ތައާރަފް
ދަނޑުތަކުގައި އުޅޭ ގަހަށް ގެއްލުންދޭ ދިރޭ ކުދި ސޫފާސޫފީގެ ކިބައިން ގަސްތައް ސަލާމަތްކުރުމަށް ތަފާތު ވައްތަރުގެ ޓްރެޕް (ދަންތުރަ) ތައް ބޭނުންކުރެވިދާނެއެވެ. މިފަދަ ދަންތުރަތައް ބޭނުން ކުރުމުގެ ސަބަބުން ދިރޭ ސޫފާސޫފި ގަސްތަކުގައި އާލާވަމުންދާ މިންވަރު ކުރިޔާލާ ދެނެގަނެވުމުގެ ފުރުޞަތު އޮވެއެވެ. އަދި އެފަދަ ސުފާސޫފި ނައްތާލުމަށް ނުރައްކާތެރި ކެމިކަލްތައް ބޭނުން ކުރުމުގެ ބަދަލުގައި ތިމާވެށްޓާއި ރައްޓެހި ގޮތްތައް ބޭނުން ކުރުމަށް އެކަށީގެންވާ ވަގުތުވެސް ލިބިގެންދެއެވެ.

ފަސޭހަ ކަމާއެކު ތައްޔާރުކޮއްލައިގެން ދަނޑުތަކުގައި ބޭނުންކޮއްލެވިދާނެ ދަންތުރަތަކަށް ބަލާއިރު، އަލި ދަންތުރަ ( ލައިޓް ޓްރެޕް އަދި ތަތްލަވާ ދަންތުރަ) އާއި   އިންސެކްޓް ސްޓިކީ ޓްރެޕް ހިމެނެއެވެ. މިއީ ވަރަށް ކާމިޔާބުކަމާއެކު މަސައްކަތްކުރާ ދެދަންތުރަކަން ފާހަގަކުރެވެއެވެ. ޚަރަދު ކުޑަކޮށް އަދި އެހާމެ ފަސޭހައިން ތައްޔާރުކޮއްލެވޭ މިދެދަންތުރައިން ވެސް ތަފާތު ގިނަ ބާވަތްތަކެއްގެ ސޫފާސޫފި ކޮންޓްރޯލް ކުރެވެއެވެ.

އަލި ދަންތުރަ

އަލި ދަންތުރަޔަކީ ދަނޑުތަކުގައި އުޅޭ ފަނިފަކުސާގެ ބަޅިނދު ފަދަތަކެތި ހިފުމަށް ރޭގަނޑުގައި ދަނޑުތެރޭގައި ބަހައްޓާ ދަންތުރައެކެވެ.

މިދަންތުރަ ތައްޔާރުކުރުމަށްޓަކައި ބޭނުންވަނީ:

1- ބާލިދީއެއް، ތައްޓެއް ނުވަތަ ހަންބުރިއެއް ކަހަލަ އެއްޗެއް

2- ކުޑަ ސައިބޯނިކޮޅެއް

3- ކަރަންޓު ނުލިބޭ ސަރަޙައްދެއްނަމަ ބެޓެރީއިން ދިއްލޭ އަލިގަދަ ބޮތްކެއް ނުވަތަ ޓޯޗް ބައްތިއެއް

4- ބޮކި ނުވަތަ ޓޯޗު އެލުވާލާނެ ވާގަނޑެއް

5- ބޮކީގެ އަލި ތިރިޔަށްވާ ގޮތަށް ބެހެއްޓުމަށް ބޮކީގެ މަތީގައި އެޅުވުމަށާއި ބޮތްކާއި ދިމާލަށް މައްޗަށް އަލި ރިފްލެކްޓް ކުރުވުމަށް އޮމާންޓިނު ފަދަ އެއްޗަކުން ތައްޔާރުކޮއްފައިވާ ކޯރިއެއްގެ ބައްޓަމަށް ތައްޔާރުކޮއްލެވިދާނެ އެއްޗެއް (ހޯދާފައިވާ ބާލިދީ، ތަށި ނުވަތަ ހަންބުރި ފަދަ އެއްޗަށް ވުރެ ކުޑަނޫން)

އަލި ދަންތުރަ ތައްޔާރުކުރާނެ ގޮތުގެ ކުރެހުމެއް

ހޯދާފައިވާ ބާލިދީ، ތަށި ނުވަތަ ހަންބުރީގެ ގާތްގަނޑަކަށް މެދަށްވުރެ މައްޗަށް ފެންއަޅާށެވެ. އަދި ފެނުގެ ތެރެޔަށް ގާތްގަނޑަކަށް 50 ގްރާމް ސައިބޯނި ގިރުވާލާށެވެ. އެއަށްފަހު ބޮކީގެ މަތީގައި ކޯރިއެޅުވުމަށްފަހު ފެންއެއްޗާއި ސީދާވާގޮތަށް އެލުވާލާށެވެ.

ރޭގަނޑުގެ ވަގުތުތަކުގައި މިދަންތުރައިގެ ބޮކި ދިއްލާފާ ހުރުމުން ބޮކީގެ އައްޔަށް އަންނަ ސޫފާސޫފި ފެންގަނޑުގެ ތެރެއަށް ވެއްޓޭނެއެވެ. ފެންގަނޑުގެ ތެރެއަށް ވެއްޓިފައި ހުންނަ ބަޅިނދަށް ބެލުމުން ކުރިޔަށް އޮތް ދުވަސްވަރު ދަނޑުތަކުން ދިމާވާނެ ފަނިފަކުސާގެ މައްސަލަތައް ކުރިޔާލާ އަންދާޒާކޮށްލެވޭނެ އެވެ.

