ޅެންވެރިޔާއާއި ޅެން

‘ރަޘާއު އަލްއަންދަލުސް’ –އަންދަލުސް ގެއްލުމުގެ ހިތާމައިގެ ރުއިމުގެ އަޑު – ލިޔުއްވީ އަބޫ އަލްބަޤާއި އައްރުންދީ އޭ ކިޔުނު އަންދަލުސްގެ – މުސްލިމު އިސްޕޭނުގެ – ޝާއިރެކެވެ. އޭނާއާއި ބެހޭގޮތުން ތާރީޚުން އެނގެން އޮތީ މަދު މައުލޫމާތު ކޮޅެކެވެ. އޭނާގެ ނަމަކީ ސާލިޙު ބިން ޒައިދު ކަމާއި އަދި އުފަންވެ ވަޑައިގަތީ 1204މ. ގައިކަމާއި އަވަހާރަވީ 1285 ގައިކަމެވެ. އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ޤަރްނާޠާ (ގްރެނާޑާ) ގައި ރުންދާއޭ ކިޔުނު ރަށެއްގައި ކަމެވެ. އަދި އޭނާއަކީ ކުޅަދާނަ އަދީބެއްކަމާއި ޅެމާއި ނަޘްރުގެ ލިޔުންތައް ލިޔުއްވި ކަމެވެ. ނަމަވެސް، އޭނާގެ ލިޔުންތަކުގެ ތެރެއިން މަޝްހޫރުވެ، ފެންނަން އޮތީ، މިއަދު، އެޅެމެއްގެ ތަރުޖަމާ ހުށަހަޅާލަން ގަސްދުކުރާ ‘އަންދަލުސް ގެއްލުމުގެ ހިތާމައިގެ ރުއިމުގެ އަޑު’، މިޅެމެވެ. މިޅެމުގެ މާނަ ފަހުމްކޮށް ގަތުމަށް އެހީވެ ދިނުމުގެ ގޮތުން އަންދަލުސް އާއި ބެހޭ މައުލޫމާތު ކޮޅެއް ހުށަހަޅާލަން ގަސްދު ކުރަމެވެ.

 

އަންދަލުސް، މިނަން، ގިނަ މުއައްރިޚުންނާއި އަދި ބަހުގެ އަސްލު ދިރާސާ ކުރައްވާ އިލްމުވެރިން ދެކިލައްވާ ގޮތުގައި ނެގިފައިވަނީ ‘ވަންޑަލްސް’ މި ލަފްޒުންނެވެ. މިއީ އުތުރު ޔޫރަޕްގެ ޖަރްމަނީ ގަބީލާއަކަށް ދެވިފައިވާ ނަމެކެވެ. މިގަބީލާގެ މީހުން އެއްދުވަސް ވަރެއްގައި ‘ހިސްޕޭނިޔާ’ – ލެޓިން ބަހުން އެއްދުވަސް ވަރެއް ގައި، އައިބީރިއާގެ ޖަޒީރާއަށް ކިޔުނުނަން، މިތަނުގައި، އާދެ، މިހާރުގެ އިސްޕޭން އާއި ޕޯރޗުގަލް ހިމެނޭ ބައްރު ގައި- ވެރިކަން ކުރިއެވެ. އަދި، މުސްލިމުން، މީލާދީން އަށްވަނަ ގަރުނުގެ ކުރީކޮޅު އައިބީރީޔާގެ ޖަޒީރާ ފަތަހަ ކުރުމަށްފަހު، އެ ގަބީލާގެ ނަމަން އަންދަލުސް ނަގައި، އައިބީރިޔާ ޖަޒީރާއަށް އަންދަލުސް އޭ ކިޔައި މުސްލިމުން މި ނަންދިނެވެ.

 

