“ޒީގެ ބިޓެއް ހުރޭތަ؟” ޒީނާ އުޅެން ފެށިގޮތުން އިސްވެ ވާހަކަ ދައްކަންފެށީ އިޒުވާނެވެ. އިޒުވާނުގެ އެ ސުވާލުން ޒީނާގެ ހިތް ކެކިގަތެވެ. ދޭނެ ޖަވާބެއް ނޭންގުނެވެ. އަތްފައި ފިނިވާން ފެށިއެވެ. ނޭންގި ހުއްޓާ އިޒުވާނު އެ ކުރީ ނުލަފާ ސްވާލެކެވެ. ދުލުން ޖަވާބުދޭނެހާ ހިތްވަރެއް ވެސް ނުލިބުނެވެ. ހީވީ މީހަކު ދުލުގައި ހިފާ ފިތާލިހެންނެވެ. ދެފަރާތަށް ބޯ ހޫރާލަމުން ޖަވާބު ދެވުނީ ވެސް ބޮލުގެ އިޝާރާތަކުންނެވެ. އިޒުވާނު ލުއި ހިނިތުންވުމެއް ފޮނުވާލިއެވެ.

 

“އެހެންވީމާ އެއްވެސް ހާސްކަމެއް ބިރުވެރިކަމެއް ނެތް. ގައިމު ޒީ ނުޖެހޭނެދޯ ބިރުން އިންނާކަށްވެސް. އަހަރެންތާ ބިރުން އިންނަންވެސް ޖެހޭނީ.. ދެން ވާހަކަ ދައްކަބަލަ..” އިޒުވާނު ބުނި ވާހަކައިން ޒީނާގެ ހިތް ކުދި ކުދިވެގެން ދިޔައެވެ. ޒީނާ ދެކޭގޮތުގައި އިޒުވާނަކީ އޭނަގެ ޙަޔާތުގެ ބައިވެރިޔާއެވެ. އޭނަ ނޫން މީހަކަށް އިޒުވާނެއް ނުލިބޭނެއެވެ. ނަމަވެސް އިޒުވާނުގެ ވާހަކައިން ޒީނާ މާޔޫސް ކުރުވައިފިއެވެ. ހިތަށް ލިބުނު އަނިޔާއަށް ކެތްކުރެވޭތޯ ޒީނާ މަސައްކަތް ކުރަމުން ދިޔައެވެ. އިޒުވާނުބުނި އެއްޗެއް ޔަޤީންކޮށްލުމަށް ޒީނާގެ ހިތް އެދެންފެށިއެވެ.

 

“މާނައަކީ އިޒުވާނުގެ ބިޓެއް ހުރެޔޭދޯ؟” ތެޅިތެޅި އޮތް ހިތަކާއެކު ޒީނާ ކޮށްލީ ސުވާލެކެވެ. އެ ސުވާލު ކުރަން ބޭނުން ނުވިއަސް ޒީނާ ބޭނުންވަނީ އެކަން ވެސް އޮޅުންފިލުވާށެވެ. ޖަވާބަކީ ކޮންމެ ފަދަ ޖަވާބެއް ވިޔަސް ޒީނާގެ ހިތުގައި އޮތްލޯތްބެއް ބަދަލެއް ނުވާނެއެވެ. އެވަގުތު ވެއިޓަރު މީހާ ތަބަކަށް ދެތަށި ކޮފީ ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ. އިޒުވާނު އެމީހާއަށް ހިނިތުންވެލިއެވެ.

 

އިޒުވާނު ކޮފީތައްޓަށް ހަކުރު ޕެކެޓެއް ކަނޑާލަމުން ބޯ ޖަހާލިއެވެ. ފޫހިގޮތަކަށެވެ. އެކަން ޒީނާއަށް ވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް ޒީނާގެ ހިތް ރޮއްވާލިއެވެ. އިޒުވާނު ކުރިމަތީގައި އިނުން އެއީ ޒީނާ އަށް މާފަސޭހަ ކަމެއްނޫނެވެ. ނަމަވެސް ކެތްކޮށްލައިގެން އިނީއެވެ. އިޒުވާނަކީ މީހެއްގެ ހައްޤެކެވެ. ކުރެވެނީ ވެސް ބޭކާރު ކަމެކެވެ. އެހެން ނަމަވެސް ޒީނާގެ ހިތް އެގޮތް ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އޭރު އުދަރެސް މަތި ބަނަވެ ވައިމަޑުމަޑުން ބާރުވަމުން ދިޔައެވެ.

