ރާއްޖޭގައި ފިލްމު އުފެއްދުމުގެ މަސައްކަތުގައި މިވަގުތު އެންމެ ކުރީ ސަފުގައި، އެންމެ ކާމިޔާބުކަމާއެކު ހަރަކާތްތެރި ވަމުން އަންނަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓަށް މިވަނީ 12 އަހަރު ފުރިފައެވެ. ސެޕްޓެމްބަރު 14 ގައެވެ.

 

ދިވެހި ސިނަމާ ތެރެއަށް ޑާކްރެއިން އެންޓަޓެއިންމަންޓް ވަދެފައިވަނީ 2006 ގައެވެ. ޓީވީއެމް އަށް ޑްރާމާ ސިލްސިލާ އުފައްދައިދިނުމާއި އިޝްތިހާރު ހެދުމާއި އޯޑިއޯ ރެކޯޑިންގ ފަދަ ކަންތައްތަކާއި އެކުގައެވެ. ނަމަވެސް މިއަދު އެ ސްޓޫޑިއޯ އަކީ އެމީހުންގެ އުފެއްދުންތަކުގެ ފެންވަރާއި ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު ރާއްޖޭގެ ނަންބަރ ވަން ކަމަށް ބެލިދާނެ ސްޓޫޑިއޯއެއް ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

 

ޑާކްރެއިން އެންޓަޓެއިންމަންޓަށް މިހާތަނަށް އައިއިރު ލިބިފައިވާ ކާމިޔާބީތައް ވަރަށް ގިނައެވެ. ހަމަ އެހެންމެ ފިލްމު އުފެއްދުމުގެ މަސައްކަތުގައި ދިވެހިން މީގެކުރިން އަރާފައި ނުވާ ހަރުފަތްތަކަކަށް އެންމެ ފުރަތަމަ އެރުމުގެ ރެކޯޑުވެސް އެ ސްޓޫޑިއޯއިން ވަނީ މުގުރާލާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފަހަރަށް ދިވެހި ފިލްމެއް އެޗްޑީ(HD)، ތްރީޑީ(3D) އަދި ޑީއެސްއެލްއާރް(DSLR) ގައި ޝޫޓްކޮށް ބެލުންތެރިންނާއި ހަމައަށް ގެނައުން ހިމެނެއެވެ. އަދި ‘ވެނިސް ފިލްމު ފެސްޓިވަލް’ ގައި ފިލްމު ދެއްކުން ހިމެނެއެވެ.

 

ދިވެހި ފިލްމީ ދާއިރާގެ މަސައްކަތްތަކުގެ އަގު، ރަސްމީ ސިފައެއްގައި ވަޒަންކޮށް އެކަމަށް ހިތްވަރު ދިނުމަށް ބާއްވަމުން އަންނަ ދިވެހި ފިލްމު އެވޯޑް ގެ ގިނަ ވަނަ ތަކެއް ޑާކްރެއިން އެންޓަޓެއިންމެންޓަށް ވަނީ ލިބިފައެވެ. އެގޮތުން 08 ވަނަ ދިވެހި ފިލްމު އެވޯޑުގައި ޑާކްރެއިން އެންޓަޓެއިންމެންޓަށް އާދަޔާޚިލާފަށް ގިނަ އެވޯޑްތަކެއް ލިބިފައެވެ.

 

08 ވަނަ ދިވެހި ފިލްމު އެވޯޑުގައި އެންމެ މޮޅު ފީޗަރ ފިލްމަކަށް ‘ވާށޭ މަށާ އެކީ’ އާއި ފީޗަރ ފިލްމުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރ ގެ މަޤާމު އެ ސްޓޫޑިއޯގެ ކާމިޔާބު ޑައިރެކްޓަރ އަދި ސިނަމޮޓޮގްރާފަރ ޢަލީ ޝިފާޢު އަށް ލިބިފައިވަނީ ވެސް ‘ވާށޭ މަށާ އެކީ’ އިންނެވެ. ހަމަ އެހެންމެ ފީޗަރ ފިލްމުގެ ބައިން އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑް ލިބުނީ މުޙައްމަދު ޖުމައްޔިލް ނިމާލް އަށް ހަމަ މި ފިލްމުންނެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. ފީޗަރ ފިލްމުގެ ބައިން އެންމެ މޮޅު އަންހެން އެކްޓަރ އެވޯޑް ލިބުނީ ‘ވާށޭ މަށާ އެކީ’ ގެ ލީޑް ކުޅެގެން މަރިޔަމް މަޖްދާ އަށެވެ.