މުސްލިމުންގެ ވެރިކަން އަންދަލުސް ގައި، ގާތްގަނޑަކަށް، 800 އަހަރު ވަން ދެން ދެމި އޮތެވެ. މިލާދީ ސަނަތުން 711 އިން ފެށިގެން 1492ވަނަ އަހަރާއި ހަމައަށެވެ. މިވެރިކަން ކުރި ސަރަހައްދާއި އަދި ވެރިކަމުގެ ބާރު އޮތީ އެއް ސިފައަކަށް ނޫނެވެ. ޅެން ވެރިޔާގެ ޅެމުގައި އިޝާރަތް ކުރައްވައިފައިވާ ފަދައިން، އެކަން އެއްދުވަސްވަރެއްގައި އޮތީ ‘ވަރަށް ފުރިހަމަ ސިފައެއްގަ’ އެވެ. މުޅި އައިބީރީއާގެ ޖަޒީރާގައޭ ބުނެވޭ ކަހަލަ ސިފައެއްގަ އެވެ. އެޖަޒީރާގެ އުތުރުގެ ކުޑަ ސަރަހައްދެއް ފިޔަވައި މުޅި ޖަޒީރާ ގައެވެ. އަދި އެދުވަސް ވަރުގެ ބޮޑު ބާރެއްގެ ގޮތުގައިވެސް މެއެވެ. އެ ވެރިކަމާއި ތޮޅެ ވައްޓާ ނުލެވޭ ފަދަ ބާރުވެރި ސިފައެއްގަ އެވެ. މިސިފައިގައި ގާތްގަނޑަކަށް 300 އަހަރު ދެމި އޮތެވެ. ދެން، އަންދަލުސްގެ އުތުރުން ފެށިގެން، އެކި ހިސާބު ހިސާބު، މުސްލިމުންގެ އަތުން ބީވެ ގެއްލެމުން ދިޔައެވެ. އަދި، އަންދަލުސްގެ މުސްލިމުން ބައިބައިވެ، އެމީހުން، އަންދަލުސްގައި ތަފާތު ދައުލަތްތައް އުފެއްދިއެވެ. މުރާބިތުންގެ ދައުލާތާއި މުވައްހިދުންގެ ދައުލަތެވެ. އަދި އަންދަލުސްގެ މުސްލިމުން އެއްކޮށް ބައިބައިވެ ކޮންމެ ބަޔަކުމެ ވަކި ދައުލަތެއް އުފައްދައި، އަންދަލުސްގައި ‘މުސްލިމުންގެ ‘ކުދި ކުދި ދައުލަތް ތައް’ އޮތް ދުވަސްވަރެއްވެސް ދިޔަ އެވެ. އެންމެ ފަހުން މި ކުދި ކުދި ދައުލަތްތައް ވެސް އުވި ނެތެމުން ގޮސް، މީލާދީ ސަނަތުން 13ވަނަ ގަރުނުގެ ފެށޭ ހިސާބަށް އައި އިރު، އަންދަލުސްގައި އޮތީ މުސްލިމުންގެ އެއްމެ ދައުލަތެކެވެ. އައިބީރިޔާގެ ޖަޒީރާގެ ދެކުނު އައްސޭރީގައި އޮތް ކުޑަ ކުޑަ ޣަރްނާޠާ އެވެ. މި ދައުލަތް ގާއިމު ކުރެވުނީ 1238ގައެވެ. މިދައުލަތަކީ ފުރިހަމަ މިނިވަން ކަން ލިބގެން އޮތް ދައުލަތެއް ނޫނެވެ. މިދައުލަތް ގާއިމުވީ އައިބީރިޔާގެ ނަސާރާއިންގެ އެހީގައި ވާދަވެރި މުސްލިމު އެހެން ވެރިޔަކު ބަލި ކުރުމަށްފަހު އެވެ. އެހެންވެ، ޣަރްނާޠާވީ ނަސާރާއިންނަށް ޖިޒީ ދީގެން އެމީހުންގެ ބާރުގެ ދަށުގައި އޮތް ދައުލަތަކަށެވެ. މިފަދަ ނިކަމެތި ސިފައެއްގައި، ޣަރްނާޠާ އާދެ، މުސްލިމު އިސްޕޭނުގެ އެންމެ ފަހު ދައުލަތް އިތުރު 250 ވަރަކަށް އަހަރު ދެމިއޮތެވެ. މިދައުލަތްވެސް، ވެރިކަމާ ހެދި މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާއި އަރާރުންވެ ތަޅާފޮޅުމުގެ ސަބަބުން، އެންމެ ފަހުން، 1492ގައި ވެއްޓުނެވެ. އަދި، މުޅި އައިބީރިޔާ، ނަސާރާއިންގެ ބާރުގެ ދަށަށް ދިޔައެވެ.

 

މިޅެމުގައި، އަބޫ އަލްބަޤާއި ސިފަ ކުރައްވަނީ މުސްލިމުން ބަލިވެ، މުސްލިމުންގެ ދައުލަތް ވެއްޓިގެން ނެތިގެންދާ ތަނެވެ. ޣަރްނާޠާގެ ބައެއް އަމީރުން، މުސްލިމުންގެ ބައެއް ކިއްލާތަކާއި ރަށްތައް، އިސްޕޭނުގެ ރަސްރަސްކަލުންގެ ބާރުގެ ދަށަށް ދޫކޮށް ލެއްވުމުންނެވެ.  އެރަސްރަސްކަލުންގެ ރުހުން ހޯދުމާއި އަދި އެރަސްރަސްކަލުން، މުސްލިމު އަމީރުންގެ ވެރިކަން ދެމި އޮތަ ދޭނެކަމުގެ އުއްމީދުގަ އެވެ. މިއީ އަންދަލުސް މުސްލިމުންގެ އަތުން ގެއްލިދިއުމުގެ އިންޒާރެއް ކަމަށް އަބޫ އަލްބަޤާއި ދެކިވަޑައިގަތެވެ. މުސްލިމު ވެރިންގެ މެދުގައި އޮތް ސިޔާސީ ކޯޅުމާއި ތަޅާފޮޅުމާއި އަދި މުސްލިމުންގެ އަމީރުން، އެބޭފުޅުންގެ ވާދަވެރިން ބަލިކުރުމަށްޓަކައި އެބޭފުޅުންގެ ދުޝަމުނުންގެ އެހީއަށް އެދެމުން ދާތީ އެވެ. އަދި، އެދުވަސް ވަރު އުތުރު އެފްރިކާގައި އޮތް މުސްލިމު ދައުލަތެއް ކަމުގައިވާ ބަނޫ މަރީންގެ ވެރިން ގެ ކިބައިން އަންދަލުސްގެ މުސްލިމުންނަށް އެހީގެ އަތެއް ފޯރުކޮށްދީ، އަންދަލުސް، މުސްލިމުންގެ އަތުން ގެއްލުނުދީ ބޭއްވުމަށް އެމީހުންގެ ކިބައިން އެދިފައި ވެއެވެ.

 

ދެން ޅެމަށް ކަޅިއެއް އެއްލަމާތޯއެވެ. ޅެން ބިނާކުރެވިފައިވާ ގޮތް ބަލާލައި ޅެމުގެ ޖުމްލަ މާނަ ދެނެގަތުމަށްޓަކައެވެ.

