“ޒީނަ ދޯ ކިޔަނީ؟” މިފަހަރުވެސް ވާހަކަ ދެއްކީ އޭނައެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭންގިފައި ޒީނާއަށް އިނދެވުނެވެ.
“ކިހިނެއް އަހަރެންގެ ނަން އެނގުނީ؟” ޒީނާ ހައިރާން ކަމާއެކު ކޮށްލީ ސުވާލެކެވެ. އެޒުވާނާ ލުއި ހިނިތުންވުމެއް ފޮނުވާލަމުންއިނގިލިން އިޝާރާތްކޮށްލީ ޒީނާލައިގެން ހުރި ޓީޝާޓުގެ މޭމަތީގައި ހަރުކޮށްފައި އިން ނަންޓެގުކޮޅަށެވެ.
“އެހެންވެ އެނގުނީ..” އެޒުވާނާ ޖަވާބުދެމުން އޭނަގެ ޖީބުން ހެޑްސެޓްނެގިއެވެ.
“އައި އޭމް އިޒްވާން. ޕެސެންޖަރ ސާވިސްގަ މަސައްކަތް ކުރަނީ. ޒީނާ އަލަށްދޯ ތި ޖޮއިން ކުރީ. ޕިއްޒާ ކޮންޕެނީއަށް ދަން ވަރަށް ގިނައިން. އެކަމަކު ދުވަހަކުވެސް ނުދެކެން. އެހެވެ ހަމަ އަހާލީ..” އޭނާ ވާހަކަ ދައްކަމުން ތައާރަފުވެލިއެވެ. އެޒުވާނާ ވާހަކަދެއްކި ގާތްގޮތެއްގެ ސަބަބުން އެއީ ބޮޑާގޮތެއްނެތް ހިތްހެޔޮ މީހެއްކަން ޒީނާއަށް ވިސްނުނެވެ.
“އިޒްވާން.. ނަންވެސް ހާދަ ރީއްޗޭ.” ޒިނާއަށް ހިތާ ހިތާކިޔައިލެވުނެވެ. ޒިނާވެސް ހެޑްސެޓް ދަބަހުން ނަގައި ކަންފަތަށް ހެޔޮވަރު ކޮށްލިއެވެ،
އިޒުވާނު ގައިން ދުވާ މީރު ސެންޓުވަހުން ޒީނާއަށް ހިތްހަމަ ޖެހުން ލިބެމުން ދިޔައެވެ. އިޒުވާނަށް ބަލަން ބޭނުންވި ނަމަވެސް ޒީނާއަށް ބަލާކަށް ނުކެރުނެވެ. ނަމަވެސް ވައްކަޅިން އިޒުވާނަށް ބަލާލެވެއެވެ. އިޒުވާނު ގެ ބޮޑުއަތްތިލައިގައި ހިފާލުމަށްވެސް ޒީނާގެ ހިތް އެދެމުން ދިޔައެވެ. ދިހަ މިނެޓްގެ އެދަތުރުވެސް ޒީނާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އެ ކުރު ދަތުރު ނިންމާލުމަށްފަހު ޒީނާ ބަހުން ފޭބީ އަދިވެސް އިޒުވާނު ފެންނާނެކަމުގެ އުއްމީދުގައެވެ.
“އަދި ދާނަން ޒީ ހުންނަ ދުވަހަކުން ޕިއްޒާއެއްކާލަން.” ފަހަތުން އިޒުވާނުގެ އަޑު ޖެހުމުން ޒީނާ ފަސް އެނބުރި ބަލައިލިއެވެ. ޒީނާ ލުއި ހިނިތުންވުމަކާއެކު ބޯ ޖަހައިލިއެވެ. އިޒުވާނުވެސް ހިނގައިގަތީ އޭނަގެ ސައިކަލަށް އެރުމަށެވެ. އިޒުވާނުގެ އެ ފިރިހެންވަންތަ ހިނގުމާއި އެ ހަށިގަނޑަށާއި އެ ރީތި ސިފަތަކަށް ޒީނާގެ ހިތް ލެނބުނެވެ. އިޒުވާނަށް ޒީނާއަށް މާބޮޑު ސަމާލުކަމެއް ނުދެވުނަސް ޒީނާގެ ހިތުގައި އިޒުވާނަށް ޙާއްސަ މަގާމަކާއި ޤަދަރެއްދެވިގެން ދިޔައެވެ.
