އިޒުވާނު ދިއުމުން ޒީނާއަށް އުޅެވުނު ގޮތްވެސް ނޭންގުނެވެ. ފުރަތަމަ ފަހަރަށް ނޭންގިހުއްޓާ މީހަކު ދެކެ ވެވުނު ލޯތްބެއް ޒީނާއަށް ބުނެދޭންވެސް ނޭންގުނެވެ. ޒީނާއަށް އެވަގުތުކޮޅުވެސް ވެގެން ދިޔައީ އެތަކެއް އުފާތަކެއް އެއްފަހަރާ ހާސިލް ކުރެވުނުކަހަލަ ވަގުތުކޮޅަކަށެވެ.

 

****

 

ދަންވަރުގެ ހަމަ ހިމޭންކަށް ވަނީ ވެރިފައެވެ. ގަޑިން ބާރަޖަހަން ކައިރިވަނީއެވެ. ޑިއުޓީ ނިންމާލުމަށްފަހު އިޒުވާން ފެނޭތޯ ޒީނާގެ ލޯ ކޮޅުކޮޅަށް ހޯދަންފެށިއެވެ. ނަމަވެސް އެކަންވީ ފޫނެއްފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. ސޭލްސް ނިންމާލުމަށްފަހު ޒީނާ ބަސް ސްޓޮޕަށް ދިޔައީވެސް އެންމެ ފުރަތަމަ އެ ސަރަހައްދުން އިޒުވާނެ ފެންނާނެކަމަށް އުއްމީދުގައެވެ. އެންމެ ފަހުފަހަރަށް ވެސް ޒީނާ ބޭނުންވީ އިޒުވާނުގެ ސޫރަ ދެކިލުމެވެ. އިޒުވާނާއި ބައްދަލުވާނެ ކަމުގެ ހުވަފެންތައް ދެކެމުންނެވެ. އެހެނަސް މުޅިން މާޔޫސްވެއްޖެއެވެ. ކޮންމެ ގޮތެއްވިއަސް ހިތްހަމަ ޖެހުމެއް ލިބުނެވެ. އެދުވަހުވެސް އިޒުވާނުގެ ރީތި ސޫރަފެނުނެވެ. އެ ހިތްގައި އަޑު ކަންފަތުގައި ޖެހުނެވެ. ވާހަކަ ދެއްކުނެވެ.

 

ބަހަށް އެރުމާއެކު ޒީނާ ގޮނޑީގައި ހަމަ ޖެހިލިއެވެ. ދަންވަރު ވަގުތުކަމުން ބަހުގައި މީހުން ފުދޭވަރަކަށް މަދެވެ. ގޮޑީގައި ހަމަޖެހިލުމާއެކު ފޯނު ނަގައި “ތްރީ ޖީ އޮން ” ކޮށްލިއެވެ. ފޭސްބުކު އެޕްލިކޭޝަނަށް ބަލާލުމަށްފަހު އިޒުވާނުގެ ނަން ފޭސްބުކް ސާރޗުގައި ފެނޭތޯ އަތްފުނާއަޅަން ފެށިއެވެ. އެތައް އިރެއްވަންދެން މަސައްކަތްކޮށް އެކަންވެސްވީ ބޭކާރު ކަމަކަށެވެ. މުޅިންވެސް ފެނުނީ އިޒުވާނުގެ ނަމުގައި ހުރި އެހެންމީހުންގެ އެކައުންޓްތަކެވެ. މާޔޫސްވެ ފޫހިކަންމަތީގައި އިންދާ ބަސް އައިސް ހުޅުމާލެ މައި ސްޓޮޕަށް ބަސްމަޑުކޮށްލިއެވެ. ބަހުން ފައިބައިގެން ވަކި ހިސާބަކަށް ދެވުނުތަނާ ސަމާގުޅަނީއެވެ. ނައިސްގެން ލަސްވީއެވެ.

 

“އަދި މިއައީ.. މިދަނީ ގެއަށްދާން..”