 

ރަޘާއު އަލްއަންދަލުސް، މިޅެމުގައި 42 ބައިތު ހިމެނެ އެވެ. ޅެން ފެށިފައިވަނީ ފުރަތަމަ ހަ ބައިތުގައި ހިމެނޭ ހިކުމަތުގެ ބަސްކޮޅަކުންނެވެ. ދުނިޔޭގައި އެއްވެސް ކަމަކީ އެއްހާލެއްގައި ދެމި އޮންނާނޭ ކަމެއް ނޫންކަމާއި ކޮންމެ ކަމެއްވެސް ފުރިހމަ ވުމަށް ފަހު ދެން އެކަމަކަށް އުނިކަން އަންނާނޭކަމީ ތަބީއަތުގެ އާދަކަމާއި ދުނިޔޭގެ ގާނޫނުކަން، ބަޔާންކޮށް ދެމުންނެވެ.

 

މިއަށް ފަހު، ހަތްވަނަ ބައިތުން ފެށިގެން ބާރަވަނަ ބައިތުގެ ނިޔަލަށް، ފުރަތަމައަށް ބަޔާން ކުރެވުނު ހިކުމަތުގެ ބަސްކޮޅުގެ ހެކި ތާރީޚުގެ އަލީގައި ދައްކާފައި ވެއެވެ. ތާރީޚުގައި ނަން މަޝްހޫރު ވި ބައެއް ރަސްރަސްކަލުންނާއި އެރަސްރަސްކަލުންގެ ވެރިކަމަށް އިޝާރަތް ކުރަމުން ނެވެ. އެހުރިހާ ރަސްރަސްކަލުންގެ ވެރިކަންވެސް، ފުރިހަމަވެފައި ނެތި ދިޔަކަން ފާހަގަ ކޮށްދެމުންނެވެ.

 

ދެން، ތޭރަވަނަ ބައިތުން ފެށިގެން ހަތާވީސްވަނަ ބައިތުގެ ނިޔަލަށް، ޅެމުގެ މައިގަނޑު ވާހަކަ ހުށަހަޅާ ލެވިފައި ވެއެވެ. އަންދަލުސް ގެއްލެމުންދާ ވާހަކައެވެ. ރަށަކަށްފަހު ރަށެއް މުސްލިމުންގެ އަތުން ބީވެގެން ނެތިގެންދާ ވާހަކައެވެ. އަދި މިޔާއެކު އިސްލާމް ދީންވެސް އަންދަލުސް އިން ފޮހެވިގެންދާ ވާހަކައެވެ. އާދެ، މިސްކިތްތައް ފައްޅިތަކަށް ބަދަލުވެ، އެތަންތަނުގައި އީސާއީ ދީނުގެ ރަމްޒުތައްކަމުގައިވާ ރަނގަބީލުތަކާއި ސަލީބުތައް ފެންނަންހުރި ކަމެވެ. އަދި މިކަމުގެ ހިތާމައިގައި މިސްކިތްތަކުގެ މިހުރާބުތަކާއި މިމްބަރުތައް، އެއީ އިހުސާސެއް ނެތް ޖާމިދު އެއްޗެތި ކަމުގައިވިޔަސް، ގިސްލާ ރޯ ވާހަކައެވެ. އާދެ، މިކަމާއި ދެރަވެ، މުސްލިމުންގެ ހިތްތަކުގައި އަންދަލުސް ސަލާމަތް ކުރުމުގެ އިހުސާސް ވުމެއް އުފެއްދުމުގެ ބޭނުމުގައެވެ.

 

ދެން އަށާވީސްވަނަ ބައިތުން ފެށިގެން ޅެން ނިމެން ދެން ވަނީ ބަނޫ މަރީންގެ ވެރިންނާ މުޚާތަބުކޮށް އަންދަލުސް ސަލާމަތް ކޮށް ދިނުމަށް އެދި ގޮވާލާފައެވެ. އަދި، އެމީހުންގެ ހިތްތައް މަޑުމޮޅިކޮށް، އެހިތްތަކުގައި ދީނީ ޣީރަތް ތެރިކަމެއްގެ ހިލުމެއް ހިލުވާލެވޭތޯ މަސައްކަތް ކުރެވިފައިވެއެވެ. އިސްޕޭނުގެ ނަސާރާއިންގެ އަތްދަށަށް ދިޔުމުން، މުސްލިމުންގެ މީސްތަކުންނަށް ކަންތައްތައްވާ ގޮތް މިބައިގައި ސިފަކޮށްދެވިފައި ވެއެވެ. އެއްބަޔަކު އަޅުންގެ ގޮތުގައި ވިއްކާލެވޭ ވާހަކައެވެ. މަންމައާއި ދަރިފުޅުވެސް ވަކިކޮށްފައެވެ. އަދި، މީގެ އިތުރުން، އަންހެނުންގެ އިއްފަތް ފޭރިގަނެވޭ ވާހަކައެވެ. އަދި ޅެން ނިންމާލެވިފައި ވަނީ މި ކަމަށް އިޝާރަތްކޮށް، އެހީތެރި ކަމުގެ އަތެއް ފޯރުކޮށް ދިނުމަށް އެދިފައެވެ. މިފަދަ މަންޒަރުތައް  ފެނުމުން ކުޑަ ޒައްރެއްގެ މިންވަރުގެ އީމާންކަމާއި އިސްލާންކަން ހުރި މީހެއްގެ ހިތްވެސް، ހިތާމައިން ވިރިގެން ދާނެ ކަމުގައި ބުނަމުން ނެވެ. އާދެ، ދެން ރަޘާއު އަލް އަންދަލުސް، މިޅެން އޭގެ ދިވެހި ތަރުޖަމާއަކާއިއެކު ހުށަހަޅާލަމެވެ.

