ކޮލެޖު ނިންމާފައި ނަހުޔާން ގެއަށް ދިއުމަށް ހިނގަމުން ދިޔައީ ހައްދުންމަތީ ލިންކްރޯޑުންނެވެ. ލ. ގަމު އަލަށް އާބާދުވަމުން އަންނަ ސަރަޙައްދުގައި ހުންނަ އޭނާގެ ގެއަށް ދިއުމަށެވެ. ތ. ގާދިއްފުށިން ގަމަށް އެމީހުން ބަދަލުވީ މީގެ ތިން މަސް ކުރިންނެވެ. ޝަރީޢާ އިން ލޯ ހެދުމަށް ނަހުޔާން ކޯސް ހަދަމުން ގެންދަނީ ލ. ގަމުގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުންނެވެ.
މާބޮޑު ފިކުރުތަކެއްނެތި ދުވާރުމަތިން ހިނގަމުންގޮސް އޭނާގެ ގެ ހުންނަ މަގަށް އެޅިއެވެ. ކުއްލިއަކަށް އޭނާގެ ގައިގައި އައިސް ލައިގަތީ ކުރިމަތިން އޮތް ގޯޅިން ވަރަށް ބާރަށް ދުވަމުން އައި ޒުވާނެކެވެ. ޖެހުނުލެތް ބާރުކަމުން ނަހުޔާން ގެ އަތުގައި ހުރި ފޮތްތައް ބުރައިގެން ދިޔައެވެ. ގައިގައި ލައިގަތް ޒުވާނާ ފަސްއެނބުރި ބަލައިލުމެއް ނެތި ދުވަމުންދިޔައީ ކޮންމެވެސް މީހެއް ނުވަތަ ބައެއްގެ އަތުގައި ނުޖެހުމަށެވެ. ފޮތްތައް ނަގަން ގުދުވެގެން އޮއްވާ ކުރިމަތީގައި ދެމީހަކު ހުއްޓުނުހެން ހީވެގެން ބަލައިލިއިރު ފުލުހުންގެ ދެމީހުން ތިއްބެވެ.
“ދުށިންތަ މިހެން ދުވެފަ ދިޔަ މީހެއް؟” މާނޭވާ ލަމުން އެތަނުން ފުލުހަކު ސުވާލުކުރިއެވެ. ގަތްފައި ހުރި ބިރާއި ބުނާނެ ވަކިއެއްޗެއް ނޭނގުމުން އަތުގެ އިޝާރާތުން އެބުނާ ޒުވާނަކު ދިޔަ ދިމާ ދެއްކިއެވެ. ފުލުހުން އަވަސް އަވަހަށް އެދިމާއަށް ދުއްވައިގަތުމުން ފޮތްތައް ނަގައި ތަރުތީބުކޮށްލަމުން ނަހުޔާން ވެސް ހިނގައިގަތެވެ.
************
“ހޫމް…. އާދެވިއްޖެ ދޯ!” ގެއަށް އައިސް ވަނުމާއެކު ނަހުޔާންގެ ކަންފަތުގައި ޖެހުނީ އޭނާގެ ބައްޕަގެ އަޑެވެ.
“މިހާރުވެސް މިއުޅެނީ މިގޭ ކަރަންޓުބިލު ވެސް ނުދެއްކިގެން. އުޅޭއިރު ކަލޭ ތިއުޅެނީ ދެއިރު ދެދަޅައަށް ފޮތްބޮނޑި ހިފައިގެން ދެކޮޅަށް ހިނގުމުގަ. ބަލަ ކަލޭ ލަދެއްވެސް ނުގަނޭތަ ކަލޭގެ ދައްތަ ލައްވާ މަސައްކަތް ކުރުވައިގެން ލިބޭ ލާރިން ތިހެން އުޅޭކަށް؟” އާދައިގެ މަތިން އިދުރީސް ކޮންމެ ދުވަހަކު ދަމާ ހާސަރުތައް މިއަދުވެސް ފެށިއެވެ. ނަހުޔާން ހުރީ އަޑުއަހާށެވެ. އޭނާގެ ބައްޕަ ކުރިމަތީގައި އެއްޗެއް ބުނަން ބޭނުންނުވާތީ އެވެ.