އިޒުވާނު ސައިކަލުގައި ނައްޓާލިތަން ބަލަން ޒީނާއަށް ހުރެވުނީ އެވެ. ކަޅި ޖަހާވެސް ނުލާ ބަލަން ހުރެވުނެވެ. އާދައިގެ ފަރި ހިނގުމެއްގައި ޒީނާ ގެއަށް ދިއުމަށް ހިނގައިގަތްތަނާހެން ކައިރިން ދިޔަ ސައިކަލެއް ބަރުގޮނު އަޅާލިއެވެ. ސައިކަލުގައި ދިޔަ ދެ ޒުވާނާ ބަރުގޮނު އަޅާލުމުން ޒީނާ ސިހިފައި ލޯއަޅާލިއެވެ
“ފޮށެގަންނާނެ ގޮތެއް ނޭންގިފަ ތިބޭ ބައެއް. ފެންވަރު..” އެމީހުންނަށް ކުދި ކިޔަމުން ޒީނާ ހިނގައިގަތެވެ.
ޒީނާ ދިރިއުޅޭ އެޕާޓްމަންޓަކީ ތިން ކޮޓަރީގެ މޮޑު ރީތި އެޕާޓްމަންޓެކެވެ. ހިތްގައިމު ފަރުނީޗަރުތަކުން ގޭތެރެ ވަނީ ފަޅުފިލުވާލެވިފައެވެ. މުޅި ތަނަށް ބަލާލުމުންވެސް އެތަނަކީ ސާފުތާހިރުކަމަށްލޯބިކުރާ ބަޔަކު ދިރިއުޅޭ ތަނެއްކަން އެނގެއެވެ. ކޮންމެ އެއްޗެއްވެސް ވަނީ ތަރުތީބުން އެހުންނަ ތަނެއްގައި ބެހެއްޓިފައެވެ. ބޮޑު ރީތި ސޯފާ ސެޓަކާއި، އެޔާއި ގުޅޭގޮތަށް ކަހާލެވިފައިވާ ދޮރުފޮތިންވެސް އެނަތަށް ވަނީ ރީތި ކަމެއް ގެނުވާފައެވެ. މެރޫން ކުލައިގެ ދޮރުފޮތިގަނޑު ކުޑަދޮރުހުޅުވާލާފައި ހުރުމުގެ ސަބަބުން ވަޔާއި ހެލިލަ ހެލިލާ ހުއްޓެވެ. ކާމޭޒާއި ބަދިގޭގެ ބެހެއްޓިފައިވާ ފަރުނީޗަރުތައްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ވަނީ ބެހެއްޓިފައެވެ. ކޮންމެ ދިމާއަށް ބަލާލިނަމަވެސް ފެންނަނީ ސާފުތާހިރުކަމެވެ. . ޒީނާއަށް ގެއަށް ވަދެވުނު އިރު ފާރުގައި ހަރުކޮށްފައިވާ 42 އިންޗީގެ ފިލިޕްސް ޓީވީއިން ދައްކަމުންދާ ހިންދީ ލަވައެއްގެ އަޑު އިވެމުން ދިޔައެވެ. ޒީނާ އަތުގައި އޮތް ދަބަސް ސޯފާމައްޗަށް އެއްލާލަމުން ސޯފާއަށް ޖެހިގަތެވެ.
ކުއްލިއަކަށް އިޒުވާނު މަތިން ހަނދާންވިއެވެ. ޒީނާގެ މޫނުމައްޗަށް އުފާވެރިކަން ފާޅުވަމުން ދިޔައެވެ. އެ ރީތި ސޫރަ ޒީނާއަށް ސިފަކުރެވެމުން ދިޔައެވެ. އިޒުވާނުގެ އަތުގައި ހިފުނުގޮތާއި އިޒުވާނު ބަލައިލި “ސެކްސީ” ބަލާލުން ޒީނާ އަށް ސިފަކުރެވެމުންދިޔައިރު އަމިއްލަ ނަފްސަށްވެސް އެކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. ޒީނާގެ މޫނުމަތިން ރަކި ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ. އިޒުވާނުގެ ހިޔާލުގައި ޒީނާ ޣަރަޤުވަމުން ދިޔައެވެ.
