“ކަލޭގެ ދުވަސް ދުއްވާލާނަން އެނގިއްޖެ!”
ގަތް ބިރާއެކު މަޢުރީން އަށް ހަޅޭލަވައިގަނެވުނީ ކިހާ ބާރަށް ކަމެއް ޚުދު މަޢުރީން އަކަށްވެސް ނޭނގެއެވެ.
“މަޢުރީން، ހޭލަބަލަ!”
މަޢުރީން އަށް ހީވަމުން ދިޔައީ ކަނޑުއަޑީގައި އޮއްވާ އޭނާ ނަގައިގެން ގޮނޑުދޮށުގެ ދިޔަރެހާއި ހަމައަށް ގަދަކަމުން ގެނައުމަށް ކޮންމެވެސް މީހަކު މަސައްކަތް ކުރަމުންދާހެންނެވެ. މަޢުރީން އަށް ލޯހުޅުވައިލެވުމާއެކު ލިބުނީ ހައިރާން ކަމެވެ. މަޢުރީން އަށް އިނދެވުނީ އޭނާގެ އަމިއްލަ ގޭގެ ދޮރުމަތީގައި ބިންމަތީގައި އިށީންދެގެންނެވެ. ކުރިމަތީގައި އޭނާއާއި ދިމާއަށް ކޮންމެވެސް އަންހެނެއް ގުދުވެގެން އޮތެވެ. ރަނގަޅަށް ފޯކަސް ކޮށްލައި އެއީ ކާކުތޯ ބަލައިލުމުން ކާކުކަން އެނގިއްޖެއެވެ. އެއީ އޭނާ އާ އެއްބަނޑު އެއްބަފާ އަންހެން ކުއްޖެކެވެ. އާއިލާގައި ތިބި އެއްމާބަނޑު ދެބެއިންގެ ތެރެއިން ޖިއާން އެވެ.
‘މަޑުކޮށްބަލާށެވެ. މިވަނީ ކިހިނެތް ހެއްޔެވެ؟’ މަޢުރީންގެ ހިތަށް އެރިއެވެ.
މަޢުރީން ތެދުވުމަށް މަސައްކަތްކުރިއެވެ. ކޮއްކޮމެންނާއި ބައްޕަ ގޭތެރެއަށް ވަނުމަށް ތަން ދެއްކުމަށެވެ. ނަމަވެސް މަޢުރީން އަށް ތެދުވަން އުނދަނގޫވެގެން މަޑުޖެހިލެވުނެވެ. ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. ހަށިގަނޑަށް ހުރީ ގޮތްނޭނގޭ ބުރަހެލިކަމެއް ވެރިވެފައެވެ. މަޢުރީން ތެދުވަން އުޅުނުގޮތުން މަޢުރީންގެ ބައްޕަ އާއި ކޮއްކޮމެން ތިބީ ފާޑަކަށް މަޢުރީން އަށް ބަލާށެވެ. ޚުދު މަޢުރީން އަށްވެސް އިނދެވުނީ ހައިރާންކަމެއްގެ ތެރޭގައެވެ.
ކިހިނެއްތަ މިވަނީ؟
މަޢުރީން އަށް ގެއިން ނިކުމެވުނު އިރެއް، ގެއަށް ވަންނަ ދޮރުމަތީގައި އިނދެ ނިދުނު އިރެއްވެސް ނޭނގެއެވެ. އެންމެ ފަހުގެ ހަނދާނަކަށް ހުރީ…
އޭނާގެ މައިތަދަ އެވެ!
މައިދައިތަ ސަލްމާ އުޅުނީ މަޢުރީން މަރައިލުމަށެވެ. އެކަމަކު އެގެއިން ނިކުމެގެން އަމިއްލަ ގެއަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ، އެހުރިހައި ކަމަކީ އޭނާއަށް ފެނުނު ހުވަފެނެއް ހެއްޔެވެ؟
މަޢުރީން އަށް އިނދެވުނީއެވެ. ނެގިމަޑުވެފައެވެ. އޭނާގެ ބައްޕަ އާއި ކޮއްކޮމެން ކިޔަމުންދިޔަ އެކައްޗެއްވެސް ނުއިވެއެވެ. ބައްޕަގެ އަޑު އިވެމުންދިޔައީ އޭނާގެ ސިކުނޑި ތެރޭގައި ގުގުމަމުންދިޔަ ފަނޑުފަނޑު އަޑެއްގެ ގޮތަށެވެ.
