ޒީނާ ލައިގެން ހުރި ކަޅު ޓައިޓް ފަޔަށް ބާރުކަމުން ފައިގެ ވަނާތަށް ފާޅުވަމުން ދިޔައެވެ. ގަޔަށް ދޫކޮށްހުރި ރީންދޫ ކުލައިގެ ޓީޝާޓުން ޒީނާގެ ރީތިކަމަށާއި ބުރުސޫރައަށް އިތުރު ފުރިހަމަކަމެއް ވަނީ ގެނުވައިދީފައެވެ. ހާވާލެވިފައިވާ ޒީނާގެ ބުޅި އިސްތަށިގަނޑުވަޔާ ކުޅެމުންދިޔައިރު ޒީނާގެ އަންހެންވަންތަކަން ފެންނަށްހުއްޓެވެ. ބައެއް ފަހަރު ޒީނާއެކިކޮޅުކޮޅަށް ނަޒަރު ހިންގާލައެވެ. ހީވަނީ ހިތްއެދޭ ބައިވެރިޔާ އެތަނުން ފެންނާނެ ކަމުގެ އުއްމީދު ކުރެވެނީހެންނެވެ.

 

ތިންމީހުން އެކުގައި ތަންކޮޅެއް ހޯދާލުމަށްފަހު ގޮސްދޮންވެލިގަނޑުމަތީގައި ފޫކޮޅު ޖައްސާލިއެވެ. ޒީނާވެސް ހަމަ ޖެހިލަމުން އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަތުގައި އޮތް ފެންފުޅީގެ މަތިގަނޑުދޫކޮށްލަމުން އަނގަޔަށް ފެންކޯވަރެއް އޮއްސާލިއެވެ. ފެންފޮދެއް ހަށިގަނޑުގައި ޖެހުމާއެކު ހަށިގަނޑަށް ފިނިކަމެއް ލިބިގެން ދިޔައެވެ.

 

ޒީނާގެ ދެލޯދެކިބަ ކާއްޓަށްވެގެން ދިޔައީ ހުސްގަޔާއި މޫދުން އަރައިގެ އަންނަ އިޒުވާން ފެނިގެންނެވެ. ނެވާ ކުރުވެ އޭނަގެހިތަށް ކުރަމުންދިޔަ އިހްސާސްތައް އެއްފަހަރާ ބަންޑުންކޮށްލެވުނު ކަހަލައެވެ. އޭނަގެ އެބިޔަ މޭމަތިން ފައިބަމުން ދިޔަ ލޮނު ފެންތިކިތައް ޒީނާގެ މޭވެސް ތެއްމާލިކަހަލެވެ. ލައިގެން ހުރި ކުރުސޯޓުން އިޒުވާންގެ ފައިފަލަމަސްގަޑާއި ކުޑަކަޅުވާފެނި ނުބައި ޖަޒުބާތެއް ކުރުވައިފިއެވެ. ޒީނާއަށް އިޒުވާންގެ ރީތި ހަށިގަނޑުފެނިފައި ބަސްހުއްޓުނެވެ. މޭމަތީގެ ވަރުގަދަކަމާއި މަސްތަކުގެ ކިބަތައްފެނި މަސްތީ އިހްސާސެއް ކުރަންފެށިއެވެ. އެހަށިގަނޑުގައި ގޮސް ބައްދާލާ ބޮސްދޭންވެސް ޒީނާގެ ހިތް ގޮވަމުންދިޔައެވެ. އިޒުވާނަކީ ކޮންކަހަލަ ރީތި ފިރިހެނެއްބާއޭ ޒީނާގެ ހިތަން އަރަމުން ދިޔައެވެ. ފައިންފެށިގެން ގޮސް ބޮލާހަމަޔަށް ނަޒަރުކަހާލެވުނެވެ. ފޫހިކަމެއް ނެތިއެވެ. ބަލާފޫހިނުވި އެ ޒުވާނާ އެއީ ކޮންކަހަލަ ރީތި މީހެއް ހެއްޔެވެ. މުޅި އެސަރަހައްދުންވެސް އެހާ ރީތި ފިރިހެނަކު ނުހުންނާނެކަން ޒީނާއަށް ޤަބޫލުކުރެވުނެވެ. އިޒުވާނުގެ ބިޔަ ހަށިގަނޑު ފެނުމާއެކު ތުންފަތް ހަފާލެވުނެވެ.