1- لـكل شـيءٍ إذا مـا تـم نقصانُ      فـلا يُـغرُّ بـطيب العيش إنسانُ

1- ކޮންމެ އެއްޗެއްވެސް ފުރިހަމަވުމަށްފަހު، ދެން އެއަށް އުނިކަން އާދެއެވެ. އެހެންވެ، ރަނގަޅު، ތަނަވެސް، ދިރިއުޅުމެއް ލިބިފައިއޮތުމުން، (އެކަން ދެމިއޮވެދާނެކަމަށް ހީކޮށް) އިންސާނާއަށް، މިކަން އޮޅުނަ ދީގެންނުވާނެއެވެ.

 

2- هـي الأمـورُ كـما شاهدتها دُولٌ      مَـن  سَـرَّهُ زَمـنٌ ساءَتهُ أزمانُ

2- ކަލެއަށް ފެނި ފާހަގަ ކުރެވިފައިވާ ފަދައިން، އުފަލާއި ހިތާމައަކީ އެނބުރެމުން ދައުރުވަމުން ދާ ކަންކަމެކެވެ. އިންސާނާ އުފާކޮށްދޭ ދުވަސްކޮޅެއް އަތުވެއްޖެނަމަ، (އެއަށްފަހު) އޭނާ ހިތާމައިގައި ޖައްސާ އެތައް ދުވަސްތަކެއް އާދެއެވެ.

 

3- وهـذه الـدار لا تُـبقي على أحد      ولا  يـدوم عـلى حـالٍ لها شان

3- މި(ދުނިޔެވީ) ގޮވައްޗަކީ އެކަކުގެ މައްޗަށް ވެސް (އަބަދު) އޯގާތެރިވެ ރަހުމުކުރާ ތަނެއް ނޫނެވެ. (މި ދުނިޔަވީ ގޮވައްޗަކު) އެއްވެސް (މީހެއްގެ، ނުވަތަ ބައެއްގެ) ހާލަތު، (ބަދަލުނުވެ،) އެއްގޮތެއްގައި ދެމިއެއް ނޯވެއެވެ.

 

4- يُـمزق  الـدهر حـتمًا كل سابغةٍ      إذا نـبت مـشْرفيّاتٌ وخُـرصانُ

4- މަޝްރަފިއްޔަ ކަނޑި*ތަކާއި ލޮންސިތަކުން ދަހަނާއަކަށް** ގެއްލުމެއް ނުދެވުނަސް، ޒަމާން ކޮންމެ ދަހަނާއެއްމެ އެއްކޮށްވީދައި ކުދިކުދިކޮށްލައެވެ.

* މަޝްރަފިއްޔަ ކަނޑިއަކީ ފަންވަރު ރަގަޅު، އެދުވަސްވަރު، އެންމެ މޮޅު ކަނޑި ކަމުގައި ހިމެނުނު ކަނޑިއެވެ.

** ސާބިޣާ މިތަނުގައި އިޝާރާތް ކުރަނީ ދަނގަޑުން ވިޔެ ތައްޔާރު ކުރެވިފައިވާ ހެދުމަކަށެވެ. އެއީ ހަނގުރާމަމަތީގައި ހަނގުރާމަވެރިޔާގެ ގައި ފޮރުވާން، އޭނާގެ ގަޔަށް މަހައިލާ ހެދުމެކެވެ. ކަނޑިއާއި ލޮންސިއާއި ތީރުގެ ހަމަލާތަކުން ދިފާއުވުމަށްޓަކައެވެ.

 

5- ويـنتضي  كـلّ سيف للفناء ولوْ      كـان  ابنَ ذي يزَن والغمدَ غُمدان

5- ކޮންމެ ކަނޑިއެއްމެ އޭގެ އުރައިން ނެގި (ބޭނުންކުރެވި، ދެން) ހަލާކުވެދެއެވެ. އެކަނޑީގެ ވެރިއަކީ ޔަޒިންގެ ފުތް ސައިފު (ސައިފު ރަސްގެފާނު) ކަމަށްވެފައި އަދި އެކަނޑީގެ އުރައަކީ ޣުމްދާނު (ސައިފު ރަސްގެފާނުގެ ގަނޑުވަރުކޮޅު) ވިޔަސް ވެހެވެ.

 

6- أيـن الملوك ذَوو التيجان من يمنٍ      وأيـن مـنهم أكـاليلٌ وتيجانُ؟

6- ޔަމަނުކަރައިގެ ރަސްކަންކުރެއްވި ތާޖުތަކުގެވެރި (ނަންހުރި) ރަސްރަސްކަލުން (މިއަދު) ކޮބާހެއްޔެވެ؟ އެރަސްރަސްކަލުންގެ އިސްތަށިފުޅުގައި އެޅުވުނު ތާޖުތަކާއި އިކުލީލުތައް* (މިއަދު) ކޮބާހެއްޔެވެ؟

*އިކުލީލަކީ، މީހަކަށް އިއްޒަތާއި ޝަރަފު ދިނުމުގެ ގޮތުން، ތާޖެއްގެ ސިފައިގައި މަލުން ނުވަތަ ފަތުން ގަތާލައި އޭނާގެ ބޮލުގައި އެޅުވޭ އެއްޗެކެވެ.

