ހޯމް ޤާޑްނިންގ ނުވަތަ ގޯތިތެރޭ ގަސްހެއްދުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ތެރޭގައި ހިމެނޭ މުހިންމު އެއްބައެވެ. އަދި ޒަމާނުއްސުރެ ދިވެހިންގެ ގިނަބަޔަކު ކުރަމުންއަންނަ ފައިދާހުރި މަސައްކަތެކެވެ. މިގޮތުން އާމްދަނީ ހޯދުމަށާއި ޢާއިލާގެ ބޭނުންތަކަށް ގޯތިތެރޭގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހައްދައެވެ.
މިހާރަކަށްއައިސް އިޖްތިމާޢީ، ސިނާޢީ މަސައްކަތްތަކަށާއި ގެދޮރު ބިނާކުރުންފަދަ އިންސާނީ ބޭނުންތަކަށް ރާއްޖޭގެ ބިމުގެ ބޭނުންކުރާ މިންވަރު ވަރަށްބޮޑަށް އިތުރުވަމުންދިއުމާއި ގުޅިގެން ދަނޑުވެރިކަންކުރާނެ ބިން ލިބުމުގެ ދަތިކަންވެސް މިހާރުދަނީ އިތުރުވަމުންނެވެ. އަދި ކާބޯތަކެއްޗާއި އެހެނިހެންތަކެތީގެ އަގު އެއްދުވަހުން އަނެއްދުވަހަށް ދަނީ ބޮޑުވަމުންނެވެ. އެހެން ކަމުން މިފަދަ ދުވަސްވަރެއްގައި ޚަރަދުކުޑަކުރެއްވެން އޮތް ހުރިހާ ކަމެއްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން ގޯތިތެރޭ އޮންނަ ހުސްބިންކޮޅުގައި ބޭނުންތެރި، ކާބޯތަކެތިއަޅާ ގަހެއް ނުވަތަ ގަސްތަކެއް ހައްދައި ލެވިއްޖެނަމަ އެއީ އާއިލާގެ ޚަރަދުކުޑަވެ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅޭ ވަރަށް ބޭނުންތެރި ފިޔަވަޅެކެވެ.
ގޯތިތެރޭގައި ގަސް އިންދުމުގެ މުހިއްމު ބައެއް ފައިދާ
– ޢާއިލާ އަށް ބޭނުންވާ ތަރުކާރީއާއި މޭވާ ތާޒާކަމާއެކު އަތްފޯރާފަށުގައި ލިބެންހުރުން
– ފައިދާހުރި ކާނާ ބޭނުންކުރުމުގެ ސަބަބުން ޢާއިލާގެދުޅަހެޔޮކަން އިތުރުވުން.
– ޢާއިލާގެ ޚަރަދު ކުޑަވުން
– ކެމިކަލްފްރީ ކާބޯތަކެތި ބޭނުންކުރެވޭކަމުގެ ޔަގީންކަން އޮތުން
– އަނބު، ޖަންބު އަދި ބިލެތްފަދަ ބާވަތްތައް ގޯތިތެރޭގައި ހައްދާފައި ހުރިނަމަ އާމްދަނީ ބޮޑަށް އިތުރުވުމުގެ ވަސީލަތަކަށްވުން
– ގޯތިތެރޭގައި ބޮޑެތި ގަސްތައް ހުރިނަމަ ހިރަފުހުން ލިބޭ ގެއްލުން ކުޑަވެ ހިޔާލިބުން.
– ހުރިހާ އުމުރެއްގެ މީހުންވެސް ގަސްހެއްދުމުގެ ޝައުގުވެރިވެ އެކަމަށް އަހުލުވެރިވުން
ގޯތިތެރޭގައި އޮންނަ ހުސްބިންކޮޅުގައި ގަސްހައްދާނީ ކިހިނެއް؟
ގޯތިތެރޭގައި އޮންނަ ބިމުގެ ޖާގަ ބޮޑުނަމަ ބިން އޮތް ނިސްބަތަކުން ތަރުކާރީއާއި މޭވާސް އިންދިދާނެއެވެ. މިގޮތުން އަނބު، ޖަންބު، ޖަބުރޯލް، ފޭރު، ފަޅޯ ފަދަ މޭވާ ގަސްގަހާއި، މިރުސް، ބަށި، ޓޮމާޓޯ، ކިއުކަންބާ، ކޮޕީ ފަދަ ތަރުކާރީގެ ބާވަތްތައް އިންދިދާނެއެވެ. ތަރުކާރީގެ ބާވަތްތައް ފަސްގަނޑުޖަހާ ބެޑްހަދައިގެން ބެޑްގައި ނުވަތަ ވަޅުގަނޑުތައްޔާރުކޮށް ވަޅުގަނޑުގައި ނުވަތަ ޕޮޓުގައިވެސް ހެއްދިދާނެއެވެ. ނުވަތަ ޕޮޓްގައިވެސް އިންދިދާނެއެވެ. ގޯތީގެ ބިންކޮޅު ކުޑަނަމަ ޕޮޓްގައިވެސް ތަރުކާރީގެބާވަތްތައް ހައްދާލެވިދާނެއެވެ.
