ދުވާލަކު 2 ނުވަތަ 3 ބިސް ކެއުމަކީ ސިއްހަތަށް ފައިދާހުރި ކަމެއްކަމަށް މިއަދު ޑޮކްޓަރުން ބުނެއެވެ. ދުވާލަކު 2 ބިސް ކާނަމަ އުރަމަތީގެ ކެންސަރު %18 ދަށްކޮށްދޭކަމަށް ކެންސަރާބެހޭ މައުލޫމާތުދޭ ނޫހެއްގައި ލިޔެފައިވެއެވެ. ބިހުގައި މަތީ މިންވަރަކަށް ވިޓަމިނާއި މައުދަނީލޮނު (މިނެރަލްސް) އާއި އެމިނޯ އެސިޑް ހިމެނެއެވެ. މިމާއްދާތަކުން ހަށިގަނޑުގެ އެސްޓޯޖަން މިންވަރު ހެޔޮވަރުކޮށްދެއްވެ.

ކޮލެސްޓްރޯލް ގެ ތެރޭގައި “ރަނގަޅު” ކޮލެސްޓްރޯލާއި “ނުބައި” ކޮލެސްޓްރޯލް ހުރެއެވެ. ހިތުގެ ބަލިތަކުން ދިފާޢުކޮށްދޭ ރަނގަޅު ކޮލެސްޓްރޯލް ބިހުގައި ހިމެނެއެވެ. ކަންވަނީ މީގެ އިދިކޮޅަށްކަން އެކި ލިޔުންތަކުން ކުރިން ފެނިފައި ވެދާނެއެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ދިރާސާތަކުން ދައްކައިފިއެވެ.

ލޫސިއާނާގެ ބައޯމެޑިކަލް ރިސަރޗް ސެންޓަރުން 153 ފަލަ ފިރިހެނުންނާއި ފަލަ އަންހެނުން ބޭނުންކޮށްގެން ދިރާސާއެއް ހެއްޖެވެ. މިމީހުން 3 ގްރޫޕަކަށް ބަހާލައި ފުރަތަމަ ގްރޫޕްގެ މީހުން ދުވާލަކު 2 ބިސް، ދެވަނަ ގްރޫޕް ޕާންފޮއްޗެއް، ތިންވަނަ ގްރޫޕް އެއްވެސް އެއްޗެއް ނުކައި މިދިރާސާގައި ބައިވެރިވިއެވެ. ފުރަތަމަ ގްރޫޕްގެ މީހުން %75 ބަރުދަން ލުއިވިއެވެ. ދެވަނަ ގްރޫޕްގެ މީހުންގެ %35 ބަނޑުގެ ސަރުބީ ވިރުނެވެ. މިއިން އެއްވެސް ގްރޫޕެއްގެ މީހުންގެ ކޮލޮސްޓްރޯލްގެ މިންވަރަކަށް ބަދަލެއް ނާދެއެވެ.

ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ވިޓަމިނެއް ކަމުގައިވާ ލުޓެއިން ބިހުގައި ވަރަށް މުއްސަންޖެވެ. ލޮލުގައި ގުދްރަތީގޮތުން ހިމެނޭ މިމާއްދާއިން، ގަދަ އަވިން ލިބޭ ގެއްލުންތަކުން ލޮލުގެ ކަޅި ސަލާމަތްކޮށްދީ ލޯފުސްވުން ދުރުކޮށްދެއެވެ.

ފޮސްފޯލިޕިޑް އަކީ ސިކުނޑިއަށް މުހިންމު ވިޓަމިނެއްކަން ސާބިތުވެފައިވެއެވެ. ދުވާލަކު 2 ބިސް ކާނަމަ މިމާއްދާ ލިބޭނެއެވެ. އެހެންނޫނީ ހަނދާންނެތުމުގެ ބަލިޖެހުމަކީ ދާދިގާތުގައިވާ ކަމެކެވެ. ޖަރުމަނުގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި އާދަކޮށް ބިސްކާނަމަ ޒުވާންކަން ދަމަހައްޓައި ހަމުގެ ކެންސަރުން ދިފާޢުކޮށްދެއެވެ. މިކަމަށް މެދުވެރިވަނީ ބިހުގައިވާ ކެރޮޓެނޮއިޑްސް ކިޔާ މާއްދާއެކެވެ. މީގެ ފައިދާ ލިބިގަންނަން ބިސްކާންޖެހެނީ ކައްކައިގެންނެވެ. ކެރޮޓެނޮއިޑްސް ގެ ބާރުގަދަވަނީ ކެއްކީމައެވެ.

އެކިއެކި ދިރާސާތަކުން ދައްކާގޮތުގައި ހެނދުނުގެ ނާސްތާގައި ކުކުޅުބިސް ކެއުމަކީ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. އެއީ އޭގައި މާގިނަ ކެލޮރީ ނުހުންނާތީއެވެ. ބިސްކެއުމުން ހައިނުވެ ގިނައިރު ހުރެއެވެ. ވީމާ ގިނަގިނައިން ކާކަށް ނުޖެހެއެވެ.

ބިހަކީ މަތީ މިންވަރަކަށް ވިޓަމިން D އެކުލެވޭ ކާނާއަކަށްވާތީ، ބިސްކެއުމުން ކަށްޓާއި ދަތްތައް ވަރުގަދަވެ ހަށިގަނޑަށް ބޭނުންވާ ކެލްސިއަމް ލިއްބައިދެއެވެ.

ކުރިން އެނގިފައިވާގޮތާ ޚިލާފަށް ބިހަކީ ކާނާގައި ކޮންމެހެން ހިމަނަންޖެހޭ އެއްޗެކެވެ. އޭގައި ތަފާތު ފައިދާހުރި ވިޓަމިން އެކުލެވިގެން ވެއެވެ. ހިތުގެ ބައްޔެއް ނުވަތަ ހަކުރުބަލި ނެތްނަމަ ތަޖްރިބާކާރުން ލަފާދެނީ ދުވާލަކު 2 ނުވަތަ 3 ބިސް ކެއުމަށެވެ. މިފަދަ ބަލިބަލީގެ މީހުން ހަފުތާއަކު 3 ބިސް ކެއުން އެންމެ ރަނގަޅެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.