މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އެއަރޓްރެފިކް ކޮންޓްރޯލަރުންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަސް އެއަރޓްރެފިކް ކޮންޓްރޯލަރސް ޑޭ ގެ ގޮތުގައި ފާހަގަކުރަން ފަށާފައިވަނީ އެއަރޓްރެފިކް ކޮންޓްރޯލަރުން ކުރަމުން އަންނަ ބުރަ އަދި ބިޒީ ވަޒީފާގައި އުޅޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
 
 
މި ދުވަސް ފާހަގަކުރަން އިސްނަގާފައިވަނީ ބައިނަލްއަޤްވާމީ އެއަރޓްރެފިކް ކޮންޓްރޯލަރުން ހިއްސާވާ 137 ގައުމު ހިމެނޭ  އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެއަރޓްރެފިކް ކޮންޓްރޯލަރސް އެސޯސިއޭޝަން ‘އައިފަޓްކާ’ ޖަމިއްޔާއިންނެވެ.
 
 
މިއަހަރު އެއަރޓްރެފިކް ކޮންޓްރޯލަރސް ޑޭ ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެއަރޓްރެފިކް ކޮންޓްރޯލަރސް އެސޯސިއޭޝަން (މަޓްކާ) އިން އިންތިޒާމުކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. އެގޮތުން މިއަދު 10 ޖަހާއިރު ރާއްޖޭގެ ހުރިހައި އެއަރޕޯޓެއްގެ އެއަރޓްރެފިކް ކޮންޓްރޯލް ޚިދުމަތްދޭ މަރުކަޒުތަކުގައި ދުވަހާއި ގުޅޭ ޚާއްޞަ ކޭކެއް ފެޅުން އޮންނާނެކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މި ކޭކް ފަޅާއިރު، ފޭސްބްކް ކޯލް ކޮންފަރެންސް ގެ އެހީގައި ހުޅުލޭގައި ހުންނަ މޯލްޑިވްސް އެއަރޓްރެފިކް ކޮންޓްރޯލް ސެންޓަރު ގައި ހުންނަ ސްކްރީނަކުން ހުރިހައި ސެންޓަރުތަކެއްގައި ކޭކް ފަޅާ މަންޒަރު ފެނިގެންދާނެ އެވެ.
 
 
އެއަރޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތަކީ އެއް މަތިންދާ ބޯޓް އަނެއް މަތިންދާ ބޯޓާއި ޖެހުނަނުދިނުމާއި ރަންވޭ އާއި އޭޕްރަން ސަރަޙައްދުގައި އެއްބޯޓް އަނެއް ބޯޓާއި ޖެހުނަނުދިނުމަށް ޕައިލެޓުންނަށް އިރުޝާދު ދީ ބޯޓްތައް ދުއްވުމަށް އެހީތެރިވެދޭ ޚިދުމަތެކެވެ. މީގެ އިތުރުން ރަންވޭ، އޭޕްރަން ސަރަޙައްދުގައި ޙަރަކާތްތެރިވާ ވެހިކަލްއާއި މީހުން އަދި ބޯޓްގެ ބައެއް ޖެހިދާނެފަދަ ތަކެތިން، މިސާލަކަށް ހޮޅިދަނޑި (ލައިޓް ޕޯސްޓް) ފަދަ ތަކެތީގައި ޖެހުނަނުދިމަށް އިރުޝާދު ދިނުމާއި ވައިގެތެރޭގައި ޓްރެފިކް ވަކި ތަރުތީބަކުން ދައުރުކުރުވުމުގައި ޙަރަކާތްތެރިވާ ބިޒީކޮށް (ވަދިކޮށް) ކުރާ މަސައްކަތްތަކެއް ހިމެނޭ ޚިދުމަތެކެވެ. 
 
 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.