“ދަރިފުޅާ…. އާދޭ މިކޮޅަށް. މަންމަ މިހިރީ ނޫޑްލްސް ކައްކާފަ.” ޒުބޭދާ ބޭނުންވީ ދެބަފައިންގެ ކޯޅުމެއް ފެށުމުގެ ކުރިން ނަހުޔާން އެތަނުން ދުރަށް ގެންދާށެވެ.
************
“ދައްތާ! … ކީއްވެގެންތަ ބައްޕަ އަހަރެންދެކެ އެހާ ރުޅިއެއް އެ އަންނަނީކީ. އަޅެ އަހަރެންވެސް މި ކިޔަވަނީ ހަމަ ބައްޕައާއި މަންމައާ އަދި ދައްތައަށްޓަކައެއް ނޫންތަ؟ އަހަރެން ކިޔަވާ ނިމިގެން ލޯޔަރަކަށް ވީމަ، އިންޝާﷲ ދައްތަވެސް ނުޖެހޭނެ ހޮސްޕިޓަލުގަ ކުނިކަހާ މީހަކަށް ވެގެން އުޅޭކަށް.” ނަހުޔާންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮހެލަމުން ބުންޏެވެ.
“ކޮއްކޯ…. ބައްޕަ އެހެން ކިޔާހާ އެއްޗަކާ އަޅާނުލާށޭ ދައްތަ އަބަދުވެސް ބުނަމެއްނު ދޯ! ހޫމް…. ތިއެއްނޫނޭ… ކޮބާ އެއްކަލަ ސަޅި ކުއްޖާއަށް ޕްރޮޕޯސް ކޮށްފިންތަ؟” ނިހާޔާ ބޭނުންވީ އޭނާގެ ކޮއްކޮ ދައްކަންފެށި ވާހަކަ އޮއްބައިލާށެވެ.
“އައްދޭ… ދެން ކޮންމެހެން ވާހަކަ އޮއްބާލަން ތިހެން ނޭހިޔަސް އޯކޭއޭ. ދައްތަ ކައިރީ މިއަދު ހެނދުނުވެސް ބުނީމެއްނު ޕްރޮޕޯސް ކޮށްފީމޭ، އާންސަރ ވެސް ލިބިއްޖޭ.” ނަހުޔާން ހީނލަމުން ބުންޏެވެ.
************
ދުވަސްތައް ފާއިރުވަމުން ދިޔައީ އާދައިގެ ގޮތަކަށެވެ. ނަހުޔާންގެ ބައްޕަގެ ފަރާތުން ކެނޑިނޭޅި ލިބެމުންދިޔަ ބަދު ބަސްތައް ދިޔައީ ތަކުރާރުވަމުންނެވެ. ނަހުޔާންގެ ބައްޕަ ނަގާފައިވާ ލޯނަށް ފައިސާ ނުދެއްކިގެން އެކަމުގެ ހުރިހައި ރުޅިއެއް ބާލަމުންދަނީ ނަހުޔާން އަށެވެ. އާއިލާގެ ހުރިހައި ޒިންމާއެއް އުފުލަމުން ދިޔައީ ނިހާޔާ އެވެ.
ކުލާސް ނިމިގެން ނަހުޔާން ގެއަށްދާކަށް މިއަދު ބޭނުމެއް ނުވިއެވެ. ބޭނުންވީ ކޮންމެވެސް ދިމާއަކަށް ހިނގާލަން ދާށެވެ. އެހެންކަމުން އޭނާ މިސްރާބު ޖެހީ ކަސްޓަމްސް ސަރަހައްދާއި ދިމާ އޮންނަ ގޮނޑުދޮށަށް ދިއުމަށެވެ. އެދިމާއަށް ދިއުމަށް އޮންނަ މަގުގެ މެދެއްހައި ހިސާބަށް ދެވުނުތަނާ ސައިކަލެއްގެ އަޑު އިވިގެން ފަސްއެނބުރި ބަލައިލިއެވެ. އޭރު އޭނާއާއެކު އެއް ކުލާހުގައި ކިޔަވަމުން އަންނަ ރިޝާން އޭނާގެ ޕަލްސާ ސައިކަލްގައި އައިސް މަޑުކޮށްލަނީއެވެ.