 

“އައްސު ޒީއަށް އެނގޭތަ؟ ރިލޭޝަންޝިޕެއްގަ މިއުޅެނީ. އުޅެނީ އެއްނޫން. ތެޅެނީ.. ތިން އަހަރު ވެއްޖެ. ކުރިން މަ އޭނަދެކެ ވަރަށް ލޯބިވިން. އެކަމަކު މިހާރު ވަރަށް ފޫހިވޭ.. އަބަދު ޝަކުވާ ކުރުމާއި ޝައްކުބަލީގައި އޭނަ ހަލާކު ވަނީ.. އަންހެނެއްވިއްޔާ ފިރިހެން ރައްޓެހިންވެސް ތިބޭނެ، ފިރިހެނެއް ވިއްޔާ އަންހެން ރައްޓެހިން ތިބޭނެ. އެއީ މައްސަލައެއްކަމަށް މަ ނުދެކެން. އެކަމަކު އޭގެ މާނައަކީ އެންމެ އުޅޭނީ އެއްގޮތަކަށޭ. އައްސު މީ އެހެން ކަހަލަ ރިލޭޝަންޝިޕެއް. ނޭންގެ ދެން ޒީ ގާތު މިވާހަކަ މި ދެކެވެނީ ކީއްވެ ކަމެއް..” އިޒުވާނަށް ޒީނާގާތުގައި އެހުރިހާ ވާހަކަތަކެއް ދެކެވުނީ ކީއްވެކަމެއްވެސް ނޭންގެއެވެ. ޒީނާއަށް އެވާހަކަތަށް އަޑުއިވުނުހިނދު ހީވީ މޭގަނޑު އަތަށް އައިހެންނެވެ. ޙަޔާތުގެ ދަތުރު ކުރިޔަށް ނުދާނެކަން އިޙްސާސް ކުރެވުނެވެ. ޒީނާގެ ހިތް ކުދިކުދި ވެގެން ދިޔައެވެ. އިޒުވާނު ދެކެ ލޯބިވުން އެއީ ކުށެއް ކަމަށްވެސް ޤަބޫލުކުރެވުނެވެ. އެކުވެރިއެއް ގޮތަށްދެކެން ޒީނާ ކިތައްމެ ބޭނުންވި ނަމަވެސް އެގޮތަކަށް ދެކެން ޒީނާގެ އަމިއްލަ ޡަމީރު ތަނެއް ނުދޭނެއެވެ. އިޒުވާން ނޫން އެހެން މީހަކު ދެކެ ލޯބިވާން ޒީނާގެ ހިތެއް ނޭދޭނެއެވެ.

 

ޒީނާގެ ދެލޯ ފެންކަޅި ވަމުން ދިޔައެވެ. އިޒުވާނުގެ ވާހަކަތައް އަޑުއަހާކަށް ޒީނާގެ ކަންފަތަކަށް ކުޅަދާނަ އެއްނުވިއެވެ. އިޒުވާނަށް ޒީނާގެ އަމަލުތަކުން ކޮންމެވެސް އެއްޗެއް ވިސްނުނެވެ. ޒީނާއަށް ބަލަން އިޒުވާނަށް އިނދެވުނެވެ. އިޒުވާނު ބަލަން ފެށުމުން ޒީނާ އިސްޖެހިއެވެ. ލޮލުގައި ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަތެވެ. އެވަގުތު އިޒުވާނަށް އަނދިރިތެރެއިންވެސް ޒީނާގެ ލޮލުން ވެއްޓެމުންދިޔަ ކަރުނަތައް ފެންނަމުން ދިޔައެވެ.

 

“ޒީ ރޮނީތަ؟” އިޒުވާނަށް ސުވާލުކުރެވުނީ ޒީނާ ރޯތަން ފެނުމުންނެވެ. ޒީނާ އެކަން ފޮރުވަން މަސައްކަތް ކުރި ނަމަވެސް އެކަންވެގެން ދިޔައީ އޭނަގެ އިޙްތިޔާރުން ބޭރުންނެވެ. ޒީނާ ދެއަތުން ދެލޯފޮހެލަމުން އިސްއުފުލާ އިޒުވާނަށް ބަލައިލިއެވެ.