“ގޭތެރޭގަ ނުނިދާ ކީއްވެގެން ދަރިފުޅު މިތާ ދޮރުމަތީ ނިދަން ތިއިނީ؟”
“ނޭނގެ މަށަކަށްވެސް، އަހަ…. އަހަރެން ބޭނުމީ ރެސްޓްކޮށްލަން.”
މިހެން ބުނަމުން ވަރަށް މަސައްކަތުން ތެދުވެގެން ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ލިބުނު ހައިރާންކަމުގައި މަޢުރީންގެ ބައްޕަ އާއި ކޮއްކޮމެންނަށް ތިބެވުނީ ވާނުވާ ނޭނގިފައެވެ.
“ބައްޕާ، ދޮންތަ އަށް ކޮންމެވެސް ކަމެއް ވެފަދޯ އެހެރީ.” ގޭގެ އެންމެ ހަގަށް ހުރި ޝުއާޢު އަހައިލި އެވެ.
“އައްދޭ ކޮންމެހެން މާބޮޑެތި ވާހަކަ ނުދެއްކިޔަސް ތިކަން އަހަރުންނަށް އެނގެޔޭ.” ޝުއާޢު އާ ދިމާކޮށްލުމަށް ޖިއާނާ ބުންޏެވެ. “އެހެން ނޫނަސް ދޮންތި އެބަޖެހޭ ރެސްޓް ކުރަން.”
“ބައްޕަގެ ދެ ތުއްތުނާ ކޮންމެހެން ޒުވާބުކުރަން ނޫޅެ އަވަހަށްދޭ ފެންވަރައިގެން ރެސްޓްކޮށްލަން. އެއަށްފަހު މަންމަ ކައިރިއަށް ހޮސްޕިޓަލަށް ދާނީ. ހަވީރު މެހެމާނުން ޒިޔާރަތް ކުރަން އޮންނަ ގަޑިއަށް ތައްޔާރުވީމަ ހުންނާނީ ރަނގަޅަށް.” އިލްޔާސް ބުންޏެވެ.
ކޮޓަރިއަށް ވަންގޮތަށް ބާލީހުގައި ބޯޖަހައިގެން އޮވެ މަޢުރީން ރޮނީ އެވެ. ދުނިޔެއިން މޮޔަވަނީ ނޫންބާއޭ އޭނާގެ ހިތަށްއަރާފައެވެ. ހިނގަމުން މިދާ ހުރިހައި ކަމެއް ޚުދު އޭނާގެ އަމިއްލަ ނަފުސަށް އޮޅުންފިލުވައިދޭނީވެސް ކިހިނެތް ހެއްޔެ؟ މައިދައިތަ ސަލްމާ ގެ ރުޅިވެރި ބަސްތަކާއި އިންޒާރުގެ މަންޒަރާއި އަޑު ޙަޤީޤަތުގައި އޭނާއަށް ތަޖުރިބާ ކުރެވުނުކަމެއް ނުވަތަ ނޫންކަމެއްވެސް މިހާރު ޔަޤީނެއް ނުކުރެވެއެވެ. ފޫހިކަމާއި ހާސްކަމުގެ ދާވަންޏެއްގެ ތެރެއަށް ގެނބި ޣަރަޤުވަމުންދާހެން އޭނާއަށް ހީވާން ފަށައިފިއެވެ.