“ސާބަސް ޒީނާ” ޒީނާ ސިއްސައިގެން ދިޔައީ ޒީނާގެ އެންމެ ގާތްއެކުވެރިޔާ އީމާ އައިސް އޭނަގެ މޫނަށް ފެންޖެހުމުންނެވެ. އޭރު އީމާ އަތުގައި އޭނަ ބޯން ގެންގުޅުނު ފެންތަށި އަތުގައި ހުއްޓެވެ. އީމާވެސް ދިރިއުޅެނީ ޒީނާއެކު ހަމަ އެ އެޕާޓްމަންގައެވެ. ޒީނާ ފާޑަކަށް އީމާއަށް ބަލަން އޮތެވެ.
“ކީއްވެ ފެންތިޖެހީ….؟” ޒީނާ މޫނަށް ގޮތެއް ހަދާލަމުން ބުންޏެވެ.
“އަދިވެސް މަ ދޯ މިގޯސްވީ. މަ ކިހާއިރެއް މިތާ ހުރެ ޒީނާއަށް ގޮވާތާ..” އީމާގޮސް ސޯފާގައި އިށީނެވެ. އިށީނަމުން ވާހަކަ ދައްކަން ފެށިއެވެ. “އަނެއްކާ މިއަދު ކިހިނެއްވީތަ؟ ހީވަނީ ޖިންނި މޮޔަވެފަހެން. ހިޔާލަށްގެއްލި، ފާޑަކަށް ހެވިފަ. އަނެއްކާ މާބޮޑަށް ކަމުދާ ޖޮބަކީތަ؟” އީމާ ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ.
އަނެއްކާވެސް އިޒުވާނުގެ ހަނދާންތަކަށް ގެނބިގެން ދިޔައެވެ. އިޒުވާނު އޭނަގެ ނަމުން ގޮވާލިގޮތް އޭނަގެ ކަންފަތުގައި ގުގުމާލާފައި ހުރި ކަހަލައެވެ. އިޒުވާނުގެ އަތުގައި ހިފުނުގޮތް ސިފަވަމުން ދިޔައެވެ. ޒީނާ ހީވަނީ އަލަށް ރީތި މީހަކު ފެނިގެން އުޅޭހެންނެވެ. މޮޔައަކު އުޅޭފަދަގޮތަކަށް ޒީނާ މޫނަށާއި ލޮލަށް ހަރަކާތްތަކެއް ގެންނަމުން ދިޔައެވެ. ޒީނާ އުޅެންފެށި ގޮތުން އީމާ އޭނަގެ ކޮނޑުގައި ޖަހާލިއެވެ.
“ސާބަހޭ ޒީނާ. މީހަކު އަޅެ ހޭއްބައްޔެއް ނުވާނެތަ؟ ކިހިނެއްވެފަހޭ ތި އިންނަނީ..؟” އީމާގެ އަނގަހުއްޓާނުލާނެކަން އެނގުމުން ޒީނާ ހެމުން ހެމުން ގޮސް ކޮޓަރިއަށް ދިއުމަށް ތެދުވިއެވެ. އީމާ ފާޑަކަށް ޒީނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނެވެ.
އެބަ އަންނަ ނަމާދުކޮށްލައިގެން އެއްޗެއް ކާން.. ކޯއްޗެއް މިއަދު ކާން ހުރީ.. އަދިވެސް ސަމާ ގެއަށް ނާންނަނީތަ؟” ޒީނާ ކޮޓަރީގެ ތަޅުގައި ހިފާލަމުން ބުންޏެވެ. ޒީނާ ކޮޓަރިއަށް ވަންނަމުން އީމާއަށް އެއްލޯ މަރާލިއެވެ.
“އަޖައިބެއް ނުވާނެތަ؟ މިއަދު މީނަ ހަމަތަ؟” ޒީނާގެ ހަރަކާތްތައް ހުރި އީމާ ޗޮކެއް ކަނޑާލިއެވެ.
“ތި ކުރާ ކަމެއްކޮށްފަ އާދޭ ކާން. ސަމާ ދެންމެ ޑިއުޓީއަށް އެ ދިޔައީ.” ޒީނާ ކޮޓަރިއަށް ވަނުމުން އީމާ ސޯފާއިން ތެދުވެގެން ގޮސް މޭޒުމައްޗަށް ކާން ތައްޔާރު ކުރަން މަސްއޫލުވިއެވެ.