 

“ރޮނީ އެއްނޫން. ވައިބާރު ވެއްޖެއް. އެހެންވެ ލޮލުގައި ކުޑިކޮޅެއް ޖެހުނީ. ހިނގާދާން. މިހެންތިއްބާ އޮއްސާލާނީ ވާރޭ.” ޖެހެމުންދިޔަ ބާރުވައިވެސް ވެގެން ދިޔައީ ޒީނާއަށް ދޮގެއްވެސް ހަދާލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. ވެއިޓަރު މީހާއަށް އަށް ގޮވާލުމަށްފަހު ބިލަށް ފައިސާދެއްކުމަށްފަހު އަވަހަށް ސައިކަލަށް ގޮސް އެރީ ވިއްސާރައިން ސަލާމަތް ވާނެކަމަށް ހީކޮށްގެންނެވެ. ޒީނާވެސް ގެނައި ކޮތަޅު ހިފައިގެން ގޮސް ސައިކަލަށް އެރިއެވެ.

 

ކުއްލިއަކަށް ވައިބާރުވާން ފެށިއެވެ. އުޑުމައްޗަށް ކަޅު ވިލާ ޖަމާވެ އުދަރެސް އަނދިރިކޮށްލައިފިއެވެ. ކަނޑުގެ ރާޅުގެ އަޑުފައްގަޑު ގަދަވާން ފެށިއެވެ. ހިމަ ފޮދުވާރޭގެ ތިކިތަކުން ޖައްވަށް ފިނިކަން ގެނުވިއެވެ.. އެތަނުގައި ތިބި މަދު ބަޔަކު ހިޔާވަހިކަމެއް ހޯދުމަށް ކޮޅުކޮޅަށް ހޭލަމޭލަވަމުންދިޔައެވެ. ވަކި ހިސާބަކަށް އެމީހުންނަށް ސައިކަލުގައި ދުއްވާލެވުނީ ބޯކޮށް ވާރޭ އޮއްސާލައިފިއެވެ. ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ސައިކަލު ޕާރކުކޮށްލުމަށްފަހު ދެމީހުންވެސް ދުވަމުން ގެސްޓްހައުސެއްގެ އަސްކަނީގައި މަޑުކޮށްލިއެވެ. ވެހެމުންދިޔަ ވާރޭ ދިޔައީ ހައްތާ ބޯކުރަމުންނެވެ. އޭރުވެސް ޒީނާ ގެންގުޅުނު ކޮތަޅުގައި އަތުގައި ހުއްޓެވެ. ޖެހެމުން ދިޔަ ބާރު ވަޔާއެކު ދުނިޔެއަށް ތޫފާނެއްގެ އަސަރު ގެނުވިކަހަލައެވެ.

 

