ސިޔާސީ ކޮޅިގަނޑެއްގެ ތެރޭގައި ދިވެހި ޤައުމުޖެހުމުން އެންމެ ބޮޑަށް އަޑިއަޅައިގެންދާ އެއް ދާއިރާއަކީ ދިވެހި ފިލްމީ ދާއިރާއެވެ. އެގޮތުން ނިމިގެންމިދާ 2018 ވަނަ އަހަރުގެ ބޮޑުބައެއް ވޭތިކޮށްލަން ޖެހުނީ ފިލްމީތަރިންނާއި ފިލްމު އުފައްދާ މީހުންގެ މަސައްކަތްތަކަށް ލޮނުމަޑު ކަމެއް އައިސްފައިވާ ހާލަތެއްގައެވެ.
2018 ނިމި އައު އަހަރަކަށް ކުރިމަތިލާއިރު، މި ފެށޭ އަހަރާއިމެދު ކުރެވޭ އުއްމީދުތައް ތަފާތުވެގެންދާނެ ކަމަށް ބެލެވެއެވެ. އެގޮތުން 2019 ވަނަ އަހަރު ނިކުންނަން ހުރި ފިލްމުތަކުގެ މައްޗަށް ކުރުގޮތަކަށް ބަލައިލާނަމެވެ.
ނިވައިރޯޅި
އަންނަ އަހަރު ފެށިގެންދާނީ ފިލްމީދާއިރާއަށް އެޅިފައިވާ ނިވައިރޯޅިން ސަލާމަތްވާވަރުގެ ފިލްމަކުންނެވެ. ފިލްމު “ނިވައިރޯޅި”ން ނެވެ. ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 3 ގައެވެ.
“ނިވައިރޯޅި” އަކީ ކެމެރާ ކުރިމަތިން ރާއްޖޭގެ އެންމެ މަޤްބޫލު އެކްޓްރެސް ނިޢުމާ މުޙައްމަދު ނިވައިވުމުގެ ކުރިން ބެލުންތެރިންނަށް ގެނެސްދޭ ޚާއްޞަ ފިލްމެވެ. ޑައިރެކްޓަރުު މޫމިން ފުއާދުގެ ޑައިރެކްޝަނަކަށް އުފައްދާ ފިލްކެވެ.
ގިނަ ތަރިންތަކެއް ހިމެނޭ ‘ނިވައިރޯޅި’ގެ ކާސްޓުންގެ ތެރޭގައި އައިމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، އަހްމަދު އަޒްމީން (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އައިމިނަތު އިޝާލް ރަޝީދު، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަދި ނިއުމާ މުހައްމަދު ހިމެނެއެވެ.
ގޮށްރާޅު
ފެބްރުއަރީ މަހުގެ 4 ގައި ކްރައިމް ތުރިލާ “ގޮށްރާޅު” ސިނަމާ އަށް އަންނާނެ އެވެ. މިއީ މޫމިން ފުއާދުގެ ވާހަކައަކަށް ޢަހުމަދު ޝިނާން ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމަކީ ޒުވާން ޑައިރެކްޓަރު އަހުމަދު ޝިނާން އެކަނި ކުރާ އަލަތު ޑައިރެކްޝަނެވެ.
“ގޮށްރާޅު” ގެ އެންމެ މުހިއްމު އެއް ތަރިއަކީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ގިނަ ފިލްމު ތަކަކުން ފެންނަމުން އަންނަ ޒުވާން ބަޠަލު ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. އޭނާއާ އެކު ފެނިގެން ދާނީ ބޮޑު އާ ކާސްޓެކެވެ. އެގޮތުން ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ އަދި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި ވާދަ ކުރި ހަސަން އިރްފާން (ޒަކިއްޓެ)، އައިޝަތު ތަސްނީމާ، އައިމިނަތު ރަޝްފާ، އަބްދުﷲ އަޒާން އަދި އަހުމަދު ނާޝިތު ހިމެނެ އެވެ. މީގެ އިތުރުން ހަމްދާން ފާރޫގް، މަރިޔަމް ޝަކީލާ އަދި އިސްމާއީލް ރަޝީދު ވެސް ހިމެނެ އެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓް ގެ މި ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ މުޙައްމަދު އަލީ (މޮގަރ) އާއި އާއިޝަތު ފުވާދު ތައުފީޤެވެ.
ފޯޓީ ޕްލަސް
ރިލީޒްކުރަން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 27 ގައެވެ. މިއީ “ނޯޓީ ފޯޓީ”ގެ ސީކްއަލްއެއްގެ ގޮތަށް ނެރޭ ފިލްމެކެވެ. ނަމަވެސް މިފަހަރު މިއީ ހޮރޯ ކޮމެޑީ އެކެވެ.
އެންވިޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ އިސްމާޢީލް ޝަފީޤް އެވެ. ޑައިރެކްޓަރަކީ ޔޫސުފް ޝަފީޢު އެވެ.
ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ)، އަލީ ޝާހިދު (ސްޓެޕްސް އައްޔަ) އަދި މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު “40 ޕްލަސް” ގައި ހަރަކާތްތެރިވާ އާ ކާސްޓުންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.
މާމުއި
ކުރިން އެޕްރީލް 1 ގައި އަޅުވަން ނިންމި ކޮމެޑީ ފިލްމު “މާމުއި” މިހާރު ވަނީ ޖުލައި 1 އަށް ފަސްކޮށްފަ އެވެ.
އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ ‘މާމުއި’ ގެ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.
ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ކާސްޓަށް އިތުރުވި ތަރިންނަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް އެވެ.
