ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރޭ ދުވަހެވެ. ދިވެހިރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމުކުރެވުނު ދުވަހެއް ނޫނެވެ. ކުރިންވެސް ދެންނެވުނު ފަދައިން މިއަދަކީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެވުނު ދުވަހެވެ.

 

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ. މިހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް މެދުވެރިވީ އާދަޔާ ޚިލާފު ބަދަލުތަކެކެވެ. އެހިސާބުން ފެނިގެންދިޔައީ ރާއްޖޭގެ އެންމެމަތީވަލީ، މަތީ ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަނެވެ.  އޭރުވެސް ދިވެހިރާއްޖޭގެ ސިންގާސަނާ ހުރީ ފަޅަށެވެ.  މިޒަމާނުގެ ބަހުން ދަންނަވަނީ ނަމަ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. މާގިނަދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ދިވެހިން އެރުވިއެވެ.  11 އޭޕްރީލް 1943 ގައި އެގޮތަށް އެކަން ހަމަޖެއްސިއިރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ރަސްކަމަކާ އެމަނިކުފާނު ހަވާލުވެވަޑައެއް ނުގަންނަވައެވެ.

 

ދިވެހިރާއްޖޭގެ ވެރިކަމުގެ ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސްވާން ފެށުމުން އެކަންކޮޅެއްގައި ޖެއްސުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން  ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކަމުގައިވެގެން ދިއުމެވެ.

 

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 1953ގައެވެ. ނަމަވެސް މި ޖުމްހޫރިއްޔާ ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. އަނެއްކާވެސް ދިވެހިންނަށް ކަމުދިޔައީ ރަސްކަމެވެ.  އެހެންކަމުން 7 މާޗް 1954ގައި ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލް  އެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1068ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤައިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ އަލްފާޟިލް އިބްރާހީމް ނާޞިރެވެ. ދެވަނަ ޖުމްހޫރީ ހަޔާތުގެ ތާރީޚަށް ބަލައިފިނަމަ ދިވެހިން މިހާރު ދެކެމުންމިދާ ދެވަނަ ޖުމްހޫރިއްޔާ، ނުވަތަ ޖުމްހޫރީ ވެރިކަން ފެށުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށް ތާރީޚީ ގޮތުން ބަލާނަމަ މިއަދު އަޅުގަނޑުމެން ދެކެމުން މިދަނީ 50 ވަނަ ޖުމްހޫރީ ދުވަހެވެ.

 

ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާދައުލަތެވެ. ރައްޔިތުންނަށްޓަކައި ރައްޔިތުންކުރާ ވެރިކަމަކީ ޖުމްހޫރީ ވެރިކަމެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމެން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުޞޫލުތަކުންނެވެ. އެހެނީ މިއަދު ރާއްޖެ މިދެކޭ ޖުމްހޫރީ ވެރިކަމުގެ އެންމެހާ ބާރުތައް ފެށީގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެ ބާރުތައް ނިމެނީވެސް ރައްޔިތުންނާއި ހަމައިންނެވެ. ޖުމްހޫރި ވެރިކަން ކުރުމަށް ރައްޔިތުން ކަނޑައަޅާ އުސޫލުތައްވާންޖެހެނީ  އެޤައުމެއްގެ ޤާނޫނު އަސާސީގައި ބަޔާންވެ އެނގެން އޮންނަ އުޞޫލުތަކަކަށެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ޤައުމުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާޢީދާއެކު އިންތިޚާބު ކުރާވެރިއަކަށް ވުމެވެ.

 

ދިވެހިރާއްޖޭގައި ޖުމްހޫރީ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރަކު ނޮވެންބަރުމަހު 11 ވަނަ ދުވަސް މިއަންނަނީ ފާހަގަކުރަމުންނެވެ. މިއީ ދެވަނަ ޖުމްހޫރިއްޔަތު ޤާއިމުކުރެވުމުގެ ކުރީން ރާއްޖޭގައި ފާހަގަކުރި ދުވަހެއް ނޫނެވެ. މި ދުވަސް ފާހަގަކުރައްވަން ނިންމެވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނެވެ. އެއީ ޤާނޫނު އަސާސީން ނުވަތަ ޤާނޫނަކުން ކަނޑައަޅައިގެން ފާހަގަކުރާ ދުވަހެއް ނޫނެވެ.

 

ދިވެހި ޖުމްހޫރިއްޔާގެ ވެރިކަން މިހައިތަނަށް ކުރައްވާފައިވަނީ 7 ރައީސުންނެވެ. މި ނޮވެމްބަރު މަހުގެ 17 ގައި އަލަށް ފެށިގެންދާނީ 8 ވަނަ ރައީސްގެ ދައުރެވެ.

އެ ރައީސުންނަކީ:

 

 ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު އަމީން ދީދީ (ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު)

 އުފަންތާރީޚް: 20 ޖުލައި 1910

 ރައީސްކަމުގެ މުއްދަތު: 01 ޖެނުއަރީ 1953 އިން 21 އޮގަސްޓް 1953

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރު

 އުފަންތާރީޚް: 02 ސެޕްޓެމްބަރު 1926

 ރައީސްކަމުގެ މުއްދަތު: 11 ނޮވެމްބަރު 1968 އިން 11 ނޮވެމްބަރު 1978

 

ރައީސުލްޖުމްހޫރިއްޔާ އަލްއުއްތާޛް މަޢުމޫން ޢަބްދުލް ޤައްޔޫމް

 އުފަންތާރީޚް: 29 ޑިސެމްބަރު 1937

 ރައީސްކަމުގެ މުއްދަތު: 11 ނޮވެމްބަރު 1978 އިން 11 ނޮވެމްބަރު 2008

 

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު

 އުފަންތާރީޚް: 17 މެއި 1967

 ރައީސްކަމުގެ މުއްދަތު: 11 ނޮވެމްބަރު 2008 އިން 07 ފެބްރުއަރީ 2012

 

* ތާރީޚަށްޓަކައި ނޯޓެއް: 2012 ފެބްރުއަރީ 07 ގައި މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓައިލުމަށްޓަކައި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ނިކުމެ ބަަޣާވާތެއް ކޮށްގެން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓައިލުމަށްފަހު އެމަނިކުފާނުގެ ދައުރުގެ ބާކީ އޮތް މުއްދަތު ފުރިހަމަކުރެއްވީ ކުރިން މިދެންނެވި ހަރަކާތުގެ އަޑީގައި ހުންނެވި ނައިބް ރައީސް މުޙައްމަދު ވަހީދު ހަސަން މަނިކު އެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުއްﷲ ޔާމީން

 އުފަންތާރީޚް: 21 މެއި 1959

 ރައީސްކަމުގެ މުއްދަތު: 17 ނޮވެމްބަރު 2013 އިން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް

 

މި ހިނގާ ނޮވެމްބަރު މަހުގެ 17 އިން ފެށިން އިބްރާހިމް މުޙައްމަދު ޞާލިޙް ގެ ވެރިކަން ފެށިގެންދާނެއެވެ. އިބޫ ވެގެންދާނީ ދިވެހި ޖުމްހޫރިއްޔާގެ 07 ވަނަ ރައީސަށެވެ.

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

 އުފަންތާރީޚް: 04 މެއި 1964

 ރައީސްކަމުގެ މުއްދަތު: 11 ނޮވެމްބަރު 2018 އިން ފެށިގެން 05 އަހަރުގެ މުއްދަތަށް

 

ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މި މުނާސަބާގައި މުނިއަވަސް ގެ އެންމެހައި ކިޔުންތެރިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.