މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގައި “ރާޅު ބޯއީ” ގެ ނަމުން މަޝްހޫރުވެފައިވާ އަހްމަދު ނަޒީހު އަޑުން އާ ލަވައެއް އަނެއްކާވެސް ނެރުމަށް ތައްޔާރުވެއްޖެ އެވެ. ނަޒީހު މިކަން އިޢުލާނުކޮށްފައިވަނީ އޭނާ ކޮށްފައިވާ ޓްވީޓެއްގައެވެ.

 

 

އުމުރުން 20 އަހަރުގެ ނަޒީހް ބުނީ ރާޅޭ އަށް ދެމުން އަންނަ ލޯތްބަށްޓަކައި އެންމެ ފުރަތަމަވެސް ޝުކުރުވެރިވާ ކަމަށެވެ. އަދި 2 ސެޕްޓެމްބަރުގައި އޭނާގެ ސިންގަލް ލަވައެއް ގެނެސްދޭނެކަމުގެ އުފާވެރި ޚަބަރު ދީފައި ވެއެވެ.

 

މިފަހަރު ނަޒީހް ގެނެސްދެނީ އޭނާގެ ކާފައަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލަވަ “އަނެ ބައްޕަ” އެވެ. އަންނަ އާދިއްތަ ދުވަހު މި ލަވަ ޔޫޓިއުބާއި އަދި ލަވަފޮށިން އަޑުއަހައި އަދި ބަލައިލެވޭނެ އެވެ.

 

“ކާފަ ނިޔަވީ ދެ ތިން އަހަރުކުރިން، ‘އަނެ ބައްޕަ’ އަކީ ކާފައަށް ގޭގެ އެންމެންވެސް ކިޔާ އުޅުނު ނަން، ކާފައަކީ ވަރަށް މަޖާ އަދި ހިތްހެޔޮ މީހެއް، މި ލަވަ މި ގެނެސްދެނީ ކާފަގެ ހަނދާނުގައި،” އަވަސް އަށް ނަޒީހު ބުނެފައި ވެއެވެ.

 

މި އާ ލަވައަކީ ނަޒީހު މިހާރު މަސައްކަތްކުރަމުން އަންނަ އޭނާގެ ސޯލޯ އަލްބަމްގެ ދެ ވަނަ ލަވަ އެވެ. ޖުމްލަ ހަ ލަވައެއް އެ އަލްބަމްގައި ހިމެނެ އެވެ. ފުރަތަމަ ލަވައެކޭ އެއްގޮތަށް މި ލަވައަކީވެސް އަމިއްލަ ރާގުގެ ލަވައެކެވެ. އަލްބަމްގެ މަސައްކަތުގެ އިތުރަށް ނަޒީހު އަންނަނީ ރިސޯޓު މިއުޒިކް ކުޅެމުންނެވެ. އަދި މާފުށީ ގެސްޓު ހައުސްތަކުގައި އޭނަ ޝޯތައްވެސް ދެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.