“ސުވާލު މި ކުރީ މަ.. ސަމާ ހަމަ ވިސްނާފަތަ ގޮތެއް ތި ނިންމަނީ” ސަމާއަށް ގުޅައިގެން ހުރެ އަޒުލީމް ވާހަކަ ދެއްކިއެވެ.
ސަމާ އެނދުމަތީގައި ފޯނުން ވާހަކަ ދައްކަން އޮތެވެ. އެނބުރެމުންދިޔަ ފަންކާއަށް ބަލަހައްޓައިގެން އޮތް އިރު ސަމާގެ މޫނުމަތިން ފެންނަމުން ދިޔައީ ކިނލަބުކަމެވެ. އެނދުމައްޗަށް ފަތުރާލެވިފައިވާ އޭނަގެ އިސްތަށިގަނޑާކުޅެމުން އޮވެ ވާހަކަ ދައްކަމުން ދިޔައެވެ.
“އެމީހުން ކިތައްމެ ހިތްހަމަ ނުޖެހިފަ ތިއްބަސް އިޓްސް މައި ލައިފް… މަ ބޭނުން ކަމެއް މަ ކުރާނީ. މަގޭ ލައިފަށް ފާޑުކިޔޭނެ މީހަކު ނުހުންނާނެ. މީ އެއްވެސް މީހަކާ ބެހޭކަމެއް ނޫން. އެމީހުން ކިޔާނެ އެއްޗެއް ކިޔަން ދޫކޮށްލާ.” ސަމާގެ ވާހަކަތަކުން އޭނަ އެ ކައިވެނި ކުރަން ފައި ވިއްދާލާފައި ހުރިކަން އެނގުނެވެ. ގާތް ދެ އެކުވެރިންގެ ނުގަބޫލުގައިވެސް ސަމާ ހުރީ އެކަން ކުރަން ތައްޔާރަށެވެ.
***
“ދެން ތިކަމާ އެއްވެސް ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތް. އޭނަ ބޭނުން ކަމެއް ކުރަން ދޫކޮށްލާ.. މަވެސް ހަމަ ހެޕީ. ބަޓް މަ ބުނަން ބޭނުން ވާހަކައެއްވިއްޔާ މިހާރު އޮންނާނީ ބުނެފަ. ކަމެއް ވެގެން ވެސް އެކަކު އަނެކަކަށް އެހީވާން މި ތިބީ ހަމަ އަހަރެމެން. މަޔެއް ބަފައެއް ތިބި ބައެއް ނޫން. އޭނަގެ އުފަލަކަށް އަހަރެމެން އެއްވެސް ގޮތަކަށް ހުރަހަކަށް ވެގެން ނުވާނެ. އެހެން ވާކަށް މަ ބޭނުމެއްވެސް ނޫން” ޒީނާ ވެސް ވާހަކަ ދެއްކީ ސަމާ ކުރަން އުޅޭ ކައިވެންޏާއި ބެހޭގޮތުންނެވެ. ކޮންމެ ގޮތެއްވިއަސް އެ ކައިވެންޏެއް ކުރާކަށް ޒީނާއެއް ބޭނުންނުވާކަށް އޭނަގެ ވާހަކަތަކުން ވަރަށް ސާފުކޮށް ހާމަވެގެން ދިޔައެވެ. ނަމަވެސް ސަމާގެ އެއްވެސް އުފަލަކަށް ހުރަސް އަޅާކަށް ޒީނާ ބޭނުމެއް ނުވިއެވެ.
“ދެން ވާގޮތެއް ބަލަން ތިބެމާ.. “އީމާ ބެލްކަނީގައި ހުރެ ކުޑަދޮރުން ޓީވީއަށް ބަލަން ހުރެފައި ޖަވާބުދިނެވެ. އޭރު ކޮންމެވެސް ހިންދީލަވައެއް ދައްކަމުން ދިޔައެވެ. ސަމާގެ ދިރިއުޅުމާއި ދޭތެރޭ ވިސްނާކަށް އެމީހުންގެ ވާހަކަތަކުން ހާމަވެގެން ދިޔައެވެ. އެކަކު އަނެކަކަށް ބަހައްޓާ އޯގާތެރިކަމާއި ލޯތްބާ ކުލުނު އެމީހުންގެ ވާހަކަތަކުން ކިތައްމެހާވެސް ރަނގަޅަށް ހާމަ ފާޅުވެގެން ދިޔައެވެ.
