ވާދަވެރި، އަދި އެހާމެ ފޯރިގަދަ ރިޔާސީ އިންތިޚާބެއް ނިމި ދިޔައީ އެވެ. ލައްކަ ގިނަ އަޑުތަކާއި މަންޒަރުތައް ދައްކާފައެވެ. ސިޔާސީ ޕޯޑިއަމް ތަކާއި ޖަގަހަތަކުން ލައްކަ ޒާތްޒާތުގެ ވާހަކަތަކާއި މަންޒަރުތައް ދައްކާފައެވެ. އެތަކެއް ބައިވަރު ލަވަތަކެއް އިއްވާފައެވެ.

 

ސިޔާސީ މި ފޯރިގަދަ އިންތިޚާބުގައި އިވިގެންދިޔަ ލަވަތަކުގެ ތެރެއިން އަޅުގަނޑަށް ފާހަގަކޮށްލެވުނު ލަވައެއްގެ ވާހަކަ ދައްކައިލާނަމެވެ. ސިޔާސީ ނަޒަރަކުން ނޫނެވެ. ސިޔާސީ މަޤުޞަދެއްގައެއްވެސް ނޫނެވެ. ދައްކަން މިއުޅެނީ ‘މުނިއަވަސް’ ގެ މަޤްޞަދާއި ވަރަށް ގުޅޭ ވާހަކައެކެވެ. މިއީ ރީތި އަދި ހިތްގައިމު ލަވައެކެވެ. މަޝްހޫރު ލަވަކިޔުންތެރިއެއްގެ ލަވައެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި މަޝްހޫރު ފަރާތެއްގެ ލަވައެކެވެ. ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އިބްރާހިމް އިސްމާޢީލް ގެ ލަވަ އެކެވެ.

 

“ސާފު ވޯޓަކުން….” މި ލަވަ އަކީ ގުޅިގެން މަސައްކަތްކުރަމުން އަންނަ އިއްތިހާދުގެ ސިޔާސީ އެއްވުންތަކާއި ޖަލްސާތަކުން ވަރަށް ގިނައިން އިވެމުންދިޔަ ލަވައެކެވެ. އަދި މިހާރުވެސް އިވެމުންދާ ލަވައެކެވެ. ހިތްގައިމު ރާގެއްގައި ހިތްގައިމު ގޮތަކަށް ކިޔާފައިވާ ލަވައެކެވެ. އެތަކެއް ފަހަރަކު މި ލަވަ އަޑުއިވުނު އިރުވެސް އަޑުއަހައި ފޫހިނުވި ލަވައެކެވެ. ލަވައިގައި ކިޔާ އެއްޗެއްގެ ސަބަބުުން ނެއް ނޫނެވެ. މިއުޒިކަށް އަދި ލަވައަށް ލޯބިކުރާ މީހެއްނަމަ، އެއާމެދު ޝައުޤުވެރިވާ ގޮތެއް ހުރީމައެވެ.

“ސާފު ވޯޓަކުން….” މިއީ އިބްރާހިމް އިސްމާޢީލް އާއި އޭނާގެ ދަރިފުޅެއް ކިޔާފައިވާ ލަވައެއް ކަަމަށް މަޢުލޫމާތު ލިބެއެވެ. ލަވަ އަށް ކަނުލައި އަޑުއަހައިލުމުން އިބްރާ (އިބްރާހިމް އިސްމާޢީލް) ގެ އަޑު ފާހަގަ ކުރެވެއެވެ. ޕްރޮފެޝަނަލް ލަވަކިޔުންތެރިއެއް ނޫނަކަސް އިބްރާހިމް އިސްމާޢީލް އަކީ ލަވަ ވިދާޅުވާ މޫސީޤީ ބޭފުޅެކެވެ. އެކަން މި ލަވައިންވެސް އެނގިގެން ދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.