ބަސްވެސް ޓާރމިނަލް ކުރިމަތިން ހުރަސްކޮށްލަނީއެވެ. ހައުލާ ހިނގައިގަންނަމުން ފަސް އެނބުރި ޒީނާއަށް ބަލާލުމުން ޒީނާ އަތް ހޫރާލިއެވެ.
***
“ނޫނޭ އަދި ބްރޭކަޕެއް ނުވޭ.. އެކަމަކު ހިއެއްނުވޭ ދެން މިކަން ވާނެހެން. ހާދަ ކަންތައް ބޮޑޭ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ޒުވާބު ގަނޑެއް. ތިން އަހަރު ކެތް ކުރެވިއްޖެ ދޯ. މައްސަލައަކީ ހައުލާއަށޭ ކަންތައް ބަޓްވެސް ވަނީ. ކޮންމެ ފަހަރަކުވެސް އޭނައަށް ފަޅާ އަރާ. ހިޔަޅު ވިސްނުން ހުންނަ އަންހެނެއް ހުވާ….”އިޒުވާން ވާހަކަ ދެއްކީ އޭނަގެ އެންމެ ގާތް އެކުވެރިޔާ ޖުމާނާއެވެ. ޖުމާނަކީ އިޒުވާންގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެމީހުންނަކީ ވެސް އެއް މިޒާޖެއްގެ މަޖާ ދެއެކުވެރިންނެވެ. އެމީހުން ތިބީ ސީ ހައުސް ރެސްޓޯރަންޓުގައި ކޮފީއަށް އިންސާފުކުރާށެވެ. މާލޭގެ މޫދުފަށުގައި ހުންނަ މި ރެސްޓޯރަންޓަކީ ޒުވާނުންގެ މެދުގައި އެންމެ ނަން މަޝްހޫރު އެއްތަނެވެ. ވާހަކަ ދައްކާ ކޮފީއެއް ބޯލަން އައިސް ތިބެން އެންމެ ހިތްފަސޭހަ މާހައުލަކަށް އެތަންވާނެއެވެ. ޖުމާން ބޮމުން ދިޔަ ސިނގިރޭޓްގެ ދުންތައް ވައިގެ ތެރެއަށް ފޮނުވާލިއެވެ. އެމީހުން ތިބީ އުދަރެހާއި ކަނޑުގެ ގުދުރަތީ މަންޒަރުތައް ރީއްޗަށް ފެންނަމުންދާ ހިސާބެއްގައި ހުންނަ މޭޒެއްކައިރީގައެވެ. އޭރުވެސް ފެރީއެއް އައިސް ފަޅުތެރެއަށް ވަންނީއެވެ.
“ދެން ތިކަންތައް ކަޓްވާލަބަލަ. ލައިފްގަ ތަންކޮޅެއް ބިޒީވޭ. ކައެއަށް ބިޓުންވޭ. ދެން ކީއްކުރަން އެޅ.. ގޮވައިގެންތި ތެޅެނީ.. ހައުލާ އެއީ އިޒޭއަށް އެކަށީގެންވާ ކުއްޖެއްނޫން.. އައްސު ބުނެބަލަ.. ހައުލާ ދެކެ ލޯބިވޭތަ؟” ޖުމާންގެ ވާހަކަދެއްކުންތެރިކަން ހުރީ މި ޒަމާނުގެ ވައްޓަފާޅިއަށެވެ. ޖުމާންގެ ސުވާލުން އިޒުވާނުގެ މޫނަށް ފުސްކަމެއް ވެރިވެގެން ދިޔައެވެ. އެ ސުވާލުގެ ޖަވާބު ބޭނުންވާ މީހަކަށް ވަރަށް ފަސޭހަ ކަމާއެކު ޖަވާބު ލިބޭނެއެވެ. އެކަން އިޒުވާނުގެ މޫނުންވެސް ހާމަވެގެން ދިޔައެވެ. ފޫހި ގޮތަކަށް އިނދެފައި އިޒުވާން މޫދާވީ ފަރާތަށް މޫނު ހަރަކާތްކޮށްލިއެވެ. ވިސްނާލަން އިނުމަށްފަހު އިޒުވާން އަނެއްކާވެސް ޖުމާން ގެމޫނަށް ބަލާލިއެވެ.