***
“މަވެސް ވަރަށް ވިސްނާފަ މިގޮތަށް މި ނިންމަނީ. ކޮންމެ ގޮތެއް ވިޔަސް ނެކްސްޓް މަންތްގަ އަޒުލީމް ތީ މަގޭ މީހަކަށް ހަދާނަން. ޒީނާވެސް، އީމާވެސް ހިތްހަމަ ނުޖެހިފަ ތިއްބަސް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް..” ސަމާ ފޯނު ކަނޑާލިއެވެ. އަޒުލީމާއި ވާހަކަދައްކަންވެސް ސަމާ ފޫހިވިއެވެ.
***
“ދެން ސަމާގެ ކަންތަކުގަ ވެވުނު ވަރަކުން މަވެސް އެހީވާނަން. ވެޑިން ކޭކް ކަންތަކުގަ ބުނެފިއްޔާ އެކަން ވެސް ކޮށްދޭނަން. ސަމާއަށް ވިސްނޭނެ ދުވަހެއް އަންނާނެ. ވިސްނުނީމަ މަޢާފަށްވެސް އެދޭނެތާ.. ދެން ބަލަން ތިބެމާ ދޯ..” ބެލްކަނީގައި ހުރެފައި އެތެރެއަށް ވަންނަމުން ބުންޏެވެ. ލައިގެން ހުރި ޔުނީފޯމް ބަދަލުކޮށްލައި އަރާމޮކޮށްލުމަށް ޒީނާ ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ.
***
ހަވީރުގެ ހިތްގައިމު ވަގުތެވެ. ހައުލާވެސް ފިނިކޮށްލުމަށް ބޭރަށް ނުކުތެވެ. ސެންޓްރަލް ޕާރކު ހުންނަނީ ގެއާއި ކަރި ހިސާބެއްކަމުން ހިނގަމުން ހިނގަމުން ގޮސް ސެންޓްރަލް ޕާރކުތެރެއަށް ވަނެވެ. އެ ތަނަކީ ސަރުކާރުން ރައްޔިތުންނަށްޓަކައި ތަރައްޤީކޮށްފައިވާ ފެހި ރީތި ތަނެކެވެ. ތަފާތު ވައްތަރުގެ މާމެލާމެލި އަޅާގަސްތަކާއި ފެހިކަންގަދަ ކާޕެޓްވިނަތަކާއި ކަސްރަތުކުރުމަށް ހަދާފައިހުރި ފިޓްނެސް ސަރަހައްދާއި ފެންގަނޑާއި ހިތްއުފާކޮށްދޭ އެތައް ހިދުމަތެއް ލިއްބައިދޭ ތަނަކަށް އެ ޕާރކުވަނީ ވެފައެވެ. ހިތްގައިމު ވަގުތުގައި މުޅި ޕާރކުތެރޭ އެކި ހިސާބުގައި އެކި އުމުރުފުރާތަކުގެ މީހުން ކުޅުމާއި ފޮޓޯނެގުމާއި ދުވެ ސަކަރާތްޖެހުމުގައި އުޅެމުންދިޔައެވެ. ހައުލާވެސް އާދައިގެ ވަރަކަށް ހިނގާލާފައި ގޮސް އެތަނުގައި ހެދިފައިވާ ގަހެއްދަށުގައި ހަދާފައި ހުރި ގޮޑިއެއްގައި އިށީނެވެ. ފުންނޭވާ އެއްލުމަށްފަހު ގޮޑީގައި ހަމަ ޖެހިލިއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން އެތަނުގައި އުޅެމުންދިޔަ މަންޒަރު ބަލަން ގެއްލިފައި ހައުލާއަށް އިނދެވުނެވެ. ހައުލާގެ ފޯނު ރިންގވާން ފެށުމުން އަތުގައި އޮތްފޯނަށް ބަލާއިލިއެވެ. އިޒުވާނުގެ ނަން ފޯނުގެ ސްކްރީނުން ފެނުމާއެކު ތުންފަތަށް ވައްތަރުތަކެއް ޖައްސާލިއެވެ. ދެލޯކުޑަކޮށްލަމުން ދެބުމަ ގޮށްޖަހާލަމުން ފޯނަށް ޖަވާބު ދިނެވެ.
