ވީމީޑިއާ އިން “ވީ އެންޓަޓެއިމެންޓް ޑިވިޝަން”ގެ ނަމުގައި އައު ޑިޕާޓްމަންޓެއް އުފައްދައި އެތަނުން ދިވެހި ފިލްމު އުފައްދަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

 

ވީމީޑިއާ އިން މިކަން އިއުލާނުކުރީ “ވީ އެންޓަޓެއިމެންޓް ޑިވިޝަން”ގެ ނަމުގައި އައު ޑިޕާޓްމަންޓެއް އުފެއްދުމަށް ބޭއްވި ރަސްމިއްޔާތުގައި ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފެވެ.

 

ވީމީޑިއާގެ ދިހަވަނަ އަހަރީދުވަހާ ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވީމީޑިއާއިން ދިވެހި ފިލްމު އުފެއްދުމަށް ނިންމައި ވީމީޑިއާގެ ފުރަތަމަ ފިލްމު ލޯންޗުކޮށްފައިވަނީ މިމަހުގެ 05 ވަނަ ދުވަހު އެވެ. އެގޮތުން ވީމީޑިއާއިން އުފައްދާ ފުރަތަމަ ފިލްމަކީ “ދައުވަތު” މިނަމުގައި އުފައްދާ ފިލްމެކެވެ.

ވީމީޑިއާއިން އުފައްދާ ފުރަތަމަ ފިލްމު “ދައުވަތު”ގެ މަންޒަރެއް

ވީމީޑިއާގެ ފުރަތަމަ ދިވެހި ފިލްމު “ދައުވަތު”ގެ ފުރަތަމަ ދައްކައިލުން ވެސް މި ރަސްމިއްޔާތުގައި ވަނީ ދައްކާލާފައެވެ. “ދައުވަތު”ގައި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއުގެ އިތުރަށް ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި ފޯޓީޕްލަސްއިން ފިލްމީ ދާއިރާއަށް ތައާރަފްކުރާ އިރޫ ވެސް ފެނިގެންދާނެއެވެ.

 

މި ފިލްމު ޑައިރެކްޓުކުރާނީ ކުޅަދާނަ ޑައިރެކްޓަރު އަދި ވީމީޑިއާގެ ޕްރޮޑިއުސަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

 

ވީމީޑިއާއިން އުފައްދާ ފުރަތަމަ ފިލްމު “ދައުވަތު”ގެ މަންޒަރެއް

ވީމީޑިއާއިން ދިވެހި ފިލްމު އުފައްދަން ނިންމައި އެކަން އިއުލާނުކުރައްވަމުން ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފް ވިދާޅުވީ ވީމީޑިއާއިން ފިލްމު އުފައްދަން ފެށީ އެއްވެސް ބަޔަކާ ވާދަކުރުމުގެ ގޮތުން ނޫން ކަމަށެވެ. މިއީ ދެ ފަރާތަށް ފައިދާވާގޮތަށް މުނިފޫހިފިލުވުމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވީމީޑިއާއިން ފެށި މަސައްކަތެއް ކަމަށް އާސިފް ވިދާޅުވިއެވެ.

 

“އެއްވެސް ހާލަތެއްގައި މިއީ އަޅުގަނޑުމެން ވަކި ބަަޔަކާ ކުރާ ޗެލެންޖެއް ނޫން. ބަޔަކާ ކުރާ ވާދައެއް ނޫން. އަޅުގަނޑުމެންގެ މި މަސައްކަތުގައި ވާދަވެރިއެއް ނުހުންނާނެ. އަޅުގަނޑުމެންގެ މަގްސަދަކީ ފިލްމު އިންޑަސްޓްރީއަށް ކުރިއެރުން ގެނެސްދިނުން.” މޮންދު ވިދާޅުވިއެވެ.

 

މޮންދު ވިދާޅުވީ ވަރަށް އަވަހަށް ވީމީޑިއާގެ ފުރަތަމަ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ. އަދި ފިލްމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.