 

7- وأيـن مـا شـاده شـدَّادُ في إرمٍ      وأين ما ساسه في الفرس ساسانُ؟

7- އިރަމު ގައި ޝައްދާދު ބިނާކުރެއްވި އިމާރާތްތައް (މިއަދު) ކޮބާ ހެއްޔެވެ؟ ފާރިސްކަރައިގައި ރަސްކަން ކުރެއްވި ސާސާނު ދަރިކޮޅުގެ ރަސްކަން މިއަދު ކޮބާ ހެއްޔެވެ؟

 

8- وأيـن مـا حازه قارون من ذهب      وأيـن عـادٌ وشـدادٌ وقحطانُ؟

8- ގާރޫނު އެއްކުރިހާ ރަންތައް މިއަދު ކޮބާ ހެއްޔެވެ؟ އަދި އާދު އާއި ޝައްދާދު އަދި ގަޙްޠާނު(ގެ ބާރާއި މުއްސަނދިކަން މިއަދު) ކޮބާ ހެއްޔެވެ؟

 

9- أتـى عـلى الـكُل أمر لا مَرد له      حـتى قَـضَوا فكأن القوم ما كانوا

9- މިއެންމެންގެ މައްޗަށްވެސް އެއަށް ފުރަގަސްނުދެވޭނެ ތަގުދީރުގެ ނިޔާ އައީވެ. ދެން މިއެންމެން ވެސް ނެތިގެން ދިޔައީއެވެ. އަދި ކިއެއްތޯއެވެ! މި މީސްމީހުން ދުވަހަކު ދުނިޔޭގައި އުޅުނުހެން ވެސް (މިހާރަކު) ހިޔެއްނުވެއެވެ!

 

10- وصـار ما كان من مُلك ومن مَلِك        كما حكى عن خيال الطّيف وسْنانُ

10- އަދި (އިހުގައި) އޮތް މިފަދަ ރަސްރަސްކަލުންގެ ރަސްކަން ނިދިނުނިދި އޮންނަ މީހާގެ ހިތަށް ފެންނަ ކަހަލަ ހުވަފެނީ، ޚިޔާލީ، ފެނުމަކަށް ވެގެން ދިޔައީއެވެ.

 

11- دارَ الـزّمانُ عـلى (دارا) وقاتِلِه      وأمَّ كـسـرى فـما آواه إيـوانُ

11- ތަގުދީރުގެ ނިޔާއާއި، ދާރާ ރަސްގެފާނާއި އޭނާގެ ގާތިލުވެސް، ކުރިމަތިލާން ޖެހުނެވެ. ހަމަ އެހެންމެ ކިސްރާވެސް، އެކަމާއި، ކުރިމަތިލާން ޖެހުނެވެ.  އަދި، ތަގުދީރުގެ ނިޔާއިން ރައްކާތެރިކަން ހޯދައި ސަލާމަތްވާނޭ އެއްވެސް ގޮތެއް، ކިސްރާއަކަށް ދެނެއް ނުހޯދުނެވެ.

 

12- كـأنما الصَّعب لم يسْهُل له سبب            يـومًا ولا مَـلكَ الـدُنيا سُـليمانُ

12- އުނދަގޫ އެއްވެސް ކަމެއް ފަސޭހަވެ ދިޔުމަށް ދުވަހެއްގައިވެސް އެއްވެސް ކަމެއް މެދުވެރި ނުވި ކަހަލައެވެ. އަދި ސުލައިމާނުގެފާނު ވެސް ވެރިކަމެއް ނުކުރައްވާ ކަހަލައެވެ.

 

13- فـجائعُ الـدهر أنـواعٌ مُـنوَّعة      ولـلـزمان مـسرّاتٌ وأحـزانُ

13- ޒަމާނުގެ ހިތްހަލާކުކޮށްލަނިވި މުސީބާތްތައް ތަފާތުވެފައި ގިނަގުނައެވެ. އަދި ޒަމާން ގެނެސްދޭ އުފާތަކާއި ހިތާމަތައް ވެސް ވެއެވެ.

 

14- ولـلـحوادث سُـلـوان يـسهلها      ومـا لـما حـلّ بالإسلام سُلوانُ

14- ޒަމާން ގެނެސްދޭ ހިތާމަވެރި ހާދިސާތަކަށް ތަސައްލީއެއް، ލުޔެއް، ލިބިދާނެ އެވެ. ނަމަވެސް އިސްލާމް ދީނަށް މިދިމާވި (ހިތާމަވެރި) ކަންތައްތަކަށް ތަސައްލީއެއް ލިބިދޭނޭ އެއްވެސް ކަމެއް ނެތެވެ.

 

15- دهـى الـجزيرة أمرٌ لا عزاءَ له      هـوى لـه أُحـدٌ وانـهدْ ثهلانُ

15- އައިބީރިޔާގެ ޖަޒީރާއަށް، (އަންދަލުސްއަށް)، އެކަމަށް އެއްވެސް ތަސައްލީއެއް ލިބެން ނެތް، ބޮޑު ހިތާމަވެރިކަމެއް ލައިގެންފިއެވެ. އެހިތާމައިގެ ބޮޑުކަމުން ވަރުގަދަ ދެ ފަރުބަދަ ކަމުގައިވާ އުހުދު ފަރުބަދައާއި އަދި ޘަހްލާނު ފަރުބަދަވެސް ވެއްޓި ކުދިކުދި ވެއްޖެއެވެ.

 

16- أصابها العينُ في الإسلام فارتزأتْ      حـتى خَـلت مـنه أقطار وبُلدانُ

16- އެ ކަރައަށް، ލޮލުގެ އެސްފީނާ ޖެހިއްޖެއެވެ. އަދި އެކަމުގެ ސަބަބުން އިސްލާމީ ބިންތައް މަދުވެ އުނިވެގެން ހިނގައްޖެއެވެ. އަދި އަތޮޅުތަކާއި ރަށްތަކުން އިސްލާމް ދީން ފޮހެވި، ނެތިގެން ހިނގައްޖެއެވެ.