“ހާދަ އެކަނި…؟” ފޯނު ކަންފަތުގައި ޖެހުމާއެކު އިޒުވާނުގެ އަޑުޖެހުނެވެ. ދެކޮޅުހޯދާ ބަލާލުމާއެކު ހައުލާއަށް އިޒުވާނު އެދިމާއަށް އަންނަ ތަން ފެނުނެވެ. އިޒުވާނު ފެނުމާއެކު އަނގަޔަށް ވައްތަރު ތަކެއް ޖައްސާލަމުން ފޯނު ނަގައި އަތަށް ހެޔޮވަރު ކޮށްލިއެވެ. އިޒުވާނު ފެނިފައި ހައުލާގެ މުޅި ދުވަސް ޙަރާބުވެގެން ދިޔަކަޔަލައެވެ. ކުރިން އެންމެ ލޯބިވާ މީހާދެކެ މިހާރު ފޫހި ވުމަކީ ވެދާނެކަމެވެ. އެއީ އިންސާނާގެ ތަބީއަތުގައި ހުންނަ ނުބައި ސިފައެކެވެ.
އިޒުވާނު އޭނަގެ ފިރިހެންވަންތަ ހިނގުމުގައި ޖީބަށް ފޯނުލަމުން އައިސް ހައުލާއާއި ޖެހިގެން ގޮޑީގައި އިށީނެވެ. މޫނު އަނެއްފަރާތަށް އަނބުރާލުމުން ހައުލާ ގޮޑިން ތެދުވިއެވެ. ހައުލާ އުޅުނު ގޮތުން އިޒުވާނާއި ވާހަކަދައްކަންވެސް އެސޫރަ ދެކެން ބޭނުންނުވާކަށް ހާމަ ވެގެން ދިޔައެވެ.
“ކީކުރަން މިތަނަށް ތިއައީ؟” ހައުލާ ދެއަތް ވައްކޮށްލަމުން ވާހަކަ ދައްކަންފެށިއެވެ. ހައުލާ ހުރީ އިޒުވާނާ ފުރަގަސްދީގެންނެވެ. އިޒުވާނު ހައުލާއަށް ބަލާލުމަށްފަހު ޕާރކުތެރެއަށް ނަޒަރު ހިންގާލިއެވެ.
“މިތަނަށް މިއައީ ކޮންމެހެން ވަކި ކަމެއް ކުރާކަށްނޫން. އަދިވެސް އެކަމާ ހިތްހަމަ ނުޖެހިފައި.. ހައު ވެއްޖެއެމްނު ދެން ތި ރުޅި މައިތިރިކޮށްފަ ގޮތްދޫކުރަން. ކިހިނެއް މިވަރުން ލައިފް ކުރިއަށް ގެންދާނީ.. ކުދި ކުދި ކަންތަކާ އަބަދު މޫނު ކުނިކޮށްފަ. ކިތައްމެ ލޯބިން އުޅެން ބޭނުންވިޔަސް މިހެން އަބަދު އުޅެވޭތަ.؟” އިޒުވާނުގެ ވާހަކަތަކުން ހައުލާގެ ރުޅިގަނޑު ކެކެމުންދިޔައެވެ. ބަހެއް ނުބުނެ ހުންނަ ހައުލާ ކެނޑިނޭޅި މަސައްކަތް ކުރަމުންދިއެވެ. އެކަމަކު އިޒުވާނުގެ ވާހަކަތައްއޮމާވެފައި ސާދާކަމުން ހައުލާއަށް ނުހުރެވުނެވެ.
“ދެން އިތުރަށް ވާހަކަ ދައްކަން މިތާ ހުންނާނެ ކަމެއް ނެތް.. މިހާ ހިސާބުން މިކަންތައް މި ނިމުނީ…” ހައުލާގެ ރުޅި މަތަކޮށްލެވޭގޮތެއްނުވިއެވެ. އިޒުވާނާއި އޮތް ލޯބީގެ ގުޅުންވެސް ނިންމާލިއެވެ. އިތުރަށް އިޒުވާނާއި ގުޅުންބޭއްވުމާއި ވާހަކަ ދެއްކުންވެސް އެއީ ބޭކާރު ކަމެއްކަން ހައުލާއަށް ވިސްނުނެވެ. ހައުލާގެ ދުލުން އެހެން ބުނި އަޑު އިވުމުން އިޒުވާނުގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައެވެ. އިޒުވާނު ގޮޑިން ތެދުވިއެވެ.
