މަޝްހޫރު އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)ގެ އާއި ލަވަކިޔުންތެރިޔާ މުހައްމަދު ރިއްފަތު އަދި އެކްޓަރ ޒިޔާ ޕްރޮޑިއުސްކޮށްފައިވާ ކުޑަކުދިންގެ ފިލްމު ‘ކަނޑު އިބްލީސް’ އަންނަ މަހު ސިނަމާތަކަށް އަރާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

 

ކުޑަ ކުދިންނަށް ޚާއްސަަ ކޮށްގެން ހަދާފައިވާ ފިލްމު “ކަނޑު އިބިލީސް” އަންނަ މަހު ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެ ފިލްމުގެ ޓީމުން ބުނެފައިވާއިރު، އަދި ތާރީޚެއް ކަނޑައެޅިފައި ނުވާކަމަށާއި ވަރަށް އަވަހަށް ފިލްމު އަޅުވާނެ ތާރީޚެއް އިޢުލާނުކުރާނެ ކަމަށް ފިލްމު އުފެއްދުމުގައި މަސައްކަތްކުރި ފަރާތްތަކުން ބުނެއެވެ.

 

ފިލްމުގެ ހުރިހާ މަސައްކަތެއް ނިމިފައި ވާއިރު، ވަރަށް އަވަހަށް ފިލްމުގެ ޕޯސްޓަރުތައް ބެލުންތެރިންނަށް ދައްކާލައި އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މީޑިއާކަށް މަޢުލޫމާތު ދެމުން ޒިޔާ ބުންޏެވެ. އަދި ފިލްމުގެ ޕްރޮމޯޝަަނަލް ލަވަ ވެސް އަންނަ މަހު ބެލުންްތެރިންނާ ހަމަޔަށް އަންނާނެ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

 

‘ކަނޑު އިބްލީސް’ ރަސްމީކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި ފިލްމު ޝޫޓްކޮށްފައިވާ ރަށް، ކުޅުދުއްފުށީގައެވެ. މި ފިލްމުގައި ކުޅުދުއްފުށީގެ 100 އަށްވުރެން ގިނަ މީހުން ބައިވެރިވެފައިވެއެވެ.

 

ކުޅުދުއްފުށީގެ އިތުރުން މާލެ، ހުޅުމާލެ އަދި ޝްވެކް ސިނަމާގައި ފިލްމު އަޅުވާއިރު ކޮންމެ ތަނެއްގައިވެސް ފިލްމުގެ ދެ ޝޯ ދެއްކުމަށް ހަމަޖެހިފައިވެއެވެ.

 

‘ކަނޑު އިބިލީސް’ ގެ ޓިކެޓްގެ އަގު އެހެން ފިލްމުތަކަށް ވުރެއް ބޮޑުތަން އަގުހެޔޮވާނެ ކަމަށް ވެސް މަޢުލޫމާތު  ލިބެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.