ފިލްމު މާމުއި އިން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.
ބެލެވޭ ގޮތުން “ގޮށްރާޅު” އާއި “މާމުއި” ގެ އިތުރުން ޑާކް ރެއިން އެންޓަޓައިންމަންޓްގެ އިތުރު ފިލްމެއް ވެސް އަންނަ އަހަރު ސިނަމާ އަށް އަންނާނެ އެވެ. އެ ސްޓޫޑިއޯ އިން ވަނީ “ނޮވެމްބާ” ކިޔާ ފިލްމެއް ވެސް އިއުލާންކޮށްފަ އެވެ.
ޔޫސުފް (ޔޫއްޕެ) ޝަފީއު ޑައިރެކްޓް ކުރާ އިތުރު ދެ ފިލްމެއް އަންނަ އަހަރު ރިލީޒް ކުރާނެ ކަމަށް ބެލެވެއެވެ. އެއީ ލޯބީގެ ފިލްމު “ނަފުރަތުވުމުން” އާއި ބިރުވެރި ފިލްމު “ދައުވަތު” އެވެ. މީގެ އިތުރަށް “ކަޅަކި” އާއި “ޖަންނަތު” ކިޔާ ފިލްމެއްގެ މަސައްކަތް ޔޫއްޕެ ފަށަން ނިންމާފައިވާ އިރު، އަންނަ އަހަރުގެ ފަހުކޮޅު ސިނަމާ އަށް މި ދެ ފިލްމުވެސް އައިސްފާނެ ކަމަށް ބެލެވެއެވެ.
ފާތުމަތު ނަހުލާ ޕްރޮޑިއުސް ކުރާ ލޯބީގެ ފިލްމު “ބީީ” އަކީވެސް އަންނަ އަހަރު ފެނިދާނެކަމަށް ޤާބޫލުކުރެވޭ ފިލްމެކެވެ.
އަބްދުﷲ މުއާޒް (މުއާ)ގެ މަރޑަރ މިސްޓްރީ “ލީނާ” ގެ ޝޫޓިން ނިމިފައިވާއިރު މި ފިލްމަކީވެސް އަންނަ އަހަރަށް އުއްމީދުކުރެވޭ ބޮޑު ފިލްމަކަށް ވާނެ ފިލްމެކެވެ.
މުހައްމަދު އަބޫބަކުރު (މާއެބޫ)ގެ ބިރުވެރި ފިލްމު “ކާކު؟” އާއި އަހުމަދު ނިމާލު ޑައިރެކްޓް ކުރާ ފިލްމެއްވެސް އަންނަ އަހަރު ފެނިދާނެ އެވެ. މީގެ އިތުރުން ޑައިރެކްޓަރު މޫމިން ފުއާދު ވެސް ވަނީ “ނިވައިރޯޅި” ގެ އިތުރުން އޭނާގެ ފިލްމެއް މި އަހަރު ފެނިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
ޔާރާ ޕްރޮޑަކްޝަނެއްގެ ފިލްމެއް ވެސް އަންނަ އަހަރު ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެއެވެ.
ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމު އިންނެވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވައިލި ހާދިސާއަށް ސީޒަން ޑައިރެކްޓް ކުރާނެ ކަމަށް ބުނާ “ފިފެންމާ ލޯންޗް” އަށް ހަދާފިލްމު ވެސް އަންނަ އަހަރު ސްކްރީނަށް އައުން ގާތެވެ.
ހުސައިން މުނައްވަރު (ކުޑަފޫޅު) ވަނީ ދިވެހި ޑައިރެކްޓަރުންނަށް ގޮންޖައިލާ ވަރުގެ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފަ އެވެ. ފަހަރެއްގައި މުނައްވަރު އެބުނާ ފިލްމުވެސް އަންނަ އަހަރު ފެނިދާނެ އެވެ.
އިއުލާންކޮށްފައި މިހާތަނަށް އަދި މަސައްކަތް ނުފެށި ހުރި ފިލްމުތަކަށް ބަލާ އިރު މުހައްމަދު ނިޔާޒް(ޓެޑްރީ)ގެ “ލަސްވިޔަސް” އަލީ ސީޒަންގެ “ފިނިފެންމާ: ގައްދާރުވީ ކާކު؟” އާއި މުހައްމަދު ފައިސަލް ޑައިރެކްޓް ކުރާ “ހައްޔަރު” އާއި އެކްޓަރު އަލީ ޝަޒްލީމް ޑައިރެކްޓް ކުރާ “ނަފުސު” އާއި މަދޮށިޕް ސްޓޫޑިއޯ އިން އިއުލާންކޮށްފައިވާ “ފަރީ” ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.
މިދިޔަ އަހަރު އަޅުވަން ކިޔާފައި މި އަހަރަށް ފަސްކޮށް، ރިލީޒް ނުކުރެވުނު ފިލްމުތަކުގެ ތެރޭގައި އަހުމަދު ޝަރީފްގެ “ބާކީވެފާ” އާއި އަހުމަދު ޝާޒްގެ “މަރިޔަމް މާ” އާއި އަމްޖަދު (އަމްޖޭ) ގެ “ގިލަން” އާއި “ދޭތީ އަނިޔާ” އަކީ ވެސް މި އަހަރު ފެންނާނެ ކަމަށް އުންމީދު ކުރެވޭ ފިލްމުތަކެކެވެ.
ނޯޓް: އާޓިކަލް ރާވައިލުމަށް މަޢުލޫމާތު ނެގީ ‘މިހާރު’ އޮންލައިންގެ އާޓިކަލް އަކުން
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!