 

17- فـاسأل (بلنسيةً) ما شأنُ (مُرسيةً)      وأيـنَ (شـاطبةٌ) أمْ أيـنَ (جَيَّانُ)

17- ވެލެންސިޔާ ކުރެން އަހާބަލާށެވެ! މުރުސިޔާއަށްވީ ކިހިނެއްހެއްޔެވެ؟ އަދި ޝާޠިބާ އާއި ޖައިން (މިރަށްރަށް) މިއަދުވަނީ ކޮންތާކު ހެއްޔެވެ؟

 

18- وأيـن قُـرطبة دارُ الـعلوم فكم      مـن عـالمٍ قـد سما فيها له شانُ

18- އަދި އުލޫމުގެ (އިލްމުތަކުގެ) ރަށް ކަމުގައި ވެފައި އޮތް، އަދި ނަންހުރި އެތައް އެތައް އިލްމުވެރިންނެއް އަރަށުގައި އުފެދި އެއިލްމުވެރިން ކުރިއަރައި ދިޔަ، (ނަންހުރި) ޤުރުތުބާ (މިއަދު) ކޮބާ ހެއްޔެވެ؟

 

19- وأين حْمص وما تحويه من نزهٍ      ونـهرهُا الـعَذبُ فـياضٌ وملآنُ

19- އަދި ހިމްޞުއާއި އެތަނުގައި ހުރި މުނިފޫހިފިލުވައިދިން ބަގީޗާތަކާއި އެރަށުގެ ފުރި އުތުރި އަރަމުން ދިޔަ ފެންމީރު ކޯރުތައް (މިއަދު) ކޮބާ ހެއްޔެވެ؟

 

20- قـواعدٌ كـنَّ أركـانَ الـبلاد فما            عـسى الـبقاءُ إذا لـم تبقَ أركانُ

20- މިއީ އެރަށުގެ (މުސްލިމު އަންދަލުސްގެ) ބިންގާ ކަމުގައި ހިމެނުނު މައި ރަށްތަކެވެ. ބިންގާ ހަލާކުވެ ނެތިދިޔުމުން (އަންދަލުސްއަށް) ދިރިދެމި އޮވެވިދާނޭ ކަމަށް އުއްމީދު ކުރެވޭ ހެއްޔެވެ؟

 

21- تـبكي الحنيفيةَ البيضاءُ من أسفٍ     كـما بـكى لـفراق الإلفِ هيمانُ

21- މާތް އިސްލާމް ދީން (ވެސް) ދެރަވެ، ހިތާމަކޮށް، ރޮނީއެވެ. ލޯބިވެރިޔަކު، އޭނާގެ ލޯބިވެރިޔާ ވަކިވެ ދިޔުމުން، ރޯ ފަދައިންނެވެ.

 

22- عـلى ديـار مـن الإسلام خالية      قـد أقـفرت ولـها بالكفر عُمرانُ

22- އިސްލާމް ދީނުގެ އަލިކަމުން މަހުރޫމު ވެފައިވާ ބިނާތަކުގެ މައްޗަށެވެ. އެތަންތަނުން (މުސްލިމުން) ބޭރުކޮށް މުޅިން ހުސްކޮށް ލެވިފައިވާ ތަންތަނުގެ މައްޗަށެވެ. މިހާރު އެތަނުގައި ވެރިވެފައި އޮތީ ކާފިރުކަމެވެ.

 

23- حيث المساجد قد صارت كنائسَ ما              فـيـهنَّ إلا نـواقيسٌ وصُـلبانُ

23- އެތަންތަނުގައި، މިސްކިތްތަކުގެ ބަދަލުގައި، މިހާރު ހުރީ ފައްޅިތަކެވެ. އެފައްޅިތަކުގައި ރަގަބީލުތަކާއި ސަލީބުނޫން އެއްޗެއް ނެތެވެ.

 

24- حتى المحاريبُ تبكي وهي جامدةٌ      حـتى الـمنابرُ ترثي وهي عيدانُ

24- އެމިސްކިތްތަކުގެ މިހުރާބުތައް ވެސް، އެއީ ޖާމިދު، ފުރާނައެއްނެތް، އެއްޗެއް ކަމަށްވީއިރު ވެސް ރޮނީއެވެ. އަދި ހަމަ އެހެންމެ، މިންބަރުތައް ވެސް، އެއީ ލަކުޑިން ހެދިފައިވާ އެއްޗެއް ކަމަށްވީ އިރު ވެސް، ރޮނީއެވެ.

 

25- يـا غـافلاً وله في الدهرِ موعظةٌ      إن كـنت فـي سِنَةٍ فالدهرُ يقظانُ

25- އޭ ޣާފިލުކަންމަތީ ހުރި މީހާއެވެ! ޣާފިލު ކަންމަތީ ހުންނަ މީހާއަށް ޒަމާން އުނގަންނައިދޭ އިބުރަތްތެރި ފިލާވަޅުތައް ވެއެވެ. (ތާރީޚުބަލައި، ކިޔައި، ނިކަން އިބުރަތް ހާސިލުކޮށް ބަލާށެވެ!) ކަލޭ ނިދާފައި އޮތްކަމުގައި ވިޔަސް، ޒަމާން އޮތީ ހަމަ ހޭލައެވެ.