ޒީނާއާއި އީމާގެ އިތުރުން ސަމާވެސް އުޅެމުންދަނީ އެއް އެޕާޓްމަންޓްގައި އެކު އެކީގައެވެ. ކުއްޔަށް ހިފައިގެން ތިން އެކުވެރިންވެސް ދިރިއުޅެމުން ދިޔައީ ވަރަށް ވެސް އުފަލުންނެވެ. އީމާ އާއި ޒީނާ އަކީވަރަށް ގާތްގުޅުމެއް އޮންނަ ވަރަށްގާތް ދެކުދިންނެވެ. ޒީނާ ހަނދާންވާންފެށީ ސުރެ ވެސް އީމާގެ އެއްވެސް ޔާރެއް އިޔާރެއް ނުހުރެއެވެ. އީމާ ދެކޭގޮތުގައި އޭނަގެ ހުރިހާވެސް މީހަކީ ޒީނާއެވެ. ސަމާއަކީ ޒީނާއާއި އެއްކުލާހަކުން ދިމާވި ވަރަށް ގާތް ރަޙްމަތެރިއެކެވެ. އެތިން އެކުވެރިންގެ ގުޅުން ބަދަހިވެގެން ދިޔައީ ކޮންމެ ކުއްޖަކީ ވެސް އާއިލާއެއްނެތި އެކަނި ދިރިއުޅެން ޖެހިފައިވާ ބަޔަކަށްވެ ހިތްހަމަޖެހުމާއި އަޅާލުން އެކަކު އަނެކަކަށް ބޭނުން ވެފައިވާ ބަޔަކަށްވީތީއެވެ.
ކިޔެވުން ނިންމާލުމަށްފަހު އީމާ ވަޒީފާ އެއްގެ ގޮތުގައި މޯލްޑިވިއަށް ގެ ކެބިން ކުރޫއެއްގެ ވަޒީފާއަށް ކުރިމަތިލައި މިހާރު އީމާއަކީ އަވަދިނެތި އެކި ޤައުމުތަކަށް އުދުހޭ ހީވާގި އަންހެންކުއްޖެކެވެ. ސަމާއަކީ ފުދޭވަރަކަށް މޮޅަށް ކިޔަވައިގެން ހުރި ކުއްޖެކެވެ. ވަރަށް ބުރަކޮށް ކަސްޓަމުގައި ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތް ކުރާ ކުއްޖެކެވެ. ތިން ރަހްމަތްތެރިންނަކީވެސް ވަޒީފާގެ ގޮތުން އެކަކު އަނެކަކާއި ބައްދަލުވެސް ނުވާ ބައެކެވެ. ދެމީހަކު ގޭގައި އުޅެންޏާ އަނެކަކު އުޅޭނީވެސް ޑިއުޓީގައެވެ. ތިން މީހުން އެކުގައި ބައްދަލުވެއްޖެ ނަމަ ސަކަރާތް ޖެހުމާއި ތާސްކުޅުމާއި އެއްކޮށް ފިލްމް ބަލާ ހެދުމަކީ އެމީހުން ކޮންއުޅޭ ކަންތައްތަކެވެ. ނުލާހިކު ލޯބިން އުޅޭ ތިން އެކުވެރިންނެވެ.
ޒީނާ ކިޔެވުން ވަކި ހިސާބަކުން ނިންމާލުމަށްފަހު ވަޒީފާއަށްދަމުން ލިބޭ ހުސްވަގުތުތަކުގައި ކޭކު އަޅައިގެން އާންމުދަނީ ވެސް ހޯދަމުން ދިޔައެވެ. މަދުން ނަމަވެސް ޒީނާއަށް އޯޑަރު ލިބެއެވެ. ޒީނާ އަކީ ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރަން އާދަވެފައި ހުންނަ ކުއްޖެކެވެ. މާލީ ގޮތުން ތަނަވެސް ކަމެއްނެތުމުން ޒީނާއަށް ކިޔެވުން ހުއްޓާލަން މަޖުބޫރުވިއެވެ. ނަމަވެސް ހަމަ އެކަނި ހުރި މަންމައަށްޓަކައި ޒީނާ ބޭނުންވީ އަމިއްލަ ފައިމައްޗަށް ތެދުވެ އާންމްދަނީ ހޯދާށެވެ. ޒީނާ އަކީ ކޮންމެ ކަމެއް ކުރަން ޖެހުނުނަމަވެސް ވަފާތެރިކަމާއި ފަރުވާތެރިކަމާއެކު ކުރަންކެރޭ ހީވާގި ކުއްޖެކެވެ.