 

މީގެ އިތުރުން އެންމެ މޮޅު އަންްހެން ނިއު ކަމަރ އަށް މަރިޔަމް މަޖުދާ އެވޯޑް އުފުލައިލީ ވެސް ޑާކްރެއިން އެންޓަޓެއިންމެންޓް ގެ ފިލްމު ‘ހުޅުދާން’ އިންނެވެ. އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އެވޯޑް އައިޝަތު ފުއާދު ތައުފީގަށް ލިބިގެންދިޔައީވެސް ހަމަ މި ފިލްމުންނެވެ.

 

މީގެ އިތުރުން ވެސް އެތައް އެވޯޑް ތަކެއް އަށްވަނަ ދިވެހި ފިލްމު އެވޯޑްގައި ޑާކްރެއިން އަށް ވަނީ ލިބިފައެވެ. އެ އެވޯޑްތަކުގެ ތެރޭގައި:-

އެންމެ މޮޅު އެޑިޓިންގ- (ފިލްމު: ވާށޭ މަށާ އެކީ – ޢަލީ ޝިފާޢު)

އެންމެ މޮޅު ބެކްގްރައުންޑް މިއުޒިކް – (ފިލްމު: އެންމެފަހު ވިންދާ ޖެހެންދެން – މުޙައްމަދު އިކްރާމް)

އެންމެ މޮޅު ސައުންޑް އެޑިޓިންގ – (ފިލްމު: މިކޮއެ ބައްޕަ ބައޭ ބައޭ – މުޙައްމަދު އިކްރާމް)

އެންމެ މޮޅު ސައުންޑް މިކްސިންގ – (ފިލްމު: ވާށޭ މަށާ އެކީ – މުޙައްމަދު އިކްރާމް)

އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން – (ފިލްމު: އެންމެ ފަހުވިންދާ ޖެހެންދެން – މަރިޔަމް މަޖްދާ)

އެންމެ މޮޅު ކޮރިއޮގްރަފީ – (ފިލްމު: ވާށޭ މަށާ އެކީ- މަރިޔަމް މަޖްދާ)

އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ – ތަކުރަށް ބަހެއް (ފިލްމު: ހުޅުދާން – މަރުހޫމް އަޙްމަދު ނާޝިދު)

އެންމެ މޮޅު މޭކަޕް އާޓިސްޓް – މަރިޔަމް މަޖުދާ (ފިލްމު: ހުޅުދާން)

އެންމެ މޮޅު އާޓް ޑައިރެކްޝަން – މުޙައްމަދު ޢަލީ އަދި އަލީ ޝިފާއު (ފިލްމު: ވާށޭ މަށާ އެކީ)

ފީޗާ ފިލްމުގެ ބައިން އެންމެ މޮޅު ޅެން – ތަކުރަށް ބަހެއް، ޒީރޯ ޑިގްރީ (ހުޅުދާން)

ކުރު ފިލްމުގެ ބައިން އެންމެ މޮޅު ފިލްމު – ވޫޑް (މުޙައްމަދު އަލީ – މޮގަރ ޑާރކް ރެއިން އެންޓަރޓެއިންމެންޓް)

ކުރު ފިލްމުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) – ވޫޑޫ

ކުރު ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން ބަތަލް އަކީ އަޙްމަދު ނާޝިދު (ފިލްމު ވޫޑޫ އިން)

ކުރު ފިލްމުގެ ބައިން ބެސްޓް އެޑިޓިން  އަށް ހޮވިފައިވަނީ ޢަލީ ޝިފާޢު (ޗިއްޕެ)

ކުރު ފިލްމުގެ ބައިން އެންމެ މޮޅު ސިނަމަޓޮގްރަފީ އަށް ހޮވިފައިވަނީ ޢަލީ ޝިފާޢު (ޗިއްޕެ)

ޑާކްރެއިންއެންޓަޓެއިންމެންޓުން މިހާތަނަށް ރިލީޒްކޮށްފައިވާ 13 ފިލްމާއި ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމެއް ގެ ޕޯސްޓަރުތައް

ޑާކްރެއިން އެންޓަޓެއިންމެންޓުން މިހާތަނަށް ވަނީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައެވެ. އަދި އަންނަ އަހަރު ރިލީޒް ކުރުމަށް އެ ސްޓޫޑިއޯ އިން ވަރުގަދަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކޮށްލެވެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.