އަލަށް ފިލްމީ މަސައްކަތަށް ނިކުންނަ މުހައްމަދު ޝަރީފް ޑައިރެކްޓްކުރާ ފިލްމު “ބާކީވެފާ” އަންނަ އަހަރު ރިލީޒްކުރަން އަނެއްކާ ވެސް ތާވަލުކޮށްފި އެވެ. މިއީ އެ ފިލްމު ސްކްރީންތަކަށް ގެންނަން ތާވަލްކުރި ތިން ވަނަ ފަހަރެވެ.

 

“ބާކީވެފާ” ސްކްރީނަށް ގެންނަން އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޑިސެމްބަރު ނިންމި އެވެ. ނަމަވެސް އެ އަހަރު ފާއިތުވީ އިރު ވެސް ފިލްމުގެ އަޅުވާނެ ފައިނަލް ތާރީޚެއް އިޢުލާނުކުރިތަނެއް ނުފެނުނެއވެ. އަށްފަހު އިވިގެން ދިޔައީ މި އަހަރުގެ ޑިސެމްބަރަށް ފިލްމު ރިލީޒްކުރާނެ ވާހަކަ އެވެ. ނަމަވެސް މިއަހަރު ވެސް “ބާކީވެފާ” ސިނަމާތަކަށް ނާންނާނެކަން މިހާރު މިވަނީ ކަށަވަރުވެފައެވެ. ފިލްމު އަޅުވާނީ އަންނަ އަހަރު ކަމަށްވެސް މިހާރުވަނީ ތާވަލުކުރެވިފައެވެ.

 

ފިލްމު އެޅުވުން އަންނަ އަހަރަށް ފަސްކުރި ސަބަބެއްކަމަށް ފިލްމުގެ ޑައިރެކްޓަރ މުޙައްމަދު ޝަރީފު ބުނީ ސިޔާސީ މަސްރަހު އޮތް ގޮތުން އަންނަ އަހަރު ފިލްމު އަޅުވަން އަނެއްކާ ވެސް ލަސްކޮށްލީ ކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުލައިމަހުގެ ކޮންމެވެސް ތާރީޚެއްގައި ފިލްމު އެޅުވުމަށް މިހާރުވަނީ ހަމަޖައްސާފައެވެ.

 

“ބާކީވެފާ”ގެ ޑަބިން މަސައްކަތް 2019 ވަނަ އަހަރު ޖެނުއަރީގައި ފެށުމަށް ނިންމާފައިވާއިރު ފިލްމުގެ ހުރިހާ މަންޒަރުތަކެއް ޝޫޓްކޮށް ނިމިފައިވާ ކަމަށާއި އެޑިޓިންގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ޑައިރެކްޓަރ ޝަރީފް ބުނެއެވެ. 

 

“ބާކީވެފާ”ގެ ލީޑު ބަތަލާއެއްގެ ރޯލުން ފެންނާނީ މަރިޔަމް އަފީފާ އެވެ. ބަތަލްގެ ރޯލުން މުޅިން އަައު ފިރިހެން ތަރިއެއް ފެންނާނެ އިރު މަރިޔަމް ޝަހުޒާ އާއި ފައުޒިއްޔާ ހަސަން ވެސް ފިލްމުން ފެންނާނެ އެވެ. ލޯބީގެ އަސަރަގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމަކީ ހައްމަދު އާސިފް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.