އުގަންނައިދިނުމަކީ ޤައުމަށް ކޮށްދެވޭނެ އެންމެ ޝަރަފުވެރި، އެންމެ ޤަދަރުވެރި އަދި އެންމެ މުހިއްމު އެއް މަސައްކަތެވެ. މުދައްރިސުން ކުރައްވަވަމުން އެގެންދަވަނީ ވަރަށް މާތް، މުޤައްދަސް ޖިހާދެކެވެ. އެހެންކަމުން މުދައްރިސުން ކުރައްވަވަމުން އެގެންދަވާ ޤައުމީ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ދުވަހެއް ފާހަގަ ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެހެނީ މުޖުތަމަޢުގައި މުދައްރިސުންނަށް ލިބިފައިވާ އިޙްތިރާމާއި ޤަދަރު ވަރަށް ބޮޑެވެ. އުގަންނައިދިނުމުގެ ބުރަ އަދި އުނދަގޫ މަސައްކަތް މުދައްރިސުން ކުރައްވަވަމުން ގެންދަވަނީ ނުހަނު އުފަލާއި ފަޚުރުވެރިކަމާ އެކުގައެވެ.

 

މުދައްރިސުންގެ މި ފަޚުރުވެރި، ޤަދަރުވެރި ޖިހާދުގެ އަގުވަޒަން ކުރުމަށް މުދައްރިސުންގެ ދުވަހާއި ގުޅުވައިގެން ހަދިޔާބަދިޔާ ދިނުމަކީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެއްކަން ޔަޤީންކުރެވެއެވެ. އަދުގެ ހޭލުންތެރި މުޖުތަމަޢުން މިކަމާމެދު ދެކޭގޮތަކީ މާބޮޑު ޚިލާފެއް އޮތް ކަމެއް ކަމަކަށް ނުފެނެއެވެ. ގިނަ ބަޔަކު ދެކޭގޮތުން މިކަމަކީ ނައްތާލަން ޖެހިފައިވާ ނުރަނގަޅު އާދައެކެވެ.

 

ކޮންމެ އަހަރެއްގެވެސް މުދައްރިސުންގެ ދުވަހަކީ މުދައްރިސުންނަށް ހަދިޔާބަދިޔާ ދިނުމާއި ކެއުންތައް ދިނުމުގައި ބެލެނިވެރިންނާއި ދަރިވަރުން ހޭލަމޭލަވެ އުޅޭ ދުވަހެއްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ފެށިގެން ހިނގަމުން އަންނަ ކަމެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ މުދައްރިސުންގެ ދުވަހު މުދައްރިސަކަށް ދެވޭނެ އެންމެ އަގުހުރި ހަދިޔާއަކީ ދެވޭ އަގުބޮޑު ހަދިޔާއެއްތޯ އެވެ؟ މުދައްރިސުންނާއިމެދު ދަރިވަރުންގެ ހިތުގައި އުފެދިފައިވާ ލޯތްބާއި އިޙްތިރާމު ކުރުން ދައްކައިދިނުމަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ދަަރިވަރުގެ ހިތުގައި މުދައްރިސާއިމެދު ހިނގާ ޝުޢޫރުތައް އިޚްލާޞްތެރިކަމާއެކު ބަޔާންކޮށްދިނުން ކަމަށް ޤަބޫލުކުރެވެއެވެ. އަދި އެކަން ދަރިވަރުންގެ ޢަމަލުން ތާއަބަދު ދެއްކުމަކީވެސް ދެވޭ އަގުހުރި ހަދިޔާއެކެވެ.

 

މި އަހަރުގެ މުދައްރިސުންގެ ދުވަހު އަޅުގަނޑު ކުރިން މިދެންނެވި ފަދަ މިސާލެއް މީސްމީޑިއާގެ ތެރެއިން ވަނީ ފެނިފައެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ގެ މުދައްރިސަށް ނުހަނު ލޯތްބާއިއެކު ލިޔެފައިވާ ސިޓީއަކީ އަދުގެ ޖީލަށް ނަމޫނާއަކަށް ފުދޭނެ އިބާރާތްތަކެއް ހިމެނޭ ސިޓީއެވެ.