“އޭ ނައްޓެ ކޮންތާކަށް ތި ކަނޑަނީ؟ ބިޓަކަށް ގަޑިކިޔައިގެން ބީޗަށް ދަނީދޯ؟” ރިޝާން އޭނާގެ ސްޓައިލްގައި ވާހަކަދައްކަން ފެށިއެވެ.
“ނޫނޭ ރިޝާން. މިދެން ހަމަ ހާސްކަން ފިލުވައިލަން މިހެން ހިނގާލަނީ. މިރަށުގަ އަހަރެން ދާނެ ތަންތަނެއް ނުހުންނާނެ ދޯ. އެހެންވެ.” ނަހުޔާން ގެ ހިތުގައި ހުރި އުދާސްތައް ގިނަކަން ރިޝާން އަށް ވިސްނުނެވެ.
“ތިޔޭ އެއްކަލަ. ތިގޮލާ ނުޖެހޭނެ ދޯ ރިއްޓެ މިހެން ހުއްޓާ ތިހެން ހާސްވެގެން އެނބުރޭކަށް. ނިކަން ހިނގައިބަ މަށާއެކު ދިމާލަކަށް. ކައޭ ހާސްކަން ފިލުވާލަދޭނަން.” ދަނޑިވަޅުގެ ބޭނުން ހިފުމަކީ ރިޝާން ނިކަން ފަރިތަކަމެކެވެ.
ނަހުޔާން ގެ ސިކުނޑިއަށް ވެރިވެފައިވާ ހާސްކަމާއި، ރިޝާން އަކީ ދަންނަ މީހެއްކަމުން ވަގުތުން ސައިކަލަށް އެރިއެވެ. ދުމެއް ޖަހާފައި ގޮސް ރިޝާންގެ ސައިކަލް މަޑުކޮށްލީ ގަމު ތުނޑީއަވަށު ތުނޑިއާވީ ކޮޅުގައި ހުރި ފަޅު ގޯއްޗެއް ކައިރިއަށެވެ.
************
ފަޅުކޮށްފައި ހުރި ގޭތެރެއަށް ވަދެގެން ގޮސް ގޭގެ އެންމެ ފުލުގައި ހުރި ކޮޓަރިއަށް ވަތްއިރު، އެތަނުގައި ތިބި ދެތިން މީހުން ތިބީ މަސްތުވާތަކެތި ބޭނުންކުރަން ކަން ނަހުޔާން އަށް ފާހަގަކުރާކަށް އެހާގިނަ ވަގުތެއް ނުނެގިއެވެ.
“އޭ ރިޝާން، ހިނގާ މިތަނުންދާން. އަހަރެން ތިކަހަލަ ކަމެއް ކުރާކަށް ބޭނުމެއް ނޫން.” ނަހުޔާން ވަގުތުން ދެކޮޅު ހެދިއެވެ.
“ޗުސް-ޗުސް-ޗުސް ނައްޓެ ބީ ކޫލް ބަޑީ. މީޓް ކޮށްބަލަ މަގޭ ބޮސް ޓާޔާ އާ. ދެން މިތިބީ ޒެންޓޭ އަދި ގަޓޭ. މަގޭ ބޮސް ޓާޔާ ކިޔައިދޭނެ ކަލޭގެ ޓާސްކް.” ރިޝާން އަކީ މިފަދަ ޝިކާރަ ކުރުމަށް ނިކަން ފަރިތަ މީހެއްކަމުން އޭނާގެ އާއްމު އުކުޅު ޖެއްސިއެވެ.
“ހޫމް… ނައްޓެ ދޯ. ނައްޓެ އައިސް މިތާ ޖައްސާލަބަލަ. އެއަށްފަހު އަހަރެން މިި ދޭ ޖޮއިންޓުން ހަމަ އެންމެ ޕުލް އެއް ދަމާލާފަ ނައިސްވެލައިގެން އަހަރެން މި ބުނާ ޓާސްކް އަޑުއަހާ. އޭރުން ތިގޮލަޔަށް ލިބޭނެ ވަގުތުން ފިފްޓީ-ކޭ ކޭޝްކޮށް. ސަޅިއެއްނު.” ޓާޔާ ހިނިގަނޑެއް ޖަހައިލަމުން އަތުގައި އޮތް ތެޔޮބިޑި ދަމައިލިއެވެ.
