ރައީސް ޢަބްދުﷲ ޔާމީން ގެ ރަސްމީ ލޯންޗްކޮޅު ގޮއްވައިލި ހާދިސާއަށް އަލީ ސީޒަން ހަދަން އިއުލާން ކުރި ފިލްމު “ފިނިފެންމާ: ގައްދާރުވީ ކާކު؟” ގެ މަސައްކަތް މި ވަގުތަށް މަޑުޖައްސާލައިފި ކަމަށް ސީޒަން ބުނެފި އެވެ.

 

މި އަހަރު ސިނަމާ އަށް ގެންނާނެ ކަމަށް ކުރިން އިޢުލާނުކުރި “ފިނިފެންމާ: ގައްދާރުވީ ކާކު؟” ފިލްމު މަޑުޖައްސައިލައި އެހެން ޕްރޮޖެކްޓްތަކަށް ތައްޔާރުވަމުން އަންނަ ކަމަށް ސީޒަން ބުނެއެވެ.

 

ސީޒަން ބުނީ އެ ހާދިސާގެ ތަހުގީގުތަކެއް އަދިވެސް ކުރިއަށް ހުރިކަން އެނގިފައިވާ ކަމަށާއި އެހެންކަމުން މި ވަގުތަށް ފިލްމު އޮތީ މަޑުޖައްސާލާފައި ކަމަށެވެ.

 

“ބޭނުންވަނީ އެ ހާދިސާގެ ވަރަށް ވެސް ގިނަ އިންފޮމޭޝަންތައް ލިބިގެން، ރިސާޗްތަކެއް ވެސް ހަދައިގެން ފިލްމު ހަދަން،” 2016 ގައި “ވަތާފެރި ކެހިވެރިޔާ” ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. “ބޭނުމެއް ނޫން ކުޅޭކުޅޭ ގޮތަކަށް މި ފިލްމު ހަދާކަށް.” އޮންލައިން ނޫސް މިހާރަށް މަޢުލޫމާތު ދެމުން ސީޒަން ބުންޏެވެ.

 

ސީޒަން އިތުރަށް ބުނީ “ފިނިފެންމާ: ގައްދާރުވީ ކާކު؟” ގެ މަސައްކަތް ފަށާނީ އޭގެ ސްކްރިޕްޓް ބޭނުންވާ ފެންވަރަށް ފައްކާ ކުރެވެމުން ކަމަށާއި ފިލްމު އަދިވެސް އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށެވެ.

 

“އެހެންވީމަ ފިލްމުގެ އަމަލީ މަސައްކަތް ފެށޭނެ އިރެއް ބުނާކަށް އަސްލު ނޭނގޭ. ހަގީގަތުގައި މިއީ އަހަރެން ވަރަށް ހަދަން ބޭނުންވާ ފިލްމެއް. އެހެންވީމާ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން މަސައްކަތް ފަށައިގަންނާނީ، ކޮންމެ ގޮތެއް ވިޔަސް އެބަޖެހޭ ފިނިފެންމާ ހާދިސާގެ ތަހުގީގަށް ވާ އެއްޗެއް ބަލަން ވެސް. މި ހުރިހާ ކަމަކަށް ބަލައިފައި ފިލްމު ހެދީމަ ނޫނީ މީތި އެއްޗަކަށް ނުވާނެ ކަންނޭނގޭ.”

 

“މި ފިލްމަށް ވަރަށް ވަގުތު ވެސް ނަގާނެތީ، މިއަށް މަޑުކޮށްގެން ނުހުރެ އިތުރު ޕްރޮޖެކްޓްތަކެއް ވެސް ފަށަން ތައްޔާރުވަމުން މި އަންނަނީ،” އޭނާ ބުންޏެވެ. “ބައެއް މަސައްކަތްތައް މިހާރު ވެސް ކުރިއަށް އެބަދޭ. އެކަމަކު އަދި މީޑިއާ ޝެއާ ކުރަން ތަންކޮޅެއް އަވަސް.” މިހާރު ނޫހަށް އިތުރަށް މަޢުލޫމާތު ދެމުން ސީޒަން ބުނެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.