒަންވެރިވެވަޑައިގަތީ އެވެ.” އާދެ! އަނެއްދުވަހު މާލޭގެރައްޔިތުން ސިރާޖުއްދީން ރާއްޖޭގެ ރަސްކަމަށް އިސްކުރަން ނިންމާފައިވުމާއެކު އެރޭ އަވަސް އަވަހަށް މާލެދޫކުރައްވައި ކޮންމެވެސްތަނަކަށް ވަޑައިގަތުން ބޭނުންފުޅުވިއެވެ. އޭނާގެ އަމިއްލަ އަތޮޅާއި ރަށަށް ފަސޭހައިން ވަޑައިގެންނެވެން ނެތުމުން ދެން ޚިޔާލުފުޅުކުރެއްވިީ އަނބިކަނބަލުންގެ މައިފުށުގެ އާއިލާ އޮތް ލ.ފޮނަދުއަށް ވަޑައިގަތުމަށެވެ. އެރަށަށް ވަޑައިގެން އެދެކަނބަލުން ވަޒަންވެރިވެ ވަޑައިގަތީ އަނބިކަނބަލުންގެ މައިފުށުގެ ގޭގައެވެ. އަވަހާރަވަންދެން ދިރި އުޅުއްވީ އެގޭގައެވެ. އެގެއަކީ މިއަދު ފޮނަދޫ އޮފީހުގެ ކުރިމަތީގައި އެހުރި ރަށުގެކުރީގެ މުދިމުގެ ގެއެވެ. ސިރާޖުއްދީން އަވަހާރަވީ 24 ރަޖަބު 1156 ގައި ލ.ފޮނަދޫ ގައެވެ. ވަޅުފުޅު ލެވިފައިވަނީ ފޮނަދޫ ކުރީގެ ހުކުރު މިސްކިތު ދޮރުމަތީގައި ޚާއްޞަ ބިސްތާނެއް ގައެވެ. އާމިނާކަނބާފާނު އަވަހާރަވީ، ސިރާޖުއްދީނަށް ފަހުގައެވެ. އެކަމަނާ ވަޅުފުޅު ލެވިފައިވަނީވެސް ފޮނަދޫ މިސްކިތް ދޮށުގައި މިސްކިތަށް އަރާއިރު ވާތްފަރާތު އަސްކަންޏާ ވަރަށްކައިރީގައެވެ. މިގޮތަށް އެދެކަނބަލުން އެތަނުގައި ވަޅުފުޅުލުމުގެ ސަބަބެއްކަމަށް ލ.ފޮނަދޫގައި ދެކެވެމުން ދާވާހަކައެއް އޮވެއެވެ. އަޅުގަނޑުދެކޭގޮތުގައި އެއީ ފުލޯކު ވާހަކައެއް ކަމަށްވާތީ މިތާނގައި ނަކަލުނުކޮށް ދޫކޮށްލީއެވެ.

އަލްފަޤީހުލްޚަތީބު މުހައްމަދު ސިރާޖުއްދީން ވަޅުފުޅުލެވިފައިވާ ބިސްތާނަ – ފޮޓޯ: މުނިއަވަސް

އާދެ! ލ.ފޮނަދޫއަކީ އަލްފަޤީހުމުޙައްމަދު ސިރާޖުއްދީނުގެ އަނބިކަނބަލުން ފާތުމާ ކަނބާފާނުގެ މައިފުށުގެ އާއިލާ އޮތް އެކަމަނާގެ މައިފުށުގެ ރަށެވެ. މުހައްމަދުސިރާޖުއްދީނަށް ފޮނަދުއަށް ވަޑައިގެންނެވުނީ އެގޮތުންނެވެ.

 

ލުޠުފީ މި ލިޔުން ލިޔުއްވިއިރު ފޮނަދޫ އޮފީސް ހުންނަނީ މިހާރު ލ. ފޮނަދޫ މެދުއަވަށުގައި ހުރި ޒުވާނުންގެ މަރުކަޒު އެހެރަ އިމާރާތުގެ ގޯތިތެރޭގައެވެ. އެހެންކަމުން މި ލިޔުމުގައި އެބުނާ މުދިމުގެ އަކީ މިހާރުގެ ‘އެދުރުގެ’ ކަމަށް ޤަބޫލުކުރެވެ އެވެ. މިކަން އޮޅުންފިލުވައިލުމަށް ފޮނަދޫގައި ކުރިން ކަތީބުކަން ކުރެއްވި، ލ. ފޮނަދޫ މުދިންގޭ މުޙައްމަދު އަޙްމަދު (ކާސިންދީދީ) ގެ އަލްޙާފިޡް އިބްރާހިމް މުޙައްމަދާއި ވާހަކަ ދައްކައިލުމުން އިބްރާހިމް މުޙައްމަދު ވިދާޅުވީ ލުޠުފީ އެ އިޝާރާތްކުރައްވާ އިޝާރާތް ކުރެއްވުމުގައި އޮޅުމެއް ވާކަމަށް ޤަބޫލުކުރެއްވޭ ކަމަށެވެ. އާދެ، އަލްފަޤީހުމުޙައްމަދު ސިރާޖުއްދީނު ދިރިއުޅުއްވި ކަމަށް އެވިދާޅުވާ ފޮނަދޫ އޮފީސް ކުރިމަތީގައި ހުންނަ ގެއަކީ އިހު މުދިމުގެ ގެ ގެއެއް ނޫނެވެ. އެއީ އެދުރުގެ އެވެ. އެގޭގައި އޭރު އެދުރުމަނިކެ ނަމަކަށް ކިޔާ ޤުރުއާން ހިތުދަސް ކަމަށް ކިޔައިއުޅުނު ބޭކަނބަލެއް އުޅުއްވި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.