ފިކުރުތަކުން ހާސްކަން ލިބިފައިވާ ނަހުޔާން ގެ ސިކުނޑި އެނބުރިގެން ދިޔައީ ވަރަށް ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އާއިލާއަށް ކުރިމަތިވެފައިވާ ފައިސާގެ ދަތިކަން ހިތަށްވަނުމާއެކު ރިޝާންގެ މަޅީގައި ރަނގަޅަށް ޖެހިއްޖެއެވެ. އަތޮޅަށް ފެރީދަތުރު ކުރާ އޮޑިތަކުގެ ބަނޑުފިލައަށްވެސް ސިއްރުންގެންނަ ‘އެތިކޮޅު’ ނަގައިގެން އެމީހުންގެ ބޮސް ޓާޔާ އާއި ހަމައަށް ގެންގޮސްދިނުމަކީ ނަހުޔާންގެ ވަޒީފާއެވެ. ރިޝާން އޭނާގެ ބޮސްއަށް ޓެލިވަރީކޮށްދޭނެ މީހެއް ހޯދައިދޭން އިޚްތިޔާރުކުރީ މައުސޫމު ސޫރައެއް ލިބިފައިވާ ނަހުޔާން އެވެ. ނަހުޔާން ގެ މަޖުބޫރީ ހާލަތު އެނގޭތީއާވެސް އެކުގައެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ ދަލުގައި ނަހުޔާން ޖެއްސީ ނަހުޔާންގެ ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމަށެވެ.
************
“މިރޭ އޮތީ ވަރަށް ތަފާތު ޓާސްކެއް. އަހަރުންނަށް އިންފޯ ލިބިފައި އެބައޮތް މޯރ ދެން ސެވަންޓީ-ކޭ ގެ ކޭޝް ނަގައިގެން ދާމީހެއްގެ ރޫޓްސް. ސޯ ޔޫ ގައިޒް ހޭވްޓު ލޫޓް ހިމް އޯކޭ.” ބޮސް ޓާޔާ ގެ އިނގިރޭސި ކަމާއެކު މިރޭގެ ޓާސްކް އޮޅުންފިލުވައިދިނެވެ.
************
ހަމަހިމޭން ކަން ވެރިވެފައި އޮތް މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަހުޔާން އާއި ރިޝާން އަދި ނަރީޝް ތިބީ ވިނަގަނޑު ތެރެއަށްވަދެ ފާރަލުމަށެވެ. އެމީހުން ޝިކާރަކުރަން ބޭނުންވާ މީހާ އެމަގުން ހިނގާފައި ދާނެކަމަށް ބެލެވޭ ވަގުތުގެ އިންތިޒާރުގައެވެ. އެމީހުން ކުރަމުންދިޔަ އިންތިޒާރުގެ ނިމުން އައުމަށް އެހާގިނަ ވަގުތެއް ނުނެގިއެވެ. ކިހިލީގައި ދަބަހެއް ޖަހައިގެން ހުރި މުސްކުޅިފުރާގެ މީހަކު އެމީހުން ތިބި ހިސާބުގެ ކުރިމަތިން އޮތް ގޯޅިއަކުން ނިކުތީ ލ. ގަމު ކައުންސިލް އިދާރާގެ ފުރަގަހުން އޮންނަ މަގަށެވެ. އެމީހާ ހިނގަމުން ދިޔައީ ތުނޑީ ބަނދަރު ސަހަރައްދުގައި ހުންނަ ފިހާރައަށް ދިއުމަށެވެ. ފިހާރައިގެ ސޭޓް އަތަށް ފައިސާ ހަވާލުކުރުމަށެވެ. މާދަމާ ފޮނަދޫ ބޭޭންކަށް ގޮސް ލޯނުދައްކައިދިނުމަށް ފިހާރައިގެ ސޭޓް އެއްބަސްވެފައި ވާތީއެވެ.
