މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރ އެފެއާޒް އިން އިންތިޒާމް ކުރައްވައިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ން 24 ށް ބޭއްވުމަށް ހަމަޖެހިފައިވާ ހަތްވަނަ ބައިނަލްއަޤްވާމީ އަސްވަން ސަޤާފީ އަދި ފަންނީ މަހާސަމާ (ސެވަންތް ރައުންޑް އޮފް އަސްވަން އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ކަލްޗަރ އެންޑް އާރޓްސް) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފި އެވެ.

 

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ ބައިނަލްއަޤްވާމީ އަސްވަން ސަޤާފީ މަހާސަމާގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާކަމަށެވެ. އެހެންކަމުން މި މަހާސަމާގައި ބައިވެރިވާ ގްރޫޕްގައި ހިމެނޭނީ 12 މެމްބަރުން ކަމަށާއި އެއީ ބައިވެރިވާ ގްރޫޕްގެ 10 މެމްބަރުންނާއި އޮފިޝަލުންގެ ގޮތުގައި އެން.ސީ.އޭ ގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ 02 ބޭފުުންކަމަށް ބުނެއެވެ.

 

ބައިނަލްއަޤްވާމީ އަސްވަން ސަޤާފީ އަދި ފަންނީ މަހާސަމާގައި ބައިވެރިވާ ގްރޫޕްގެ ކެއުމާއި ހުރުން އަދި އެތެރޭގެ ދަތުރު ފަތުރު ހަމަޖައްސައިދެއްވަނީ އިންތިޒާމް ކުރައްވާ ފަރާތުންނެވެ. ނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރ ފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުން އަމިއްލައަށް ކަމަށް އެ އިޢުލާނުގައި ބުނެއެވެ.

 

ބައިނަލްއަޤްވާމީ އަސްވަން ސަޤާފީ އަދި ފަންނީ މަހާސަމާގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 02 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ ކުރިން އެންސީއޭ އަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.

 

މި މަހާސަމާގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް އެންސީއޭގެ މި ލިންކުން އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެންސީއޭގެ ފޯނު ނަންބަރު 3344667 އަށް ގުޅުއްވުމަށް އެންސީއޭ އިން އެދިލައްވައެވެ.

 

ބައިނަލްއަޤްވާމީ އަސްވަން ސަޤާފީ އަދި ފަންނީ މަހާސަމާ އަކީ މިސްރުގެ ކަލްޗުރަލް އެފެއަރޒް މިނިސްޓްރީން އަހަރަކު އެއްފަހަރު ބާއްވާ މަހާސަމާއެކެވެ. މި މަހާސަމާގައި އެކި ޤައުމުތަކުގެ ސަޤާފީކުޅިވަރުތައް ދައްކައިލުން ކުރިއަށް ގެންދެއެވެ. އައިޓަމްތައް ކުރިއަށް ގެންދަނީ މިސްރުގެ އަހުރާމުތަކާއި ނީލަކޯރު ހިމެނޭ ސަރަހައްދުތައްފަދަ ތާރީޚީ ތަންތަނުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.