 

ބިސްމީގެ މަތިވެރި އިސްމުފުޅާއެކު އަޝްރަފް ޢަލީ ގެ މުދައްރިސް، ދިވެހިބަހުގެ އެންމެ ފުންނާބު އުސް އުސްތާޒު، އަލްފާޞިލް ޢަބްދުﷲ ޞާދިޤަށް (ސޯދުބެއަށް) ލިޔުއްވާފައި ވެއެވެ.

 

އެންމެ ލޯބިވާ މުދައްރިސް، މުޙުތަރަމް ޢަބްދުﷲ ޞާދިޤަށް.

ނުހަނު އިހުތިރާމާއި އަދަބުވެރިކަމާއެކު ވެދުމާއި ސަލާމް ދަންނަވަމެވެ.

 

މިއަދަކީ މުދައްރިސުންގެ ދުވަހެވެ. ދުވަހުގެ އުފާވެރި ތަހުނިޔާ ނުހަނު ލޯތްބާއި އިހުތިރާމާއެކު މުދައްރިސަށް އަރިސްކުރަމެވެ. ލޯބިވާ މުދައްރިސެވެ. މުދައްރިސްގެ އަރިހުން އަޅުގަނޑު ދުށީ ކެތްތެރިކަމެވެ. ހިތްހެޔޮކަމެވެ. އޯގާވެރިކަމެވެ. ދުނިޔޭގެ ހަޔާތުގެ ބޭނުންކުޑަކަމެވެ. ގައުމަށް ޚިދުމަތް ކުޅައުމުގެ މުހިންމުކަމެވެ. ވަތަނިއްޔަތަށް އިހުތިރާމްކުރުމުގެ މުހިންމުކަމެވެ. ލޯބިވާ މުދައްރިސެވެ. މުދައްރިސް އަޅުގަނޑަށް ދަސްކޮށް ދެއްވީ ތުރާތަކާއި އުނދަގޫތަކާ ހިނިތުންވުމާއެކު ކުރިމަތި ލާށެވެ. ތަކުލީފުތަކަށް ކެތްކުރާށެވެ. ލޯބިވާ މުދައްރިސެވެ. މުދައްރިސް އަޅުގަނޑަށް އުނގަންނައި ދެއްވީ ދިވެހިބަހަކީ ދިވެހި ގައުމިއްޔަތުގެ ފުރާނަކަމުގައެވެ. ދިވެހިބަހަކީ ދިވެހި ގައުމުގެ ފެނާރުކަމުގައެވެ. ލޯބިވާ މުދައްރިސެވެ. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ފުރާނަ ހިނގައްޖައުމަށް ދާން ދެން ދިވެހިބަހަށް ޚިދުމަތް ކުޅައުން މަތީ ދެމިހުންނާނަމެވެ.

 

އިހުތިރާމް!

 

05 އޮކްޓޫބަރު 2018

 

ލޯބިވާ ދަރިވަރު

އަޝްރަފް ޢަލީ

 

އަސަރުން ފުރިގެންވާ ބަސްކޮޅެކެވެ. މުދައްރިސުންގެ އަގުވަޒަން ކުރުމަށް މިއަށްވުރެން ރަނގަޅު ހަދިޔާއެއް މުދައްރިސަކަށް ދެވޭނެ ހެއްޔެވެ؟ އަޝްރަފް ޢަލީ ލިޔުއްވާފައިވާ ސިޓީއާއިމެދު މުނިއަވަސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެ ސީޓީގައި ލިޔުއްވާފައިވާ ޢިބާރާތްތަކަކީ އެއްވެސް ހާލެއްގައި މަސްނޫޢީ (އާޓިފިޝަލް) ވާހަކަތަކެއް ނޫންކަމަށެވެ.

 

“އެއީ ހަމަ ސީދާ އަޅުގަނޑުގެ ހިތުގެ އެންމެ ފުނުން އަޅުގަނޑުގެ ލޮބުވެތި މުދައްރިސާއިމެދު އުފެދޭ ޝުޢޫރުތައް. ކޮންމެ އަހަރަކުވެސް އަޅުގަނޑު މިފަދަ މެސެޖެއް މުދައްރިސަށް ރައްދުކުރަން.”