ވެރިވެފައިވާ އަނދިރިކަމާއެކު ވިއްސާރައިގެ ތޫފާނުން ދުނިޔެމައްޗަށް ބިރުވެރިކަމެއް ގެނުވައިފިއެވެ. ވެހެމުންދިޔަ ވާރޭއަށް ސަލާމަތްވުމަށް ޒީނާ ކުޑަކޮށް އަސްކަނީގެ އެތެރެއަށް ޖެހުނެވެ. އެވަގުތު ޒީނާގޮސް އިޒުވާނުގެ ގައިގައި ލައިގަތެވެ. ޒީނާގެ ނަޒަރު އިޒުވާނަށް ހުއްޓުމާއެކު ޒީނާގެ ލޮލުން އިޒުވާނަށްޓަކައި އުފެދިފައިވާ ފުންލޯބި ފާޅުވަމުންދިއެވެ. އޭނަލައިގެ ހުރި ހުދުކުލައިގެ ޓީޝާޓް ތެމެމުން ދިޔައިރު އެ ބިޔަ ހަށިގަނޑު ވާރެއިން ތެމުމުގެ ސަބަބުން ގައިގެ ބައްޓަން ފާޅުވަމުން ދިޔައެވެ. ޒީނާ ތެމެމުން ދިޔަ މަންޒަރު ބަލާކަށް އިޒުވާނަށް ކެތެއްނުވިއެވެ. އޭރު ޒީނާ ހީކަރުވައިގަނެގެން ތުރުތުރު އަޅަމުން ދިޔައެވެ. އެކަން އިޒުވާނަށް ވެސް އިހްސާސްވެގެންދިޔައެވެ. ޒީނާގެ ކޮނޑުގައި މަޑުމަޑުން އަތްއަޅުވާލަމުން ފާރައި ކައިރިކޮށްލިއެވެ. ވެހެމުން ދިޔަ ބޯ ތިކިތަކުގެ ވާރޭ އިޒުވާނުގެ ބުރަކައްޓަށް ހަމަލާދެމުން ދިޔައިރު އިޒުވާނަށް މަޑުމަޑުން ޒީނާއަށް ގާތްވެވުނެވެ. އިޒުވާނުގެ ހޫނު ނޭވާއިން ޒީނާއަށް މަސްތީ ޖަޒުބާތެއް ކުރުވަންފެށިއެވެ. އޭރުވެސް އިޒުވާނު މަސައްކަތް ކުރަމުންދިޔައީ ވާރެއިން ޒީނާ ހިޔާވަހިކަމެއްދެވޭތޯއެވެ. އިޒުވާނުގެ މޭމަތި ފެނުމުން މޭމަތީގައި ބޮސްދޭވެސް ޒީނާގެ ހިތްއެދެމުން ދިޔައެވެ. އެ ބިޔަ ހަށިގަނޑުގައި ބައްދާލަން ހިތްއެދި ގޮވަމުން ދިޔައެވެ. ހީކަރުވައިގެންފައި ހުރުމުގެ ސަބަބުން އެހަށިގަނޑުގެ ހޫނުކަމަށް ހިއްސުތަށް އެދިގޮވަމުން ދިޔައެވެ. ބޭއިޙްތިޔާރުގައު ޒީނާއަށް އިޒުވާނުގެ މޫނަށް ކަޅިޖަހާނުލާ ބެލެމުން ދިޔައެވެ. ނަމަވެސް ޒީނާގެ އެއްވެސް ޙަރަކާތެއް އިޒުވާނަށް އިޙްސާސްނުވާކަހަލައެވެ. އިޒުވާނުގެ ހިތްއެދޭ ސިފަތަކެއް ފަހަރުގައި ޒީނާގެ ކިބައިގައި ނެތީކަމަށް ވުންގާތެވެ. އެހާލަތުގައި ޒީނާ ބެލީ އޭނަގެ އަމިއްލަ ނަފްސް މަތަކުރެވޭތޯއެވެ.

 