 

26- ومـاشيًا مـرحًا يـلهيه مـوطنهُ      أ بـعد حمصٍ تَغرُّ المرءَ أوطانُ؟

26- އޭނާގެ ވަޒަނަށް (ކުރިމަތި ވެދާނެ ނުރައްކަލުގެ) މަތީން ހަނދާން ނައްތާލައި، އުފަލުން ހިތްހަމަޖެހިފައި ހިނގަމުންދާ އިންސާނާއެވެ! ޙިމްސައަށް (ކުރިމަތިވި ހިތާމައަށް ފަހު،) އަމިއްލަ ރަށްރަށަށް (އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީނުވެ) މި ކެހީގައި ޖެހިފައި ހުރެވިދާނެ ހެއްޔެވެ؟

 

27- تـلك الـمصيبةُ أنـستْ ما تقدمها      ومـا لـها مع طولَ الدهرِ نسيانُ

27- ޙިމްސަށް ދިމާވި މުސީބާތް، އިސްވެދިޔަ ހުރިހާ މުސީބާތްތަކެއް ހަނދާނުން ފޮހެލި އެވެ. އަދި ޒަމާން ކިތަންމެ ދެމިގެން ދިޔަ ކަމުގައި ވިޔަސް، ޙިމްސަށް ކުރިމަތިވި މުސީބާތް މަތިން ހަނދާނެއް ނުނެ ތޭނެއެވެ.

 

28- يـا راكـبين عتاق الخيلِ ضامرةً      كـأنها فـي مـجال السبقِ عقبانُ

28- ރޭސް ޖަހާ މަގެއްގައި އުދުހިފައި ދާ ބާޒުތަކެއް ފަދަ، ސަރުބީ ނެތް، ޚާލިސް އަސްތައް ދުއްވަމުންދާ މީހުންނޭވެ! (އަރާމާ އުފަލުގައި ހިތްހަމަ ޖެހިގެން، ތަނަވަސް ދިރިއުޅުން އުޅެމުންދާ މީހުންނޭވެ! (މިޒަމާނަށް ނިސްބަތްކޮށް މިބައިތު ލިޔާނަމަ މިހެން ލިޔެލެވި ދާނެއެވެ: ‘އަގުބޮޑު މޮޅެތި ކާރުތަކުގައި ބާރުބާރަށް މަގުތަކުގައި ދުއްވަމުންދާ މުއްސަނދީންނޭވެ!’)

 

29- وحـاملين سـيُوفَ الـهندِ مرهفةُ      كـأنها فـي ظـلام الـنقع نيرانُ

29- އަދި (ހަނގުރާމައިގެ މައިދާނުގައި އަސްތައް އަރުވާލާ) ހިރފުސްގަނޑު ތެރެއިން (އެކަނޑިތަކުގެ ތިލަތަކުގެ ވިދުވަރު) ފެންނައިރު އަލިފާންހެން ހީވާކަހަލަ، ހިންދުކަރައިގައި (ފަންވަރު ހުރި، މޮޅަށް) ތައްޔާރު ކުރެވިފައިވާ ދިގު ކަނޑިތައް ދަމައިގެން ތިބި މީހުންނޭވެ!

 

30- وراتـعين وراء الـبحر في دعةٍ      لـهم بـأوطانهم عـزٌّ وسـلطانُ

30- އަދި، ކަނޑުތަކުގެ އަނެއްފަރާތުގައި (އެބަހީ އުތުރު އެފްރިކާގެ މުސްލިމު ރާއްޖެތަކުގައި)، އިއްޒަތާއި ބާރު، އެމީހުންގެ އަތްމަތީގައި އޮތް، އަދި ތަނަވަހުގައި ދިރި އުޅެމުންދާ މީހުންނޭވެ!

 

31- أعـندكم نـبأ مـن أهـل أندلسٍ      فـقد سرى بحديثِ القومِ رُكبانُ؟

31- ކަލޭމެންނަށް ހަމަ އަންދަލުސްގެ ޚަބަރެއް (އަންދަލުސްއަށް ދިމާވެގެން އުޅޭ ހިތާމަވެރި ޚަބަރު) ނުވަނީ ހެއްޔެވެ؟ އަންދަލުސްގެ މީހުންނަށް ލައިގަނެގެން އުޅޭކަންތަކުގެ ޚަބަރައިގެން އަސްތަކުގައި ދުއްވާފައިދާ މީހުން ބައަކު ހިނގައްޖެއެވެ.

 

32- كم يستغيث بنا المستضعفون وهم      قـتلى وأسـرى فما يهتز إنسان؟

32- އެމީހުން މަރައި ކަތިލައި އަޅުވެތިކޮށް، އަނިޔާ ލިބެމުންދާ ނިކަމެތީން ކިހާވަރަކަށް އަހަރުމެން (މުސްލިމުން)ގެ ކިބައިން އެހީއަށް އެދޭހެއްޔެވެ؟ ނަމަވެސް އަހަރުމެން(ގެ ތެރެއިން) މީހަކު (އެގޮވާލުމަށް އިޖާބަދީ) ގުޑާލާ ގޮތެއް ނުވެއެވެ.

 

33- مـاذا الـتقاُطع في الإسلام بينكمُ؟         وأنـتمْ يـا عـبادَ الله إخـوانُ!

33- ކަލޭމެންގެ ތެރޭގައި އެކަކު އަނެކަކު ދެމެދުގައި އޮތް އިސްލާންކަމުގެ (ގުޅުން) ކަލޭމެން ކަނޑައިލައިގެން ތިއުޅެނީ ކީއްވެގެން ހެއްޔެވެ؟ މާތްﷲގެ އަޅުތަކުންނޭވެ! ކަލޭމެންނަކީ (ދީނުގައި) އެއްބަޑު އެއްބަފާ މީހުންނެވެ.