 

އިޒުވާން މޫދުން އަރައިގެން އައިގޮތަށް އައިސް އެތަނުގައި އިށީންދެގެން އިން އަންހެންކުއްޖާގެ ގާތުގައި އިށީނެވެ. އެކުއްޖާ އިނީ ޒީނާއަށް ފުރަގަސްވާގޮތަށް އިށީންދެލައިގެންނެވެ. ޒީނާ އެކުއްޖާގެ މޫނުފެނޭތޯ ދެފަރާތަށް މޫނު ހަރަކާތްކޮށްލިއެވެ. އިޒުވާން އެކުއްޖާގެ އަތުގައި ހިފާލިތަން ޒީނާއަށް ވަރަށް ރީއްޗަށްފެނުނެވެ. އެމަންޒަރު ފެނުމާއެކު ޒީނާގެ މޫނުގެ ކުލަވަރު ފުސްވެގެންދިޔައެވެ. ހިތަށް ލިބުނު ހިތްހަމަޖެހުންވެސް ހަމަ އެވަގުތުކޮޅުތެރޭގައި ބަދަލު ވެގެން ދިޔައެވެ. އެރީތި ހިނިތުންވުން އެކުއްޖާއަށް ފޮނުވާލި މަންޒަރުޒީނާއަށް ފެނުނެވެ. އިޒުވާނުގެ ހިނިތުންވުމާއި އެ އަންހެންކުއްޖާގައިގައި ބީހިލާ މަންޒަރު އެއީ ޒީނާބަލަން ބޭނުންވި ކަމެއްނޫނެވެ. އެހާވަރަށް ޒީނާއަށް އިޒުވާންދެކެ ލޯބި ވެވުނީތާއެވެ. ޙައްޤުވިޔަސް ނުވިޔަސް ޒީނާ ގަބޫލުކުރެވެންފެށީ އެއީ ހަމަ އެކަނި އޭނަގެ ޙައްޤެއްގެ ގޮތުގައެވެ.

 

“ހިނގާދާން. މަ ބޭނުމެއްނޫން މިތާ އިންނާކަށް” ޒީނާ ހިތަށް ލިބުނު އަނިޔާއިން އެތާގައި އިންނާކަށް ބޭނުމެއްނުވިއެވެ. ޒީނާގެ މޫޑު ބަދަލުވުމުން ސަމާއަށްވެސް އިނދެވުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ކުއްލިއަކަށް ޒީނާ ތެދުވިއެވެ. ޒީނާ ބަލަން ބޭނުން ނުވި މަންޒަރުތަކެއް ފެނިއްޖެކަން އީމާއަށް ވިސްނުނެވެ. އެހެނަސް އެމީހުން ކުރަންއައިކަންތައްނުވަނީސް އެހާއަވަށް ދާކަށް އެމީހުން ބޭނުމެއް ނުވިއެވެ. ޒީނާ ކުއްލިއަކަށް ދާންބޭނުންވީ ކީއްވެބާއޭ އެމީހުންވެސް ހިތަށް އަރަމުން ދިޔައެވެ.

 

“ދެންމެ މިއައީ. މިހާރު ދާންތިކިޔަނީ. ކިހިނެއްވީތަ؟” އީމާވެސް ހިންހަމަ ނުޖެހިފައި އިންތަނުން ތެދުވިއެވެ. އީމާ ތެދުވީ ޒީނާ ހިނގައިގަތުމުންނެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި ޒީނާ ހިނގައިގަތެވެ. އޭރު ޒީނާއަށް ރޮވޭގޮތްވެ ލޮލުގައި ކަރުނަތައް ޖަމާވަމުން ދިޔައެވެ. ގެޔާހަމައަށްއާދެވުނުއިރު ލޮލުގައި ޖަމާވެފައިވާ ކަރުނަތައް ޒީނާގެ ކޯތާފަތް ތެއްމާލިއެވެ.

 

ޒީނާ ބާރުހިނގުމެއްގައި އެޕާރޓްމެންޓަށްގޮސް ވަނެވެ. އީމާއާއި ސަމާ ބޭނުންވީ ވެގެން އުޅޭގޮތް އޮޅުން ފިލުވާށެވެ. އެމީހުންނަށް ގެއަށް އާދެވުނުއިރު ޒީނާ ސޯފާގައި ރޯން އިނެވެ. ޒީނާ ރޯތަން ފެނުމުން ސަމާއާއި އީމާއަށްވެސް ހަމްދަރުދީވެވުނެވެ. އެމީހުންނަކީ އެކަކު އަނެކަކު ދެކެލޯބިވާ ބައެއްކަންވެސް ހާމަވެގެން ދިޔައެވެ. ޒީނާ ގެ މަޑުމޮޅިކަން އެދެމީހުންނަށްވެސް އިހްސާސް ކުރެވުނެވެ. އެދެމީހުން ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމަށް ޒީނާގާތު ގޮސް އިށީނެވެ. ވާހަކަ ފަށާނީ ކީކޭ ކިޔާފައިހެއްޔެވެ.؟ ޒީނާއަށް ވީގޮތެއް ނޭންގެއެވެ.

 

ޒީނާއަށް ގިސްލެވެން ފެށިއެވެ. މޫދުކައިރިން ފެނުނު ކަންތައް ސިފަވާން ފެށުމުން ޒީނާއަށް އުނދަގޫވަނީއެވެ. ބޭއިޙްތިޔާރުގައި މޫނުގައި އަތްއަޅިއެވެ. ޒީނާ އަޑުން އަޑުނަގައި ރޯން ފެށިއެވެ. ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. ޙުދު ޒީނާއަށް ވެސް މިވަނީ ކީއްކަމެއް އޭނައަށް ނޭންގެއެވެ. ނޭންގި ނަމަވެސް ނުދަންނަ އިންސާނެއްދެކެ ލޯބި ވެވުނުކަން މިއީ ޒީނާއަށް ކުރެވުނު ބޮޑުކުށެކެވެ. ލޯބި ވީ ކީއްއެއްނޫނެވެ. ލޯބި ވެވުނީއެވެ. ޒީނާ ރޯން ޖެހުނު އެއްވެސް ސަބަބެއް އެމީހުނަކަށް ނޭންގުނެވެ. ބަލަހައްޓައިގެން ތިބެވުނީއެވެ. އެނގޭހާވެސް ކަމަކީ ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމެވެ. އެކަން ޒީނާ އުޅުނުގޮތުންވެސް އެނގިގެން ދިޔައެވެ. އެރުއިމާއި ގިސްލުމުގެ ހަޤީޤަތްތްވަނީ ޒީނާގެ ހިތުގައެވެ. އެރުއިމުގައި އެ ޖަޒުބާތެއްވަނީ ފޮރުވިފައެވެ. ޒީނާ ގެ ކޮންމެ ހަރަކާތަކުންވެސް އޭނަ ކަމެއް ސިއްރުކުރާކަން ހާމަވަމުން ދިޔައެވެ. ޒީނާ ރޯން ޖެހުނީ އެމީހުންގެ ސަބަބުން ކަމެއް ފެނިގެންތޯ ވެސް އަހާލަން އެމީހުން ބޭނުންވިއެވެ. ނަމަވެސް ސަމާއަށާއި އީމާއަށް ޒީނާއަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭތީ އެއްވެސް ވާހަކައެއް އަހާލަން ފަސްޖެހެނީއެވެ.