 

ޒީނާ ފޯނަށް ޖަވާބު ދިނުމަށްފަހު ފޯނު ދަބަހަށްލިއެވެ. ހުޅުމާލޭގެ މަގުތަކަށްވެސް ވެރިފައިވަނީ ހިމޭންކަމެކެވެ. ނަމަވެސް މަދު ފަހަރަކު ސައިކަލެއް ހުރަސްކޮށްލާތަން ފެނެއެވެ. ޒީނާ އާދައިގެ ހިނގުމެއްގައި ގެއަށްދިޔައިރު ސަމާ އިނީ ސޯފާގައި ޓީވީއަށް ގެއްލިފައެވެ. ސަމާގެ އިންތިޒާރުގައެވެ.

 

“ކޮބާ އީމާ؟”

 

ބޫޓު ބާލަމުން ޒީނާ ސްވާލުކޮށްލީ އީމާ ފެންނަންނެތުމުންނެވެ. ޒީނާ އައިގޮތަށް އައިސް ސޯފާއަށް ވެއްޓިގަތެވެ.

 

“މިއަދު ވަރަށް ބިޒީ ދޯ؟ އީމާ ދިޔައީ އޭނަ ބިޓު އައިސްގެން އުޅޭތީ އޭނައެއްކޮށް ބޭރަށް. މިރޭ އެ ނިލާމް އައިސްގެން ދިޔައީ. ބުނި ބޭރުން ކައިގެންނޭ އަންނާނީ. ހިނގާ ދޯ ކާން އުޅެން. މަވެސް މި އިންނަނީ ޒީ އައިމަ ނޫނީ ނުކައި ނިދަންވެސް ނުގޮސް. މާދަމާ ހެނދުނު ޑިއުޓީއަށްވެސް ދާންޖެހޭނެ..”

 

ޒީނާގެ އަތުގައި ހިފައިގެން ތެދުވަމުން ސަމާ ބުންޏެވެ. ޒީނާ ވެސް ސަމާއެކުގައި ތެދުވިއެވެ. ދެ މީހުންވެސް ތިބީ ނިންޖާ ހަލާކުވާން ކައިރިވެފައެވެ.

 

ކާން އިންސާފުކުރަމުން ސަމާ ބޭނުންވި ޒީނާގެ ބޯކޮށާލީ ކީއްވެތޯ ސްވާލުކުރާށެވެ. އެދުވަހު ރުއީ ކީއްވެތޯވެސް ސްވާލުކުރަން ސަމާ ބޭނުންވިއެވެ. ނަމަވެސް ޒީނާ ބުނާނެ އެއްޗެއް ނޭންގޭތީ އޭނަގެ މޫނަށް ބަލަހައްޓައިގެން ކަމުން ދިޔައެވެ. އެއްވެސް ކަމަކާއި ގުޅޭގޮތުން ޒީނާ ކުރެއް އެހިޔަސް އޭނަގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބޭނެއެވެ. އެކަން ސަމާއަށް އެނގި ހުރެވެސް ސަމާ ވާހަކަ ދައްކަންފެށިއެވެ.

 

“މިއަދު ޒީ ކީއްވެ ރުއީ؟ ބޯ ވެސް ތިހުރީ ކޮށާލާފަ! ކިހިނެއްތަ ވީ؟”

 

“ބުނަން ރަނގަޅު ވާހަކައެއް. ބޭކާރު ސްވާލު ނުކުރޭ. ސަމާއަށް ހަމަ ރަނގަޅަށް އެނގޭނެ މަ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާނެކަން.”

 

ޒީނާ ހިތްހަމަ ނުޖެހިފައި އިނދެ ޒާތތެއްގެ ރާގެއްގައި ޖަވާބުދިނެވެ. ސަމާއަށް ވިސްނުނީ ދެން އިތުރަށް އެކަމާއި ގުޅޭގޮތުން އެއްވެސް ސްވާލެއް ނުކުރުމަށެވެ. ސަމާވެސް ކައިގެން ތަށިތައް ދޮވެ މޭޒުމަތި ސާފުކޮށްލުމަށްފަހު ގޮސްވަނީ ކޮޓަރިއަށެވެ.