ގޯތިތެރޭގައި ގަސްހެއްދުމަށް ޝަޢުގުވެރިވާ ފަރާތްތައްތަކުން ގޯތީގައި އިމާރާތެއް ހަދާއިރު ގިނައިން ގަސް ހެއްދުމަށް ޖާގަ ލިބޭގޮތަށް ގޯތި ޑިޒައިންކޮށްފައި އިމާރާތްތައް ހެދުމަކީ ބޭނުންތެރި ކަމެކެވެ. ބޮޑެތި މޭވާ އަޅާ ގަސްހުރި ކުރީގެ ގޯއްޗެއްގައި ތަރުކާރީ އިންދަން ބޭނުންވާ ޖާގަ ކުޑަނަމަ ބޮޑެތިގަސްގަހުގެ ދުވަސްވީ ގޮފިތައް ކޮށާ ތަރުކާރީ ހައްދާ ބިންކޮޅަށް އަވި ލިބޭގޮތަށް ޖާގަ ބޮޑު ކުރަންވާނެއެވެ. ގޯތިތެރޭގައި ގަސް ހައްދާއިރު އެއްވެސް ގޮތަކުން ޕޮޓަށްއަޅާ ރަނގަޅު ކަޅުފަސް ނުލިބިއްޖެނަމަ ޕޮޓަށް ބޮނބިކުޑި އަޅައި އަލްބާޓް ސޮލިއުޝަން ފަދަ ސޮލިއުޝަނެއް ދީގެން ނުވަތަ ފާޓިގޭޝަން ސިސްޓަމެއްގައި ބައެއްތަރުކާރީގެ ބާވަތްތައް ފަސޭހަކަމާއެކު ހައްދާލެވިދާނެއެވެ. ނުވަތަ ހައިޑްރޮޕޮނިކްސް ހޮޅި ސިސްޓަމެއްގައި ލެޓިއުސް، ޓޮމާޓޯ، ކިއުކަމްބާ ފަދަ ބާވަތްތައް ހައްދާލެވިދާނެއެވެ. ގޯތިތެރޭ ގަސް ހެއްދުމުގައި ގަސްތަކަށް ފަސޭހައިން ފެންދެވޭނެގޮތް އިންތިޒާމު ކުރެވިފައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ގޯތިތެރޭގައި ގަސްހެއްދުމުގައި ގަސްއިންދާ ވަޅުގަނޑާއި ބެޑް އަދި ޕޮޓް ތައްޔާރު ކުރުމުގަ އާއި ކާން އެޅުމުގައި މާބޮޑު ތަފާތެއް ނޯވެއެވެ. ނަމަވެސް ގޯތިތެރޭގައި ގަސްހެއްދުމުގައި ބޭނުންކުރަން އެންމެ ރަނގަޅީ ކާދުފަދަ އޯގަނިކް ގަސްކާނާ އާއި ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ބަޔޯޕެސްޓިސައިޑްސް އެވެ. މީހުންނާއި ކުޑަކުދިން ދިރިއުޅޭ ތަނެއްގައި ހައްދާ ގަސްތަކަށް ކެމިކަލް ޕެސްޓިސައިޑްސް އާއި ކެމިކަލް ގަސްކާނާ ބޭނުންކުރުމަކީ މާރައްކާތެރި ކަމެއްނޫނެވެ. މިފަދަ ބޭހެއް ބޭނުންކުރާނަމަ ބޭނުންކުރަންވާނީ ގަސް ރަނގަޅުކުރެވޭނެ އެހެންގޮތެއް ނެތުމުން އަދި ބޭހުގެ އަސަރު މީހުންގެ ހަށިގަޑަށް ނުފޯރާގޮތަށް ވިސްނައިގެންނެވެ.