އެރޭ ޒީނާއަށް އުނދަގޫ ކުރަމުން ދިޔައީ އިޒުވާނުގެ ސޫރައެވެ. ނިދަން އެނދުގައި ޖައްސާލީއްސުރެ އިޒުވާނުގެ ހަނދާންތައް ދިޔައީ ބޮލުތެރޭގައިވެސް އެނބުރެމުންނެވެ. ޒީނާއަށް އެނދުގައި ނުނިދިފައި އޮވެވުނީ އިޒުވާނުގެ ހަނދާނުގައެވެ. އެ ހިތްގައިމު ސޫރަ އޭނަގެ ނިންޖަށްވެސް ދިޔައީ ދުއްތުރާ ކުރަމުންނެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޒީނާއަށް އިޒުވާނުގެ ހަނދާންތައް ކުރެވެންފެށީ ކީއްވެބާއޭ ޒީނާގެ ހިތްބުނަމުން ދިޔައެވެ. އިޒުވާން މަތިން ހަނދާކުރުމަކީ ޒީނާ އެއްވެސް ހާލެއްގައި ކުރަން ބޭނުންވި ކަމެއްވެސް ނޫނެވެ. އެހާ އަވަހަށް މީހަކަށް ހިތްދީގެން ލޯބިވެގެން އުޅެން ހުދު ޒީނާވެސް ބޭނުންނުވަނީއެވެ.
“މިވަނީ ކިހިނެއްބާ؟ އަހަރެން ބޭނުމެއްނޫން ގޮތްނޭނގޭ މީހެއް ދެކެ ލޯބިވެގެން މިހެން ވާކަށް. އެކަމަކު މިއީ ލޯބި ނޫން ދެން އެހެން ކޮންކަމެއް..” ޒީނާއަށް އޭނަގެ އަމިއްލަ ނަފުސު ހައްދުން ބޭރުވާހެން ހީވާންފެށިއެވެ. ކިތައްމެ ވަރަށް އިޒުވާން މަތިން ހަނދާން ކުރަން ބޭނުން ނުވިއަސް ޒީނާއަށް އެ ހިޔާލުތަކާއި ދުރައްދެވޭ ގޮތެއް ނުވިއެވެ. މުޅި އެރޭވެގެން ދިޔައީ ޒީނާއަށް ނިދިން މަޙުރޫމުވެގެން ދިޔަ ފޫހިރެއަކަށެވެ.
***
ދުވަހަކީ ހުޅުމާލެއަށް ހަލަބޮލިކަމެއް އައިސްފައިވާ ދުވަހެކެވެ. ހަފްތާ ބަންދު ހުކުރުދުވަސް ތަކަކީ އެތައް ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށާއި މޫދަށްއެރި މަޖާކޮށްލުމަށް ހުޅުމާލެ ފުރާލާދުވަހެކެވެ. ހަފްތާ ބަންދު ހުކުރުދުވަހަކީ އާއިލީ ދުވަހަކަށްވެފައި ހުކުރު ދުވަހެއް އާއިލާތަކުން އިސްކަމެއްދެނީ މޫދަށް އެރި މަޖާކޮށްލުމާއި ހިތްހަމަ ޖައްސާލުމެވެ.
އީމާއާއި ސަމާ ބޭރަށް ނުކުތީ ދުވަހަކީ ރީތި ދުވަހަކަށްވެފައި މޫދަށް އެރިލަންދިއުމަށެވެ. ދެމީހުންވެސް މޫދަށް ދާނަވެގެން ލައިގެން ހުރި ކުރު ސޯޓާއި ގަޔަށްބާރު ޓީޝާޓުންވެސް އެ ކުދިންނަކީ ޒަމާނީ ހެދުން އެޅުމަށް ލޯބި ކުރާ ކުދިބައެއްކަން އަޅައިގެން ތިބި ހެދުމުންވެސް ފާހަގަވެގެން ދާނެވެ. އެމީހުން ދިރިއުޅޭ ފްލެޓް ކައިރީގައި އެމީހުން މަޑުކޮށްލައިގެން ތިބީ ޒީނާގެ އިންތިޒާރުގައެވެ.
‘އޭތް އަދި މަޑުކުރޭ. މި ފައިބަނީ..” ޒީނާ ހަތަރުވަނަބުރީގެ ބެލްކަނިން ބޯދިއްކޮށްލިއެވެ. ސަމާއަށް އަތުން ހަނާއަޅާލުމަށްފަހު ޒީނާ އެތެރެއަށް ދެމިގަތެވެ. ކުޑަ އިރުކޮޅެއްނުވެ ދުވަމުން ތެޅެމުން ފޮޅެމުން ތިރިއަށް އަތުވެއްޖެއެވެ. އޭރު މުޅި މީހާ ހުރީ މާނޭވާ ލެވޭވަރުވެފައެވެ. އަތުގައި ފިނި ދެ ފެންފުޅިވެސް އޮތެވެ.
“ސާބަސް ޒީ. ތަތްކަމުން ތަނަކަށް ދާންވެސް މި ޖެހެނީ އިންތިޒާރުކުރަން… މިހާރު ނުވަގަޑި ބައިވަނީ. އަވަހަށްގޮއްސަ އަންނަންވާނެ. ޒީ ހަވީރު ޑިއުޓީއަށް ދިއުމުގެ ކުރިން އަދި ކާއެއްޗެއް ރޯފިލުވަން ޖެހޭނެ.. ތަނަކަށް ދާން ރެޑިވިޔަސް ތިދެން ބޮޑުވަރު.” އީމާއާއި ސަމާގެ ފަސްފަހަތުން ޒީނާވެސް މޫދަށް ދިއުމަށް ހިނގައިގަތެވެ.
ތިން މީހުންއެކުއެކީގައި ހިނގަމުންގޮސް ޓްރެކް ދިމާއަށް އަތިރިމައްޗަށް ފޭބިއެވެ. އޭރު ކުޑަކުދިންނާއި އެކި އުމުރު ފުރައިގެ މީހުން އެކި ކަންކަމުގައި މޫދުކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެއްބަޔަކު މޫދު ކުޅިވަރުގައި ސަކަރާތްޖަހަމުން ދިޔައިރު ފަތުރުވެރިންވެސް އެމީހުންގެ ޗުއްޓީ ދުވަސްތަކުގައި މަޖާކުރުމަށް ކޮޅުކޮޅަށް ހަރަކާތްތެރިވަމުން ދިޔައެވެ. ހުޅުމާލެގެ ހުދު ދޮންވެލިގަނޑަކީ އެހާމެ ރީތި، ފަތުރުވެރިންވެސް އެތަނަކަށް ފިދާވާވަރުގެ ރީތި ތަނެކެވެ، ހުޅުމާލޭގެ ގުދުރަތީރީތިކަމަށް ދަހިވެފައިވާ ދިވެހިންގެ ބިމަށްޖާނުދޭ ފަތުރުވެރިން އެހިސާބުގައި ލޯބިން އުޅެމުން ދިޔައެވެ.
ޒީނާ ލައިގެން ހުރި ކަޅު ޓައިޓް ފަޔަށް ބާރުކަމުން ފައިގެ ވަނާތަށް ފާޅުވަމުން ދިޔައެވެ. ގަޔަށް ދޫކޮށްހުރި ރީންދޫ ކުލައިގެ ޓީޝާޓުން ޒީނާގެ ރީތިކަމަށާއި ބުރުސޫރައަށް އިތުރު ފުރިހަމަކަމެއް ވަނީ ގެނުވައިދީފައެވެ. ހާވާލެވިފައިވާ ޒީނާގެ ބުޅި އިސްތަށިގަނޑުވަޔާ ކުޅެމުންދިޔައިރު ޒީނާގެ އަންހެންވަންތަކަން ފެންނަށްހުއްޓެވެ. ބައެއް ފަހަރު ޒީނާއެކިކޮޅުކޮޅަށް ނަޒަރު ހިންގާލައެވެ. ހީވަނީ ހިތްއެދޭ ބައިވެރިޔާ އެތަނުން ފެންނާނެ ކަމުގެ އުއްމީދު ކުރެވެނީހެންނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23