 

ޒީނާވެސް ކައިނިމިގެން ކޮޓަރިއަށްވަނުމަށް ހިނގައިގަތެވެ. މޭޒުމަތީގައި އޮތް ފޯން ރިންގްވާން ފެށުމުން ޒީނާ ފޯނަށް ބަލައިލިއެވެ. ސަމާގެ ފޯނު އޮތީ މޭޒުމަތީގައެވެ. އެ ފޯނަށް ގުޅަނީ ސަމާގެ ހަޔާތުގެ ބައިވެރިޔާ އަޒުލީމެވެ. އަޒުލީމްގެ ނަން ފެނުމާއެކު މޫނަށް ގޮތެއް ހަދާލިއެވެ. ފޫހިގޮތަކަށް މޫނުހަދައިގެން ހުރެ މޭޒުމަތީގައިއޮތް ފޯނު ނެގިއެވެ. ފޯނު ހިފައިގެން ގޮސް ސަމާގެ ކޮޓަރީގައި ޓަކިދިނެވެ. އިރުކޮޅެއްނުވެ ސަމާ ދޮރުހުޅުވިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ސަމާއަތަށް ފޯނު ދިނުމަށްފަހު ޒީނާ ގޮސް ކޮޓަރިއަށް ވަނެވެ.

 

“ވަރަށް ފޫހި މީހެއް.”

 

ޒީނާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.

 

ކޮޓަރިއަށް ވަނުމަށްފަހު ލައިގެން ހުރި ހެދުން ބަދަލުކޮށްލައިގެން ޒީނާގޮސް އެނދުގައި ޖައްސާލިއެވެ. ފޯނު އަތަށް ނަގައިގެން ޒީނާ އަނެއްކާވެސް މަސައްކަތްފެށީ ފޭސްބުކުން އިޒުވާންގެ އައިޑީ ފެނޭތޯއެވެ. އެތައްމަސައްކަތަށްފަހު ކުރި މަސައްކަތްވީވެސް ބޭކާރެވެ. ޒީނާ ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އިޒުވާންގެ ޙަގީޤަތް ހޯދުމެވެ. މީހަކު ދެކެ ލޯބި ވެވިއްޖެ ނަމަ ކޮންމެ މީހަކުވެސް އެ ލޯބި ކާމިޔާބުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ. ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ނުބާއްވާނެއެވެ. ޙުދު ޒީނާވެސް ބޭނުންވަނީ އިޒުވާންގެ ޙަގީޤަތް ހޯދާށެވެ.

 

“ތި ހެއަރ ސްޓައިލް ޒީއަށް ވަރަށްގުޅޭ.”

 

އިޒުވާނުގެ އެޖުމުލަކޮޅު ޒީނާއަށް އިވުނު ކަހަލައެވެ. އެންމެ އުފާވެރިކަމެއް ލިބުނީ “ޒީ’ އޭ ކިޔާލާފައި މުޙާތަބުކުރުމުންނެވެ. ޒީނާ އަށް އެ ލޯބި ޙައްޤުވިޔަސް އަދި ނުވިކަމުގައިވިނަމަވެސް ޒީނާއަށް އިޒުވާނު ދެކެ ލޯބި ވެވިއްޖެއެވެ. އެ ލޯތްބަށް އެދެވެން ފެށިއެވެ. އެ ލޯތްބަށް ހިތްކިޔައިފިއެވެ. ހިތް އެދެނީ އެ ސޫރަދެކޭށެވެ. ދުވަހަކުވެސް މީހަކު ދެކެ ނުވި ލޯތްބެއް އިޒުވާން ދެކެ ވެވިއްޖެއެވެ. އެ ލޯތްބަށް ދީވާނާވަމުން ދިޔައެވެ. ނޭންގި ނަމަވެސް މިވެވުނީ ޙަގީޤީ ލޯބިކަން ޒީނާއަށް އިޙްސާސް ކުރެވިއްޖެއެވެ. މިއީ އެބުނާ ޙަޤީޤީ ލޯބި ބާވައޭވެސް ޒީނާގެ ހިތް ބުނަމުން ދިޔައެވެ.

