މުޅި ރާއްޖެ އޮތީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ވެރިރަށް ހީވަނީ ބަޑީގެ އަޑުން ފަޅައިގެން ހިނގާދާނެ ހެންނެވެ. ސިފައިންގެ ތެރޭގައި ތިބި ހިތްވަރުގަދަ ސިފައިން ހަމަލާ ދެމުން ދިޔައީ ކުއްލިއަކަށް ފަތިހު މާލެ އަރައި، ރާއްޖޭގެ ސަލާމަތީ އެންމެ ބޮޑު މަރުކަޒު ހިފަން އަމާޒުހިފި ސްރީ ލަންކާގެ ތަމަޅައިންނަށެވެ. ވަމުން މިދާ ގޮތެއް ގޭގައި ތިބި ސިފައިންނަކަށް ނޭނގެވެ. އޭރު ކޯޕްރަލްގެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ދީދީގެ ހިތްޕުޅުގައި ވެސް ފުރަތަމަ އުފެދުނީ ސުވާލުތަކެވެ؛ ސިފައިންގޭގެ އާމަރީ އަށް ކަމެއް ވީ ބާވަ އެވެ؟ އެކަމަކު ފަތިހު އިވެން ފެށި އަޑުފައްގަނޑު ހުއްޓުމަކަށް ނައުމުން، ގޯހެއް އުޅޭކަން އޭނާ އަށް ވިސްނިވަޑައިގަތެވެ. އެހެންކަމުން ސިފައިންގެ އަށް ފޯނުން ގުޅަން ކުރެއްވި އެކި މަސައްކަތުގައި އެންމެ ފަހުން އޭނާ އަށް ގުޅުއްވުނީ އޭރު ސިފައިންގެ އެންމެ މަތީ އެއް އޮފިސަރު މުހައްމަދު ޒާހިރާ އެވެ.
“މުހައްމަދު ޒާހިރު ވިދާޅުވީ ބަޔަކު އަރައިގަނެގެންނޭ މި އުޅެނީ. ސިފައިންގެއަށް ނާންނާށޭ، ގުލިސްތާނުގެއަށް ދާށޭ،” ފަހުގެ ތާރީޚުގައި ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑު އަދި އެންމެ ބިރުވެރި، އެންމެ ގިނަ ބައެއްގެ ލޭ އޮހުރުނު ޓެރަރިސްޓް ހަމަލާގެ ދުވަހު، ސިފައިން ގެއިން އޭނާ އަށް ލިބިވަޑައިގެންނެވި ފުރަތަމަ މައުލޫމާތު “ހަވީރަ”ށް ކިޔާދެއްވަމުން އިބްރާހިމްދީ ވިދާޅުވި އެވެ.
ގުލިސްތާނުގެ އަށް ދާށޭ ޒާހިރު ވިދާޅުވީ އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް، ތީމުގެއިން ނުކުމެވަޑައިގެން، ހުންނެވީ އެތަނުގައި ކަމަށް ވާތީ އެވެ. އިބްރާހިމްދީ އަވަހަށް އެގެއަށް ވަޑައިގަތެވެ. އޭރު މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އަދި އެންމެ ތުއްޕުޅު ބޭފުޅާ ގައްސާން މައުމޫން ހުންނެވީ ގުލިސްތާނުގޭގަ އެވެ.
ޓެރަރިސްޓުންގެ ބާރުގެ ދަށުގައި ވެރިރަށް އޮތް ދަނޑިވަޅު ރާއްޖޭގެ ރައީސްގެ ހިމާޔަތުގައި ހުންނަވަން ޖެހިވަޑައިގަތުމުން އިބްރާހިމްދީ އެކަން ނެންގެވީ ބޮޑު ޒިންމާއެއްގެ ގޮތުގަ އެވެ. އޭރު އޭނާ ވަނީ އެންދެރިމާގޭ ކައިރީގައި ފޯރިއަށް ހުރި ސިފައިންގެ މީހެއްގެ ބަޑި އާއި ދެ މެގަޒިން ވެސް ހޯއްދަވައިފަ އެވެ. (ސިފައިންގެ މީހަކު އާންމުކޮށް އެތަނުގައި ފޯރިއަށް އޭރު ހުރެ އެވެ. އެއީ ހަމަލާއާ ގުޅޭ ކަމެއް ނޫނެވެ.)
