ކިޑްނީ ފެއިލްވެގެން ނުވަތަ ކިޑްނީގެ މައްސަލަ ޖެހިގެން ކިޑްނީ ބަދަލުކުރަން ޖެހުމަކީ މިހާރަކަށް އައިސް ވަރަށް ޢާއްމު ކަމެކެވެ. މިފަދަ ދަނޑިވަޅެއްގައި ކިޑްނީއެއް ހޯދުމަކީ ކިޑްނީ ބަލީގެ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވަމުން އަންނަ ބޮޑު ގޮންޖެހުމެވެ. ނަމަވެސް ޒުވާން ފިރިހެންކުއްޖަކު އޭނާގެ ކިޑްނީ ބޭނުންކުރުމަށް އެދި އޭނާގެ މަންމަގެ ކިބައިން ސަލާންޖަހާ ވީޑިއޯއެއް މިދިޔަ އަހަރު އާއްމުވެގެން ދިއުންވީ ގިނަބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ކަމެކެވެ.

ޓީވީއަކުން ދުރަށް ފޮނުވި ޢަރަބި ބަހުން ތައްޔާރުކޮށްފައިވާ ޕްރޮގްރާމެއްގައި، ޓިއުނީޝިޔާ އަށް އުފަން ޢަލީ ބޮރްނީ އޭނާގެ މަންމަ ކައިރީގައި ރޮއެ އާދޭސްކުރަމުން ދަނީ އޭނާގެ ކިޑްނީ ބޭނުންކުރުމަށެވެ. މަންމަ އަށް ކިޑްނީ ބައްޔެއް ޖެހި ކިޑްނީ އަކަށް ބޭނުންވެފައި ވާކަން އެނގުނު ހިސާބުންނެވެ.

ޓީވީ ޕްރޮގްރާމަށް ދިއުމަށް ޢަލީގެ މަންމަ އެއްބަސްވީ ބޭރު ޤައުމެއްގައި ދިރިއުޅެމުން އަންނަ އޭނާގެ ދޮށީ ފިރިހެން ދަރިފުޅާއި އެ ޕްރޮގްރާމުގެ ޒަރީޢާއިން ބައްދަލުކޮށްލުމުގެ އުއްމީދުގައެވެ. ނަމަވެސް ޢަލީ އޭނާގެ މަންމަ އެ ޝޯއަށް ގެންދިޔައީ އޭނާގެ ކިޑްނީ ބޭނުންކުރުމަށް އެއްބަސް ކުރުވުމުގެ ބޭނުމުގަ އެވެ.

ޓީވީ ޕްރޮގްރާމުގެ ތެރެއިން އެއްވެސް ހިފެހެއްޓުމެއް ނެތި ޢަލީ ރޮމުން ދިޔައެވެ. އިރުކޮޅެއްފަހުން ޢަލީ އާއި ޕްރެޒެންޓަރު ސުވާލެއްކޮށްލައެވެ.

ޕްރެޒެންޓަރު: ކީއްވެގެ ތިވަރަށް ކަރުނައަޅައި ތިޔަ ރޮނީ؟

ޢަލީ: އަހަރެންގެ މަންމައާއި ނުލައި މި ދުނިޔެއަކީ އެއްވެސް އަގެއްހުރި ތަނެއްނޫން. ޤަބޫލުކުރޭ، އަހަރެންގެ މަންމައާއި ނުލައި އަހަރެން ދިރިހުރުމަކީ އެއްގޮތަކަށްވެސް ބޭނުންތެރި ކަމެއްނޫން.

މެދުކެނޑުމެއް ނެތި، ޢަލީ ރޮމުން އާދޭސްކުރަމުން ދިޔައީ އޭނާގެ ކިޑްނީ ބޭނުންކޮށްގެން ޓްރާންސްޕްލާންޓް ހެދުމަށް އެއްބަސްވުމަށެވެ. ނަމަވެސް ޢަލީގެ މަންމަ ގެންދިޔައީ އެކަމާ ދެކޮޅުހަދަމުންނެވެ. ޢަލީގެ މުސްތަޤުބަލާއި ވަޒީފާއަށް ގެއްލުމެއް ދޭން ބޭނުން ނުވާތީ އެވެ.

އެ މަންމަ ދުޢާކުރަމުން ދިޔައީ އޭނާގެ އުމުރު އޭނާގެ ދަރިފުޅަށް ލެއްވުމަށް އެދި އެވެ. އޭނާގެ ކިބައިން އޭނާގެ ދަރިން މަޙްރޫމް ނުކުރެއްވުމަށެވެ. ނަމަވެސް އެތަކެއް އިރެއްވާންދެން ޓީވީ ޝޯގެ ތެރެއިން ޢަލީ ރޮމުންދިޔަ ރުއިމާއި ކުރަމުންދިޔަ އާދޭހަށް އެ މަންމަ އެއްބަސްވެއެވެ.

ޕްރޮގްރާމު ރާވާފައިވާގޮތުން ޢަލީ އާއި އޭނާގެ މަންމަ ތިބެނީ ފަރުދާއެއްގެ ދެފަރާތުގައެވެ. އިރުކޮޅެއް ފަހުން އޯޑިއަންސާއި ސުވާލެއް ޕްރެޒެންޓަރު ކުރެއެވެ.

ޕްރެޒެންޓަރު: އަހަރުމެން މި ފަރުދާ ކަޝްފުކޮށްލަންވީތޯ ނުވަތަ ނޫންތޯ؟

އެހެެން ބުނުމާއެކު ފަރުދާ ކެހިގެންދެއެވެ. އެއްފަރާތުގައި ޢަލީގެ މަންމަ ހުރިއިރު، އަނެއް ފަރާތުގައި ހުރީ ޢަލީ އެވެ. ޢަލީ އަށް އޭނާގެ މަންމަ ފެނުމުން ގޮސް މަންމަގެ ފައިގައި ބޮސްދެއެވެ. ދެން ވީގޮތް އަމިއްލަފުޅަށް ވީޑިއޯ އިން ބައްލަވައިލައްވާށެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި އެ މައިންބަފައިންނަށްޓަކައި ދަރިންނަށް ވާ ޙައްޤުތަކާއި ވާޖިބުތައް ކީރިތި ޤުރުއާނުގައި ވަރަށް ޞަރީޙަ ޢިބާރާތުން ވަނީ އަންގަވާފައެވެ. މާތް ﷲއަށް އަޅުކަންކުރުމާއި ވިދިގެން މާތް ﷲ އަޅުގަނޑުމެންނަށް އަންގަވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އަލް އިސްރާ ސޫރަތުގެ 23ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވައިފައިވަނީ:

އަލް އިސްރާ ސޫރަތުގެ 23 ވަނަ އާޔަތް

އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!

މައިންބަފައިންނަށް ކަމޭހިތުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް ލިބޭނެ ކަމެކެވެ. އަދި އެ ދެމީހުންނަށް އުރެދުމަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގައިވެސް ނާކާމިޔާބާއި، ގެއްލުން ކުރިމަތިވާނެކަމެކެވެ. އަނެއްކޮޅުން ބަލާއިރު، ނަބަވީ އިރުޝާދުތަކުގެ އަލީގައި އަޅުގަނޑުމެންނަށް އެނގި ހާމަވަނީ އަޅުގަނޑުމެން އެންމެ ބޮޑަށް ކަމޭހިތަންޖެހެނީ އަޅުގަނޑުމެންގެ މައިންބަފައިންނަށްކަމެވެ. ގާތްތިމާގެ މީހުންނާއި ރައްޓެހިންއަންނަނީ އެ ދެމީހުންގެ ފަހުންނެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.