ކޮންމެވެސް މީހަކު އޭނާގެ ކޮޓަރީ ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. ޓަކި ޖަހައިލުން އަސުރު ނަމާދުގެ ވަގުތު ޖެހެން އުޅޭ ކަމަށް އޭނާގެ ކޮއްކޮ ގޮވައިލީ ބައްޕަ އިލްޔާސް ބުނެގެންނެވެ. ނަމަވެސް އެ އަޑު އިވޭކަމަށްވެސް މަޢުރީން ނުހެދިއެވެ. އޭނާގެ ސިކުނޑިތެރޭގައި މައިގަނޑު ގޮތަކަށް އެނބުރެމުން ދަނީ އަވަހަށް މާދަމާ އާއި ބައްދަލުވެ، ސައިކޮލޮޖިސްޓަށް ދެއްކުމުގެ ޚިޔާލުތަކެވެ. އެހެން އެއްވެސް ކަމަކާ ފިކުރެއް ނުކުރެވެއެވެ. ‘ސައިކިއޭޓްރިކް ވޯޑްގައި އަހަރެން އެޑްމިޓްކުރާނެ ހެއްޔެވެ؟ އެހެން ވެއްޖެއްޔާ އަހަރެން މޮޔަވާނެ ހެއްޔެވެ؟ އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަހަންނަށް ކަންތައްތައް ހަނދާންވެސް ނެތެނީއެވެ. ފާޑުފާޑުގެ އެއްޗެހިވެސް ފެންނަނީ އެވެ. ކުށްހީތައް ވެސް ކުރެވެނީ އެވެ. ފާޑުފާޑުގެ އަޑުއަޑުވެސް އިވެނީ އެވެ.’
‘އިހްސާސް ކުރެވޭ އެ އިޙްސާސް ކުރެވުން އެއީ ވަކިން ކުޑަކަމެއް ހެއްޔެވެ؟’ މަޢުރީންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދަނީއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އޭރު އެވަގުތުވެސް މަޢުރީން އާއި ދާދި ގާތުގައި، މަޢުރީންގެ ގައިގައި ޖެހިގެން މީހަކު އިންކަމުގެ އިޙްސާސް ކުރެވެމުން ދެއެވެ.
މައުރީންގެ ފައިގެ ފަލަމަސްގަނޑުގައި އެމީހާގެ އަތުން އޭރުވެސް ފިރުމަމުންދާކަން ހަމަ ރަނގަޅަށް އެނގެއެވެ.
ލިބެންފެށި ފޮނި އަރާމަށް ސިކުނޑީގެ އެންމެ ފުނުން ޖާގަ ދެމުން ލޯމަރައިލެވުނެވެ. އެ ބީހުން ތަކަށް އެދެވެމުންދާތާ ލައްކަ ދުވަސް ވެއްޖެއެވެ. އެހެންކަމުން އެ އިޙްސާސް ތަކަށް އިޖާބަދެވުނީ އެކަމަށް ލޮލުން ބޮލުން ރުހިގެންނެވެ.
“އަހަރެންގެ ލޯބީ…. އަހަރެންވެސް ހާދަވަރަކަށް މަޢުރީން މިސްކޮށްފީމޭ….” މަޢުރީންގެ ހިތުގެ އަޑަށް ޝަމްހޫރިޝް ޖަވާބުދިނީ ވައިއަޑުންނެވެ. މަޢުރީންގެ ކަންފަތްދޮށުގައެވެ. އެވަގުތު މަޢުރީންގެ ގަޔަށް އެރި ހީރޯޅިއާއެކު ތެޅިގަނެވުނެވެ.
ޝަމްހޫރިޝް އޭނާގެ ފިރިހެންވަންތަ ސޫރައިގައި ފާޅުވަމުން ކުއްލިއަކަށް މަޢުރީންގެ ކުރިމައްޗަށް އަރައިފިއެވެ. ނަމަވެސް މަޢުރީން އަށް އެއްވެސް ސިހުމެއް ނުލިބެއެވެ. ޝަމްހޫރިޝް ގެ ކަޅުކުލަ ގަދަ ކަޅިއަށް ބަލަން އިންއިރު އޭނާގެ އަމިއްލަ ނަފުސު އޮޔާހިނގައްޖެކަން ހަމަ ރަނގަޅަށްވެސް އެނގުނެވެ.