ގުލިސްތާނުގޭގައި ހުންނަވާފައި، ފަރީދީ މަގުގެ ހާލަތު އޮތް ގޮތް ބައްލަވާލެއްވުމަށް، އެގޭތެރެއިން ހުދުއަސުރުމާގެ އަށް އިބްރާހިމްދީ، ބަޑިއާ އެކު، ވަޑައިގަތެވެ. ހުދުއަސުރުމާގޭގައި ހުރި އައްޓެއް ފާޑުގެ އެއްޗެއްގެ މައްޗަށް އަރުއްވާފައި މަގަށް ނަޒަރު ހިންގާލެއްވި އިރު ތަމަޅައިންގެ ހަތަރު މީހަކު ވަރަށް ހަމަޖެހިފައި ދެ އެވެ. އެއީ އޭނާގެ އަތުގައި އޮތް އޭކޭ- 47 ބަޑި ވަރަށް ފަސޭހައިން ޖަހައި އެ ހަތަރު މީހުން މަރާލެވެން އޮތް ވަގުތެކެވެ. އެކަމަކު އޭނާގެ ވިސްނުމަށް އައީ ބަޑި ނުނަގާ މަޑުކުރުމަށެވެ. އެ ހަތަރު މީހުން މަރާލެވުނަސް މަސްރަހު އޮތް ގޮތެއް އޭރަކު ނޭނގެ އެވެ. މާލެ އަށް އަރައިގެން އުޅެނީ ކިތައް މީހުންކަމާއި ހަތިޔާރުގެ އަދަދެއް ވެސް ނޭނގެ އެވެ. އެހެންކަމުން އެމީހުންނަށް ދޭ ހަމަލާއަކުން، ރާއްޖޭގެ ރައީސްގެ ފުރާނަފުޅަށް ވެސް ގެއްލުމެއް ލިބިދާނެ ކަމަށް ވިސްނެވުނެވެ. އޭނާ ހަމައެކަނި، ތަމަޅައިންގެ ހަނގުރާމަވެރިންނާ މެދު ނަފުރަތުގެ ނަޒަރަކުން ބައްލަވޭލެއްވުން ފިޔަވައި އިތުރު ކަމެއް ނުކުރައްވަ އެވެ.
ސިފައިންގެ ތެރޭގައި ހާލަތު އޮތް ގޮތެއް ވެސް އޭރު އިބްރާހިމްދީއަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ފަތިހު 0535 ހާއިރު ގުލިސްތާނުގެއަށް ގުޅުއްވާފައި އޭނާ އަށް މުހައްމަދު ޒާހިރު ދެއްވި މެސެޖުން މަސްރަހު ވަރަށް ނާޒުކުކަން ވިސްނިވަޑައިގަތެވެ. ޒާހިރު ވިދާޅުވީ ސިފައިންގެއިން ވަޒަން ހުސްވަނީ ކަމަށާއި އިލްޔާސް އިބްރާހިމްގެ އަތްޕުޅުގައި އޮތް ބަޑިގުދަނުގެ ތަޅުދަނޑި ގެނެސްދިނުމަށެވެ.
“ކިނބިގަސްދޮށުގެއަށް ދާށޭ، އިލްޔާސާ ބައްދަލުކޮށް އާމަރީގެ ތަޅުދަނޑިފަތި ސިފައިންގެއަށް ގެނެސްދޭށޭ ވިދާޅުވުމަކީ ވަރަށް ސްޕެސިފިކް ޓާސްކެއް އަޅުގަނޑާ އެވަގުތު ހަވާލުކުރި،” އޭރު އުމުރުން 27 އަހަރުގެ އިބްރާހިމްދީ ވިދާޅުވި އެވެ.