“މާނައަކީ ހައު ބްރޭކަޕް ވާން ނިންމީއޭތަ؟” އިޒުވާނު ބޭނުންވީ ހައުލާގެ އެންމެ ފަހުގެ ނިންމުމަކީ އެއީތޯ ޔަޤީންކޮށްލުމެވެ. އޭރުވެސް ހައުލާ އިޒުވާނަށް ބަލާނުލާ ފުރަގަސްދީގެން ހުއްޓެވެ.
“އާނ. ކަލެއަށް އަޑު ތި އިވުނީ ހަމަ ރަނގަޅަށް. ދިސް އިޒް އޯވާރ.. ބް ރޭ ކަ ޕް…. ސާފުވެއްޖެ. ހެޕީ ދޯ… އިޒުވާނު މިހާރު ތީ މިނިވަނެއް. މަގޭ ހާލަށް މަ ދޫކޮށްލާފަ އިޒުވާނުގެ ލައިފުގަ ކުރިޔަށްދޭ. އެކަމަކު ހަނދާންކުރާތި އިތުރު އެހެން އަންހެނަކާ އެކީ އުޅޭކަށް ލާހިކެއްނޫން. އަދި ދުވަހަކު އުފަލުގަ އުޅެން ކީއްކުރަން ހަމަ ނޭވާލިޔަ ވެސް ނުދޭނަން..” ހައުލާގެ ވިހަ ގަތަބަސްތައް އިޒުވާނު ކަންފަތަށް ފުލުފުލުން އައިސް ހަމަލާދެމުން ދިޔައެވެ. އިޒުވާނުގެ މޫނުމަތިން އެއްވެސް ކަހަލަ މާޔޫސްކަމެއް ފެންނާކަށް ނެތެވެ. އޭނަގެ ހިތުގައި ހައުލާއަށްލޯބީގެ ޒައްރެއްގެ މިންވަރު ނެތީތާއެވެ.
“އޯކޭ.. މަ ވެސް ދެން ހައުލާ ފަހަތުން އާދޭސްކުރާކަށް ނުދާނަން..” އިޒުވާނު ވެސް އޭނަގެ އެންމެ ފަހުގެ ނިންމުން އިއްވާލިއެވެ. އިޒުވާލު ލާނެއް ގޮތަކަށް ހައުލާއަށް ބަލަހައްޓާއިގެން ހުއްޓެވެ. އޭރު ފުރަގަސްދިންގޮތަށް އަދިވެސް އެ ފިޔަވަޅުމަތީގައި ހައުލާ ހުއްޓެވެ.
“އޫ. ލޮލް… އާދޭސް ކުރަން އަޔަސް ނަޔަސް މަ ނުދާނަން ތި އިޒުވާނުގެ ފައިބުޑަށް ވެއްޓި އާދޭސްކުރާކަށް. ތި ކަހަލަ ކިތައްމެ އިޒުވާނެއް މި ހައުލާއަށްވާނެ. އިޒުވާނު ހީކުރީ މީހަކުވެސް ނުވާނެޔޭ. ކަލޭ ދައްކާހާ އެއްޗެއް ރަނަށްވެގެން މަ މިހެން ހުންނާނެޔޭ ހީނުކުރައްޗޭ. ބަލަ މިހިރަ މޮޔަޔާ. މޫދުގައި އުޅޭ ކޮންމެ ގަލަކަށް މަހެއްވޭ. މިހާރުވެސް ކަލެއަށް ކިތައް އަންހެނުން ގެންގުޅެވެނީ.. ކަލޭ ހިތްފުރޭވަރެއް ނުވާނެ. ދެން މިވަރުންވެސް މި ބުނެވުނީ ކީކޭކަން ހަނދާންކުރައްޗޭ!!” ހައުލާ އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއްނެތްކަން ހައުލާގެ އުޅުނުގޮތުންވެސް ހާމަވެގެން ދާނެއެވެ. ވާހަކަ މެދު ކަނޑާލަމުން ހައުލާ މޫނު އެއްފަރާތަށް އަނބުރާލީ އިޒުވާނު އަދިވެސް އެތަނުގައި ހުރިތޯ ޔަޤީންކޮށްލުމުގެ ގޮތުންނެވެ.