ބިޔަވާގަސް ހެއްދުމުޤައި ވިސްނާލަންޖެހޭ ބައެއް ނުކުތާތަށް
އަނބު، ޖަންބު، ޖަބުރޯލް، ކުންނާރު ފަދަ ގަސް ގޯތިތެރޭގައި ހައްދާނަމަ ގްރާޕްޓްކުރި ގަސް ނުވަތަ ފޯދިފައިހުރި ގަހެއްގެ ގޮތްޕެއްގައި ވެލިބަނދެ މޫލައްވައިގެން އިންދުމުން ގަސް އަވަހަށް ފޯދި ކުޑަކޮށް ހުއްޓާ މޭވާ އަޅާނެއެވެ. ގަސް ކުޑަކޮށް ހުރުމުން ގޯތީގައި އެއްގަހަށްވުރެ ގިނަ މޭވާގަސް ހެއްދުމުގެ ފުރުސަތު ބޮޑުވާނެއެވެ. ގަސް ކުޑަކޮށް ހުރުމުން މޭވާ ބިނުމަށާއި ގަހަށް ފަރުވާދީ ބަލަހައްޓަން ފަސޭހަވާނެއެވެ. އަދި ތަރުކާރީ ގަސްތަކަށް ބޭނުންވާ އަވި ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.
ގޯތީގައިހުރި ތަރުކާރީ ނުވަތަ މޭވާ ގަހެއް ދުވަސްވެ ބިޔަވެއްޖެނަމަ ގަސްކޮށާ ދުވަސްވީ ގޮފިތައް މަދުކޮށް ގަހަށް ކާންދީ ބެލެހެއްޓުމަކީ ފަހުން އައު ކުރިތައް ފަޅައިގެން ހެދި މަތިވަރު ރަނގަޅުވާ ކަމެކެވެ.
ތިރީގައި މިވަނީ ގޯތީގެ ތަފާތު މާހައުލުގައި ހެއްދިދާނެ ބައެއް ބާވަތްތަކެވެ.
ތެތްފިނިކަން ލިބޭ ފެންތިލަ ތަންތާގައި ހެދޭ ބައެއް ގަސްގަސް
އަލަ، ފަތްކެޔޮ، ހިކަނދިފަތް، ރާނބާފަތް، ބިލިމަގު، ޖަންބު، އަނބު، ކަޅުހުއްތު މޭވާ
ބޮޑެތިގަސްގަހުގެ ހިޔާލިބޭ ހިސާބުގައި ހެދޭ ބައެއް ގަސްގަސް
ހިކަނދިފަތް، ރާނބާފަތް، ބިލެތް، މަތިވައް، ކަންކުން، ބައެއްވައްތަރުގެ ބަގީޗާ
ބޮޑަށް އަވި ބޭނުންވާ ބައެއް ގަސްގަސް
ބަށި، މިރުސް، ޓޮމޯޓޯ، ކޮޕީ، ލީކްސް، ޕެޝަންފުރުޓް، ތޮޅިފަދަ ބާވަތްތައް
ގަހަކަށް ބަލިޖެހުން ދުރުކުރުމަށްޓަކާ ކުރެވިދާނެ ބައެއް ކަންތައްތައް
= ކްރޮޕް ރޮޓޭޝަން ( އެއްބިމެއްގައި އެކިފަހަރު އެކި އާއިލާގެ ގަސް ހެއްދުން)
= އިންޓަރ ކްރޮޕިންގ (ތަފާތު ޢާއިލާގެ ގަސް އެއްތަނެއްގައި އިންދުން)
= މުޑުވަށް ކުރުމަށާއި ޕޮޓަށް އަޅާ ފަހާއި ގެރިގުއި ފަދަތަކެތި ސްޓްރެލައިޒް ކުރުން ނުވަތަ ހޫނުކޮށް އޭގައިވާ ޖަރާސީމުތައް ނައްތާލުން
= މާބޮޑަށް ބަލިޖެހިފައިވާ ގޮފިތައް ކަނޑައި އަންދާލުން
= ފަނިފަކުސާ އައުން މަދުކުރުމަށްޓަކައި ނީމްއޮއިލްފަދަ އިންސެކްޓް ރެޕެލެންޓްއެއް ބޭނުންކުރުން
= ފަނިފަކުސާ އޭގެ ޅަ އުމުރުގައި، ބައްޔެއްނަމަ ބަލީގެ ކުރީ ކޮޅުގައި ބޭސް ސްޕްރޭކުރުން.
= ގަސް މަލްޗް ކުރުން
= ގަސްތަކަށް ގަވާއިދުން ކާންދީ ބެލެހެއްޓުން
މިއީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ތައްޔާރުކޮށްފައިވާ ލީފްލެޓެއްގައި ހިމަނާފައިވާ މަޢުލޫމާތު ތަކެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް