ހިތްގައިމު ރާގަކަކަށް ނުތަވަ މިއުޒިކް ޓްރެކަކަށް ލަވަކިޔަން ބޭނުންހެއްޔެވެ؟ އަދި އެވެސް ލަވައިގެ ލިރިކްސް ފެންނާނެ ގޮތަށް ހުންނަ ކަރޯކޭ ވީޑިއޯ ބޭނުންކޮށްގެންނެވެ. ހަމަ ގައިމުވެސް ލަވަކިޔުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މިފަދަ ގޮތަކަށް ލަވަކިޔައިލަން ފުރުޞަތު ފަހިވެފައި އޮތުމަކީ ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެއެވެ. ޔޫޓީއުބްގައި ހިންދީ އަދި އިނގިރޭސި ލަވަތަކުގެ ކަރޯކޭ ވީޑިއޯތައް އާއްމުކޮށް ހުންނަތަން ފެނިފައި އެގޮތަށް ދިވެހި ކަރޯކޭ ލަވަ ލިބެން ހުންނާނެ ނަމައޭ ހިތަށް އަރާ މީހުންވެސް މަދެއް ނުވާނެއެވެ. އެފަދަ ފަރާތްތަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ.

 

“މައިސަން ކަރޯކޭ” – ދިވެހި ކަރޯކޭ ގެ ނަންބަރ ވަން ޔޫޓިއުބް ޗެނަލް ގެ ނަމުގައި ދިވެއްސަކު ވަރަށް ބުރަ، އަދި އެހާމެ ބޭނުންތެރި މަސައްކަތެއް ހިލޭސާބަހަށް ކުރަމުން އެބަގެންދެއެވެ.

އުމުރުން 41 އަހަރުގެ މައިސަން، “މައިސަން ކަރޯކޭ” ގެ ނަމުގައި ދިވެހި ކަރޯކޭ ވީޑިއޯ ހިމެނޭ ޔޫޓިބް ޗެނަލެއް ފެށީ މި އަހަރުގެ އޭޕްރީލް މަހުގެ 16 ގައެވެ. “މައިސަން ކަރޯކޭ” ގައި ހިމެނެނީ މިހާތަނަށް ރިލީޒް ކޮށްފައިވާ ދިވެހި ލަވަތަކުގެ ތެރެއިން ހިތްގައިމު ކަރޯކޭ ވީޑިއޯ ލަވަތަކެކެވެ. އެގޮތުން މިހައިތަނަށް 127 ލަވައިގެ ކަރޯކޭ ވީޑިއޯ ތައްޔާރުކޮށް ޗެނަލް އަށް އަޕްލޯޑް ކޮށްފައިވާނެކަމަށް މުނިއަވަސް އަށް މައިސަން ބުންޏެވެ.

 

“މިހާތަނަށް އަޕްލޯޑް ކޮށްފައިހުރި ލަވަތަކުގެ އިތުރުން ބޭނުންފުޅުވާ ލަވައަކަށް ރިކުއެސްޓް ކޮށްލުމުން ވެސް އެ ލަވައަކަށް ކަރޯކޭ ތައްޔާރުކޮށް އަޕްލޯޑް ކޮށްލެވޭނެ.” މައިސަން ބުންޏެވެ.

 

މައިސަން ބުނީ ލަވައަކަށް އެދުމަށް [email protected] ނުވަތަ [email protected] މެއިލް ކޮށްލުމުން އެލަވައިގެ ވީޑިއޯ ތައްޔާރުކުރާނެ ކަމަށެވެ.

“މިހާރުވެސް 20 ލަވަ ތައްޔާރުކޮށް ނިމިފަ ހުންނާނެ އަޕްލޯޑް ކުރުމުގެ މަރުޙަލާގަ.” މައިސަން ބުންޏެވެ.

 

“މައިސަން ކަރޯކޭ” ގައި ވީޑިއޯ ލަވަތައް ތައްޔާރުކޮށްފައި ހުންނަނީ އިނގިރޭސި އަދި ހިންދީ ކަރޯކޭ ލަވަތައް ތައްޔާރުކޮށްފައި ހުންނަގޮތަށެވެ. މީގެ އިތުރުން މައިސަން ތައްޔާރުކޮށްފައިވާ ލަވަތައް ފަސޭހަކަމާއެކު ހޯދުމަށްޓަކައި ޚާއްޞަ ލިސްޓެއް ޕީޑީއެފް ފޯމެޓްގައިވެސް ވަނީ ތައްޔާރުކޮށްފައެވެ. މައިސަން ކަރޯކޭ ވީޑިއޯ ތައްޔާރުކުރަމުން އަންނަނީ ކަރޯކޭ ވީޑިއޯ ތައްޔާރުކުރުމަށް ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރ އެއް ބޭނުންކޮށްގެންނެވެ.

 

ކަރޯކޭ ވީޑިއޯ ހެދުމުގައި ލަވައިގެ ޅެން ލިޔާއިރު ދިވެހިބަހުގެ ފަންނީ ލަފާ ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަސްރަފު ޢަލީގެ އެހީތެރިކަން މައިސަން އަންނަނީ ހޯދަމުންނެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.