މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއާޕާސަންގެ މަގާމަށް އެކްޓަރު އަލީ ސީޒަނާއި ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) ކުރިމަތިލައިފި އެވެ.

 

ވައިސް ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައިފައިވަނީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ދައުރުވި ހަމަވި ބޯޑުގެ ވައިސް ޗެއާގެ މަގާމުގައި ހުރި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) އާއި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދެވެ.

 

އަަލަށް ހޮވާ ބޯޑްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާފައި ވަނީ މަޝްހޫރު އެކްޓަރު ޝަފީއު (ޔޫއްޕެ) އެކަންޏެވެ. އެހެންކަމުން އިންތިހާބަކާ ނުލައި ޔޫއްޕެ އަށް ވަނީ އެ މަގާމު ކަށަވަރުވެފަ އެވެ.

 

ޚަޒާންދާރުގެ މަގާމަށް ކުރިމަތިލައިފައިވަނީ ކުރީގެ ބޯޑްގެ ބޯޑް މެމްބަރުންގެ މަގާމު އަދާކުރި އެކްޓަރު/ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) އާއި އިބްރާހީމް ރިޔާޒް (ރިޔާ) އެވެ. ބޯޑު މެމްބަރުންނަށް މި ފަހަރު ކުރިމަތިލާފައިތިބީ އެކްޓަރު އަހުމަދު ޒިޔާ، ކުރީގެ ބަތަލާ ވަލީދާ ވަލީދު، ކުރިން ވެސް ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނުނު އެކްޓަރު މުހައްމަދު މަނިކުގެ އިތުރުން އަލީ ޝާނީޒް އެވެ.

 

އިންތިހާބް ކުރިއަށްގެންދަނީ ފަސް މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ކޮމިޓީގައި ހިމެނެނީ ފިލްމީ ތަރި މުހައްމަދު ރަޝީދު (ދަރާ) އާއި މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އާއި އިބްރާހީމް ރަޝީދު (ބުރޯ) އާއި މަޝްހޫރު ފޮޓޯގްރާފަރު ނިޝާން (މިލްޒީރޯ) އާއި ކަޅުއޮށް ނަސީރެވެ.

 

ދައުރު ހަމަވި ބޯޑްގެ ޗެއާޕާސަންގެ މަގާމުގައި ހުރީ މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ. މިފަހަރުގެ އިންތިހާބު އޮންނާނީ މި މަހުގެ 27ވާ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.