އަންނަ މަހު ބާއްވަން ނިންމި 9 ވަނަ ދިވެހި ފިލްމު އެވޯޑްސް އަށް ހުށައަޅާނެ ފިލްމުތައް މަދުވުމުން ދިވެހި ފިލްމު އެވޯޑްސް މި އަހަރު ނުބާއްވަން ނިންމާފައިވާ ކަމަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

 

އެންސީއޭ އިން ބުނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު، ދިވެހި ފިލްމު އެވޯޑްސްގައި ފިލްމުތައް ބައިވެރި ކުރަން ހުޅުވާލައި އޮގަސްޓް 31 އަށް މުއްދަތު ހަމަވި އިރު، ހުށަހަޅާފައި ވަނީ 7 ފިލމު ކަމަށެވެ. ނަމަވެސް އެ އަދަދަކީ ދިވެހި ފިލްމު އެވޯޑް ދިނުމާ ބެހޭ ގޮތުން ހަދާފައިވާ އުސޫލުގައިވާ އަދަދަށް ވުރެ މަދު އަދަދެއް ކަމަށްވުމުން މި އަހަރު އެވޯޑް ހަފުލާ ނުބާއްވަން ނިންމާފައި ވާކަމަށެވެ.

 

ދިވެހި ފިލްމު އެވޯޑް ދިނުމާ ބެހޭ ގޮތުން ހަދާފައިވާ އުސޫލުގައި ބުނާގޮތުން ފީޗާ ފިލްމު ކެޓަގަރީގައި މަދުވެގެން 13 ފިލްމު ވާދަ ނުކުރާނަމަ އެވޯޑް ނުބޭއްވޭނެ އެވެ.

 

2017 ވަނަ އަހަރު ސިނަމާ އަށް އައީ އެންމެ 8 ފިލްމެވެ. އެއީ “ނޯޓީ 40″، “މީ ލޯތްބަކީ”، “ހައްދު”، “ބޮސް”، “މަލިކާ”، “ވިޝްކާ”، “އިލް ނޮއިސް”، އަދި “ނޭދެން ވަކިވާކަށް” މި ފިލްމުތަކެވެ. 8 ފިލްމު ނިކުމެފައިވާއިރު އެވޯޑަށް ހުށަހެޅީ މީގެ ތެރެއިން 7 ފިލްމެވެ.

 

އަށްވަނަ ދިވެހި ފިލްމު އެވޯޑްސް މިދިޔަ އަހަރު ބޭއްވީ 2014-2016 އަށް ރިލީޒް ކުރި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެ އެވޯޑްސްގައި 17 ފީޗާ ފިލްމާއި ކުރު ހަތް ފިލްމު ވާދަކުރި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.