100 ފޫޓު 100 ފޫޓުގެ ދަނޑެއްގައި މިގޮތަށް ތައްޔާރުކުރެވިފައިވާ 4 ވަރަކަށް ދަންތުރަ ދަނޑުގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓުމުން ވަރަށް އެކަށީގެންވާ ގޮތަށް މަސައްކަތްކުރާކަން ވަނީ ފާހަގަކުރެވިފައެވެ.

ތަތްކުރާ ދަންތުރަ

ތަތްލަވާ ދަންތުރަ (އިންސެކްޓް ސްޓިކީ ޓްރެޕް) އަކީ އަލި ދަންތުރަޔަށްވުރެވެސް ފަސޭހައިން ތައްޔާރުކޮއްލެވިދާނެ ދަންތުރައެކެވެ. މިދަންތުރަ ތައްޔާރު ކުރުމަށްޓަކައި އަލި ރީނދޫ ކުލައިގެ ޕްލާސްޓިކް ކޮޅެއް ހޯދާށެވެ. މިދަންތުރަ ތައްޔާރުކުރުމަށް ރާއްޖެއިން އާންމުކޮށް ލިބެން ހުންނަ ކުކިން އޮއިލް ހަން ކަފާލައިގެން ބޭނުން ކުރެވިދާނެއެވެ.

ކަފާލާފައިވާ ހަމުގައި ދެފަރާތުން ބޯކޮށް ގިރިސް އުނގުޅުމަށްފަހު ގަސްތަކަށްވުރެ މާއުސް ނުވާނެހެން ގަސްތަކުގެ މަތީގައި އެލުވާލާށެވެ. ނުވަތަ ދަނޑިއެއްގައި ހަރުކުރުމަށްފަހު ގާތްގަނޑަކަށް 4 ވަރަކަށް ފޫޓު އުސްމިނުގައި ހުންނަ ވަރަށް ބިންމައްޗަށް ޖަހާލާށެވެ.

ތަތްކުރާ ދަންތުރައެއް

އަލިކޮށް ހުންނަ ގަދަ ރީނދޫ ކުލަޔަކީ ގާތްގަޑަކަށް ހުރިހާ ބަވަތެއްގެ ސޫފާސޫތްޕެއްވެސް ގަޔާވާ ކުލަޔަކަށްވުމާއެކު ދަނޑުތެރޭގައި އުޅޭ އުދުހޭ ސޫފާސޫފި ވަރަށް ފަސޭހައިން މިދަނތުރައިގާ ޖެހެއެވެ. މިކަހަލަ ދަންތުރަ ބޭނުންކުރާނަމަ ކޮންމެ 4 ފޫޓަކުން ދަންތުރައެއް ވާގޮތަށް ބޭނުންކުރުމުން ކާމިޔާބުކަމާއެކު މިދަންތުރައިގެ ބޭނުން ހިފޭނެއެވެ.

މީގެ އިތުރުން ކުރަފި އަދި ކުދިދޫނި ފަދަ ބޮޑެތި ސޫފާސޫފި ތަތްވާ ފަދަ ރެޑީމޭޑް ދަންތުރަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިން ބޭނުންކޮށް އުޅެއެވެ. ހަމަމިއާއެކު ދަނޑަށް ގެއްލުންދޭ ކުދި ސޫފާސޫތްޕާއި ޖަނަވާރު ކޮންޓްރޯލްކުރުމަށް ޚާއްޞަ ތަތްކުރާ ދަންތުރަތައްވެސް މިހާރު ލިބެންހުރެއެވެ. މިގޮތުން މީދަލާއި ބޮނޑު ފަދަ ކުދި ސޫފާސޫތްޕަށް ޚާއްޞަކޮއްގެން އުފައްދާފައިވާ ތަތްލަވާ ދަންތުރަ މިހާރު ރާއްޖޭގެ ބާޒާރުންވެސް ލިބެންހުރިކަން ފާހަގަކުރެވެއެވެ.

އާންމުކޮށް ކޮންޓްރޯލް ކުރެވޭ ސޫފާސޫފި

މިދެދަންތުރައިންވެސް ގިނަ ބާވަތްތަކެއްގެ ސޫފާސޫފި ކޮންޓްރޯލް ކުރެވެއެވެ. އަލި ދަންތުރައިގާ އާންމުކޮށް ޖެހެނީ ސައިޒުން ބޮޑެތިކޮށް ހުންނަ ބަޅިނދާއި ކޮކާ އަދި މާބުރުފަދަ ތަކެއްކެވެ.

ތަތްލަވާ ދަންތުރައިގާ އާންމުކޮށް ޖެހޭ ބާވަތްތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ މެހި، ހުދު ކޫޑި، އެފިޑްސް، ތްރިޕްސް ފުރުޓް ފްލައި އަދި ދަނޑުތެރޭގައި އުޅޭ އެހެނިހެން އުދުހޭ ކުދި ސޫފިތައް ހިމެނެއެވެ.

އަލި ދަންތުރަ ބޭނުންކޮށްގެން ހިފާ ބަޅިނދާއި ކޮކާ ފަދަ ތަކެއްޗަކީ އެމަރުޙަލާގައި ގަހަށް ގެއްލުންދޭ އެއްޗިއްސެއް ނޫނެވެ. އާންމުގޮތެއްގައި ދަނޑު ތަކަށް ގެއްލުންދެނީ އެތަކެތީގެ ފަނީގެ މަރުޙަލާގައެވެ. އެހެންކަމުން މައި ބަޅިނދު ނުވަތަ ކޮކާގެ އާބާދީ ކޮންޓްރޯލްކުރުމުން ފަނީގެ ސަބަބުން ކުރިމަގުގައި ކުރިމަތިވެދާނެ ގެލުންތައް ކުޑަކުރުމުގެ ފުރުޞަތު ބޮޑުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.