ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ އަހަރު އޭޕްރީލް 1 ގައި ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަ ފިލްމު “މާމުއި” ގެ އިޝްތިހާރު ކުރުމުގެ ސްޓައިލް ވަރަށް ތަފާތުކަން ފާހަގަކުރެވޭނެ އެވެ. ތަފާތު ގޮތްގޮތަށް، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފޭސްބްކް ގައި ފޮޓޯއެއް އާއްމުކުރާތަން ފެނެއެވެ. އެގޮތުން މިއަދު އާއްމުކޮށްފައިވާ ފޮޓޯ އަކުން ފެންނަނީ “މާމުއި” ގައި ވަރްޖީނާ ގެ ކެރެކްޓަރ އިން ފެންނަ ޝީލާ ނަޖީބު އަމީތާބް ބައްޗަން އާއި ޖެހިގެން އިށީންދެ އިންނަ ފޮޓޯއެކެވެ. ފޮޓޯގެ ކަނާތްފަރާތު ތިރީ ކަނުގައި މާމުއި ލިޔެލާފައިވާއިރު “މާމުއި” ގެ އިޝްތިހާރު ޕޯސްޓަރުތަކާއި ބެނާތަކުން ފެންނަ ޑާކްރެއިންގެ ލޯގޯ އާއި ސްޕޮންސަރުންގެ ލޯގޯ ނުވަތަ ނަންތައް ވެސް ފެންނަން ހުރެއެވެ.

 

“މާމުއި” ގައި ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރ އަމީތާބް ގެ ރޯލެއް ފެނުމަކީ ވެދާނެކަމެއް ބާވައެވެ؟ “މާމުއި” ގައި ވަރްޖީނާ ގެ ނަމުން ނަންދީފައިވާ ޝީލާ އާއި އަމީތާބާއި އޮންނަ ގުޅުމެއް މި ފިލްމުން ފެނިގެންދަނީބާވައެވެ؟ ނުވަތަ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ޒާތުގެ ފޮޓޯއެއް ބޭނުންކޮށްލައިގެން ފިލްމު އިޝްތިހާރަށް ސްޓަންޓެއް ޖައްސަނީބާވައެވެ؟ – ފޮޓޯ ފެނުމުން އެތަކެއް ސުވާލުތަކެއް ހިތަށް އަރަން ފެށުމުން މިކަން ސާފުކޮށްލުމަށް ނިންމީމެވެ.

 

“ފިލްމުން ފެންނަ ވަރްޖީނާ (ޝީލާ) އާއި އަމީތާބާ ގުޅުމެއް އޮންނާނެ މި ފިލްމުގަ.” ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް ބުންޏެވެ. މީގެ އިތުރުން މޮގާ ބުނީ މިފަދަ ތާރީޚީ ފޮޓޯއެއް އަމީތާބާއި އެކުގައި ޝީލާ އަށް ނެގިފައިވާއިރު އެ ފޮޓޯގެ ބޭނުމެއް ހިފިގެންގޮސް ގިނަ ދުވަހަށް އެ ފޮޓޯ މި ފިލްމުގެ ތެރެއިން ރައްކާކުރެވޭގޮތް ވުމަކީވެސް މުހިންމު ކަމެއްކަމަށް ދެކޭކަމަށެވެ.

އަމީތާބު ބައްޗަން އަދި ޝީލާ ނަޖީބް

މޮގާ އާއި އިތުރަށް ވާހަކަ ދައްކައިލުމުން އެނގުނީ ހަމަ ހަޤީޤަތުގައިވެސް “މާމުއި” ފިލްމުން ޝީލާ ކުޅޭ ވަރްޖީނާގެ ކެރެކްޓަރ އާއި އަމީތާބާއި ވަރަށް ބޮޑު ގުޅެއް ވާކަމަށެވެ. ނަމަވެސް އެގުޅުމަކީ ކޮބައިކަން ބަލައިލަން  ހަމަ އެންމެ ރަނގަޅު ގޮތަކަށްވާނީ 01 އޭޕްރީލް 2019 ގައި ރިލީޒްކުރާ މި ފިލްމު ބެލުމުންނެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.