ޝަމްހޫރިޝްގެ ބީހިލުމަށް މަޢުރީން އަށް މާބޮޑަށްވެސް އެދެވެން ފަށައިފިއެވެ. އެވަގުތު ޝަމްހޫރިޝްގެ ތުންފަތް ގެންގޮސް މަޢުރީންގެ ތުންފަތުގައި ޖައްސައި ތަޅުއަޅުވައިލިއެވެ. ހަމައެއާއެކު މަޢުރީން އަށް ހީވީ ޝަމްހޫރިޝްގެ ހަށިގަނޑު ތެރެއަށް ވަދެވިގެންދިޔަހެންނެވެ. ހަމަ ގައިމުވެސް އޭނާ އެދޭ ގޮތަކީވެސް އެއެވެ. އޭނާގެ ސިކުނޑީގައިވާ ހަމައެކަނި ވިސްނުމަކީ؛
މިއީ ކިތަންމެ ހެއްވާ އަދި ސޭކުކަމަކަސް މިކަން ބީވެގެންދިއުމަށް އަހަންނަށް އެދެވޭނެ ކަމެއް ނޫނެވެ.
❀****❀❀****❀
ހައިޖާނު ނިންޖެއްގައި އޮތް ޝާއިލް އަށް ހޭލެވިއްޖެ އެވެ. ހޭލެވުމާއެކު އޭނާއަށް އޮވެވުނީ އެކަނިމާއެކަނިކަން އެނގުނެވެ.
މުޅި ގޭތެރެ އޮތީ ހަމަހިމޭން ކޮށެވެ. ވަރަށް މަސައްކަތުން ތެދުވެގެން އޭނާ މިސްރާބު ޖެހީ ފާޚާނާ އާ ދިމާއަށެވެ. ޑޮކްޓަރު ދިންހައި ބޭހެއް ކެޔަސް ފަޔަށް ތަދުވަމުން ދަނީ އަމަށަކު ވަރަކަށް ނޫނޭ ޝާއިލް ގެ ހިތަށްއެރިއެވެ. ފާޚާނާއަށް ވަދެ ހީސްލައިގެން ތާހިރުވެލަމުން ކޮރުޖަހަމުން ކޮޓަރިއަށް ވަދެއްޖެއެވެ. އެވަގުތު އޭނާގެ އަނބިމީހާގެ މަތިން ކުއްލިއަކަށް ހަނދާންވެއްޖެއެވެ.
‘އަހަރެން ދެކިލަން މަޢުރީން ނާންނަނީ ކީއްވެގެން ހެއްޔެވެ؟’ ކައިރީގައި މަޢުރީން ނެތުމުން މަޢުރީން މިސްވާވަރު ޝާއިލްގެ ހިތަށްއެރި އެވެ. ނަމަވެސް ޝާއިލް އަށް މަޢުރީން ފެންނައިރަށް މަޢުރީން އަކީ އެއްވެސް މީހަކަށް ނުވެއެވެ. ފައިދަށުގައި އޮންނަ ފައިވާނަށް ކުރާ ޤަދަރުވެސް ނުކުރެވެއެވެ. އެހެން ހިތަށް އެރުމާއެކު ވިހަ ހިނިތުންވުމެއް ޝާއިލްގެ މޫނަށް ވެރިވެއްޖެ އެވެ. ޖެހިގެން އުޅޭ ހުރިހައި މައްސަލައެއް ޝާއިލް އަށް ވިސްނޭކަހަލަ އެވެ. ކައިވެންޏަށް އަހަރެއްވެސް ނުވެ އުޅެނިކޮށް ކުއްލިއަކަށް ހުރިހައި ކަމެއް ގޯހުން ގޯހަށް ދާނީ ކޮންމެވެސް ކަމެއްވެގެންކަން ވިސްނުނެވެ.
ކައިވެނި ނުކުރެވުނު ނަމަ މިޔަށްވުރެން މާރަނގަޅު ވީހޭ ވެސް ޝާއިލްގެ ހިތަށް އެރިއެވެ. ކައިވެނީގެ ކުރިން ހުރިހައި ކަމެއްވެސް އޮތީ ބަރާބަރަށެވެ. ދެމީހުން އެކުގައި އުޅުނީ އުފަލުންނެވެ. ލޯބިންނެވެ. ކައިވެނީގެ ފަހުން ކޮންމެވެސް ކަމެއް ގޯސްވެއްޖެއެވެ. އެއީ ކޮން ކަމެއްކަން ސާފުކޮށް އެނގޭނެ ނަމައޭ ޝާއިލްގެ ހިތަށްއެރި އެވެ.
ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮހެލަމުން އެނދުގައި އިށީންދެއްޖެ އެވެ. އެވަގުތު އޭނާގެ މަންމަމެން އައިސް ކޮޓަރީގެ ދޮރު ހުޅުވަނީއެވެ. އެމީހުން ތިބީ ކޮންމެވެސް ކަމެއްގައި ޒުވާބު ކުރާށެވެ.
ފުން ނޭވާއެއް ލަމުން އެނދު ކޮޅުގައި ޝާއިލް ލެނގިލައިފިއެވެ.
“އަހަރެން މި އަހަނީ ކީއްވެހޭ އަހަރެން ކައިރީ ނާހާ އެމީހާގަނޑު މިގެއަށް ގެންނަންވީކީ؟” ސަލްމާ ގެ ޒީލަގަދަ އަޑުން އޭނާގެ ފިރިމީހާ އާދިމާއަށް ބުންޏެވެ.
ސަމަދު އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެމީހާ ގެނައުން އެއީ އެހައި ބޮޑުކަމަކަށް އޭނާގެ އަންހެނުން ހަދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނުނެވެ. އެބުނާ އެމީހާ އަކީ ސަމަދު އާއްމުކޮށް ހުކުރަށްދާ މިސްކިތުގެ އިމާމެވެ. މީގެ ކުރިން އިމާމުމީހާ އެގެއަށް އައިސްފައި ނުވިޔަސް އެއީކީ އެމީހުންނަށް ބީރައްޓެހި މީހެއްވެސް ނޫނެވެ. އެހެން ނޫނަސް ކަމާކަންފަށާ އިމާމަށް ހުރިހައި ވާހަކަތަކެއް ކިޔައިދީ، ސަމަދު ބުނެގެން އޭނާ އަންނަކީވެސް ނޫނެވެ. ކުރީ ހަފުތާގައި ހުކުރު ނަމާދުން ފައިބައިގެން ޝާއިލް ގެ ހާލު އޮޅުންފިލުވުމަށް އިމާމު ސުވާލުކުރީއެވެ. ސަމަދު ވެސް ޝާއިލްގެ ކަންތަކާ ކަންބޮޑުވެފައި ހުރިވަރުން ޝާއިލް އަށް ލައިގަނެގެން އުޅޭ ހުރިހައި ކަމެއް އެއްވެސް އިޚްތިޔާރަކާ ނުލައި ކިޔައިދެވުނީ އެވެ. އެވާހަކަތައް އަޑުއަހައިފައި މި ހަފުތާގައި އަންނަން އިމާމު ބުނީވެސް އަމިއްލައަށް އޭނާއަށް ފެނިގެންނެވެ.
ޖެހިގެން އުޅޭ މައްސަލަ އަކީ މިއީއެވެ. މިއަދު އެގެއަށް އަންނަ ވާހަކަ އިމާމު ގުޅާފައި ބުނީއެވެ. ޝާއިލް ދެކިލުމަށެވެ. ޝާއިލްގެ މަންމަ ހަޅޭއްފަޅޭއް ލަވަމުން އެގެންދަނީ އެކަމާއެވެ. ނަމަވެސް ސަލްމާގެ ހަޅޭކަށް ސަމަދުގެ އެއްވެސް ފަރުވާލެއް ނެތެވެ. އިމާމު އަންނަން ބުނެގެން އެހާވަރެއް އަރުވައިލަން ޖެހޭކަމަށް ޤަބޫލު ނުކުރެވޭތީ އެވެ. އަނެއްކޮޅުން ސަލްމާ އެކަމާ އެހާވަރަށް ދެކޮޅުހަދަން ޖެހޭ އެއްވެސް ސަބަބެއްވެސް ސަލްމާ އަކަށް ބުނެއެއް ވެސް ނުދެވުނެވެ.
އައިސްފައިވާ ސިނގުރުޅީގައި ދޮރާއި ދިމާއަށް ސަލްމާ ހިނގައިގަތެވެ. އިމާމު އަންނަން ވާއިރަށް ގޭގައި ނުހުރުމަށް ނިންމައިގެންނެވެ. ގެއިން ބޭރުގައި އުޅެފައި ސަލްމާ އާއި ޞަމަދު ގެއަށް އައީވެސް ދެންމެ އެވެ. އެހެންނަމަވެސް ސަލްމާ ބޭނުންވީ ބޭރަށް ދާށެވެ. އޭނާ ދައްކާ އެއްވެސް ވާހަކައެއް ސަމަދު ޤަބޫލުނުކުރާތީ ސަލްމާ ހުރީ ކަންތައް ބޮޑުވެފައެވެ. ގޭގެ ދޮރު ހުޅުވައިލުމާއެކު އެރެވުނީ އިމާމުގެ ކުރިމައްޗަށެވެ. އޭރު އިމާމު ހުރީ ޓަކިޖެހުމަށް ތައްޔާރުކޮށްލެވުނު އަތުން ގޮށްމުށް ކަވާލައިގެންނެވެ.
އެހާ ގާތުން އިމާމު ފެނުމުން ބިންފަޅާލާފައި އަޑިއަށް ވަދެވޭނެ ނަމައޭ ސަލްމާގެ ހިތަށް އެރިއެވެ.
“އައްސަލާމު ޢަލައިކުމް.” ސަލްމާގެ މޫނުގެ ކުލަވަރަށް އައި ބަދަލާއި އެ މޫނުން ފެނުނު ބިރާއި ރުޅިވެރިކަމުގެ އިޙްސާސް ފާހަގަކުރެވުނަސް އިމާމު ސަލާމް ގޮވައިލި އެވެ.
❀****❀❀****❀
ބެރުޖަހަމުންދާ އަޑު އޭނާއަށް އިވެމުންދެއެވެ. ނުވެސް ދަންނަ ބަހުރުވައަކުން ބެރުގެ ހަމަތަކާއި އެއްވަރަށް ލަވައެއް ކިޔަމުންދާ އަޑުވެސް އިވެމުންދެއެވެ.
އޭނާގެ ހަށިގަނޑު ގުޑުވައިލުމަށް މަސައްކަތްކުރި އެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ހީވަނީ ގަނޑުވެފައި އޮތްހެންނެވެ. އިހްސާސް ކުރެވެމުންދަނީ އިންތިހާ ފިހިކަމެވެ. ހީވަނީ ގަނޑުފެންތަކެއްގެ ތެރޭގައި އޮވެވުނުހެންނެވެ. އެންމެފަހުން އޭނާއަށް ލޯ ހުޅުވައިލެވިއްޖެވެ.
އޭނާގެ އަނގައިން ބޭރުވަމުންދިޔަ ހަޅޭއްލެވުން ހުއްޓައިލެވޭތޯ ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް އެކަމެއްވެސް ނުކުރެވުނެވެ.
ކުއްލިއަކަށް، ހީވީ އޭނާގެ ކަރުގައި ކޮންމެވެސް ބާރުގަދަ ދެއަތަކުން ހިފައި ބާރުކޮށްލިހެންނެވެ. ފުއްޕާމެއަށް ފިތައިލިހެންނެވެ. އޭނާގެ އަނގައިން އެއްވެސް އަޑެއް ބޭރެއް ނުކުރެވުނެވެ. ލޮލުން ހޯސްލާފައި ކަރުނަ އޮހެންފެށީ އެވަގުތު އެވެ. ގަތްފައިވާ ބިރާއިއެކު އޭނާގެ ވަށައިގެން ހޯދައިލެވުނެވެ. މި ހުވަފެނުން ނިކުމެވޭނެ ކަމުގެ އުއްމީދުގައެވެ.