 

“ޒީ ޕްލީސް ހުއްޓާލަބަލަ. ކިހިނެއްތަވީ؟ ޒީ ޕްލީޒް.. އަނެއްކާ އަހަރެމެންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟ ޕްލީޒް ޒީ.. ބުނެބަލަ! ކިހިނެއްތަ ވި؟” އީމާ އާދޭސްކުރަންފެށިއެވެ. އެހެނަސް އީމާ ދެއްކި އެއްވެސް ވާހަކައެއް އަޑުނީވޭކަހަލައެވެ. ޒީނާ މަސަލަސް ކުރެވޭތޯ އީމާ މަސައްކަތްކުރިއެވެ. ނަމަވެސް އެކަންވީ ބޭކާރެވެ. ޒީނާ އެއްވެސް ބަހެއް ނުބުނެ، ދެލޯ ފޮހެމުންގޮސް ކޮޓަރިއަށެވެ. ސަމާއަށާއި އީމާއަށް ވީ ކިހިނެއްކަމެއްވެސް ނޭންގުނެވެ. އެނގޭހާވެސް ކަމަކީ ބޮޑުކަމެއް ވެއްޖެކަމެވެ. އެދެމީހުންނަށްވެސް ބުނާނެ އެއްޗެއް ނޭނގިފައި އެކަކު އަނެކަކަށް ބަލަހައްޓައިގެން ސޯފާގައި ތިބެވުނެވެ. އީމާއަށް އެނގޭހާވެސް ކަމަކީ ޒީނާ ކަމެއް ސިއްރުކުރާކަމެވެ.

 

ޒީނާ ކޮޓަރިއަށް ވަނުމަށްފަހު ދޮރުތަޅުލިއެވެ. ޒީނާ ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. ހިތްފުރެދެން ރޯން އޮތުމަށްފަހު ޒީނާ އެނދުން ތެދުވިއެވެ. ތެދުވެގެން ގޮސް ޑްރެސިން ޓޭބަލް ކުރިމަތީގައި ގޮސް ހުއްޓުނީ އަމިއްލަ ނަފްސްދެކެ ފޫހިވެފައިވާ ހާލުގައެވެ. އިޒުވާން އެހެން އަންހެންކުއްޖަކާއެކު އުޅޭތަން ދުށުމަކީ ޒީނާ ބަލަން ބޭނުންވި މަންޒަރެއް ނޫނެވެ. ނަމަވެސް އިޒުވާނަކީ ޒީނާގެ ކާކު ހެއްޔެވެ؟. އިއްޔެ މެންދުރު ފެނުނު މީހަކު ދެކެ އެހާވަރަށް ލޯބިވެނުނީ ކީއްވެހެއްޔެވެ؟ ޒީނާއަށް އެހާ އަސަރެއް ކުރަންވީ ކީއްވެހެއްޔެވެ؟ އިޒުވާނު ދެކެ ލޯބި ވެވުނީ އޭނަގެ ރީތި ސިފަތަކުން ހެއްޔެވެ؟ ނޫނީ އޭނަގެ މިޒާޖުން ހެއްޔެވެ.؟ ޒީނާއަށް ވެސް އެނގެނީ ހަމަ އެކަނިކުޑަ މިންވަރެކެވެ. ވާހަކަތަކުން ސިފަ ކޮށްފައި ހުންނަ ގޮތުން ފުރަތަމަ ނަޒަރުން ލޯބި މާނަ ކުރަނީ އެ އިހްސާސްތަކަށް ވާނަމަ ފުރަތަމަ ނަޒަރުން ޒީނާއަށް އިޒުވާނުދެކެ ލޯބިވެވިއްޖެއެވެ.

 

ޑްރެސިން ޓޭބަލްމަތީގައި އޮތް ކަތުރު ޒީނާގެ ލޮލުގައި އަޅައިގަތެވެ. ވިސްނާލަންސިކުންތުކޮޅެއްވެސް ނުވާނެއެވެ. ޒީނާ ކަތުރު ނެގިއެވެ. އަތުޖެހުނު ގޮތަށް ޒީނާ އޭނަގެ އިސްތަށިގަނޑު ކޮށާލިއެވެ. ޒީނާއަށް މިކުރެވެނީ ކީއްކަން ހުދު އޭނައަށްވެސް ނޭންގެއެވެ. ލޯތްބަކީ މިހާވަރަށް މީހަކުދެކެ ހޭބަލިވާންޖެހޭ ޖަޒުބާތެއް ހެއްޔެވެ؟ ބަލަންހުންނަ މީހަކު ޒީނާއަކީ މޮޔައެއް ކަމަށްވެސް ގަބޫލުކުރާނެއެވެ. ޒީނާގެ ލޮލުން ފައިބަމުންދިޔަ ކަރުންތައް ޒީނާގެ ކޯތާފަތް ތެއްމާލިއެވެ. ޒީނާއަށް ލޯބި ވެވުނީ ކީއްވެހެއްޔެވެ؟ ލޯތްބަކީ މިހާ ވޭންދެނިވި ކަމެއް ހެއްޔެވެ.؟ ޒީނާ އަށް އެހާވަރުވާން ޖެހުނީ އިޒުވާންގެ ފަރާތުން ކޮންކަމެއް ފެނިގެން ހެއްޔެވެ.؟ އެންމެ ކުޑަމިނުން އެއީ ކާކުކަން، ކޮންތަނަކުން އައިސްގެންއުޅޭ މީހެއްކަން ޒީނާއަށް ނޭންގި އެވަރުގެ އަނިޔާއެއް ދޭން ކެރުނީ ކީއްވެހެއްޔެވެ.؟ ލޯތްބަކީ ވޭންދެނިވި ޖަޒުބާތެއް ހެއްޔެވެ؟ ލޯބިވުމަކީ ކުށެއްނަމަ ޒީނާ އެދަނީ އެލޯބީގައި ފަނާވަމުންނެވެ. މިފަދަ ލޯތްބެއްވުން ޒީނާ އަށް ޙައްޤުވާނެ ހެއްޔެވެ.؟

 

ޒީނާ ކަތުރު ނަގާ ހޫރާލީ އޭނަ ބޭނުންވާ ވަރަށް އިސްތަށިގަނޑުކޮށައި ހިތްހަމަޖެހޭ ވަރު ވުމުންނެވެ. އޭނަގެ ހިތުގެ އުދާސްތައް އިސްތަށިގަނޑަށް ވަރުކޮށްލެވުނީ އިސްތަށިގަނޑުގެ ކޮންކުށެއް އޮވެގެން ކަމެއް އެއީވެސް ނޭންގޭ ކަމެކެވެ. ބިންމަތީގައި އޮތްކަތުރަށް ބަލާލުމަށްފަހު ލޯގަނޑުން އޭނަގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. ޒީނާއަށް އަމިއްލަ ނަފުސަށްމަލާމަތްކުރެވުނެވެ. ކަރުނަތައް ފޮހެލަމުން ޒީނާ ފާހަނާއަށް ވަނުމަށް ހިނގައިގަތެވެ.

 

‘”އަހަރެންނޫން އެހެން މީހަކަށް އިޒުވާނެއް ނުލިބޭނެ” ޒީނާއަށް ބާރުބާރަށް ބުނެލެވުނެވެ. ޒީނާ އަށް ކިޔެނީ ކޮންމެހެން އޭނަ ބުނަންބޭނުންވާ އެއްޗެއް ނޫނެވެ. އިހްތިޔާރުން ބޭރުވެވެނީއެވެ. ނޭންގި ހުއްޓާ އިޒުވާނު އޭނަގެ އެހާ މުހިއްމު މީހަކަށް ވާންޖެހުނީ ކީއްވެހެއްޔެވެ؟ އެއީ ޒީނާގެ ކާކުކަން ޒީނާ މާނަ ކުރަނީ ކިހިނެއްކަން ހުދު ޒީނާވެސް ވިސްނާލަން އެންމެ ރަނގަޅުވާނެތާއެވެ.!!!