“އައްސު ތެދަށް ބުނަންތަ؟ މިހާރު މަ ހަމަ ވަރަށް ވައިވޭ. ކަޑަވެސް ވޭ. ފޫހިވެސް ވެއްޖެ. އެކަމަކުވެސް ހައުލާ ލޯބި ވާތީ އުޅެނީ.. ކުރިން އުޅުނީ ވަރަށް ލޯބިން. އެކަމަކު ކޮންމެ ކަމެއްގަވެސް ލިމިޓުން ބޭރުވަންޏާ ދެންޖެހޭނީ ބުރުވާލަން.. ހިއެއް ނުވޭ މަދެން މިކަން ކުރާނެހެން. މީ ހަމަ ހައުލާއަށް މަ ދޭނެ އެންމެ ފަހު ޗާންސް. މީތި ވޯރކެއް ނުކުރާނެ ޖުމާ..” އިޒުވާނުގެ ވާހަކަ ތަކުން އޭނަ ހައުލާ ދެކެ ލޯބިވިކަން ހާމަވެގެން ދިޔަ ނަމަވެސް މިހާރު އެލޯބި ބަދަލުވެއްޖެކަން އެނގި ހާމަވެގެން ދިޔައެވެ. އިޒުވާނުގެ ވާހަކަތަކުން އަދިވެސް ހައުލާ އެކީގައި އުޅެން ބޭނުންވާކަށް އެނގުނެވެ.
***
ޒީނާ ވަރަށް އަވަދިނެތި މޭޒުކައިރީގައި ކޭކެއް ޑެކެރޭޓް ކުރުމުގައި ހަރަކާތް ތެރިވަމުން ދިޔައެވެ. މޭޒުމަތީގައި ކޭކުއެޅުމުގެ މަސައްކަތްކުރަން ގެންގުޅޭ ސާމާނުތަކާއި އާލާތްތައް އަތުރާލާފައި ހުއްޓެވެ. ކޭކުގެ މަސައްކަތުގައި އުޅެމުން ޒީނާގެ ނަޒަރު އަވަސް އަވަހަށް ފޯނަން ހުއްޓިގެން ދެއެވެ. ހީވަނީ މީހަކު ގުޅާނެ ކަމަށް އިންތިޒާރު ކުރަނީހެންނެވެ. އީމާ ޑިއުޓީ ނިންމާފައި އައިސް ގެއަށްވަނީ ޒީނާ އެމަސައްކަތުގައި ވަރަށް ބުރަކޮށް އުޅެނިކޮށެވެ. ޒީނާ އުޅޭގޮތް ފެނުމުން އީމާވެސް އޭނަ ގެންގުޅުނު ފޮށި ފާރުކައިރީގައި ބެހެއްޓުމަށްފަހު މޭޒުކައިރީގައި ހުރި ގޮނޑިއެއް ދަމާލަމުން އިށީނެވެ. ޒީނާގެ މޫނަށް ބަލާލަމުން ފަނޑު ހިނިތުންވުމެއް ފޮނުވާލިއެވެ. ހީވަނީ ކޮންމެވެސް ވާހަކަ އެއް ބުނަން އުޅެނީ ހެންނެވެ.
“ވާހަކައެއް ބުނެލަން މި މަޑުކޮށްލީ…” އީމާ ކަރުގައި އޮތް ސްކާފް ނަގަމުން ސްވާލުވެސް ކުރީ ވަރަށް ޖެހިލުންވެ ހުރެގެންނެވެ. އޭރުވެސް ޒީނާ ކުރަމުންދިޔަ މަސައްކަތް ކުރަމުން ދިޔައެވެ.
“ބުނެބަލަ..” ޒީނާ އަތްދޮންނަން ސިންކް ގާތަށް ޖެހިލަމުން އީމާއަށް ބަލާލިއެވެ.
“ސަމާ މެރީ ކުރަން އުޅޭ ވާހަކަ ބުނިތަ؟” އީމާ ވާހަކަ ދައްކަން ފެށުމުން ޒީނާ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަޒުލީމަކީ އޭނަ މާ ގަޔާވާ މީހަކަށް ނުވާތީ އެކަމާއި ގުޅޭގޮތުން ޒީނާ އެއްވެސް ވަރަކަށް އެމައުޟޫއަށް ވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ. ނަމަވެސް އީމާ އެ ވާހަކަ ބުނުމުން ޒީނާ ވެސް ބޭނުންވީ އެކަމާއި ގުޅޭގޮތުން ވާހަކައެއް ބުނެލާށެވެ.
“ތިކަހަލަ ވާހަކައެއް ބުނި. އެކަމަކު އަހަރެންވެސް ބުނަން ޖެހޭ ވާހަކަ އެއް ވިއްޔާ އޮންނާނީ ބުނެފަ.. މަ ބުނިން ކުރާ ކަމެއް ކުރަންވާނީ ވަރަށް ވިސްނާފައޭ. އެހެން ނޫނީ ކަމެއް ނުކުރައްޗޭ.. އެމީހަކަށޭ އުނގޭނީ އެމީހަކު އުޅެންވީ ގޮތާއި ކުރަންވީ ކަމެއް..ސަމާވެސް ކުރަންބޭނުންވަންޔާ ކުރާށޭ ދޯ ބުނެވޭނީ . ހަމަ ގައިމުވެސް އޭނަ އުޅެން ގަސްތުކުރަނީ މިތާ. އަހަރެމެންގެ ތައްޕާހުގަ އުޅެން ހިފާފަ އެހުރީ. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް..އަދިވެސް އަހަރެން ބުނާނީ ސަމާ ފަހުން ރިގްރެޓް ކުރާނެ ކަމެއް އެ ކުރަނީ. .: ” އަޒުލީމުގެ ވާހަކަ ބުނަންޏަސް ޒީނާ އިންތިހާއަށް ރުޅި ގަދަވަމުންދިޔައެވެ. ޒީނާ ގާތުގައި ވާހަކައެއް ބުނުމަކީ ބޭކާރު ކަމެއްކަން އީމާއަށް އެނގޭ އިރުވެސް އަހާލެވުނީއެވެ. އީމާއަށް ވިސްނޭގޮތުގައި ސަމާއަށް އަދި ވިސްނޭނެއެވެ. އީމާވެސް އިތުރަށް އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާތީ ގޮޑިން ތެދުވެގެން ފޮށިހިފައިގެން ކޮޓަރިއަށް ވަނެވެ. އީމާ ދިއުމުން ޒީނާ ކޭކުގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ.
***
އިޒުވާނަށް ހޭލެވުނީ އޭނަގެ މަންމަ ދޮރުގައި ޓަކި ދިނުމުންނެވެ. ނިދީގައި އޮވެ ދެލޯ ހުޅުވާލަމުން ކައިރީގައި އޮތްފޯނުން ގަޑިން ވީ ކިހާއިރެއްތޯ ބަލާލިއެވެ. އޭރު ތިނެއްވެސް ޖަހަން ފަސްމިނެޓް ވަނީއެވެ. އޭނަގެ މަންމައަށް ހޭލާއުޅޭކަމުގެ އިޝާރާތެއްދެމުން ގޮސް ފާހަނާއަށްވަނެވެ.
ދުވަހަކީ އުޑުމަތި ސާފު ހިތްފަސޭހަ ދުވަހެކެވެ. ކުރާނެ މާބޮޑު ކަމެއް ނެތުމުން އިޒުވާނު ބޭނުންވީ ހަވީރުގެ އެވަގުތު ސައިކަލް ދުއްވާލަން ދާށެވެ. ރީތިވެލައިގެން އިޒުވާނު ބޭރަށް ނުކުމެ ސައިކަލް ދުއްވާލީ ދާނެ ވަކި މިސްރާބެއް ހިތުގައި ރާވައިގެނެއް ނޫނެވެ. ބޮޑު މަގުން ދުއްވާފައި ދަނިކޮށް އިޒުވާނަށް ޒީނާ ފެނިގެން ސައިކަލުގެ ދުވެލި މަޑުކޮށްލިއެވެ. ޒީނާގެ އަތުގައި ވިޔަފާރިކޮށްލައިގެން ހުރި ކަމުގެ ހެކި ފެންނަން ހުއްޓެވެ. އަތުގައި ކޮތަޅުތަކެއް ހުއްޓެވެ.
އިޒުވާން ސައިކަލުގައި އަންނަމުން އައިސް ސައިކަލް މަޑުކޮށްލަމުން ޒީނާގެ އަތުގައި ހިފިއެވެ. ނޭންގި ހުއްޓާ މީހަކު އައިސް އަތުގައި ހިފުމުން ޒީނާ ސިހުނެވެ. ފަސް އެނބުރި ބަލައިލިއެވެ. ކަމަކުދާކަށް ނެތެވެ. އިޒުވާން ފެނުމުން ޒީނާއަށް ލިބުނު އުފާވެރިކަން ބުނެދޭންވެސް ނޭންގުނެވެ. ފުންމައިގެން ގޮސް މޭގައި ބޯއަޅާލުމަށް ހިތް އެދުނެވެ. ޒީނާއަށް ދެތުންފަތް ބޮނޑިކޮށްލެވުނެވެ. އޭނަގެ ހިއްސުތައް ހޭލައްވާލިކަހަލައެވެ. ޒީނާއަށް އިޒުވާނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“ސޮރީ ޒީ..” އިޒުވާން ވާހަކަދެއްކުމުންވެސް ޒީނާއަށް ހުރެވުނީ އިޒުވާނަށް ކަޅިޖަހާނުލާ ބަލާށެވެ. ހިތްއެދޭ ބައިވެރިޔާ އެ ހުރީ އޭނަގެ ލޯ ކުރިމަތީގައެވެ. ޒީނާއަށް ހީވީ ދުލުގައި ގޮށްޖެހުނު ހެންނެވެ. ވާހަކަ ދައްކާނެ ހިތްވަރެއްވެސް ނުލިބުނެވެ. އިޒުވާނަކީ ކޮންފަދަ ޖާދޫއެއް ލިބިފައިވާ މީހެއް ހެއްޔެވެ؟ ޒީނާގެ ހިތްބުނަމުން ދިޔަކަހަލައެވެ.
‘ގެއަށް ވައްޓާލަދެންތަ؟” ދެންވެސް ވާހަކަ ދައްކަންފެށީ އިޒުވާނެވެ. ޒީނާއަށް ހަމަ އެހުރިގޮތަށް އިޒުވާނަށް ބަލަން ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭންގިފައި ޒީނާއަށް ހުރެވުނީއެވެ. ޒީނާ ވާހަކަ ނުދެއްކުމުން އިޒުވާން އަނެއްކާވެސް އޭނަގެ އަތުގައި ހިފިއެވެ. އެ ބޮޑު އަތްތިލައިގެ ހޫނުކަން އިހްސާސްކުރެވުނީ އެވަގުތުއެވެ. ޒީނާއަށް އަނެއްކާވެސް އިޒުވާނުގެ މޫނަށް ބަލާލެވުނެވެ. އެގޮތަށް އިޒުވާނު އޭނަގެ އަތުގައި ހިފާނެކަމަށް ޒީނާއަށް ޤަބޫލެއްވެސް ނުކުރެވުނެވެ.
ޒީނާ ލަދުން ހަދާނެގޮތް ހުސްވިއެވެ. މުޅި މީހާ ތުރުތުރު އަޅައިގަތެވެ. ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ޒީނާ އަށް ވަމުންދާގޮތްފެނިފައި އިޒުވާންވެސް ޖެހިލުންވާ ގޮތްވެއްޖެއެވެ. ވާހަކަނުދައްކާ ބަލަން ހުރުމުން އިޒުވާނަށް ހީވީ ކަމެއް ގޯސްކޮށް ކުރެވުނީ ކަމުގައެވެ. އިޒުވާނުވެސް ލަދުގަތެވެ.
“ޒީނާ. ދެން ތިހެން ނުހުރެ ސައިކަށް އަރާބަލަ. މަވެސް މިހާރު ލަދުގަނެއްޖެ.. މަ ނޫޅެމޭ ޒީނާ ކާލާކަށް..” އިޒުވާން އެހެން ބުނުމުން ޒީނާ ލަސްފިޔަވަޅުތަކާއެކު ގޮސް ސައިކަލަށް އެރިއެވެ.
މަގުމައްޗަށް ނަޒަރު ހިންގާލީ ދަންނަ މީހަކުވެސް ބަލަން ހުރެދާނެތީއެވެ. ޒީނާ އަކީ ދުވަހަކުވެސް ފިރިހެއްނެއްގެ ސައިކަލް ފަހަތަށް އެރި ކުއްޖެއްނޫނެވެ. އޭނަ އަކީ މުޅިންވެސް އެހެން އަންހެންކުދިންނާއި ވަރަށް ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. ފިރިހެނުންގެ ސައިކަލު ފަހަތަށް އެރުމުން އެމީހުންގެ ބިޓުން ނޫނީ ހަލާލު އަނބިމީހާގެ ފަރާތުންވެސް ރޯޅިއެއް އަތުވެދާނެތާއެވެ. ސައިކަލު ނައްޓާލިތަނާ އެއްލިކަޅިއަކުން ޒީނާއަށް ފެނުނީ މީހަކު އެދިމާއަށް ބަލަން ހުރެފައި އެތާހުރި ގަހާއި ނިވާވެލިތަނެވެ. ޒީނާއަށް އެދިމާއަށް ބަލާލެވުނެވެ. ޔަޤީން ކޮށްލުމުގެ ގޮތުންނެވެ.
“ކޮންތާކަށް ދާންވީ..” މިފަހަރުވެސް ވާހަކަ ދެއްކީ އިޒުވާނެވެ. ޒީނާ ސައިކަލަށް އެރިގޮތަށް އެއްވެސް ވާހަކައެއްނުދައްކާ އިނެވެ. ސައިކަލް ދުއްވަމުން ދިޔައިރުވެސް ޒީނާ ހަމަ ހިމޭންވެފައި އިނީއެވެ. ސައިކަލު ދުއްވަމުން ގޮސް އިޒުވާން ސައިކަލް މަޑުކޮށްލީ “ޕޮއިންޓް އިން ބީޗް” ގެސްޓް ހައުސް ކުރިމައްޗަށެވެ. ޒީނާ ހަދާނެގޮތް ހުސްވިއެވެ. އިޒުވާން ކުރަން އުޅޭ ކަމެއް ނޭންގިފައި އިނދެވުނީއެވެ. އޭރުވެސް ޒީނާ ބަހެއްނުބުނެ އިނީއެވެ. އެ ސަރަހައްދު އަތިރިމަތީގައި އަތުރާލެވިފައިވާ މޭޒުތައްކައިރީގައި ދިވެހިންނާއި ފަތުރުވެރިން ކެއުމާއި ކޮފީގެ މަޖަލުގައި ޝާމިލުވަމުން ދިޔައެވެ. އޭރު އިރު އޮއްސެންވެސް ކައިރިވަނީއެވެ. އޭގެ ކުލަވަރު ދުނިޔެމައްޗަށް ރީތި ހިތްގައިމު ކަމެއްވަނީ ގެނުވާފައެވެ.
“މިތަނަށް މިއައީ ޒީއަށް ކޮފީއެއް ދޭންވެގެން. ހިނގާ ކޮފީއެއް ބޯލަންދާން. އަހަރުމެންވެސް ޖެހޭނެ ދޯ ފްރެންޑްޝިޕް ދަމަހައްޓަން.. އެހެން ނޫނަސް މިހާރު ޒީ ތީ މަގޭ ވަރަށް ގާތްކޮށް ދެކޭކުއްޖެއް..” ސައިކަލް ޕާކް ކޮށްލުމަށްފަހު ތަޅުދަނޑިނަގަމުން އިޒުވާން ބުންޏެވެ. ޒީނާވެސް ސައިކަލުން ފޭބިއެވެ. ނަމަވެސް ބުނާނެ އެއްޗެއް ނޭންގި ހަދާނެގޮތެއް ނޭންގިފައި ޒީނާއަށް ހުރެވުނީއެވެ.
“ދެން ހަމަ އެއްވެސް ވާހަކައެއް ނުދައްކާނަންތަ؟ ” އިޒުވާން ކުރިއަށް ހިނގައިގަތެވެ. އޭރުވެސް ޒީނާ ހުރިފިޔަވަޅުމަތީގައި ހުރީއެވެ. އިޒުވާނު ފަސް އެނބުރިފައި ޒީނާއަށް ބަލައިލިއެވެ. އިޒުވާނު ބަލާލަމުން ލޮލުގެ އިޝާރާތުން އައުމަށް އެދުނެވެ. ޒީނާ ލަސްފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ހިނގައިގަތެވެ.
“ޒީ ދެންކީކޭ ބުނާނީ.. ދުވަހަކުވެސް ފިރިހެންކުއްޖަކާއެކީ މިހެން ކޮފީ އަކަށް ނާރަން. ސޯ އައި އޭމް ނޮޓް ކޮމްފޯޓަބަލް. މި ކަހަލަ ތަންނަތަށް އައިސް އުޅުމަކީ ޒީ ދުވަހަކުވެސް ކުރިކަމެއް ނޫން. ކުރާހިތްވާ ކަމެއްވެސް ނޫން.” ގެނައި ކޮތަޅުތައްޖެހިގެން ހުރިގޮޑީގައި ބަހައްޓަމުން ޒީނާ ވާހަކަ ދެއްކިއެވެ.
ގޮޑީގައި އިށީނަމުން އިޒުވާނު ހިނިތުންވެލިއެވެ. ޒީނާ ގޮޑީގައި އިށީނަމުން އިޒުވާނަށް ހިނިތުންވުމެއް ފޮނުވާލިއެވެ. އިޒުވާނު ބަލަން ފެށުމުން ޒީނާ ކުޑަކޮށް ލަދުވެސް ގަތެވެ. އެހާ ކައިރިން އިޒުވާނަށް ޒީނާ ފެނުމުން އިޒުވާނަށް ވެސް ބުނެދޭންނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. ހަމަ އެވަގުތު އެތަނަށް އައިސް ހުއްޓުނީ ގެސްޓްހައުސް ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ބަންގަލަދޭޝް ވެއިޓަރެކެވެ. ވެއިޓަރުމީހާ އައުމުން ދެ މީހުންވެސް އޯޑަރު ދިނީ ދެތަށި ނެސްކެފޭ މިލްކް ކޮފީއަކަށެވެ. އެމީހާ ދިއުމުން އިޒުވާނުވެސް ގޮނޑީގައި ހަމަޖެހިލަމުން އަނެއްކާވެސް ޒީނާގެ މޫނަށް ބަލައިލިއެވެ. ޒީނާގެ މޫނުމަތީގައި މައުސޫމު ގޮތްތަކެއް ހުއްޓެވެ. އެ ދެލޮލަށް އިޒުވާނުގެ ނަޒަރު ހުއްޓުނެވެ. އިޒުވާނު ބަލަން ފެށި މަސްތީ ގޮތަކުން ޒީނާއަށް އިސްޖަހާލެވުނެވެ. ކިތައްމެ ވަރަށް ޒީނާ ބަލައިނުލާ އިންނަން މަސައްކަތް ކުރިޔަސް އެކަން ޒީނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. އިޒުވާނަށް އަވަސް އަވަހަށް ބަލާލެވެއެވެ. ޒީނާގެ ހިތް އަވަސްވަމުން ދިޔައެވެ. މޭގަނޑު ބާރުބާރަށް ތެޅެމުން ދިޔައެވެ. ނޭވާ ކުރުވާހެން ވެސް ހީވާން ފެށިއެވެ. މަޑުމަޑުން މޭޒުދަށުން ދެއަތްވަށާލެވުނެވެ. ދެއަތްނަގާ އިސްތަށިގަނޑާކުޅެލެވެއެވެ. ދެކޮޅު ހޯދާ ބަލާލެވެއެވެ. މައްޗަށް ބަލާލެވެއެވެ. ޒީނާ ހީވަނީ މޮޔައެއް އުޅޭހެންނެވެ. އިޒުވާނު ފެނުމުން ޒީނާއަށް އުޅެމުންދާ ގޮތެއްވެސް ނޭންގުނެވެ. ހިތް އެދޭބައިވެރިޔާ އިނީ އޭނަގެ ކުރިމަތީގައެވެ.
“ޒީގެ ބިޓެއް ހުރޭތަ؟” ޒީނާ އުޅެން ފެށިގޮތުން އިސްވެ ވާހަކަ ދައްކަންފެށީ އިޒުވާނެވެ. އިޒުވާނުގެ އެ ސުވާލުން ޒީނާގެ ހިތް ކެކިގަތެވެ. ދޭނެ ޖަވާބެއް ނޭންގުނެވެ. އަތްފައި ފިނިވާން ފެށިއެވެ. ނޭންގި ހުއްޓާ އިޒުވާނު އެ ކުރީ ނުލަފާ ސްވާލެކެވެ. ދުލުން ޖަވާބުދޭނެހާ ހިތްވަރެއް ވެސް ނުލިބުނެވެ. ހީވީ މީހަކު ދުލުގައި ހިފާ ފިތާލިހެންނެވެ. ދެފަރާތަށް ބޯ ހޫރާލަމުން ޖަވާބު ދެވުނީ ވެސް ބޮލުގެ އިޝާރާތަކުންނެވެ. އިޒުވާނު ލުއި ހިނިތުންވުމެއް ފޮނުވާލިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23