 

ޒީނާ އެނދުން ތެދުވީ ކަމެއް ހަނދާންވެގެންނެވެ. ޒީނާގޮސް ޑްރެސިންޓޭބަލް މަތީގައި އޮތް އަތްދަބަސް ނެގިއެވެ. ދަބަސް ނަގައި މޭގައި ޖައްސާލުމަށްފަހު ލުއި ހިނިތުންވުމަކާއެކު އަނެއްކާވެސް ޑްރެސިން ޓޭބަލް މަތީގައި ބޭއްވިއެވެ. ދަބަހުގެ ޒިބު ކަހާލުމަށްފަހު ދަބަހަށް އަތްކޮށްޕާލުމަށްފަހު އިޒުވާން ދިންރުފިޔާތަށް ނަގައި ނޭފަތުގައި ޖައްސާލަމުން އޭގައި ވަސްބަލާލިއެވެ. ޒީނާގެ އަމަލުތަކުންވެސް އިޒުވާނަށް ދެވިފައިވާ ލޯތްބާއި ކުލުނު ހާމަވެގެން ދިޔައެވެ. ޒީނާއަށް އިޙްސާސްކުރެވުނީ އިޒުވާނުގެ ބިޔަ ހަށިގަނޑުގެ ވަސް ޖެހުނު ހެންނެވެ. ޒީނާ އެވަނީ ހަމަ ރަނގަޅަށްވެސް އިޒުވާންގެ ލޯބީގައި އާވާރާވެފައެވެ. އެކަން ވަރަށް ރަނގަޅަށްވެސް ހާމަވެގެން ދިޔައެވެ.

 

***

 

“ހުރިހާ ކަމެއްވެސް ހާމަވެއްޖެ. އިޒުވާން އަހަރެން ގާތު ނުބުނެވޭ ވަރު ވާހަކައެއް ހިއެއްނުވޭ އޮންނާނެހެން. މިހެން އުޅޭތާ ތިން އަހަރު މިވަނީ. އިޒުވާން ތިވަނީ ލޯތްބެއްކަމެއް ހޭބަލިވުމެއްކަމެއްވެސް މިހާރު އަހަނަކަށް ނޭންގޭ. އިޒުވާން ޖަހާހާ ބެރަކަށް ނަށާކަށް ހައު އެއްނުހުންނާނަން.”

 

މަންހަޓަން ފިޝް މާކެޓްގައި ވާހަކަ ދައްކަމުން ދިޔަ ހައުލާ ވާހަކަ ދައްކަމުން ދިޔައިރު އަނގަޔަށް ކާއެތިކޮޅެއް ލަމުން ދިޔައެވެ. އޭރުވެސް އެތާގައި އެތައްބަޔަކު ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ހުޅުމާލޭގައި ހުންނަ އެތަނަކީ މިހާރު ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ރެސްޓޯރަންޓެވެ. ސީފުޑްގެ މީރު ރަހަތަށް އިންސާފުކޮށްލުމަށް އެއީ މިހާރު އެންމެ މަޤުބޫލު ތަނެވެ.

 

ހައުލާ އަކީ އާދައިގެ ވަރަކަށް ޗަބީކޮށް ހުންނަ ބުރުސޫރަ ރީތި ކުއްޖެކެވެ. މޫނުގައި ޖައްސާފައިހުރި ވަރުގަދަ މޭކަޕުންވެސް ހައުލާގެ ރީތިކަމަށްވަނީ އިތުރު ފުރިހަމަކަމެއް ގެނުވާފައެވެ. ޖެހެމުން ދިޔަ މަޑުވައިރޯޅި ހައުލާގެ ފަން އިސްތަށިގަނޑާއި ސަމާސާކުރަމުން ދިޔައެވެ. އޭނާލައިގެން އިނީ ކަޅުކުލައިގެ އަތްކުރު ޓޮޕެކެވެ. ޓޮޕްކޮޅުގެ މޭމަތީގައި ރަތްކުލައިގެ ހިތެއް ހަރުކޮށްފައި ހުއްޓެވެ. ލައިގެން އިން ބާރު ހުދު ޖިންސުން އޭނަގެ ފައިގެ ވަނާތަށް ފާޅުވަމުން ދިޔައިރު ހައުލާ އަރައިގެން އިނީ ކަޅުކުލައިގެ ބޫޓަކަށެވެ. އަޅައިގެން އިން ހެދުމުންވެސް ހައުލާ އަކީ ހެދުން އެޅުމުގައި ތަފާތު ސްޓައިލެއް ގެންގުޅޭ ކުއްޖެއްކަން ހާމަ ވެގެން ދިޔައެވެ.