 

34- ألا نـفـوسٌ أبِيَّاتٌ لـها هـممٌ                أمـا عـلى الخيرِ أنصارٌ وأعوانُ

34- (މުސްލިމުންނަށް) ދެރަގޮތާއި ނިކަމެތިކަން ނޭދޭ، އަދި މަތިވެރި ކަންކަމަށް އެދުންވެރިވާ (މާތް) ފުރާނަތަކުގެ އަހުލުވެރިން، (މުސްލިމުންގެ ތެރޭގައި ހަމަ) ނޫޅެނީ ހެއްޔެވެ؟ ހެޔޮކަންތައް ތަކަށް ނަސްރުދީހަދާ އެކަމަށް އެހީވާނޭ (ބަޔަކު މުސްލިމުންގެ ތެރޭގައި ހަމަ) ނެތީހެއްޔެވެ؟

 

35- يـا  مـن لـذلةِ قـومٍ بعدَ عزِّهمُ      أحـال  حـالهمْ جـورُ وطُـغيانُ

35- އިއްޒަތުގައި އުޅުމަށްފަހު ނިކަމެތިވެ، ބޭއިންސާފާއި އަނިޔާވެރިކަން އައިސް އެމީހުންގެ މައްޗަށް ވެރިވެ، އެމީހުންގެ ހާލަތު ބަދަލުކޮށްލި (އަންދަލުސްގެ މުސްލިމުންނަށް ނަސްރުދީ އެހީވާން އަންނާނީ) ކާކުބާވައެވެ؟

 

36- بـالأمس كـانوا ملوكًا في منازلهم      والـيومَ هـم في بلاد الكفرِّ عُبدانُ

36- އިއްޔެ އެމީހުން ތިބީ ރަސްކަލުންހެން (މިނިވަނުންގެ ގޮތުގައި) އެމީހުންގެ ގެތަކުގައެވެ.  (ނަމަވެސް) މިއަދު އެމީހުން އެތިބީ ކާފިރުންގެ ރަށްތަކުގައި (މިނިވަންކަމެއް ނެތް) އަޅުންގެ ގޮތުގައެވެ.

 

37- فـلو  تـراهم حيارى لا دليل لهمْ      عـليهمُ مـن ثـيابِ الـذلِ ألوانُ

37- އެމީހުން ހައިރާންވެ ހަދާނޭގޮތެއް ނޭނގިފައި، އަދި އެމީހުންނަށް މަގުދައްކާނޭ މީހަކު ނެތިފައި ތިބިތަން ކަލޭމެންނަށް ފެންނާނެ ނަމައެވެ! އެމީހުންގެ ގައިގައިވަނީ ނިކަމެތިކަމުގެ ތަފާތު ކުލަކުލައިގެ ހެދުންތައް އެޅުވިފައެވެ. (އެމީހުންވަނީ އެތައް ގޮތަކުން ނިކަމެތި ކޮށްލެވިފަ އެވެ. އެމީހުންގެ އަމިއްލަ ބާރެއް ނެތެވެ. އަމިއްލަ ގެދޮރެއް ނެތެވެ. މުދަލެއް ފައސާއެއް ނެތެވެ. އެއްވެސް މިނިވަންކަމެއް ނެތެވެ.)

 

38- ولـو رأيـتَ بـكاهُم عـندَ بيعهمُ       لـهالكَ  الأمـرُ واستهوتكَ أحزانُ

38- އަދި އެމީހުން (އަޅުންގެ ގޮތުގައި) ވިއްކާލެވޭއިރު، އެމީހުން ރޯތަން ކަލެއަށް ފެނިއްޖެ ނަމަ، ކަލޭގެ ހިތަށް ބިރުވެރިކަން ވަދެ، މުޅި ނަފްސުގައި ހިތާމަ ވެރިކަން އަށަގަތީހެވެ.

 

39- يـا  ربَّ أمّ وطـفلٍ حـيلَ بينهما       كـمـا  تـفـرقَ أرواحٌ وأبـدانُ

39- ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ! މަންމައާ އެމަންމަގެ ކުޑަކުޑަ ދަރިފުޅުގެ ދެމެދަށްވެސް ހުރަސްއެޅިދެއެވެ. ހަށިތަކާ އެހަށިތަކުގެ ފުރާނަތައް ވަކިކޮށލެވޭފަދައިންނެވެ.

 

40- وطفلةً مثل حسنِ الشمسِ إذ طلعت      كـأنـما  يـاقـوتٌ ومـرجـانُ

40- އަރަމުންދާ އިރުފަދަ ރީތި އަދި ޔާގޫތާއި މަރުޖާނުހެންހީވާ ޅައަންހެންކަނބަލުންނެވެ.

 

41- يـقودُها الـعلجُ لـلمكروه مكرهةً      والـعينُ  بـاكيةُ والـقلبُ حيرانُ

41- (އެކަނބަލުންނަށް) މަޖުބޫރު ކުރުވައިގެން، ހަޑި މުޑުދާރު އަމަލުތައް ކުރުވުމަށް، ގޮތެއް ފޮތެއް ނެތް، ފަލަ ބޮޑެތި މީސްމީހުން، އެކަނބަލުން ލަވައި ގެންދެވޭއިރު، އެކަނބަލުން (ރޮއި،) ލޮލުން ކަރުނަ އަޅައެވެ. އަދި (އެކަނބަލުންގެ) ހިތްތައް ވަނީ ގޮތްހުސްވެ ހަނދާނެ ގޮތެއް ނެތިފަ އެވެ.

 

42- لـمثل  هـذا يذوبُ القلبُ من كمدٍ      إن كـان فـي القلبِ إسلامٌ وإيمانُ

42- މިފަދަ މަންޒަރުތައް (ފެނުނު ހިތަކަށް)، އެހިތުގައި އީމާންކަމަކާއި އިސްލާންކަމެއްވާ ނަމަ، އެހިތް، ހިތާމައިގެ ސަބަބުން (ކުދިކުދިވެ) ވިރިގެން ހިނގައިދާނެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.