ހައުލާ ޤަބޫލުކުރެވުނުގޮތުގައި އޭނަގެ އެ ނިންމުމަކީ ރަނގަޅު ނިންމުމެކެވެ. ލޯބިވަނީ ހަމައެކަނި އޭނަ އެކަންޏެވެ. އިޒުވާނު ބޭނުންވަނީވެސް އެގޮތްކަންނޭންގެއެވެ. އިޒުވާނޭ ކިޔައިގެން އެތައްވާހަކަތަކެއް، ފެންނަން ބޭނުންނުވާ އެތައް މަންޒަރުތަކެއް ވަނީ ފެނިފައެވެ. އެކަމަކުވެސް އިޒުވާނު ދެކެ ވާ ލޯތްބެއްގެ ސަބަބުން ހައުލާއަށް އެއްވެސް ކަމެއް ކުރާކަށް ނުކެރުނެވެ. ހައުލާ ކިތައްމެ ރުޅިގަދަވެފައި މަސްމަގު ހުތުރު ނަމަވެސް އިޒުވާނަކީ އެހާ އަވަހަށް ކަންތައްތަކާއި ބިރުން ޖެހިލުންވާނެ ޒުވާނެއް ނޫނެވެ. އިޒުވާނަކީ ރީތި ފުރިހަމަ ޒުވާނެކެވެ. ކޮންމެ އަންހެނަކުވެސް ހިތްދަމައިގަންނަ، ރީއްޗޭ ބުނެވޭވަރުގެ ފުރިހަމަ މީހެކެވެ. ރީތި ކަމެއް ހުރީއްޔާ ދަމާ ކަނޑާނަގާނެއެވެ. އަބަދުވެސް އެކަމުގެ ނާޖާއިޒް ފައިދާ ނަގަން ރީތި މީހުން މަސައްކަތް ކުރާނެއެވެ.
އިޒުވާނުގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ނުބައި ޒާތެއްގެ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގައި އެތައް ކަމެއް ވަނީ ވަންހަނާކުރެވިފައެވެ. ހައުލާ އެއްވެސް އެއްޗެކޭ ނުބުނެ ހުރި ފިޔަވަޅުމަތީ ހުރުމަށްފަހު އެ ތަނުން ދިއުމަށް ހިނގައިގަތެވެ. ހައުލާގެ އެ ނިންމު ވެގެން ދިޔައީ އިޒުވާނަށް ލިބުނު ބޮޑު ކާމިޔާބަކަށެވެ.
***
އިޒުވާނުގެ ޙިޔާލުތަކަށް ގެއްލިގައި ޒީނާ އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. އެރޭ ހިނގާދިޔަ ކަންތައް ޒީނާއަށް އުނދަގޫކުރަމުންދިޔައެވެ. އެ މަންޒަރުތައް ލޮލަށް ސިފަވަމުން ދިޔައެވެ. ނޭންގި ނަމަވެސް ކުރެވުނު ކަންތައްތަކުން ޒީނާ ލަދުވެސް ގަތެވެ. ހިތްހަމަ ޖެހުނެވެ. އެއީ އެއްވެސް ހާލެއްގައި ޒީނާ ބޭނުންވި ގޮތެއްވެސް ނޫނެވެ. އެކަމަކު އެކަން އެގޮތަށް ވެ ނިމިއްޖެއެވެ. އެގޮތަށް އިޒުވާނާއި ގާތްވެ އެހާވަރަށް ގައިގޯޅި ވެވޭނެ ކަމަށް ޒީނާ އަށް ޤަބޫލުރަން ދަތިވަނީއެވެ، ލޯބި ވިޔަސް އެގޮތަށް ކަންތައް ވާނެކަމަށް ޒީނާއަށް އަދިވެސް ޤަބޫލުކުރަން ދަތިވަނީއެވެ. އިޒުވާނަކީ އޭނަގެ ޙައްޤެއް ނޫނެވެ. ލޯތްބަށް އެދި އެދި ހުރި ނަމަވެސް މީހެއްގެ ހައްޤަކަށް އަރައިގަންނަން އެއީ އޭނަ ބޭނުންވާނެ ގޮތެއް ނޫނެވެ. ދުވަހަކުވެސް އެފަދަކަމެއް ކުރާކަށް ޒީނާ ބޭނުމެއްވެސް ނޫނެވެ.