************
ހިނގަމުންދިޔަ މުސްކުޅި މީހާގެ ފަހަތުން ގޮސް އޭނާގެ ބޮލުގައި އެތިފަހަރެއް ޖެހީ ނަހުޔާން އެވެ. އެވަގުތު އެމީހާގެ އަނގައިން އާހެއްގެ އަޑު ބޭރުވުމާއެކު ބިންމައްޗަށް ވެއްޓިއްޖެއެވެ. ހަނދުވަރުގެ އަލިކަމުގެ ތެރެއިން އެމީހާގެ މޫނު ނަހުޔާނަށް ހަމަ ރަނގަޅަށްވެސް ފާހަގަ ކުރެވިއްޖެއެވެ. ނަހުޔާނަށް ހީވީ އޭނާގެ ވަށައިގެން ދުނިޔެ އެނބުރެން ފެށިހެންނެވެ. ރިޝާން އާއި ނަރީޝް އަވަސް އަވަހަށް ފައިސާ ދަބަސް ހިފައިގެން ދުއްވައިތީ އަވަހަށް ފިލާ ރައްކާވުމަށެވެ. އެމީހުން ނަހުޔާނަށް ގޮވަމުން ހަޅޭއްލަވަމުން ދިޔައިރު، ނަހުޔާނަށް ހުރެވުނީ ގަނޑުވެފައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ވެއްޓިފައި އޮތް މީހާ ކައިރީގައި އިށީންދެ އެމީހާގެ ނޭވާ ޗެކްކޮށްލި އެވެ.
‘ނަސީބެކެވެ. ނޭވާ އެބަލައެވެ. އިރާދަކުރެއްވިއްޔާ މާބޮޑުކަމެއް ނުވާނެއެވެ. އަހަރެން އަވަހަށް މިތަނުން ބަޗަންވީއެވެ.’ ނަހުޔާން ގެ ކުށްވެރި ސިކުނޑިން ވިސްނައިދިންގޮތަށް އަވަސް އަވަހަށް އެތަނުން ފިލައި ރައްކާވެއްޖެއެވެ.
************
ފަތިސްވެ އަލިވިލެންދެން ނަހުޔާން މަޑުކުރީ އެމީހުންގެ އައްޑައިގައެވެ. ލިބިފައިވާ ހާސްކަމުގައި އެންމެ ލޮލުފިޔައެއްވެސް ނުޖެހެއެވެ. ގެއަށް ދިއުމަށް ސައިކަލު ސްޓާޓް ކޮށްލުމުގެ ކުރިން ފޯނު އޮންކޮށްލި އެވެ. ފުލުފުލުގައި އަންނަންފެށީ އޭނާގެ ދައްތަގެ މެސެޖް ތަކެކެވެ.
‘ބައްޕަ އަށް ބަޔަކު ހަމަލަދީގެން ވެއްޓިފަ އޮއްވާ ބަޔަކަށް ފެނިގެން ހޮސްޕިޓަަލަށް ގެނެސްގެން މިއުޅެނީ.’ އެތަނުން އެއް މެސެޖްގައި އޮތް އިބާރާތްކޮޅު ފެނިފައި ނަހުޔާން ގެ ގައިން ތުރުތުރު އަޅައިގަތެވެ. ނަމަވެސް ހިތްވަރުކޮށްފައި އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ.
************
ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް ނަހުޔާންގެ ބައްޕަ ކައިރިއަށް ވަދެވުމާއެކު ނަހުޔާނަށް ރޮއެގަނެވުނެވެ. އޭނާގެ ބައްޕަ އޮތް ހާލު ފެނިފައެވެ. ޚުދު އޭނާގެ އަމިއްލަ އަތުން އޭނާގެ ބައްޕައަށް ދިން ހަމަލާއެއްގެ ޝިކާރައަކަށް ވެގެންނެވެ. ޑޮކްޓަރުން ބުނިގޮތުން އޭނާގެ ބައްޕަގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އެއްފަޅިވަނީ ވާގިގޮސްފައެވެ. ނަހުޔާނުގެ ދިރިއުޅުން ދީލިކަޑަވުމުގެ ސަޒާ މިއަދު ލިބެމުން އެދަނީ އޭނާގެ ބައްޕައަށެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!