ފިރިހެނުން ތަކަކާއި އަންހެނުންތަކެއް އަދި ކުޑަކުދިންތަކެއް ތިބީ ކަޅުކުލައިގެ ހެދުމެއް ލައިގެންނެވެ. ބޮލާއިއެއްކޮށް ހުޑެއް ހުންނަ ހެދުމެކެވެ. އެމީހުންތައް އޭނާގެ ވަށައިގެންތިބެ ނަށަނީއެވެ. އެމީހުންގެ މޫނުތައް ހުރީ ބިރުވެރި ސިފައެއްގައެވެ. ބައެއް މީހުންގެ މޫނުގައި ތިން ލޯ ހުއްޓެވެ. ބައެއް މީހުންގެ ތުންފަތެއް ނެތެވެ. އެމީހުންގެ ދަތްޕިލަތައް ހުރީ ބިރުވެރި ގޮތަކަށެވެ. އެތަނުން އެކެއްގެ މޫނުގައި އިންސާނީ މޫނެއްގައި ހުންނަ އެއްވެސް ސިފައެއް ނެތެވެ. އެމީހާގެ މޫނުގެ މެދުގައި ހުރީ ބޮޑު އެންމެ ލޮލެކެވެ.
އެންމެންގެ މޫނުވެސް ހުރީ ބިރުވެރި ހުދުކުލައަކަށެވެ.
މަޑުމަޑުން ގިސްލެވެމުންދިޔަ ދިޔުން ހުއްޓައިލެވޭތޯ އޭނާ މަސައްކަތް ކުރިޔަސް އެކަމެއްވެސް ނުކުރެވުނެވެ. އުއްމީދުކުރެވެމުން ދިޔައީ ކޮންމެވެސް އަޖައިބުކަމެއް ހިނގައިގެން ނަމަވެސް މިކަންތައްގަނޑަށް ނިމުމެއް އައުމަށެވެ. ނަމަވެސް އޭނާގެ ވަށައިގެންތިބި އެ ބިރުވެރި މީހުންތަކުގެ ލަވަކިޔުމާއި ނެށުމަށް އެއްވެސް ހުއްޓުމެއް ނާދެއެވެ.
ކުއްލިއަކަށް ލަވައިގެ އަޑު ކެނޑިއްޖެއެވެ. ވަށައިގެން ތިބެ ނަށަމުންދިޔަ މީހުންގެ ނެށުން އެއްކޮށް ހުއްޓިއްޖެ އެވެ.
ތެޅިގަންނަމުން ވަށައިގެން ބަލައިލެވުނީ ދެންވާނެ ގޮތަކާއިމެދު ސުވާލު އުފައްދަމުންނެވެ. އެވަގުތު ފެނުނީ އެ އާދަޔާޚިލާފު އިންސާނުންތައް ކޮންމެވެސް އެއްދިމާއަކަށް ހުއްޓެމުން ކަކޫމައްޗަށް އިށީންނިތަނެވެ.
ކޮންމެވެސް މީހަކާއި ދިމާއަށެވެ. އެމީހާއަށް ކުރުނީސް ކުރުމަށެވެ.
މަޑުމަޑުން އޭނާގެ ބޯ އުފުއްލައިލަމުން އެދިމާއަށް ރަނގަޅަށް ބަލައިލުމާއެކު ފެނުނީ ޝަމްހޫރިޝް އެވެ. ރަސްރަސްކަލުން ތުރުކުރައްވާފަދަ ހެދުމެއްގައި ހުއްޓައެވެ. ޝަމްހޫރިޝް ހިނގަމުން އައީ އޭނާއާއި ދިމާއަށެވެ.
އޭނާއާއި ދިމާއަށް ޝަމްހޫރިޝް އަންނަން ފެށުމުން އެންމެ ފުރަތަމަ އޭނާ ބޭނުންވީ ހަމަޖެހިގެން އޮތުމަށެވެ. ދަންނަ މޫނަކަށް ވާތީއެވެ. ނަމަވެސް އިސާހިތަކުން އޭނާގެ މުޅިހަށިގަނޑަށް ބިރުގެ އަސަރު ފޯރައިފިއެވެ.
އޭނާއާއި ދިމާއަށް ޝަމްހޫރިޝް ބަލަން ހުރީ ރުޅިވެރިކަމާއެކުގައެވެ. ލޮލުން ހުރީ ދުންކަނި ބުރާފައެވެ. އޭނާ އާއި ގާތަށް ޝަމްހޫރިޝް އައިވަރަކަށް ގަތްފައިވާ ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ.
އެވަގުތު އޭނާގެ ސަމާލުކަން ގޮސް ހުއްޓުނީ ޝަމްހޫރިޝް ކައިރީގައި ތިބި ކުދިންތަކަށެވެ.