 

***

 

ހުކުރު ވަގުތު ފާއިތުވެގެން ދިޔައިރުވެސް ޒީނާ ކޮޓަރިއަކުން ނުކުންނާކަށް ނޫޅެއެވެ. ކާންހަދައިގެން އީމާއާއި ސަމާ ތިބީ ޒީނާގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ޒީނާ ކޮޓަރީގެދޮރު ހުޅުވާލާފައި ނުކުތެވެ. އެދެމީހުންނަށްވެސް އެއްފަހަރާ ބަލައިލެވުނެވެ. ޒީނާ ހުރިގޮތްފެނިފައި އެދެމީހުންވެސް ތިބީ ފާޑަކަށް ބަސްހުއްޓިފައި ޒީނާއަށްބަލާށެވެ. ޒީނާ އެއްވެސް ވާހަކައެއްނުދައްކާ ތައްޔާރުވެގެން ނުކުތީ ޑިއުޓީއަށް ދިއުމަށެވެ. ޒީނާ ނުކުމެގެން ބޫޓަށް އަރައިގެން ނުކުތެވެ. ސަމާ ގޮވާލުމުންވެސް އެއްވެސް ޖަވާބެއްނުދީ ޒީނާ ނުކުމެގެން ދިޔައީއެވެ. އީމާއަށް އިނދެވުނި ބުނާނެ އެއްޗެއް ނޭންގިފައެވެ.

 

ޒީނާއަކީ ކިތައްމެ ގާތްކޮށް އުޅުނަސް ކަންތައް ހިއްސާކޮށް ވާހަކަތައް ދުލުން ބޭރުކުރާ ކުއްޖެއް ނޫނެވެ. ކޮންމެ ކަމެއް ދިމާވިޔަސް ކައިރީގައި އުޅޭ އެއްވެސް މީހަކާ އެވާހަކައެއް ހިއްސާއެއް ނުކުރާނެއެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އީމާއެވެ. އެއްވެސް ކަމެއްވެގެން ސުވާލެއްކުރިނަމަވެސް ޒީނާގެ ފަރާތުން ޗުއްޕުވެސް ނުބުނާނެއެވެ. އީމާ ދެކޭ ގޮތުގައި ޒީނާ އަކީ އާދަޔާ ހިލާފު ކުއްޖެކެވެ. އެކުގައި އުޅުނަސް ޒީނާ އަކީ އެހެން ކުދިންނާއި ވަރަށް ތަފާތު މިޒާޖެއްގެ ވަރަށް އާދަޔާ ހިލާފުކުއްޖެކެވެ.

 

ޑިއުޓީ ފެށުމާއެކު ޒީނާ އިންތިޒާރު ކުރަމުންދިޔައީ އިޒުވާން ފެންނާނެ އިރަކަށެވެ. ކައުންޓަރުގައި ހުންނަ އިރު އަވަސް އަވަހަށް ބިއްލޫރިގަނޑުން ބޭރު ބަލާލެވެއެވެ. އިޒުވާނުގެ ހިލަމެއް ވޭތޯއެވެ. ނަމަވެސް އިޒުވާނުގެ ހިޔަނިވެސް ފެންނަވަރެއް ނުވިއެވެ. އިރު އޮއްސުމާއެކު އެއަރޕޯޓަށް ހަލަބޮލިކަން ވެރިވެގެން ދިޔައެވެ. ބޭރުތެރޭގައި ޗައިނާ ފަސިންޖަރުން ވަދެ އެއަރޕޯޓްތެރެ މުޅި ޓާރމިނަލްތެރެ ހިޞާރުކޮށްލިއެވެ. މުޅި ތަނަށްވެރިވެގެން ދިޔައީ އެމީހުންގެ ހަޅޭކުގެ އަޑާއި ހުނުމުގެ އަޑުފައްގަޑެވެ.. އިރުކޮޅެއް ނުވެ ޕިއްޒާ ކޮންޕެނީއަށް ވެސް އޭގެ ރޯޅި ވަންނަމުން ދިޔައެވެ. ޗައިނާ މީހުންތައް އައިސް ކައުންޓަރުގައި ފައްޗެއް ދަމާލިއެވެ.

 

ޒީނާ އަވަސްވެގަތީ އެމީހުންނަށް ޙިދުމަތް ދިނުމުގައެވެ. ޗައިނާމީހުންގެ އަޑުފައްގަޑު ގަދަވަމުން ދިޔައެވެ. ހީވަނީ ތަނަށް އީދެއް އައިސްގެން އުޅޭ ހެންނެވެ. ޕިއްޒާ ކޮންޕެނީގެ ދޮރު ހުޅުވިގެން ދިއުމާއެކު ޒީނާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އިންތިޒާރުގެ ނިމުމަށް ދިރުމެއް ލިބުނީ އިޒުވާން އައިސް ވަންނަތަން ފެނުމުންނެވެ. އިޒުވާނާއެކީ އޭނައެކުގައި މަސައްކަތްކުރާ އެހެން ދެކުއްޖަކުވެސް އައިސް ވަނެވެ. ޒީނާ އަތްމަތި އަވަސްކޮށްލީ އިޒުވާނަށް ހިދުމަތް ދިނުމުގެ ގޮތުންނެވެ. އިޒުވާނުގެ ރީތި ހިނިތުންވުން ޒީނާއަށް ވާސިލްވެގެން ދިޔައެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ޒީނާވެސް ލަދު ރަކި ހިނިތުންވުމެއް ފޮނުވާލިއެވެ. ސަފުގައި ޗައިނާ މީހުން ގިނަކަމުން އިޒުވާނަށް ފުދޭވަރެއްގެ ވަގުތުކޮޅެއް ސަފުގައި މަޑުކުރަން ޖެހުނެވެ. ޒީނާ ހަމައަށް ވާސިލްވުމަށް އިޒުވާން ޖެހުނީ ކެތްކޮށްލާށެވެ. ޒީނާ އަށް އެވަގުތުކޮޅުވެސް ހީވީ ޤަރުނެއް ފާއިތުވެގެން ދިޔަހެންނެވެ. އިޒުވާނުގެ މޫނު ކައިރިން ދެކޭ ހިތްވާވަރުން ކެތްމަދުވަނީއެވެ. ޒީނާގެ ހިތުގައި އިޒުވާނުގެ ތަސްވީރުވަނީ ބިންވަޅު ނެގިފައެވެ.

 

“ކޯއްޗެއްތޯ ނަންގަވާނީ؟” ޒީނާ މަޑުމައިތިރިކަމާއި އިޙްތިރާމާއެކު ވާހަކަ ދެއްކިއެވެ. އޭރުވެސް ޒީނާގެ ނަޒަރު ހުއްޓިފައިވަނީ އިޒުވާނަށެވެ. ޒީނާއަށް ކަޅި ޖަހާނުލާ އިޒުވާނަށް ބަލަމުން ދިޔައެވެ.

 

“ޒީނާއަށް އެންމެ މީރު ޕިއްޒާއެއް މިއަދު ޓްރައިކޮށްލަން ބޭނުންވަނީ.” އިޒުވާނަށް އެހެން ބުނެލި ވަގުތުވެސް ޒީނާގެ ހިތުގައި އިޒުވާނަށް ދެވުނު މަޤާމަށްވުރެ އިތުރު ޖާގައެއް ހުޅުވާލެވުނެވެ. އަވަސް އަވަހަށް ޒީނާއަށް އެންމެ މީރު ޕިއްޒާއަށް އޯޑަރު ޖެހުމަށްފަހު އިޒުވާނަށް ޝުކުރު އަދާކުރިއެވެ. އިޒުވާނު ފައިސާދިއްކޮށްލުމުން އިޒުވާނުގެ މޫނަށް ބަލަހައްޓައިގެން ހުރެއޭގައި ހިފިއެވެ. އިޒުވާނު ދިއްކޮށްލި ފައިސާގައި ހިފަމުން ޒީނާ އެ ނަގައި ކައުންޓަރުގެ އެއްފަރާތެއްގައި ބެހެއްޓުމަށްފަހު އޭނަގެ ޖީބުން ފައިސާ ނަގައި ޑްރޯވާއަށްލިއެވެ. އިޒުވާން ދިން ފައިސާވެސް ޒީނާއަށް ވީ ރަނަށްވުރެ އަގުބޮޑު އެއްޗަކަށެވެ. ބާކީ އިޒުވާނަށް ދިއްކޮލުމުން ލުއި ހިނިތުންވުމަކާއެކު އޭނަގެ ރައްޓެހިންނާއެކު އެތަނުގައި ހުރި ހުސް މޭއްޒެއްކައިރީގައި ޖައްސާލިއެވެ. އެމީހުން އިންތިޒާރު ކުރަމުން ދިޔައީ ޕިއްޒާ އަންނާނެ ވަގުތަކަށެވެ. ޒީނާ ހަމަ ރަނގަޅަށްވެސް އިޒުވާނަށް ހިތްދެވުނެވެ. ޒީނާގެ ހުރިހާ އަމަލުތަކުންވެސް އިޒުވާނަކީ އޭނަގެ ޙަޔާތަށް ވަރަށް މުހިއްމު މީހަކަށް ވެއްޖެކަން ކަށަވަރުވެގެން ދިޔައެވެ.