ތަމަޅައިންގެ ހަމަލާތައް އޭރު ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އޭރު ދިވެހި ސިފައިން އަތުގައި އޮތީ އެންމެ ހަތް މެގަޒިން ނުވަތަ 210 ވަޒަނެވެ! އެހާލަތަށް ރާއްޖޭގެ އަސްކަރީ މައި މަރުކަޒު ވެއްޓުމުން އިބްރާހިމްދީ، ސިފައިންގެ އެހެން އެކުވެރިއެއް ކަމަށްވާ ފަރުހަތު ޝަހީރު (ފަހުން ބްރިގޭޑިއާ ޖެނެރަލްގެ މަގާމުގައި ހުންނަވާފައި މިހާރު ވަނީ ރިޓަޔަކުރައްވާފަ އެވެ.) އާ އެކު، ކިނބިގަސްދޮށުގެއަށް ވަޑައިގަތުމުގެ މަސައްކަތް ފެއްޓެވި އެވެ. އެހެންނަމަވެސް އެގެ ހިމެނޭ ސަރަހައްދުގެ ބައެއް މަގުތަކުގައި ތަމަޅައިން ބަޑި ހިފައިގެން ތިއްބެވެ. އޭރު އެމީހުން ދިޔައީ ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި އިލްޔާސް އަތުލަން ފާރަލަމުންނެވެ.
ފަރުހަތަކީ ހަށިގަނޑު ބިޔަ ބޭފުޅަކަށް ވާތީ އެއީ ސިފައިންގެ މީހެއް ކަމަށް ތަމަޅައިންނަށް ވިސްނުމުގެ ފުރުސަތު ބޮޑުކަމުން ނިންމީ އިބްރާހިމްދީ އެކަނި ވަޑައިގަންނަވާށެވެ. ދެން ހެއްދެވި ގޮތަކީ، ކިބިގަސްދޮށުގެއާ ކައިރީގައި ހުރި ރައްޓެއްސެއްގެ ގެއަށް ވަޑައިގެން އެގޭގައި އޮތް އެމްއީއެސްގެ ޔުނީފޯމެއް އެޅުއްވީ އެވެ.
“ސްކޫލް ޔުނީފޯމް ލައިގެން ދިޔައިމާ ތަމަޅަ މީހުން އަޅައެއްނުލި. ކިބިގަސްދޮށުގޭ ކައިރީގައި ތިބި ތަމަޅައިންގެ މީހުން ފުރަގަސްދިން ވަގުތު ހަ ފޫޓު އުސް ފާރުމަތިން ފުންމާލީ ގޭތެރެއަށް. އެވަގުތު ގޯތިތެރޭގައި އޮތް ކުޑަނެވި ތުއްތުމަނިކު [ތަމަޅައިން މަރާލި ސިފައިންގެ ބޭފުޅެއް]ގެ ހަށިގަނޑު،” އިބްރާހިމްދީ ވިދާޅުވި އެވެ.
އޭރު އެގޭ ތެރޭގައި ސިފައިންގެ އެހެން ދެ މީހަކު ބަނދެފައި ތިއްބެވެ. އިލްޔާސް ކޮބައިތޯ ސުވާލުކުރުމުން އޭގެ ތެރެއިން އެކަކު ބުނީ އަވަހާރަވެއްޖެ ކަމަށެވެ. އެ ޚަބަރުން ކިތައްމެ ބޮޑު ޝޮކަކާއި ހިތާމައެއް ލިބިވަޑައިގަތަސް ސިފައިންގެ މީހެއްގެ ހުންނަން ޖެހޭ ހިތްވަރުން އިބްރާހިމްދީގެ ހިތާއި ނަފުސު ދުރަކަށް ނުދެ އެވެ.
“އެވަގުތު ހިތަށްއެރި ހުރިހާ ކަމެއް ނިމުނީކީ ނޫނޭ. ކޮންމެހެން ވެސް ޖެހޭނޭ ގައުމަށްޓަކައި ކަމެއް ކޮށްދޭން. ދެން އަޅުގަނޑު ގޭތެރެ ބެލިއިރު އާމާލް [އިލްޔާސްގެ އޭރުގެ އަނބިކަނބަލުން] އުޅުއްވާ. އަޅުގަނޑު ބުނިން މިއައީ އާމަރީގެ ތަޅުދަނޑި ބަލައޭ. ދެން އާމާލް އެ ތަޅުދަނޑިފަތި ހޯއްދަވާދެއްވި،” އިބްރާހިމްދީ ވިދާޅުވި އެވެ.
އެދުވަހު ސިފައިންގެ ހިމެނޭ ސަރަހައްދާ ކައިރިވުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އެހެންވެ އޭނާ ވިސްނެވީ ސަލާމަތުން ދެވޭނެ ގޮތަކާ މެދުގަ އެވެ. އެއް ކަމަކަށް ކުރެއްވީ ހުދު ޔުނީފޯމް ބޭލުއްވުމެވެ. އޭރު ސިފައިންގެ ވެސް ރަސްމީ ޔުނީފޯމް ހުންނަނީ ހުދުން ކަމަށް ވާތީ، އެ ސަރަހައްދުން ހުދު ގަމީހެއްގައި ހުރި މީހަކު ފެނިއްޖެ ނަމަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވިސްނެވުނެވެ. އެހެންކަމުން މާޖެހިގެއަށް ވަދެ ޔުނީފޯމް ބާލުއްވާފައި ކަޅު ޓީޝާޓަކާއި ސޯޓެއް ލެއްވި އެވެ. ދެން އޭނާ ވެންނެވީ ޝެއިޚު މުހައްމަދު ރަޝީދު އިބްރާހިމްގެ ގެކޮޅަށެވެ. އެގޭ ފުރާޅުމަތިން ފުންމާލެއްވީ އަނެއް ފަރާތުގައި ހުރި ކެތީރޯސްގެ ފުރާޅުމައްޗަށެވެ. ކެތީރޯސްގެ ކުރިމައްޗަށް ވާކަހަލަ ގޮތަކަށް ހުންނަނީ ދަރުމަވަންތަ މިސްކިތެވެ.
“ސިފައިންގެއާ ހަމައަށް ދާން ފެނުނީ ތިން ގޮތެއް. އެއީ ސަލްޓަން ޕާކް ކައިރިން، ދެން ސަކީނާ މަންޒިލް، ދެން މުންނާރު ކައިރިން. މިއިން އެއްވެސް ގޮތަކަށް ނެތް ދެވޭކަށް ތަމަޅަ ހަނގުރާމަވެރިން ތިބެދާނެތީ. ތަޅުދަނޑި ހަވާލުނުކުރަނީސް ވަޒަނެއް އަރައިގެން ކަމެއް ވެދާނެތީ. އެހެންވެ ވިސްނީ އެސްޖެހިގެ އަށް ފުންމާލަން،” އޭނާ ވިދާޅުވި އެވެ.
މިސްކިތް ތެރޭގައި ސިފައިންގެއަށް ފެން ފޯރުކޮށްދޭން ބޮޑު ހަތަރު ތާނގީ ހަދާފައި ހުއްޓެވެ. އެ ތާނގީތަކުގެ ވަށައިގެން ލާފައިވަނީ ހަތް ފޫޓު އުސް ފާރެކެވެ. ތާނގީތައް ހުރި ތަނަށް ފުންމާލަން މިސްކިތުގެ ގޯތިތެރެއިން މާ ބޮޑު އުނދަގުލެއް ދިމައެއް ނުވި އެވެ. އެކަމަކު ތާނގީތައް ހުރި ތަނުގައި، އެސްޖެހިގެއާ އިންވެގެން ހުރި ފާރަށް އެރުން ވީ ބޮޑު ހުރަހަކަށެވެ. އޭނާގެ އިސްކޮޅަށް ބަލާއިރު އެވަރުގެ ފާރެއްގެ މަތީގައި އަތް އަޅާލެވެން ފަސޭހަވާނީ، ތަންކޮޅެއް ދުރުން ދުވެފައި ގޮހެވެ. އެކަމަކު ފެން ތާނގީތަކާއި ފާރާ ދެމެދު އޮތީ ކިރިޔާ ހުރެލެވޭވަރުގެ ޖާގައެކެވެ.
“ﷲގެ ހަޒުރަތަށް ދުއާކޮށްފައި، ރަހުމަތަށް އުއްމީދުކުރަމުން އަޅުގަނޑު ފުންމައިގަތިން. ދެ ފަހަރު ދިޔައީ ނުހިފެހެއްޓިގެން. ތިން ވަނަ ފަހަރު ފާރުގެ މަތީގައި ހިފަހައްޓާލެވުނީ. ދެން އަރާ، އެސްޖެހިގޭ ތެރެއަށް ފުންމާލީ،” އިބްރާހިމްދީ ވިދާޅުވި އެވެ.
އެވަގުތު އެސްޖެހިގޭ ގިފިލި ތެރެއަށް މޯޓާ ޝެލްއެއް ވެއްޓުނެވެ.
“އަޅުގަނޑު ބުނިން އެންމެން ގާތު ބިންމައްޗަށް ތިރިވާށޭ. މުޅި ގެ ހީވީ ވެއްޓިދާނެހެން. އެއީ ސީދާ މޯޓާއެއްގެ ހަމަލާ އަޅުގަނޑު ތަޖުރިބާކުރި ފަހަރު،” އޭނާ ވިދާޅުވި އެވެ. “ގޭގެ ފުރާޅު ހަލާކުވި. ނަސީބަކުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ.”
އެސްޖެހިގޭ ތެރެއިން ބޭރު ބައްލަވާލެއްވި އިރު މުންނާރު ކައިރީގަ އާއި ސަލްޓަން ޕާކް ބުރުގެ ކުރިމަތިން ސިފައިންގެ ފާރު ކައިރީގައި ބަޑި ހިފައިގެން ތަމަޅައިން ތިއްބެވެ. އޭރު ބުރު ކައިރިން، ކުޑަކޮށް ވައްކޮށްލާފައި އޮންނަ ސިފައިންގެ ފާރުން ތަންގަނޑެއް ގޮއްވާލައިގެން ބާގަނޑެއް ވަނީ ހެދިފަ އެވެ. އެއީ އެދުވަހު ސިފައިންގެ އަށް ވަންނަން ތަމަޅައިން ދިމާކުރި އެއް ދިމާލެވެ.
މަގުމައްޗަށް ނުކުމެއްޖެ ނަމަ ކޮންމެވެސް އެއްކޮޅަކުން އޭނާ ގަޔަށް ވަޒަން އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު ސިފައިންގެ އަށް ތަޅުދަނޑި އެއްލެން އޮތީ މަގުމައްޗަށް ނުކުމެގެންނެވެ. އޭގެ ކުރިން އެސްޖެހިގޭ ފޯނުން ސިފައިންގެ އަށް ގުޅުއްވާފައި ތަޅުދަނޑި އެއްލާ ހިސާބު މޭޖާ އާދަމް ޒާހިރަށް ދެންނެވި އެވެ.
“ޔަގީންކަން އޮތް އެތެރަށް އެއްލޭނެ ކަމަށް. ދެން ދޮރުން ބޭރަށް ހައެއްކަ ފޫޓަށް ނުކުމެ، ޔަގީންވާ ވަރަށް މަގުމައްޗަށް ނުކުމެފައި އެއްލީ. ތަޅުދަނޑިފަތި އަތުން ދޫވުމަށް ފަހު އެތެރެއަށް ދާނެކަން ޔަގީން. އަތުން ތަޅުދަނޑިފަތި ދޫވުމަށް ފަހު ވަޒަން އެރިޔަސް މައްސަލައެއް ނެތޭ އަޅުގަނޑުގެ ހިތަށްއެރީ، ތަޅުދަނޑިފަތި އެތެރެ ނުވި ނަމަ ހަލާކުކޮށްގެން އާމަރީ ހުޅުވޭނެ ހަމައެއްވެސް ގޮތެއް އެދުވަހު ބަންޑާރަކޮށި ހިފުމުގެ ކުރިން ނުއޮންނާނެ،” ހަނގުރާމައިގެ އެންމެ ނާޒުކު ދަނޑިވަޅު، ދިވެހި ގައުމު ސަލާމަތްކޮށްދިނުމުގެ މަތިވެރި ހިތްވަރުކުރެއްވުނު ވަގުތުކޮޅާ ބެހޭ ގޮތުން އިބްރާހިމްދީ ވިދާޅުވި އެވެ.
އޭނާ އަވަހަށް ގޭތެރެއަށް ވެންނެވި އެވެ. ބިންމަތީގައި އިށީދެލައިގެން ކުޑައިރުކޮޅަކު ހިމޭނުން އިންނެވުނެވެ. އޭނާގެ ކޮނޑުގައި އެޅުނު ބޮޑު މަސްއޫލިއްޔަތު އަދާކުރެއްވުނުކަމުގެ އިހުސާސްގަ އެވެ. ދެން އަނެއްކާ ސިފައިން ގެއަށް ގުޅުއްވާފައި ތަޅުދަނޑި ލިބުނުކަން ޔަގީން ވެސް ކުރެއްވި އެވެ. މާ ގިނަ އިރެއްނުވެ، ދިވެހި ސިފައިންގެ ހަމަލާތައް ހަބޭހަށް މައްޗަށް ދިޔަ އަޑު އޭނާ އަށް އިވިވަޑައިގަތެވެ.
މިއީ ހަގީގަތުގައި ކުޑަކުޑަ މަސައްކަތެއް ނުވަތަ އާދައިގެ ހިތްވަރެއް ނޫނެވެ. އެކަމަކު އިބްރާޙިމްދީ ގަބޫލުކުރައްވާ ގޮތުގައި އެދުވަހު އޭނާގެ އެއްވެސް މޮޅު ކަމެއް ނެތެވެ.
“އެއީ މާތް ﷲގެ ރަހުމަތްފުޅުން ފުރިފައި އޮތް ދުވަހެއް. ވިސްނަވާ، އަޅުގަނޑު ފުރާޅުތަކުގެ މަތިން ފުންމަމުން ދިޔަ އިރު ވެއްޓި ތަނެއް ބިނދުނު ނަމަ، ނުވަތަ ސިފައިންގެ ކައިރީގައި ވަޒަނެއް އެރި ނަމަ. އެކަހަލަ އެއްވެސް ކަމެއް ނުވެ، ތަޅުދަނޑި ފޯރުކޮށްދެވުނީ ހަމަ މާތް ﷲގެ ރަހުމަތްފުޅުން. އަޅުގަނޑު ހަމައެކަނި މެދުވެރިއަކަށްވީ،” އިބްރާހިމްދީ ވިދާޅުވި އެވެ.
“އިންސާނަކަށް އެދުވަހު ކުރަން ފަސޭހަ ކަމެއް ނޫން އެއީ ﷲގެ ރަހުމަތްފުޅު ނުލިބޭ ކަމަށް ވަންޏާ. އެ ސަރަހައްދުގެ ހާލަތު ބަޔާންކޮށްދޭން ވެސް ނޭނގޭ. އެއީ ހަނގުރާމައިގެ މައިދާނެއް. އަޅުގަނޑުގެ އޭރުގެ ނެތް ލައިވްކޮށް ދޭ ހަމަލާތަކެއްގެ ތެރެއަށް ވަންނާނެ ގޮތުގެ ތަމްރީނެއް ވެސް.”
ސިފައިންގެ ޚިދުމަތުގައި 32 އަހަރު ހޭދަކުރެއްވުމަށް ފަހު މިއަދު ބްރިގޭޑިއާ ޖެނެރަލްގެ މަގާމުގައި ހުންނަވާފައި އިބްރާހިމްދީ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ސިފައިން ގޮސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި އިރު އޭނާ އަކީ މާލޭ ސަރަހައްދުގެ ކޮމާންޑަރެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލަ ޝަރީއަތަށް ފޮނުވީ އިބްރާހިމްދީގެ މައްޗަށް ވެސް ދައުވާކުރާ ގޮތަށެވެ. އެހެންވެ އޭނާ ނިންމެވީ ޔުނީފޯމްގައި ހުންނަވައިގެން ކޯޓަށް ވަޑައިގަތުމުގެ ބަދަލުގައި ރިޓަޔަކުރައްވާށެވެ.
މިކަހަލަ ގޮތަކަށް ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގަންނަވަން ޖެހިދާނެ ކަމަކަށް އިބްރާހިމްދީ ހިތްޕުޅަށް އަރާފައެއް ނުވެ އެވެ. އެކަމަކު އެއީ ވެސް ދިމާވެދާނެ ގޮތެކެވެ. ޔަގީނުން ވެސް އޭނާ ހިމެނެން ޖެހޭނީ ރާއްޖެ ދުށް ބަތަލުންގެ ތެރޭގަ އެވެ. ބޭރުގެ ހަނގުރާމަވެރިންގެ ބައެއްގެ އަތްދަށަށް ރާއްޖެ ދިއުމުން ސަލާމަތްކޮށްދިނުމުގައި، ނޮވެމްބަރު ،3 1988 ގައި އޭނާ ދެއްކެވި ހިތްވަރަކީ ދިވެހި ތާރީޚުގެ މުހިންމު ސަފުހާއެއްގައި ލިއެލަން ޖެހޭނެ ނަމޫނާ ޖިހާދެކެވެ.
މަސްދަރު: ހަވީރު އޮންލައިން (26 ޖުލައި 2012)
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