 

އަޝްރަފް ޢަލީ އިތުރަށް ވިދާޅުވީ، މުދައްރިސުން އެ ދެއްވަވާ އަގުހުރި ޚިދުމަތުގެ އަގަކީ ވަޒަން ކުރެވޭނެ އެއްޗެއް ނޫންކަމަށާއި، މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް މުދައްރިސުންނަށް އަގުބޮޑު ހަދިޔާ ދިނުމުގެ ބަދަލުގައި މިފަދަ ގޮތަކަށް ހަދިޔާ ދިނުމަކީ ހުރިހައިގޮތަކުން ބަލާއިރުވެސް މާ މުހިންމު އަދި ފައިދާހުރި ގޮތެއް ކަމަށެވެ. އަދި މިކަމަކީ މިއަދުގެ މުޖުތަމަޢުން ވިސްނަންޖެހިފައިވާ ކަމެއް ކަމަށް ދެކިލައްވާކަމަށެވެ.

 

މިފަދަ އިބާރާތްކޮޅެއް އަޝްރަފް ޢަލީ ވަނީ އޭނާގެ ދިވެހި މުދައްރިސެއް ކަމަށްވާ ވަލީދާ އީސާ އަށްވެސް ރައްދުކޮށްފައެވެ. “މުދައްރިސަކަށް ވީތީ އުފާކުރަމެވެ. ފަޚުރުވެރިވަމެވެ.” މި ސުރުޚީގެ ދަށުން ފޭސްބްކްގައި ކޮށްފައިވާ އަދާހަމަ އެއްގައި އާއްމުކޮށްފައިވާ ފޮޓޯގައި ވަނީ ދިވެހިބަހުގެ ފުންނާބު އުސް ދެ އުސްތާޒުން ކަމަށްވާ ޢަބްދުﷲ ޞާދިޤާއި ވަލީދާ އީޝާ އެވެ.

އަޝްރަފް ޢަލީ ކުރައްވާފައިވާ ޕޯސްޓެއް – ފޮޓޯ: ކވ:- ޢަބްދުﷲ ޞާދިޤް، ވަލީދާ އީސާ އަދި އަޝްރަފް ޢަލީ

އަޝްރަފް ޢަލީ ގެ މި ސިޓީ ފެނިފައި އަޅުގަނޑުގެ އަމިއްލަ ކަމެއް ހިއްސާކޮށްލާނަމެވެ. އަޅުގަނޑުވެސް ފަސް ވަރަކަށް އަހަރު މުދައްރިސެއްގެ ގޮތުގައި އުޅުނު ދުވަސްވަރުގެ ހަނދާންތަކެކެވެ. އާދެ، އެދުވަސްވަރަކީ މިހާރަށްވުރެންވެސް ބޮޑަށް، މުދައްރިސުންގެ ދުވަހު ހަދިޔާބަދިޔާ ދިނުން ވައިގައި ހިފާފައި އޮތް ދުވަސްވަރެކެވެ. އަޅުގަނޑުގެ ދަރިވަރުންގެ ފަރާތުންވެސް ތަފާތު ވައްތަރުގެ ހަދިޔާތައް އެ މުއްދަތުގައި ލިބުނެވެ. ނަމަވެސް އޭރު ލިބުނު ހުރިހައި ހަދިޔާތަކުގެ ތެރެއިން މިއަދުވެސް އަޅުގަނޑު ރައްކާކޮށްގެން ގެންގުޅޭ ހަދިޔާ ތަކަކީ އޭރު އަޅުގަނޑު ކިޔަވައިދިން ދަރިވަރުން، ގްރޭޑް 2 ނުވަތަ 3 ގައި އުޅެމުން، އެ ދަރިވަރުންގެ އަމިއްލަ އަތުން ކުރަހައި، ލިޔެ ތައްޔާރުކޮށްފައި ދިން ތަހުނިޔާގެ ކާޑުތަކެވެ. މިއަދުވެސް އެ ދަރިވަރުން ލިޔެފައިވާ ޢިބާރާތްތައް ކިޔައިލާ ކޮންމެ ފަހަރު ލޮލުން ފެން އާދެއެވެ. އުފަލުންނެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.