 

އިޒުވާނު ޕިއްޒާކައިގެންދަމުން ކައުންޓަރާއި އަރާހަމަވެފައި ޒީނާއަށް ގޮވާލިއެވެ. ޒީނާ ސިހިފައި ކަހަލަ ގޮތަކަށް އިޒުވާނަށް ބަލައިލިއެވެ. އިޒުވާންފެންނަ ކޮންމެ ފަހަރަކު ޒީނާއަށް ހީވަނީ މުޅިންވެސް އަލަށް މީހަކު ފެނިގެން ބަލާހެންނެވެ.

 

“ޕިއްޒާ ވަރަށް މީރު.. ނޮޓް އަ ބޭޑް ޗޮއިސް. މާދަމާވެސް އަންނާނަން ޕިއްޒާއެއް ކާލަން.” އިޒުވާނު ދޮރު ހުޅުވާލަމުން ޒީނާއަށް ރަނގަޅަށް ބަލާލިއެވެ.

 

“ތި ހެއަރ ސްޓައިލް ޒީއަށް ވަރަށްގުޅޭ.” އިޒުވާނުގެ ފަހު ޖުމުލަ ޒީނާގެ ހިތަށް އާދިރުމެއް ގެނުވިކަހަލައެވެ. އުފފަލުން ގޮސް ނަށައިގަންނަންވީބާއޭ ވެސް ހިތަންއެރިކަހަލައެވެ. ޒީނާ ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ. ނޭންގި ނަމަވެސް އިޒުވާނަށް ބުނެވުނު އެއްޗަކުން ޒީނާއަށް އުފާވެރިކަން ލިބުނެވެ. ރުޅިއައިސްގެން ވެސް އިސްތަށިގަނޑު ކޮށާލެވުނީ ރަނގަޅު ކަމެއްކަމަށް ޒީނާގެ ސިކުނޑިއަށް ވިސްނުނެވެ. އިޒުވާނު އެތަންނުން ނުކުމެގެން ދާންދެން ޒީނާހުރީ އިޒުވާނަށް ގެއްލި ހުސްވެފައެވެ.

 

އިޒުވާނު ދިއުމުން ޒީނާއަށް އުޅެވުނު ގޮތްވެސް ނޭންގުނެވެ. ފުރަތަމަ ފަހަރަށް ނޭންގިހުއްޓާ މީހަކު ދެކެ ވެވުނު ލޯތްބެއް ޒީނާއަށް ބުނެދޭންވެސް ނޭންގުނެވެ. ޒީނާއަށް އެވަގުތުކޮޅުވެސް ވެގެން ދިޔައީ އެތަކެއް އުފާތަކެއް އެއްފަހަރާ ހާސިލް ކުރެވުނުކަހަލަ ވަގުތުކޮޅަކަށެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޙުސައިން އަސްލަމް
ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް