އަންނަ އަހަރު ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ “ނިވައިރޯޅި” ގެ ޓިކެޓް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

 

ޓީވީއެމް ގެ ފިލްމީ އުދަރެސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ފިލްމުގެ ބަތަލާ ނިއުމާ ބުނީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް މެންދުރު ފަހު ދެއަކުން ފެށިގެން ރޭގަނޑު ނުވައެއް ޖަހަންދެން އޮލިމްޕަސް ޓިކެޓް ކައުންޓަރުން “ނިވައިރޯޅި”ގެ ޓިކެޓް ގަންނަން ލިބޭނެ ކަމަށެވެ.

 

“މީހުންނަށް ވެސް ފަސޭހަ ވާނެ ގަޑިތަކަކަށް ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާނީ މި މަހުގެ 20 ގައި،” ނިއުމާ ބުންޏެވެ.

 

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ނިއުމާ އިތުރަށް ބުނީ، “ނިވައިރޯޅި”ގެ ޝޯތައް މާލޭގެ އިތުރުން ހުޅުމާލޭ ޝްވެކް ސިނަމާގައި ވެސް ދެއްކުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މާލޭގައި ފިލްމު ޕްރިމިއަރ ކުރާ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެން ރަށް ރަށުގައި ވެސް ފިލްމު އަޅުވަން ފަށާނެ ކަމަށެވެ. މިހާރުވެސް ޖެނުއަރީ މަސް ނިމުމުގެ ކުރިން 30 ރަށެއްގައި ފިލްމު އަޅުވަން ތައްޔާރުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

 

“އަތޮޅުތަކުންވެސް އަދި ރިސޯޓްތަކުން ވެސް ފިލްމު އަޅުވަން ބޭނުންވާނަމަ ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖަށް މެސެޖް ކޮށްލުމުން އަޅުގަނޑުމެން ރެސްޕޮންޑް ކުރާނަން،” ނިއުމާ ގެ ވަދާޢީ ފިލްމު އެޅުވުމުގެ ފުރުޞަތުތައް އޮތްގޮތް ހާމަކުރަމުން އޭނާ ބުންޏެވެ.

 

ނިއުމާ ބުނީ އެ ފިލްމަކީ މީހުން ބަލައިގަންނާނެ ފިލްމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް “ނިވައިރޯޅި” ދައްކަން ބޭނުންވާ ކަމަށެވެ.

 

“ނިވައިރޯޅި” ގެ ލީޑް ކާސްޓުންނަކީ ނިއުމާއާ އި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އިތުރު ތަރިންގެ ތެރޭގައި ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު ރަޝީދާ (އައިންތު)، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް (އަޒޭ)، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

 

ބޮޑު ކާސްޓެއް ހިމަނައިގެން ރ. އިނގުރައިދޫގެ އިތުރުން އެ އަތޮޅު އުނގޫފާރު އަދި މާލޭގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.