ޚުދު އޭނާ އާއި އެއްވެސް ތަފާތެއް ނެތްހައި ވައްތަރު، ކުޑަކުޑަ ހަތް އަންހެންކުދިން ތިބީ އޭނާއާއި ދިމާއަށް ބަލާށެވެ. އެކުދިންވެސް ހިނގަމުން ދިޔައީ އޭނާއާއި ދިމާއަށެވެ. ޝަމްހޫރިޝްގެ ދެފަރާތުގައި ބަރިއަކަށް އެތުރި ތިބެގެންނެވެ. ކޮންމެ ކުއްޖެއްގެ ދެލޯވެސް ހުރީ އަނގުރު އަލިފާން ރަތްކުލައިގައެވެ.
ކޮންމެ ކުއްޖެއްގެ ލޮލުންވެސް ފެންނަމުންދަނީ އޭނާއާމެދު ހުރި ރުޅިވެރިކަމެވެ.
އެމީހުން އޭނާއާއި ކައިރިއަށް އައިވަރަކަށް، އޭނާގެ ހަށިގަނޑަށް ވެރިވަމުންދިޔަ ތުރުތުރުލުން އިތުރުވެގެން ދެއެވެ. އަނގައިން އެއްޗެއް ބުނަން ބޭނުންވެ އެކަމަށް ކިތަންމެ ބޭނުންވިޔަސް އަޑު ބޭރެއްނުކުރެވުނެވެ. ގަންފައިވާ ބިރުވެރިކަން އޭގެ އިންތިހާއަށް ހިނގައްޖެއެވެ. ހީވާކަހަލައެވެ. ބިރުންގޮސް މަރުވެދާނެއެވެ. އެކުދިންތައް ޝަމްހޫރިޝް އާއި އެކުގައި އައިސް އޭނާގެ ވަށައިގެން އެތުރިލިއެވެ. އެވަގުތު ޝަމްހޫރިޝްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.
“ދަރިންނޭ، މިޔޮތީ ތިކުދިންގެ ނުލަފާ މަންމަ. އޭނަ ތިކުދިން މިތަނަށް ދޫކޮށްލީ އެހެންތަނެއްގައި މަޖާނެގުމަށް. މިއީ ވަރަށް ގޯސް މަންމައެއް.”
ޝަމްހޫރިޝް ވާހަކަދައްކަން ފެށުމާއެކު އެކުދިންތަށް އޭނާ ވަށައިލައިފިއެވެ. ކޮންމެ ކުއްޖެއްގެ ލޮލުންވެސް ހުރީ ކަނިޖަހަޖަހައެވެ. ލޮލުގައި ވަނީ ރުޅިވެރިކަމާއި ނަފުރަތެވެ. ބިރުވެރި އަޑެއް އަނގައިން ލައްވަމުން، ހަޅޭއްލަވަމުން އެކުދިން ކިޔަމުންދިޔައީ ބަންޖެއްފަދަ ފަތިވަރެކެވެ.
“ވަރަށް ގޯސް މަންމައެއް! އަހަރުމެން ގެންގުޅެން މަންމަ ހަމަމިހާރު އާދޭ!!”
“ވަރަށް ގޯސް މަންމައެއް! އަހަރުމެން ގެންގުޅެން މަންމަ ހަމަމިހާރު އާދޭ!!”
“ވަރަށް ގޯސް މަންމައެއް! އަހަރުމެން ގެންގުޅެން މަންމަ ހަމަމިހާރު އާދޭ!!”
އެވަގުތު އޭނާގެ އަޑު ބޭރުވެއްޖެއެވެ. ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ހަޅޭއްލެވުނުހައި ބާރަކަށް އެއްވެސް ހުއްޓުމެއްނެތި ހަޅޭއްލަވަމުން ދިޔައެވެ.
އަޑު ބެދެންދެން ހަޅޭއްލެވިއެވެ.
ނުނިމޭ
* ނޯޓް: މި ވާހަކަ އަދާހަމަކުރަމުން ގެންދާނީ ކޮންމެ ހަފުތާއަކު 2 ދުވަހު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!