***
ސަމާ އާއި އަޒުލީމުގެ ކައިވެނި ރަސްމިއްޔާތު އޮތީ ވައިޓްހާޕް ބީޗް ރެސްޓޯރަންޓްގައެވެ. ސަމާލައިގެން ހުރި ހުދުކުލައިގެ ކައިވެނީގެ ހެދުން އެހާމެ ނަލައެވެ. އެހެން ކައިވެނީގެ ހެދުންތަކަށްވުރެ ސަމާގެ ހެދުން ތަފާތުކަމެއް ފެނިގެންދިޔައެވެ. ކައިވެނި ހަފްލާތަކުގައި ފަހާފައި ހުންނަ ގިނަ ހެދުން ތަކަކީ ފޮތި ފޭލީގެ ދޫލައެއްފަދައިން ފަހާފައިހުންނަ ހެދުންތަކެވެ. ޖަރީކަންބޮޑު ލައިގެން އުޅެން އުނދަގޫ ބަރު ހެދުންތަކެވެ. ނަމަވެސް ސަމާގެ ހެދުން ދިމާ އިދިކޮޅެވެ. އެ ހެދުން ކުރެވެ. ފަލަމަސްގަޑަށް ވުރެއް މައްޗަށް ހެދުން ހުރީ ކުރުކޮށެވެ. ގަޔަށް ބާރުކޮށް ފަހާފައި ހުރި އެ ހެދުން ފޫޅާއި މެޔާއި ދޭތެރޭ ތިންއިންޗީގެ ނޫކުލައިގެން ބަންދެއް ފަހަތަށްވާގޮތަށް އަށްސާފައި ހުއްޓެވެ. މޭމަތީގައި ކުދި މުތްތަކެއް ކަހަލަ މިނާފުއްތަކެއް ހަރުކޮށްފައި ހުއްޓެވެ. ކޮށްފައި ހުރި އާދައިގެ މޭކަޕާއި ހެދުމާއި ހުރީ ގުޅިލާމެހިފައެވެ. އަރައިގެން ހުރި ޝާޙީނޫކުލައިގެ ކަށި ބޫޓުންސަމާގެ އިސްކޮޅު އިހުނަށްވުރެ ދިގުކަމަށް ދައްކައެވެ. ކަންފަތުގެ ދެފަރާތަށް އިސްތަށިކޮޅެއް ވައްޓާލާފައި އޮތްއިރު ބޮލުގެ މެދަށްޖަހާފައިވާ ހުޅި ކައިރިން ނޫކުލައިގެ ފިނިފެންމަލެއް ހަރުކޮށްފައި ހުއްޓެވެ. ހެދުމާއި ގުޅޭގޮތުން ބޭނުންކޮށްފައި ހުރީ އާދައިގެ ގަހަނާތަކެކެވެ. ކަންފަތުގައި ނޫކުލައި މުތެއް ލައްވާފައި ހުއްޓެވެ. އެހެދުމުގައިވެސް ސަމާގެ ރީތިކަށް ފާލުވަމުން ދިޔައެވެ. އަޒުލީމު ލައިގެން ހުރީ ޝާޙީ ނޫކުލައިގެ ކޯޓްފަޓުލޫނެކެވެ. އަޒުލީމް ލައިގެން ހުރި ކޯޓާއި ސަމާގެ ހެދުމާއި ވަނީ ގުޅުވާލެވިފައެވެ.