ތެމިފައިވާ އިސްތަށިގަނޑު ހެޔޮވަރުކޮށްލަމުން ޒީނާއިސް އޮބާލިއެވެ. އެވަގުތު އިޒުވާނުގެ ވަރުގަދަ މޭމަތީގައި ބޯ ބާރަކަށް ގޮސް ޖެހުނެވެ. އިޒުވާނަށް ވެސް މިފަހަރު ޒީނާގެ މޫނު އެހާމެ ގާތުން ފެނުނު ހިނދު ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ޒީނާގެ ފުންދެލޮލަށް ފަރުވާތެރިކަމާއެކު އިޒުވާނު ޤަރަޤު ވެގެން ދިޔަ ކަހަލައެވެ. ޒީނާގެ އެ ބޮޑު ދެލޮލަކީ އަޖައިބެއްކަހަލަ ޖާދޫވީ ބާރެއް ލިބިފައިވާ ގުނަވަނަކެވެ. ނޭންގި ނަމަވެސް އިޒުވާނަށް ޒީނާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލެވުނެވެ. ވާރޭތިކިތަކުން ތެމިފައިވާ ޒީނާގެ ތުންފަތަށް ނަޒަރު ހުއްޓުނެވެ. އިޒުވާންގެ ހިއްސުތައްވެސް ހޭލަމުން ދިޔައެވެ. މަޑުމަޑުން ޒީނާގެ ތުންފަތުގައި ބޮސްދޭ ހިތް އެދުނެވެ. އިޒުވާނަށް މަޑުމަޑުން ޒީނާގެ ހަށިގަނޑުގެ އަންހެންވަންތަ ވަނާތަކުގެ އިޙްސާސް ކުރުވަން ފެށިއެވެ. ލަސްފިޔަވަޅުތަކާއެކު ދެމީހުންނަށް ވެސް ގަސްތަކާނުލާ ކައިރިވެވުނެވެ. ޒީނާއަށްވެސް އަމިއްލަ ނަފްސް ހިފެހެއްޓޭގޮތެއް ނުވިއެވެ. ޒީނާއަށް ވެސް މިކުރެވެނީ ކީއްކަމެއް ވިސްނައެއް ނުލެވުނެވެ. ބޭއިޙްތިޔާރުގައި ޒީނާގެ ދަތްދޮޅީގައި ހިފާލެވުނެވެ. އެ ބޮޑުދެއަތް ޒީނާގެ މޫނު ވަށާލެވުނެވެ. އެއަތުގެ ހޫނުކަން ޒީނާގެ ހަށިގަނޑަށް އަރާމުކަމެއް ލިބިގެންދިޔައެވެ. އިޒުވާނަށް އޭނަގެ މޫނު ކައިރިކުރެވެން ފެށިއެވެ. ޒީނާވެސް މަޑުމަޑުން ޖަޒުބާތުން ފުރިގެންވާ ގޮތެއްގައި ގާތްވެވުނެވެ. އިސާހިތަކު އިޒުވާނަށް ޒީނާގެ ތުންފަތުގައި ބޮސްދެވުނެވެ. ޒީނާވެސް ބަދަލުގައި އެ ލައްޒަތުގައި އޮޔާބެހިގެން ދިޔައެވެ. އެވާރޭގައި އެދެމީހުން އާވާރާވަމުން ދިޔައިރު ތިބެވުނު ތަނެއްވެސް ހަނދާނެއްނެތެވެ. ޒީނާއަށް ކުއްލިއަކަށް އިޒުވާނުގެ ގައިން ވީއްލިގަތެވެ. ޒީނާ އޭނާގެ ތުންފަތް ދެއަތުން ފޮހެމުން އިޒުވާނުގެ މޫނަށް ބަލަމުން ދުރަށް ޖެހުނެވެ. ޒީނާގެ ހިތާއި ދެކޮޅަށް އިޒުވާނާއި ދުރުވަމުން ދިޔައީ ކުރެވުނު ކަންތައްކާއި ދޭތެރޭ ލަދުވެތިވާ ހާލުގައެވެ. އިޒުވާނަށް ވެސް ނޭންގިނަމަވެސް ކުރެވުނު ކަންތަކުން ޖެހިލުންވާގޮތްވިއެވެ. ކުރިމަތީގައި ހުރި އިޒުވާނުގެ މޭގައި ދެއަތްއަޅާ ކޮށްޕާލަމުން ޒީނާ ދުއްވައިގަތީ އެތަނުންދާށެވެ.

 