 

ހައުލާއާއި އިޒުވާން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރުވެފައިވީ ނަމަވެސް އަބަދުވެސް މައްސަލަ ޖެހި ދެމީހުން ޒުވާބު ނުކުރާ ދުވަހެއް މަދުވާނެއެވެ. ހައުލާ ކޮންމެ އެއްޗެކޭ ބުންޏަސް އިޒުވާން ބަލަނީ ރައްދެއް ނުދީ ހަނުހިމޭނުން ހުރެވޭތޯއެވެ. ހައުލާގެ ވާހަކަތަކުންނާއި މޫނަށްއަރާފައިބަމުންދިޔަ ކުލަވަރުތަކުން ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައިވާކަން އެނގުނެވެ. އިޒުވާން އެއްވެސް އެއްޗެކޭ ނުބުނެ ކާއެތިކޮޅު ކެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އިޒުވާން އެއްވެސް ވާހަކައެއްނުދައްކާ އިނުމުން ހައުލާ ލާނެއްފާޑަކަށް އިޒުވާނަށް ބަލަން ފެށިއެވެ. ހައުލާ އެގޮތަށް ބަލަން ފެށުމުން އިޒުވާނަށްވެސް ނީންދެވުނެވެ.

 

“މިހާރު ދެން ތިއީ ކޮންކަމެއް. އަބަދު އެއްވާހަކަތަކެއް. އަހަރެންބުނީމެންނު ވަގުތު ޖެހުމުން މެރީ ވެސް ކުރާނަމޭ. ހައުލާ ގެ ކަމަކަށް އޮންނާނީ އަބަދު އަބަދު ޝަކުވާކުރުން. މިހެން ތަނެއްގަ އައިސް ލޯބިން ކާއެތިކޮޅެއްވެސް އަނގަޔަށް ލެވޭކަށް ނޯވޭ. ލޯބިން ވާހަކަ ދައްކާލި ދުވަހެއް ހަނދާނެއްވެސް ނެތް. ކޮންމެވެސް އެއްޗެއް ކިޔައިގެން ޝަކުވާ ފޮށި ހުޅުވާލާނެ. ޒުވާބެއް ނުކޮށް ހައުލާއަށް ހިތްހަމަ ޖެހުމެއްވެސް ނުލިބޭނެ. މެރީ ނުކުރެވިގެން ތިވަރުތަކެއް އަރުވާކަށް ނުޖެހޭ. ހައުލާ ހިތަން އަރަނީ ހައުލާ ވެސް ތެޅޭ ވައްތަރަށޭ އެހެން މީހުންވެސް އުޅޭނީ.. މިހެންވެސް ބުނެފިއްޔާ މީހާ އަރާނީ ރަތަށް..”

 

އިޒުވާނު ބުނަން ބޭނުންނުވާ އެތައް ވާހަކަތަކެއް ހައުލާދިމާއަށް އަމުނާލިއެވެ.

 

ހައުލާ އައި ރުޅީގައި އަތުގައި އޮތްއުލާ ސަމުސާ ތަށީތެރެއަށް ޖެހިއެވެ. ހައުލާގެ އަމަލުތަކުން އިޒުވާން ހިތްހަމަ ނުޖެހުނެވެ. އޭރު ޖެހިގެން ތިބި މޭޒުގައި ކެއުމަށް އިންސާފުކުރަން ދިޔަ ބަޔަކު ހައުލާގެ އެމަންޒަރު ފެނިގެން ބަލަމުން ދިޔައެވެ. ހަމަ އެވަގުތު އިޒުވާނަށްވެސް އެމީހުންނަސް ބަލާލެވުނެވެ.

