ކިޔުންތެރިންގެ ޚިޔާލެއް ހޯދައިލަން ސުވާލެކެވެ. ދިވެހިބަހަށް ލޯބިކުރާ، ދިވެހިބަހާ މެދު ވިސްނައިވަޑައިގެން ފިކުރުފުޅު ހިންގަވާ ބޭފުޅުންގެ ފިކުރުފުޅު ހިންގަވައިލައްވަން ސުވާލެކެވެ. ‘ހޭންޑް ފުޓް މައުތު ޑިޒީޒް’ އަށް “އަނގަތާފައި ބަލި” ކިޔުން ކިހިނެއްތޯއެވެ؟

މިއީ ‘ތަރިރުހަނދު’ މި ލަފުޒު ހެދިފައިވާ ގޮތަށް ވިސްނުން ބަހައްޓައިގެން ހަދައިފައިވާ އެކުވި ލަފުޒެއް ނުވަތަ ނަމެކެވެ. އާދެ، ތަރި، އިރު އަދި ހަނދު، މި ތިން ލަފުޒު އެއްކޮށްލައިގެން ‘ތަރިރުހަނދު’ ހަދައިފައިވާ ގޮތަށެވެ. ‘އިރު’ މި ލަފުޒުގެ އ (އަލިފު) އުނިކޮށްލައިގެންނެވެ. ހަމަ އެފަދައިން އަނގަ، އަތް، ފައި، މި ތިން ލަފުޒު އެއްކޮށްލައިގެން، ބައެއް އަކުރު އުނިކޮށްލުމަށް ފަހު (‘އަތް ނުވަތަ ‘އަތާއި’ ގެ އަލިފު އުނިކޮށްލައިގެން) “އަނގަތާފައި” ހަދައިފައި މިވަނީ ކިޔައިލައިން އުނދަގޫ ނުވާނެ ގޮތަކަށެވެ. ‘ހޭންޑް ފުޓް މައުތު ޑިޒީޒް’ގެ ބަދަލުގައި “އަނގަތާފައި ބަލި” ކިޔައިލަން މާ ފަސޭހަ ނޫންތޯއެވެ؟

އިނގިރޭސިބަހުން މި ބައްޔަށް ބޭނުންކުރާ ‘ހޭންޑް ފުޓް މައުތު’ މި ތަރުތީބުން ކިޔުމަށް ވުރެ “އަނގަތާފައި” (އަނގަ، އަތް، ފައި) މި ތަރުތީބުން ކިޔުން މާބޮޑަށް ‘ލޮޖިކަލް'(މަންޠިޤީ) ކަމަށް ޤަބޫލުކުރެވޭ ނޫންތޯއެވެ؟ އެހެނީ ‘ހޭންޑް، ފުޓް އަދި މައުތު’ ކިޔީމާ މަތިން ތިރިއަށް ގޮސްފައި އަނެއްކާ ވެސް މިދަނީ މައްޗަށެވެ. މި ބަލީގެ އަލާމާތްތަކާއި އުނދަގޫތަކަށް ބަލާއިރު، ބަލީގެ ވޭން އެންމެ ބޮޑީވެސް އަނގައިގައި ނަގާ ބިހިތައް ނުވަތަ ފޮޅުތަކަށް ނޫންތޯއެވެ! މިހެންވުމުން، ލަފުޒުތައް އަމުނައިލާއިރު ‘އަނގަ’ އިސްކުރުން މާ ބޮޑަށް ވެސް އައުލާކަން ބޮޑު ނޫންތޯއެވެ؟

ދެންއޮތީ ދިވެހިބަހުގެ އެކެޑަމީން މިކަމާ މެދު ދެކިވަޑައިގަންނަވާ ގޮތެއް ބަލައިލުމެވެ. ބަހުގެ އެކެޑަމީގެ އިއްޒަތްތެރި މެންބަރު އަލްއުއްތާޛް އިޔާޒް ނަސީމް މި ދެންނެވި ހަމަޔާ މެދު ވިދާޅުވީ މި ލަފުޒު ހަދައިފައިވާ އުސޫލު ވަރަށް ރަނގަޅުކަމުގައެވެ. ތިޔަ ބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯއެވެ؟

މި ސުވާލަށް ތިޔަ ބޭފުޅުންގެ ޚިޔާލަކަށް އެދެމެވެ. އެގޮތުން މިކަމަށް އަޅުގަނޑުމެން މިވަނީ ޚިޔާލުހޯދުމުގެ ވޯޓެއް ހުޅުވާލާފައެވެ. ވޯޓުން ޚިޔާލެއް ދެއްވާނެ ކަމަށް އުއްމީދުކުރަމެވެ.



ޚިޔާލުހޯދުމުގެ މި ވޯޓް، ފޭސްބްކް މެދުވެރިކޮށް ހިއްސާވެސް ކޮށްލެވޭނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.