ވަކި ހިސާބަކަށް ދެވުމާއެކު ޒީނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ލަސް ފިޔަވަޅުތަކާއެކު ޒީނާ ވާރޭތެރޭގައި ހިނގަމުން ދިޔައެވެ. ދުއްވާ ވެހިކަލް ތަކަށް ފަރުވާލެއްނެތި ހިނގަމުން ދިޔައެވެ. ޒީނާއަށް ރޮވެމުން ދިޔައެވެ. ނޭންގި ނަމަވެސް ކުރެވުނު ކަމަކުން ޒީނާ އަށް ރޮވެނީއެވެ. އެލޯތްބަށް އެދި ހިތްއެދެމުން ދިޔަ ބައިވެރިޔާއެކީގައި އެފަދަ އަމަލެއް ކުރެވުނީތީ  އަމިއްލަ ނަފުސް ދެކެވެސް ލަދުގަތެވެ. ހިނގަމުން ހިނގަމުން ގެއާއި ހިސާބަށް އާދެވުމާއެކީ އަވަށް އަވަހަށް ގެއަށްވަނެވެ. ގެއަށް ވަދެވުމާއެކު ކޮޓަރިއަށް ގޮސް ވަނެވެ. ލޯގަނޑުކުރިމަތީގައި ހުރެ އަމިއްލަ ނަފުސަށް ބަލަން ހުރެފައި އަޑުން އަޑުނަގައި ރޯންފެށިއެވެ. އިޒުވާނު ދެކެ ކިތައްމެ ލޯތްބެއްވިއަސް މީހެއްގެ ޙައްޤަކަށް އަރައިގަންނާކަށް ދުވަހަކުވެސް  ބޭނުމެއްނޫނެވެ. ޒީނާ އަތްމުއްކަވާފައި ލޯގަނޑުގައި ޖެހިއެވެ. އިސާހިތަކު ބިއްލޫރިގަނޑު ރެނދުލައިގެން ދިޔައެވެ، މިހާރު އެލޯގަނޑުގެ ބިއްލޫރިގަނޑެކޭ ޒީނާގެ ހިތެކޭ އެއްވެސް ތަފާތެއް ނެތެވެ. އޭނަގެ ހިތްވެސް ވަނީ އެހާލަތަށްވެއްޓި ރެނދުލާފައެވެ. ޒީނާގެ އަތުން ލޭތަށް އޮހިގަތެވެ. ޒީނާއަށް އެ ޒަޙަމްތަކުން ތަދު އިހްސާސް ނުވިކަމުގައި ވިޔަސް އިޒުވާނާއެކު ކުރެވުނު ކަންތައްކުންއެކަމުގެތަދު އޭނަގެ ހިތަށް ކުރުވަމުން ދިޔައެވެ. ލޯބީގައި މިހާރު ޒީނާއަކީ ދީވާނާވެފައިވާ މޮޔައެއްފަދައެވެ. ލޯތްބަކީ ހަމައެކަނި ލިބޭ ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ ނޫނީ ވެންދެނިވި އަނިޔާއެއް ހެއްޔެވެ؟ ލޯބިވުމަކީ އެފަދަ ޖަޒުބާތުތަކެއް ނަމަ ޒީނާގެ ފަރާތުން އެދަނީ އެކަންތައް ފެންނަމުންނެވެ. ލޭފެނިގެންވެސް ޒީނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބޭނަމަ އެ ފުރުސަތުގެ ބޭނުން ވެސްކުރެވިއްޖެއެވެ. ލޯތްބަކީ ކަނު އެހާމެ ނުބައި ޖަޒުބާތެއްކަން ޒީނާ މިހާރު އެދަނީ ތަހައްމަލްކުރަމުންނެވެ. ލޯތްބަކީ ކުރެވޭ ކުށަކަށްވާނަމަ އެ ކުށުގެ ސަޒާއަކަށް ޒީނާއަށް ވެވުނު ލޯބިވެސް ހެއްކަކަށް ފުދޭނެއެވެ. ކިތައްމެ ވަރަށް ރޮއިރޮއި ހަލާކުވެގެން ދިއަޔަސް ޒީނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ޒީނާއަށް އިޒުވާނު ދެކެ އިންތިހާއަށް ލޯބި ވެވިއްޖެއެވެ. ޒީނާ އެ ވެވުނު ލޯތްބަކީ ޒީނާއަށް ހައްޤު ލޯތްބެއް ހެއްޔެވެ؟

 

އިޒުވާނަށް އެތަނުގައި ހުރެވުނީއެވެ. ކުރެވުނު ކަންތައްތަކުން ޚުދު އޭނައަށްވެސް ކުރެވުނީ ރަނގަޅުކަމެއް ނޫންކަން ވިސްނުނެވެ. ނަމަވެސް އެއީ ގަސްތުގައި ކުރެވުނެ ކަންތަކެއް ނޫނެވެ. އެފަދަ ކަމެއް ކުރެވުނީ ކީއްވެކަންވެސް އިޒުވާނަށްނޭންގޭ ހާލުގައި އެކަމާއި ދޭތެރޭ ވިސްނާނުލެވުނެވެ. އިޒުވާނުގެ ހިތުގައި ޒީނާއަށް އެފަދަ މަޤާމެއް ދެވިފައި ނެތަސް އެ ފިނިރޭގައި އެ ގޮތަށް ކަންވެ ނިމިއްޖެއެވެ. ވި ކަމެއް ނުވާކަމަކަށްވެސް ނުހެދޭނެއެވެ. ވާރޭ ތުނިކޮށްލުމުން އިޒުވާނު ގެއަށްދިއުމަށް ސައިކަލުގައި ދުއްވާލިއެވެ. ޒީނާ ކަންތައްކުރިގޮތުން ޒީނާ ހުއްޓުވަން އިޒުވާނުގެ ނަފްސް އުޒުރުވެރިވިއެވެ.

