ތައާރަފް
ޕެސްޓިސައިޑަކީ ތަފާތު އެކި ކަހަލަ ފަނިފަކުސާއާއި ދިރޭ ސޫފާސޫފި މެރުމަށް ޚާއްޞަކުރެވޭ ވިހަ މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ޕެސްޓިސައިޑަކީ އިންސާނުންނަށާއި އެމާހައުލެއްގައި އުޅޭ ޖަނަވާރާއި ކަމާއި ނުގުޅޭ އެހެން ޖަނަވާރުތަކަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާ އެއްޗެކެވެ. މިސަބަބަށްޓަކައި ޕެސްޓިސައިޑް ގެންގުޅޭއިރު ވީހާވެސް ފަރުވާތެރިކަމާއެކު އެތަކެތި ބޭނުންކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

 

ތަފާތު ކެމިކަލް ޕެސްޓިސައިޑްތައް ބޭނުންކުރުމަކީ ގަސްތަކަށްޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ އެންމެ ފަހުގެ ފިޔަވަޅަށް ހައްދަވާށެވެ. އަދި ދަނޑުވެރިކަމުގައި ދިމާވާ ގަސްތަކަށް ގެއްލުންދޭ ފަނިފަކުސާ އަދި ގަސްތަކަށްޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިވުމަށް I P M ( އިންޓަގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް) ގެ އުޞޫލުތަކުގެ މަތިން އަމަލު ކުރުން މުހިންމެވެ.

 

އެހެންނަމަވެސް ޕެސްޓިސައިޓެއް ބޭނުން ކުރަން ޖެހިއްޖެ ޙާލަތެއްގައި އަބަދުވެސް ތިރީގައިވާ ކަންކަމަށް ސަމާލުވެލައްވާށެވެ.

 

 ބޭސް ޖެހުމުގެ ތައްޔާރީތައް

ދިމާވެގެން އުޅޭ މައްސަލައާއި ގުޅޭ އަދި ހައްދަމުން ގެންދާ ގަސްތަކަށް ޚާއްޞަކުރެވިގެން އުފައްދާފައިވާ ޕެސްޓިސައިޑެއްކަން ޔަޤީން ކުރުން

ކިޔަން އެނގޭ ބަހަކުން ރަނގަޅަށް ލޭބަލްކޮއްފައިވާ ބޭހެއް ކަމުގައިވުން

ލޭބަލްގައި ހިމަނާފައިވާ މައުލޫމާތުތައް ފަރުވާތެރިކަމާއެކު ކިޔުން

ލޭބަލްގައި އިރުޝާދު ދީފައިވާ މިންގަނޑަށް ވެސް އެއްކުރުމާއި ބޭސް ޖެހުމަށްފަހު މޭވާ ކެނޑުމާއި ދެމެދު ދޫކުރަންޖެހޭ މުއްދަތު ނެތްނަމަ ބޭސް ނުޖެހުން

 ޕެސްޓިސައިޑް މިނުމަށްޓަކައި ޚާއްޞަ އެއްޗެއް ބޭނުންކުރުން

ފަރުވާތެރިކަމާއެކު މިނުމަށްފަހު އެވަގުތަކަށް ބޭނުންވާ މިންވަރަށް އެކަނި އެއްކުރުން

ރަނގަޅަށް ވައި ދައުރުވާފަދަ ތަނެއްގައި ހުރެގެން ޕެސްޓިސައިޑް އެއްކުރުން

 

 ބޭސް ޖެހުމަށް ބޭނުންވާ ސާމާނު

ބޭސް އެއްކުރާއިރު އަދި ބޭސްޖަހާއިރު އެކަށީގެންވާ ގޮތަށް ހެދުން އެޅުން ( އާންމު ގޮތެއްގައި: ރަބަރު އަންގި، ބޫޓު، ނޭފަތާއި އަނގަމަތި ނިވާކުރާ މާސްކު، ލޮލުގައި އަޅާ ގޮގުލްސް، މުޅި ހަށިގަނޑު ނިވާވާފަދަ ރަބަރު ކޯޓެއް)

 ބޭސް ޖެހުމަށް ވަކިން ސްޕްރޭޔަރެއް ބޭނުން ކުރުން އަދި ސްޕްރޭޔަރުގެ ބޭރުގައި ފަސޭހައިން އެނގޭ ގޮތަށް ނިޝާނެއް ޖަހާފައި ބެހެއްޓުން

ސްޕްރޭޔަރ އަދި ނޮޒްލްގެ އެއްވެސް ތަނަކުން ލީކުވާނަމަ ބޭސް ޖަހަން ފެށުމުގެ ކުރިން އެމައްސަލައެއް ޙައްލުކުރުން

 ބޭސް ޖެހުމަށްފަހު ސްޕްރޭޔަރު އެއްކޮށް ހުސްކޮސް، ރީތި ފެނުން ރަނގަޅަށް ދޮވުމަށްފަހު ވައިޖެހޭތަނެއްގައި ބާވައި ރަނގަޅަށް ހިއްކާލުމަށްފަހު ރައްކާކުރުން

 

 ދަނޑަށް ބޭސްޖެހުން

މާބަނޑު މީހުންނާއި އެކި ބާވަތްތަކުގެ އެއްޗިއްސަށް އެލާޖިކްވާ މީހުން ގަސްތަކަށް ބޭސްޖަހައިގެން ނުވާނެއެވެ.

