ރެޕް މިއުޒަކަށް މަޝްހޫރް “ސިންބޮލިކް ރިކޯޑްސް”ގެ އާޓިސްޓް އިބްރާހިމް އަރްޝަދު (އަރޭ) ކިޔާފައިވާ “މީ ރާއްޖެ” ލަވަ ބަލައިފިން ހެއްޔެވެ؟ ސަޅި ޤައުމީ ލަވައެއް، ތަފާތު ސްޓައިލެއްގައި ބަލައިލަން ބޭނުން ނަމަ އެ ލަވައަކީ މިއީ އެވެ.

މި ހިނގާ ސެޕްޓެމްބަރު މަހުގެ 09 ގައި ރިލީޒްކޮށްފައިވާ މި ލަވައަކީ އަސަރުގަދަ މެސެޖްތަކެއްވެސް ލަވައިގެ ޒަރިއްޔާއިން ފޯރުކޮށްދޭ، ޤައުމިއްޔަތާއި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ލަވައެކެވެ. މި ލަޔާއި މެދު އަރޭ ބުނީ މިއީ ސިންބޮލިކްގެ ރެޕް ލަވަތަކާއި ޚިލާފަށް އެކޯސްޓިކް ލަވައެއް ކަމަށެވެ.

 

“އަމިއްލަ ފަސްގަނޑު ކަމަށްވާ މި ދިވެހި ގައުމު ދެކެވާ ލޯތްބެއްގެ ސަބަބުން ކުރި މަސައްކަތެއް މިއީ” އަރޭ ބުނިފަދައިން މި ލަވައިގައި މުޅީހެންމެ ކިޔަނީ ދިވެހި ގައުމުގެ ވާހަކަތަކެވެ. ރާއްޖޭގެ ގުދުރަތީ ހިތްގައިމު ކަމާއި މިފަދަ ނިއުމަތެއް ލިބުނީތީ ފަޚުރުވެރިވާ ވާހަކައެވެ.

 

“2014 ހިސާބުގަ ރައްޓެއްސަކާއި ރިސޯޓަކުން ދިމާވެގެން ޚިޔާލައް އައި ކަމެއް މިއީ. އެއީ ހުސް ލޯބީގެ ލަވަ ހެދުމަށްވުރެ ކޮންމެވެސް ކަހަލަ ރަނގަޅު އެހެން ލަވައެއް ހެދުމަށް” ލަވަ ވުޖޫދަށް ގެނައި ހިސާބުގެ ހަނދާންތައް ހިއްސާ ކުރަމުން އަރޭ ބުންޏެވެ.

 

“މަޓާޓޯ ޓްރެވެލް އެވޯޑްސް” ހަފްލާގައި ބޭނުން ކުރަން ހަމަޖެހިފައިވާ މި ލަވައިގެ ލިރިކްސް އަދި މެލޮޑީ ހަދައިފައިވަނީ އަރޭގެ އިތުރުން  މުހައްމަދު ރާޒީއެވެ.

 

“މީ ރާއްޖެ” އަކީ އެކައުސްޓިކް ލަވައަކަށް ވުމާއެކު، “ޑިމާންޑް”ގެ ގޮތުން ސިންބޮލިކްގެ އެހެން ލަވަތަކާއި އަރާ ހަމަ ނުކުރެވުމަކީ ގާތް ކަމެކެވެ. އަރޭ ވެސް ބުނީ އެކަމަށް އެހާ ބޮޑަށް އުންމީދު ނުކުރާ ކަމުގައެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަބަޔަކު މި ލަވަ ބެލުމަކީ އަރޭގެ އުންމީދެކެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.