 

*****

 

“މަށަކަށް ހިޔެއްނުވޭ ސަމާ ކުރަން ތިއުޅެނީ ރަނގަޅުކަމެއްހެނެއް. އަޒުލީމުގެ ހަޤީގަތް މަށަށް ނޭންގުނަސް ތި ގުޅުމަކަށް ޒީނާ އެހާ ގަޔާނުވާކަން އިނގޭއިރު ވެސް ސަމާ ތިއުޅެނީ ތިކަން ކުރަން. ޒީނާ ބުނިހެން އެމީހަކު ކުރަން ބޭނުން ކަމެއް ކުރަންވީ. ގާތް ފްރެންޑެއް ވީމާ ހަމަ ބުނެލީ..” ދޮންނަ މެޝިނުގައި ހުރި ހެދުންތައް ކޮންޑުގައި އަޅުވަމުންހުރެ އީމާ ވާހަކަ ދެއްކިއެވެ. އޭރު ސަމާ ގޭތެރެފޮޅުމުގައި އުޅުނެވެ. ސޯފާތަށް ދުރުކުރަމުން އޭނަގެ މަސައްކަތުގައި އުޅެމުންދިޔައެވެ.

 

“އަހަނަކަށް ހިއެއްނުވޭ ކުރަން މިއުޅެނީ ގޯސްކަމެއްހެނެއް. މަށަށް ރަނގަޅީވެސް އީމާ މިކަކުގެ ދޭތެރެއަށް ނުވަނީއްޔާ. ޒީނާ ހިތްހަމަ ޖެހުނަސް ނުޖެހުނަސް މަ މިކަން ކުރާނަން…” ސަމާވެސް ހިތްހަމަ ނުޖެހިފައިހުރެގެން ބަހުގެ ހަމަލާތަކެއް އީމާއަށް ފޮނުވާލިއެވެ.

 

“މަށަކާ ބެހޭކަމެއް ނޫން. އޮންނަ ގާތްކަމެއްގެ ސަބަބުން ބުނެލީ. އެހެން ނޫނަސް މަ ނުބުނަންދޯ ތިކަން ނުކުރާށެކޭ. ސަމާ ކުރަންހުރިއްޔާ އަހަރެމެން ތިކަމަށް ވެސް ސަޕޯޓް ދޭނަން. ދެން ތިހެން ބުނީތީ ދުވަހަކުވެސް ތިކަމާ ގުޅޭގޮތުން އެއްޗެކޭ ނުބުނާނަން” އީމާވެސް ހިތްހަމަ ނުޖެހިގެންހުރެ ވާހަކަ ދައްކަމުން ދޮވެފައިހުރި އަންނައުނުތައް ހިފައިގެން ބެލްކަންޏަށް ނުކުތެވެ.

 

ސަމާ ފާޑަކަށް ތުންއަނބުރާލަމުން ނިތްކުރިމައްޗަށް ރޫތަކެއް އަރުވާލިއެވެ. އީމާ އަށް ފާޑަކަށް ބަލަން ހުރުމަށްފަހު ފިހިގަނޑު ޓައިލްސް މައްޗަށް ހޫރާލުމަށްފަހު ގޮސް ކޮޓަރިއަށްވަނެވެ. ކޮޓަރިއަށް ވަންނަމުން ދޮރު ބާރަށް ޖެހިއެވެ. ބެލްކަނިގައި ހުރި އީމާ މޫނަށް ގޮތެއް ހަދާލުމަށް ފަހު އޭނަގެ މަސައްކަތުގައި އަވަސްވެގަތެވެ.