މުޅި މާހައުލަށް ވެރިވެފައިވަނީ ރީތި މިއުޒީކެއްގެ އުފާވެރިކަމެކެވެ. ކައިވެންޏަށް ދައުވަތު ދީގެން އަންނަމުންދިޔަ މެހެމާނުން އެދެމަފިރިންނަށް ކައިވެނީގެ ވެދުމާއި ތަޙްނިޔާ ކިޔަމުން ސަލާމްކޮށް ހަދިޔާ ބަދަލުކުރަމުން ދިޔައެވެ. އެ ކައިވެނީގައި ބައިވެރިވީ އަޒުލީމު އާއިލާގެ މަދު ބަޔަކާއި ދެފަރާތުގެ ވެސް ހެޔޮ އެދޭ ރައްޓެހިންނެވެ. ޕާޓީއަށް ދައުވަތު ދީގެން އައި މެހެމާނުން ކާތަކެތި ތައްޓައް އަޅައިގެން އެކި ދިމަދިމާލުގައި ޖޯޝާއި ފޯރީގައި ކެމުގައި މަސްއޫލުވަމުން ދިޔައެވެ. ސަމާގެ މޫނުމަތިން ކައިވެނީގެ އުފަލާއި ހިތްހަމަ ޖެހުން ފާޅުވަމުން ދިޔައެވެ. އެއީ ކޮންމެ އަންހެންކުއްޖެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި ދުވަހެވެ. އަލަތު ކައިވެނި ކުރެވޭ ދުވަސް އެއީ އެންމެ ދެކެން ބޭނުންވާ ދުވަހެވެ. އެ އުފާ ސަމާ އެދަނީ ފާހަގަ ކުރަމުންނެވެ. އެންމެންގެ މޫނުމަތިންވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ފެންނަމުން ދިޔައެވެ.
އެކައިވެންޏާއި ކިތައްމެ ނުރުހުނަސް ޒީނާއާއި އީމާ ދިޔައީ އަމަލީގޮތުން ބައިވެރިވަމުންނެވެ. ޒީނާ އަކީ އެހެން އަންހެންކުދިންނާއި ހިލާފަށް އެހެން މީހުންނާއި ދޭތެރޭ ވިސްނޭކުއްޖެއްކަން އެވަރުގެ ހެއްކަކަށް ފުދޭނެއެވެ. ސަމާގެ އެކައިވެންޏަށް ފާޅުގައި އިންކާރުކޮށް ވާހަކަވެސް ދެއްކީ ޒީނާއެވެ. އެހެނަސް ސަމާގެ އެއްވެސް އުފަލަކަށް ހުރަހަކަށްވާން ޒީނާ ބޭނުމެއް ނުވިއެވެ.
ޒީނާ ލައިގެން ހުރި ޝާޙީ ނޫކުލައިގެ ބޮޑު ހެދުމާއި އޭނަގެ އުޅުމުން އެކަމުގެ އުފަލުގައި އޭނަވެސް ބައިވެރިވާކަށް ހެއްކަކަށް ފުދޭނެއެވެ. ކުރުކޮށް ކޮށާލެވިފައިވާ ޒީނާގެ ބޮލުގައި ޕްލާސްޓިކް ހުދު ފިނިފެންމަލެއް ހަރުކޮށްފައި ހުއްޓެވެ. މުޅި އެ ކައިވެނީގެ ހަފްލާތެރެއިންވެސް ޒީނާއަށްވުރެ ވަކި ރީތި ކުއްޖަކު ހޯދާކަށް ލާހިކެއްނޫނެވެ. އެހާވެސް ޒީނާ ރީއްޗެވެ. ބޮޑު ދެލޮލުގައި ފަޑުކަމެއް ގެނުވާފައިވާ މަޑުނޫކުލައިގެ ޝޭޑް ޒީނާގެ ލޮލަށް އިތުރު ފުރިހަމަކަމެއް ވަނީ ގެނުވާފައެވެ. ރީތި ތުންފަތުގައި ފަވާލެވިގައިވާ ރަތްކުލަ ގަދަ ލިޕސްޓިކުން ޒީނާގެ ރީތިކަމަށްވަނީ އިތުރު ޒީނަތްތެރިކަމެއް ފެންނަމުންދިޔައެވެ. އެޕާޓީއަށް އީމާވެސް ހުރީ އޭނަގެ ފެންވަރުން ހަމަ އެންމެ ރީތިވެލައިގެންނެވެ. ސަމާގެ އުފަލުގައި ދެމީހުންވެސް ބައިވެރިވަމުންދިޔައީ ހަޤީގީ އެއްބަޑު އެއްބަފާ ކުދިން އުޅޭހާ ލޯތްބާއި ފޯރީގައެވެ.
