އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ދިވެހިބަހުން، ތާނައަކުރުން ކުރެއްވި ޓުވީޓަކީ ބިރެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރަމުންދާއިރު، އަނެއް ބަޔަކު އެކަން ފާހަގަކުރަމުން ދަނީ އުފާވެރިކަމެއްގެ ގޮތުގައެވެ. ސިޔާސީ ބޭފުޅުންގެ ތެރެއިން ބައެއް ފަރާތްތަކުން ވިދާޅުވަނީ މިއީ ބިރުވެރި މަންޒަރެއް ކަމަށެވެ. އަނެއްބަޔަކު ފާހަގަ ކުރަނީ މިއީ ދިވެހިންނަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ. ދިވެހިބަހަށް ލޯބިކުރައްވާ ބައެއް ބޭފުޅުންވެސް މިކަމާ އުފާކުރައްވާ ޝުޢޫރު ފާޅުކޮށްފައި ވާތަން މީސްމީޑިއާ އަށް އަންނަނީ ތިލަވަމުންނެވެ.

 

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ ޓުވީޓަކީ ބިރުވެރި މަންޒަރެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާދަމް އިއްޔެ ވަނީ ސިފަކުރައްވާފަ އެވެ. މޯދީގެ ޓްވީޓަށް އިޝާރާތްކުރައްވާ އަލީ އާދަމް ވިދާޅުވީ، ދިވެހިންނަކީ އެހެން ޤައުމެއްގެ ބަޔަކު ބުނެގެން އެމީހުންގެ ދިރިއުޅުން އުޅެން ޖެހޭ ބަޔެއް ކަމަށް ޤަބޫލް ނުކުރައްވާ ކަމަށެވެ. 

 

ސިޔާސީ މައިދާނުން ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފް ވަނީ މޯދީގެ ޓްވީޓާއިމެދު ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ.

 

“އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހި ބަހުން ޓުވީޓެއް ކުރެއްވިކަމީ ދިވެހިންނަށް ލިބުނު ބޮޑު އުފަލެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ.” މަހްލޫފް ކޮށްފައިވާ ޓްވީޓެއްގައި ފާހަގަކޮށްފައިވެއެވެ.

 

މޯދީ ކުރެއްވި ޓްވީޓާއިމެދު ދިވެހިބަހުގެ އެކެޑެމީގެ ރައީސް ވެސް ވަނީ އުފާފާޅުކުރައްވާފައެވެ.

 

“މިއީ ކުޑަ ކަމެއް ނޫން. ވ ވ ވ ބޮޑު ކަމެއް. އާބާދީ ބޮޑު، ބާރާއި ނުފޫޒު ގަދަ ގައުމެއްގެ ވެރިޔަކު އޭނާގެ އަމިއްލަފުޅު ޓުވީޓަރ އެކައުންޓުން ދިވެހިބަހުން ޓުވީޓުކުރެއްވުމަކީ ދިވެހިބަހުގެ މައްޗަށް ދުނިޔޭގެ އެތައް ލޮލެއްގެ ސަމާލުކަން ހުއްޓޭނޭ ކަމެއްކަން ކަށަވަރެވެ. މިއީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭނެ ކަމެކެވެ. ވަކީން ޚާއްޞަކޮށް ތާނައަކުރުން މެސެޖުކުރެއްވިކަން މިއީ އަދުގެ ސުމޭކު ދުނިޔޭގައި ތާނައަށް އޮތްފަހިކަން ހާމަވާ އަލި ގަދަ ހެއްކެއް ވެސް މެއެވެ. މިހެން ވުމުން ބޮޑުވަޒީރު މޯދީއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.” ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީ އޭނާގެ ފޭޭސްބްކްގައި ކޮށްފައިވާ އަދާހަމައެއްގައި މިކަން ފާހަގަކުރެއްވީ މިހެންނެވެ.

 

ދިވެހިބަހުގެ އެކެޑެމީގެ ބަސްކޮމެޓީގެ މެންބަރެއްކަމަށްވާ އިޔާސް ނަސީމު ވެސް ވަނީ މިކަމާމެދު ހިތްހަމަޖެހުން ފާޅުކުރައްވާ އަދާހަމައެއް ކުރައްވާފައެވެ.

 

“އިންޑިޔާގެ ބޮޑުވަޒީރު ދިވެހި ބަހުން ކުރެއްވި ޓްވީޓް. ގާންދީ އަށް ޚާއްޞަ މި މުނާސަބާއި މޯދީ ވަނީ ދުނިޔޭގެ އެތައް ބަހަކުން ޓްވީޓް ކޮށްފައި. އޭގެ ތެރޭގައި ޢަރަބި ބަހާއި މަލްޓާ ބަސްވެސް ހިމެނޭ.” އިޔާސް ފާހަގަ ކުރެއްވިއެވެ.

 

ކޮންމެއަކަސް، ޚިޔާލަކީ ތަފާތު އެއްޗެކެވެ. ނަމަވެސް ކޮންމެ ކަމެއް އެއީ ސިޔާސީ ކަމަކަށް ނުވަތަ ލާދީނީ ކަމަކަށް ހެދުމަށް މަސައްކަތްކުރުން އެއީ ހަމަޖެހޭ ސިކުނޑިން ވިސްނާ ފިކުރުހިންގާ މީހުންނަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.