ބޭސްޖަހާ ވަގުތު ކެއުން، ބުއިން، ދުފުން އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަން ނުކުރުން

މަގެއްގެ ކައިރީގައިވާ ދަނޑެއްނަމަ ހިނގާބިނގާވާ ފަރާތްތަކަށް ދަނޑުގައި ބޭސް ބޭނުންކުރާކަން އެނގޭފަދަ ނޯޓިސްއެއް ބެހެއްޓުން

ވައިގަދަ ވިއްސާރަ ދުވަސްވަރު ބޭސް ނުޖެހުން

ބޭސް ޖަހަމުންދާއިރު އަބަދުވެސް ވައިމަތީގައި ހުރެގެން ވައި ދަށަށްވާގޮތަށް ސްޕްރޭކުރަމުން ގެންދިއުން

ބޭސްޖަހަމުން ގެންދާއިރު ހަންގަނޑާއި އެހެނިހެން ގުނަވަނެއްގައި ބޭސް ޖެހުނަ ނުދިނުމަށް ސަމާލުވާންވާނެއެވެ. އެއްވެސް ގޮތަކުން އެއްވެސް މިންވަރަކަށް ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ބޭސް ޖެހިއްޖެނަމަ ވީހާވެސް އަވަހަކަށް ސައިބޯނި ލައިގެން ދޮވެ ސާފުކޮއްލަންވާނެއެވެ.

ބޭސް ޖަހަމުން ދަނިކޮށް ނުވަތަ ބޭސްޖަހާ ނިމޭތަނުން ބޯއެނބުރުން، ހޮޑުލެވުން އަދި އެހެންވެސް ބައްޔެއްގެ ނިޝާނެއް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުން. ޑޮކްޓަރަށް ދައްކާއިރު ޖަހަމުން ގެންދިޔަ ބޭރުގެ ލޭބަލް ގެންދަންވާނެއެވެ.

ބޭސްޖަހާ ނިމުމުން ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން

ބޭސް ހުސްކުރި ފުޅި ނުވަތަ ޕެކެޓް ދަނޑުތެރެއަށް އެއްލައިނުލާ ނައްތާލުން

 

 ގުދަން ކުރުމާއި ނައްތާލުން

ބޭސް ގަންނައިރު އެވަގުތަކަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ގަނެފައި ނުބެހެއްޓުން

ކޮންމެހެން ގިނައިން ގަންނަން ޖެހިއްޖެ ހާލަތެއްގައި ކާއެއްޗިއްސާއި، ޖަނަވާރަށް ކާންދޭ އެއްޗިއްސާއި ވަކިން ކުޑަކުދިންނަށް ކައިރިނުވެވޭ ގޮތަށް ތަޅުލާފައި ހުންނަ ގުދަނެއްގައި ބޭސް ރައްކާކުރާށެވެ. މިގޮތަށް ރައްކާކުރާ ބޭހުގެ ލޭބަލްތައް ނައްޓާލައި ވަކިކޮށްގެން ނުވާނެއެވެ.

ބޭސް ހުސްކުރާ ފުޅިއާއި ޕެކެޓް އެހެން އެއްވެސް އެއްޗެއް އެޅުމަށް ބޭނުން ކޮއްގެން ނުވާނެއެވެ.

ޖޫސް ނުވަތަ އެހެންވެސް ލޭބަލް ހުންނަ ފުޅިއަށް ބޭސްނޭޅުން

ގެރެންޓީ ހަމަވެފައިވާ ބޭސް ގުދަނުގައި ގިނަ ދުވަސް ވަންދެން ނުބަހައްޓާ، ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ނައްތާލަންވާނެއެވެ. ނައްތާލާއިރު ފަސްގަނޑަށް ނުވަތަ ފެންފަށަލައަށް ބޭހުގެ އަސަރު ކުރާ ގޮތަށް އަމަލުކޮއްގެން ނުވާނެއެވެ.

 

ނޯޓު: މިއީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ނެރެފައިވާ ލީފްލެޓެއްގައި ހިމެނޭ މަޢުލޫމާތު ތަކެކެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.