 

“މަ ކުރާކަންތަކާ ކަލޭމެން ބެހޭކަށް ނުޖެހޭ.” ކޮޓަރިއަށް ވަނުމަށްފަހު ސަމާ ހަޅޭއްލަވައިގަތް އަޑު އީމާއަށް އިވުނެވެ. ސަމާއަށް ވަރުތަކެއް ވެފައިވާކަން އޭނަގެ އަމަލުތަކުންވެސް ހާމަވެގެން ދިޔައެވެ. އީމާއަށް އެއަޑު އިވުނު ނަމަވެސް މާބޮޑުކަމަކަށް ނުހަދާ އޭނަގެ މަސައްކަތުގައި މަސްއޫލުވެގަތެވެ.

 

ޒީނާ ޑިއުޓީ ނިންމާފައި ގެއަށް އައިސް ވަނީ ސަމާގޮސް ކޮޓަރިއަށް ވަތް ވަގުތުއެވެ. އޭރު ބިންމަތީގައި ސަމާ ކުނިކަހަން ގެންގުޅު ފިހިގަނޑު ފެނިގެން ނަގާ ފާރުގައި ލައްކޮށްލިއެވެ. އޭރު ބެލްކަނީގައި އީމާހުރިތަން ފެނިގެން ޒީނާ ގޮސް ބެލްކަންޏަށް ނުކުތެވެ. ޒީނާ ފެނުމުން އީމާ ހިނިތުންވެލިއެވެ. ކަމެއް ހިނގާދިޔަކަމުގެ އެއްވެސް އަސަރެއް އީމާގެ މޫނުމަތިން ފެންނާކަށް ވެސް ނެތެވެ. ޒީނާ އައިސް ބެލްކަނީގެ ދަނގަޑުހޮޅިމަތީގައި އަތް އަޅާލަމުން ތިރިއަށް ނަޒަރު ހިންގާލިއެވެ.

 

“ސަމާ ކޮބާ؟ ގޭގައި ނޫޅެނީތަ؟ މިއަދު މީ އޭނަ އޮފްދުވަސްތަ؟” ބެލްކަނިން ބޭރު ބަލަންހުރެ ޒީނާ ކުރަންފެށީ ސުވާލުތަކެކެވެ. ސަމާ ފެންނަން ނެތުމުން ސަމާގެ ވާހަކަ އަހަންފެށުމުން އީމާ ހިތްހަމަ ނުޖެހުނެވެ.

 

“ނޭންގެ މަށަކަށް.” އީމާގެ ޖަވާބު ކުރުވެފައި ހަރުކަށިގޮތެއް ހުއްޓެވެ. އެކަން ޒީނާއަށް ފާހަގަ ކުރެވިގެން އީމާގެ މޫނަށް ޒީނާއަށް ބަލާއިލެވުނެވެ. އެއްޗެހި އަޅުވަމުންދަނިކޮށް ޒީނާއަތުގައި އޮޅާފައި އޮތް ހުދު ބެންޑޭޖު އީމާގެ ލޮލުގައި އަޅައިގަތެވެ. އީމާ ބަލާކަށް އެނގުމުން ޒީނާ އަތް ފޮރުވަން މަސައްކަތް ކުރިއެވެ.

 

“އަތަށް ކިހިނެއްވީ؟” ހެދުންތައް ބެލްކަނީގައި އަޅުވަން ހުރެފައި ޒީނާގެ އަތްފެނިގެން ގޮސް އޭނަގެ އަތުގައި ހިފިއެވެ. ޒީނާ ކުޑަކޮށް ޖެހިލުންވާގޮތްވެސް ވިއެވެ.

 

“އަތް ކަނޑައިގެން ދިޔައީ. ދެން މީ އެހާވަރުގެ ކަމެއްވެސްނޫން. މިވާހަކަ ދައްކަންނޫޅެ އަނެއްކާ ސަމާ އެއްޗެކޭ ބުނީތަ؟” އަތުގައި ހުރި އަނިޔާއާއި ގުޅޭގޮތުން ސުވާލުކުރުމުން ޒީނާވަގުތުން މަޢުޟޫއު ބަދަލުކޮށްލިއެވެ.

***

“ސްވާލު މި ކުރީ މަ.. ސަމާ ހަމަ ވިސްނާފަތަ ގޮތެއް ތި ނިންމަނީ” ސަމާއަށް ގުޅައިގެން ހުރެ އަޒުލީމް ވާހަކަ ދެއްކިއެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޙުސައިން އަސްލަމް
ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް