ރާއްޖޭގެ ކަނޑުފަޅުގެ ދިރުމުގެ ތެރެއިން މިއަދު މިގެނެސްދެނީ ވެސް މިޔަރު އާއިލާ އަށް ނިސްބަތްވާ މަހެއްގެ މަޢުލޫމާތު ކޮޅެކެވެ. ފެހުރިހި ނުވަތަ ‘ވޭލް ޝާކް’ އާއި ބެހޭ މަޢުލޫމާތު ކޮޅެކެވެ.

 

ބިޔަ ފެހުރިއްސަކީ މިޔަރުގެ ބާވަތްތަކުގެ ތެރޭން އެންމެ ބޮޑު އަދި ކަނޑުގައިއުޅޭ އެންމެ ބިޔަމަހެވެ. ފެހުރިހި 12 މީޓަރަށްވުރެ ބޮޑުވާކަމަށް ވެއެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއްނޫން ކަމުން ފެތުންތެރިންނާއި ފީނުންތެރިން މިބާވަތުގެ މިޔަރާ ވަރަށް ގައިގޯޅިވެ އުޅެއެވެ.

 

މިއީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުންނާއި ބޭރު ކަނޑުން ފެންނަ މިޔަރެކެވެ. ފެހުރިއްސަކީ ރާއްޖޭގައި ޙިމާޔަތް ކުރެވިފައިވާ ބާވަތެކެވެ. ވުމާއެކު މިބާވަތް ހިފުމާއި، މެރުމާއި ކަނޑުންނެގުމަކީ މަނާކަމެކެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ފެހުރިއްސަކީ މަދުންއުޅޭ މިޔަރަކަށްވެފައި އެއީ ދުނިޔެއިން ނެތިފަނާވެދާނެކަމުގެ ބިރު ހީވެފައިވާ ބާވަތަކަށް ވާތީއެވެ.

 

މިމަސް އާދަވެގެން ކައިއުޅެނީ އަނގައަށް ކާނާ ފުރާނާ އުސޫލުންނެވެ. މިގޮތަށްވެސް ކައިއުޅެނީ ވަރަށް ކުދިމަހާއި، ފަނިފަކުސާއާއި ކަނޑުގެ މަތީބައިގައި އުޅޭ ކަކުނިފާޑުގެ ސޫތްޕެވެ. ފެހުރިހި ކާނާ ކާން އުޅޭއިރު ފެނުންހިކޭނުހިކޭ ހިސާބަށް އޭގެ ބޯކޮޅު ބާއްވައިގެން އޮއިމައްޗަށް ދަތުރުކޮށްއުޅެއެވެ. ފެހުރިއްސަކީ ތުންގަޑުކުރު، ނިގޫކޮޅަށް ހިމަ، ނިގުލުގެ ކަފިކަން ބޮޑު މިޔަރެކެވެ. މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ގަދައަޅިކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދު ނުވަތަ ރީނދޫކުލައެއްގައެވެ. މުޅި މިޔަރުގައި ހުދު ނުވަތަ ރީނދޫކުލައެއްގެ ލައްތަކަކާއި ގޮޅިތަކެއް ހުރެއެވެ. މިޔަރުގެ ދެއަރިމަތީން މަތީބައިގައި ދިގަށްވާގޮތަށް ތިން ކުރަގަޑު ހުރެއެވެ.


މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް އަދި ‘ނޭޝަނަލް ޖިއޮގްރަފިކް ޗެނަލް ޔޫޓިއުބް’

 

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.