 

“އަޗި.. މަ ދޯ ވައްތަރު ވައްތަރަށް މިއުޅެނީ. އިޒުވާން ތި އުޅެނީ ވަރަށް ތާހިރުއުޅުމެއް. މަ ނެތިން އެއްވެސް ވާހަކަތަކެއް ދައްކާކަށް. ތި މިހާރު އިޒުވާނަށް ވިސްނޭގޮތް. އަބަދު އެއްވާހަކަ މަ ދޯ މިދައްކަނީ.. އަހަރެން ނެތީމޭ އިޒުވާންގެ ހެޑޭކަށް ވެގެން އުޅޭކަށް.. މިހެން މަށަށް ވަރަށް ކެތް ކުރެވިއްޖެ. ހިތަށް ނާރައްޗޭ އަހަރެން މިހެން މިއުޅެނީ މީހުން ނުވާތީއޭ. ކަލޭ ހީކުރީތަ ހައުލާ މިހެން ހުންނާނެޔޭ. އިޒުވާނަށް އަދި މިހައުލާގެ އަސްލު ސޫރަ ނޭންގޭތީ ތިހެން ތި ތެޅެނީ. މިހެން މަވެސް ވަރަށް ކެތްކޮށްފިން. މަ ބަލާނަމޭ ކަލެއަށް އުފަލުގައި އުޅެވޭތޯ. ހަނދާންކުރާތި ލާހިކެއްނޫން ދުވަހަކުވެސް އުފަލުގައި އުޅޭކަށް. އޭރު ކަލެއަށް ފެނުނީ ރީތި ބަގީއްޗާއެއްގައި ފޮޅިފަ އިން ހަމަ އެންމެ ފިނިފެންމަލެއް. ދެން މަ ކަލެއަށް ދައްކާލާނަށް އަނދައަނދާހުންނަ އަލިފާނުގެ ހޫނުކަން. އަނދަ އަނދާ ހުންނަ އަލިފާނަކީ ކިހާ ހޫނު އެއްޗެއްކަން ނިކަން ރަނގަޅަށް ކަލެއަށް އަނގާލާނަން…….”

 

ފަތި ފައްޗަށް ހައުލާގެ ބަހުގެ ހަމަލާތަށް ދެމުން އިށީންދެގެން އިންގޮޑި ވެސް ޖަހާ ހޫރާލިއެވެ. ހައުލާގެ އެ އަމަލުތަކަކީ އިޒުވާނަށް އާކަންތައްތަކެއް ނޫނެވެ. ހައުލާގެ ބަސްމޮށުންތެރިކަމާއި އޭނަގެ އަމަލުތަކުންވެސް އޭނައަކީ ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި ހުންނަ އަންހެނެއްކަން އެނގިގެން ދިޔައެވެ. ނަމަވެސް އެފަދަ މާހައުލެއްގައި ހައުލާގެ އަމަލުތައް ހުރިގޮތުން އިޒުވާން އިންތިހާއަށް ހައުލާދެކެ ފޫހި ކުރުވައިފިއެވެ.

 

ހައުލާ އަކީ ރުޅިގަދަ ރުޅީގެ މައްޗަށް އަމިއްލަ ނަފުސްކޮންޓްރޯލް ކުރަން ނުދަންނަ ކުއްޖެއްކަން އޭނަގެ އަމަލުތަކުން ވެސް ހާމަ ވެގެން ދިޔައެވެ. ހައުލާ ދިއުމުން އިޒުވާންބެލީ ހަމަޖެހިލައިގެން ކެވޭތޯއެވެ. ހައުލާގެ އަމަލުތަކާއި އުޅުން އެއީ އިޒުވާނަށް މުޅިންވެސް ފެނި ބާވެފައިވާ ކަންތައްތަކެވެ. އެހެންކަމަށް ވާނަމަ ހައުލާގެ ފަހަތުން އާދޭސްކުރަން އިޒުވާނު ދާނެތާއެވެ. ހައުލާ ރުއްސަން އިޒުވާން ބޭނުންވެސް ނުވިއެވެ. އިޒުވާން ހަމަޖެހިލައިގެން ކައިގެން ބިލަށް ފައިސާ ދެއްކުމަށްފަހު އެތަނުން ނުކުތެވެ.

 

***

 

“މަށަކަށް ހިއެއް ނުވޭ ޒީނާ މިހާރު އެހާ ރަނގަޅުހެން”

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޙުސައިން އަސްލަމް
ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް