ދިވެހި ފިލްމީ ދާއިރާގައި އެކްޓިން އިން މަޝްހޫރު ފިލްމީ ތަރި ނިޢުމާ މުޙައްމަދު އެއްކޮށް ނިވައިވުމުގެ ކުރިން ފެނިގެންދާނެ ފިލްމު “ނިވައިރޯޅި” ޕްރިމިއާ ކުރާނީ އަންނަ އަހަރު ޖެނުއަރީ 3 ގައިކަމަށް އިޢުލާނުކޮށްފި އެވެ.

 

ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ފިލްމު ކުންފުނި ނިއުޒޯ އިން ޕްރޮޑިއުސްކޮށް އުފައްދާފައިވާ “ނިވައިރޯޅި” މިދިޔަ މަހު އަޅުވަން ނިންމުމަށް ފަހު އަންނަ އަހަރަށް ފަސްކޮށްފައިވާކަން އަލުން އިއުލާނުކުރީ އައިސް ޓީވީން މިއަދު މެންދުރު ފަހު ގެނެސް ދިން “ވަރަށް ވާހަކަ” ޕްރޮގްރާމްގައި “ނިވައިރޯޅި” ގެ ޕްރޮޑަކްޝަން މެނޭޖަރު އަދި ފިލްމުގެ މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ޒީނަތު އައްބާސް އެވެ.

 

ޒީނަތު ބުނީ ފިލްމުގެ ޕްރިމިއާ އަށް މިހާރު އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުން ކަމަށާއި އެގޮތުން ވަރަށް ހާއްސަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

 

“ނިވައިރޯޅި” އަކީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ނިއުމާގެ ދަރިފުޅު ޒޯޔާގެ އަޑުން ކިޔާފައިވާ ލަވައެއް ހިމެނުންވެސް މިއީ ފިލްމު ޚާއްޞަ ވެގެންދާ އެއްކަމެކެވެ. ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ޒޯޔާ ކިޔާފައިވާ ލަވަ ވެސް އައިސް ޓީވީން ވަނީ ދައްކާފައެވެ.

“ނިވައިރޯޅި” ގެ ލީޑް ކާސްޓުންނަކީ ނިއުމާއާ އި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އިތުރު ތަރިންގެ ތެރޭގައި ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު ރަޝީދާ (އައިންތު)، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް (އަޒޭ)، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.