އަޒުލީމާއި ސަމާގެ ކައިވެނި ކުޑަގޮތަކަށް ފާހަގަކުރެވުނެވެ. ކައިވެންޏަށްފަހު އަޒުލީމުގެ ދިރިއުޅުންވެސް ސަމާ ދިރިއުޅޭ އެޕާޓްމަންޓަށް ބަދަލުކުރެވުނެވެ. ޒީނާ ކިތައްމެ ނުރުހުނަސް އެކަން އެގޮތަށް ކުރީވެސް ސަމާވެސް ބޭނުންވެގެންނެވެ. ސަމާ ބޭނުންވީ އެމީހުން ކިތައްމެ ހިތްހަމަ ނުޖެހުނަސް އެމީހުން ފެންނަ ފަށުގައި ދިރިއުޅޭށެވެ. މާދަމާ ކަމެއް ޖެހުނަސް އެހީވާން ތިބީ ހަމަ އެދެމީހުން ކަމަށްވީތީއެވެ. ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް އެމީހުންގެ ހިތުގައި އެކަކު އަނެކަކަށް އޮންނަ ލޯތްބާއި ޙަމްދަރުދީ އެއީ ބަދަލުވެގެން ނުދާނެ ގުޅުމެކެވެ.
***
ހަފްތާއެއް ފާއިތުވެގެން ދިޔައީއެވެ. ކައިވެންޏަށްފަހު އަޒުލީމާއި ސަމާ މާމުއި ހަނދުގެ ދުވަސްތައް ހޭދަކުރުމަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަފަހުން ދުވަސްކޮޅެއް ވަނީއެވެ. އަލަތު ކައިވެންޏަށްފަހު ކޮންމެ ދެމަފިރިއެއްގެ ހުވަފެނަކަށްވެފައި އޮންނަނީ ހިތްގައިމު މަންޒިލަކަށް ދަތުރު ކޮށްލުމެވެ. ހަޔާތުގައި ލިބޭ އުފާވެރިކަން ކޮންމެ ދެމަފިރިއަކުވެސް ބޭނުންވަނީ ހިތްހަމަ ޖެހުމާއި އުފާވެރި މާހައުލެއްގައި ދުވަސްތައް ހޭދަކޮށްލުމެވެ. އެގޮތުން ސަމާއާއި އަޒުލީމިްެސް ކުޑަދުވަސްކޮޅަކަށް ފުރައިގެން ރާއްޖެއިން ބޭރަށް ދިޔައެވެ.
***
ޑިއުޓީއަށް އިޒުވާނަށް އާދެވުނީވެސް ގަޑިޖެހިގެންނެވެ. ބާރުހިނގުމެއްގައި ގޮސް ކާޑް މެޝިންކައިރިއަށްގޮސް ކާޑު ޖެހުމަށްފަހު އަވަސް އަވަހަށް ހިނގައިގަތީ މީހުންފުރާ ދޮރާއި ދިމާއަށެވެ. ނަމަވެސް އިޒުވާނުގެ ނަޒަރު ހުއްޓުނީ ޕިއްޒާ ކޮންމެނީ އިން ނުކުމެގެނެދިޔަ ޒީނާ ފެނުމުންނެވެ. އެ ދިމާލަށް ދާން ހިނގައިގަތީ ޒީނާއާއި ވާހަކަ ދައްކަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ކުރެވުނު ކަންތައްކަށް މައާފަށް އެދެން އިޒުވާނު ހުރީ ބޭނުން ވެފައެވެ. ފަޔަށް ބާރު ލާފައި އިޒުވާނަށް ދެވުނީ ވަކި ހިސާބަކަށެވެ. މީހެއްގައިގައި ލައިގަތެވެ. އިޒުވާނު ބިޔަވެފައި ޖާނުން ވަރުގަދަ ކަމުން އިޒުވާނަށް ސަލާމަތް ވެވުނެވެ. ނަމަވެސް އޭނަގެ ލޯ ހުއްޓިފައި ހުރީ ޒީނާއަށެވެ.
“ތަދުވެއްޖެ..”
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23